(18 އޮކްޓޯބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ރަސްމިއްޔާތު ނިމުމުން ކާނަލް އަންވަރު ލޯބިން ފުރިފައިވާ ނަޒަރަކުން އޭނާގެ އަލަތު އަނބިމީހާއާ ދިމާއަށް ބަލައިލިއެވެ. އަންވަރު އޭނާގެ އަނބިމީހާ ސަމްބީއަށްދިން އައުނަމަކީ ސަމީނާއެވެ.
ކާނަލް އަންވަރު އެހިސާބުގެ ބަބުރު ވަހުޝީންގެ އަތްދަށުން ސަމީނާ ސަލާމަތްކޮށްދިނީ މީގެ ދެ ހަފުތާ ކުރިންނެވެ. ފަހުން އެނގުނު ގޮތުގައި އެ ވަހުޝީންނަކީ ސަމީނާގެ ބައްޕަގެ ޒަމާންވީ ދުޝްމަނުންގެ ބައެކެވެ. ގަބީލާގެ ވަހުޝީންގެ ސަރުދާރުގެ ދެ އަންހެން ދަރިންނާއި އެމީހުން ދިމާކޮށްލީ އެހެން ވެގެންނެވެ. ވަހުޝީންގެ ފުށުން ލިބުނު އަނިޔާގެ ސަބަބުން ސަމީނާގެ ކޮއްކޮ ގަދަނުވެ މަރުވީއެވެ. ސަމީނާ ސަލާމަތްވީ ކާނަލް އަންވަރުގެ ސަބަބުންނެވެ. ގަބީލާގެ އާދަކާދަ ނިޔާކުރާ ގޮތުން ފުރާނަ ސަލާމަތްކޮށްދިން މީހަކަށް އެމީހަކު މުޅިން މިލްކުވީއެވެ.
ސަމީނާއާއި އޭނާގެ ބައްޕަ ދޮޅު ހަފުތާ ވާންދެން ކާނަލް އަންވަރަށް ބޭސްކުރިއެވެ. ރެޔާއި ދުވާލު ހޭލައި ތިބެގެންނެވެ. އަންވަރު ގަދަވީ އެ ދެބަފައިންގެ މިންނެތް މަސައްކަތުންނެވެ. އެމީހުންގެ އިޚުލާސްތެރި ޚިދުމަތްތަކުގެ ސަބަބުން އަންވަރުގެ ހިތް އެމީހުންގެ މައްޗަށް ކިތަންމެ ރަނގަޅަކަށްވެސް ލެނބިއްޖެއެވެ. ސަމީނާއަކީ އަންވަރާ ލައިގަތް ފުރަތަމަ އަންހެންކުއްޖާއެއް ނޫނެވެ. އެެހެންނަމަވެސް އެހެން އަންހެނެއްގެ ސަބަބުން އަންވަރަށް އަސަރު ނުކުރާހައި ބޮޑަށް ސަމީނާގެ ސަބަބުން އަސަރުކުރިކަމީ ދެކޮޅު ހެދެން ނެތް ހަގީގަތެކެވެ. އެހެންކަމުން ގަބީލާގެ މީހުން ސަމީނާގެ ކާވެނި އަންވަރާ ކުރަން އެދުމުން އޭނާ އެކަމާއި ދެކޮޅެއް ނުހަދައެވެ. އިޚުލާސްތެރިކަމާއެކު ގަބޫލު ކުރީއެވެ. ހަމައެއާއެކު އޭނާއަކީ މުސްލިމެއްކަމަށް ބުނެ އިސްލާމްދީނުގެ ހަމަތަކާއި އުސޫލުތައް އޮންނަގޮތް އޮޅުން ފިލުވައިދިނެވެ. މި ހުރިހައި ވާހަކަތަކެއް އަޑުއެހުމަށްފަހު ރުހި ގަބޫލުވުމާއެކު ރަސްމީ އިއްޒަތުގައި އަންވަރާއި ސަމީނާގެ ކާވެނި ކުރެވިއްޖެއެވެ. ހަމަ އެއާއެކު އެދުވަހުމެ ސަމީނާއަށް (އޭރު ސަމްބީ) އަންވަރު ޝަހާދަތް ލައިދީ އިސްލާމް ދީނަށް ވެއްދިއެވެ. އަދި އޭނާގެ އައު ނަމަކީ ސަމީނާ ކަމަށް އިއުލާނު ކުރިއެވެ.
އެ ދެމަފިރިންނަށްޓަކައި ތައްޔާރު ކުރެވިފައިވާ ފޭލިގެއަށް ވަން ވަގުތު އެންމެ ފުރަތަމަ ފެނުނު މަންޒަރުން އަންވަރު ދިޔައީ ސިއްސައިގެންނެވެ. ފޭލިގޭގެ ފުރަގަހު ބިތުގައި އެލުވައިފައި އޮތީ ކިނބޫ ހަމެކެވެ. ދެތިން ފޫޓު ހުންނަ ވަރުގެ މިހަމުގެ ކުލައަކީ ރީނދުލެވެ. ހަމަ މުޅީން ރީނދުލެވެ.
އެއާ ބެހޭ ގޮތުން ސަމީނާއާ ވާހަކަ ދައްކައިލުމުން އަންވަރަށް އެނގުނީ ރީނދޫ ކިނބުލުގެ ނަމުން މަޝްހޫރުވެފައިވާ ގަބީލާ އަކީ މިއީކަމެވެ.
"އަހަރެމެންގެ ގަބީލާއަށް މިނަން ކިޔުނު ގޮތަކީ..." ސަމީނާ އަންވަރަށް އޮޅުން ފިލުވައިދެމުން ބުންޏެވެ. "މިރަށުގެ ހިތްވަރުގަދަ ޒުވާނަކު ރީނދޫ ކިނބުލެއް ހިފީ. އެއީ އަދި މިހާތަނަށް އެކަކަށްވެސް ކުރެވިފައި އޮތް ކަމެއް ނޫން. އެހެނީ ކިނބޫ އާއިލާގައި ހިމެނޭ މިބާވަތަކީ ވަރަށް ހުސިޔާރު އެއްޗެއް. ވުމާއެކު ރީނދޫ ކިނބުލެއް ހިފުމަކީ އެކަށީގެންވާ ކަމަކަށް ނުވޭ. އަދި ހިފުނު ކަމުގައިވިޔަސް އެސޮރު މަރައިލުމަކީ ކުޅަދާނަ ކަމަކަށް ނުވޭ. މިއީ އިހަށް މީހުން ގަބޫލުކުރާ ގޮތް. އެހެންނަމަވެސް މިބުނި ޒުވާނާއަށް ރީނދޫ ކިނބޫ މަރައިލާނޭ ގޮތް އެނގުނީ ކަން ނޭނގެ."
"އެއީ ކޮން ގޮތެއް؟" ކާނަލް އަންވަރު އަހައިލިއެވެ.
"އެ ގޮތެއް އެކަކަށްވެސް ނޭނގޭ." ސަމީނާ ބުންޏެވެ. އަދި ހިނދުކޮޅަކު ވިސްނައިލުމަށް ފަހު އަނެއްކާވެސް ވާހަކަ ދައްކަން ފެށިއެވެ. "ބައްޕައަށް ފަހަރެއްގައި އެނގިފައި އޮވެދާނެ. އެޒުވާނާ މަރުވުމުގެ ކުރިން ހުރިހާ ވާހަކައެއް ގަބީލާގެ ސަރުދާރަށް ކިޔައިދިން. އެ ވާހަކަ އެއް ސަރުދާރުގެ ފުށުން އަނެއް ސަރުދާރަށް ނަގުލު ވަމުން އައީ. އެހެންނަމަވެސް އެއްވެސް ސަރުދާރަކު މިވާހަކަ ފާޅެއް ނުކުރޭ. އާއްމުކޮށް ހާމައެއް ނުކުރޭ."
އޭގެ އަނެއް ދުވަހު ސަރުދާރާ ބައްދަލުވެ ދެކެވުނު ވާހަކައެއްގެ ތެރޭގައި އަންވަރު ރީނދޫ ކިނބުލުގެ ވާހަކައިން ސުވާލު ކޮށްފިއެވެ. ސަރުދާރު ފުރަތަމަ މަސައްކަތްކުރީ އެވާހަކަ އޮއްބައިލެވޭތޯއެވެ. އެހެންނަމަވެސް އަންވަރު ދޫނުކޮށް ހިފެހެއްޓުމުގެ ސަބަބުން ސަރުދާރަށް ޖެހުނީ ދީލައިލާށެވެ.
"އާނ." ސަރުދާރު ބުންޏެވެ. "ރީނދޫ ކިނބޫ ހިފޭނޭ ގޮތާއި، މަރައިލެވޭނެ ގޮތް އަަހަންނަށް އެނގޭ. އެހެންނަމަވެސް މިއީ އެއްވެސް މީހެއްގެ ގާތުގައި ބުނެވެން ނެތް ސިއްރެއް. މި ވާހަކަ އެއްވެސް މީހެއްގެ ގާތުގައި ބުނެފިނަމަ މިގަބީލާގެ މައްޗަށް ކޮންމެވެސް ކަހަލަ ބަލާވެރިކަމެއް ނުވަތަ އާފާތެއް ފާވެދާނެ. މިއީ އަހަރެންގެ އަގީދާ."
"ރީނދޫ ކިނބުލަކީ ޝައިތާނީ މަޚުލޫގެއް ކަމަށް ސަރުދާރުވެސް ގަބޫލު ކުރަންތަ؟" ކާނަލް އަންވަރު މޫނު ކުނި ކޮށްލިއެވެ.
"ނުކުރަން." ސަރުދާރު ބޯހޫރައިލިއެވެ. "އެކަމަކު އަހަރެން ގަބޫލުކުރާ ގޮތުގައި ކާބަފައިން ގާތުގައި ކުރެވިފައިވާ ހުވައެއް އުވައިލުމަކީ އާފާތްތަކާ ކުރިމަތިލާން ޖެހޭ ކަމެއް. ރީނދޫ ކިނބުލަކީ ޝައިތާނީ މަޚުލޫގަކަށް ނުވިކަމުގައި ވިޔަސް އޭގެ ހަރަކާތްތަކަކީ ޝައިތާނީ ހަރަކާތްތަކެއް. އެހެނިހެން ކިނބޫތަކާ ޚިލާފަށް ރީނދޫ ކިނބޫ ދަހިވެތިވާނީ އިންސާނުންގެ ލެޔަށް. މަހަކަށް ނޫން."
"ސަރުދާރު..." ކާނަލް އަންވަރު ބުނެލިއެވެ. "އަހަރެން މިތަނަށް އައީ ރީނދޫ ކިނބޫ ހޯދަން. ސަރުދާރުގެ ދަރިފުޅާ އަހަންނާ ދެވިކަމީ ސަރުދާރުގެ ހެޔޮކަން. އެހެންނަމަވެސް ރީނދޫ ކިނބޫ ހޯދުމުގައި ކާމިޔާބުނުވާހައި ހިނދަކު އަހަންނަށް ހިތްހަމަޖެހުމެއް ނުލިބޭނެ."
"ތިޔައީ ދުވަހަކުވެސް ކާމިޔާބުވާނެ ކަމެއް ނޫން." ސަރުދާރު ވަަރަށް ޔަގީންކަމާއެކު ބުނެލިއެވެ.
"މަސައްކަތްކުރީމާ އެނގިދާނެތާ." އަންވަރުވެސް ހަތިޔާރު ބަހައްޓާ ފިކުރެއް ނުކުރިއެވެ.
ސަރުދާރު ހިމޭން ވެއްޖެއެވެ. މޫނުމަތިން ފެންނަނީ ފިކުރު ބޮޑުވުމުގެ އަސަރެވެ.
އެ ދުވަހު ހަވީރު އަންްވަރު ފޭލިގެއަށް ގެނެސްގެން ރީނދޫ ކިނބޫ އަތުޖެހޭތޯ ބެލުމަށްޓަކައި އެހީވެދޭނެ ވާހަކަ ސަރުދާރު ބުނެފިއެވެ.
"މިއީ ވަރަށް ނުރައްކާތެރިކަމެއް. ކަލޭ ނޫން އެހެން މީހަކު ބައިވެރިކުުރުމަކީ އަހަރެން ރުހޭ ކަމެއް ނޫން. ސަމްބީއަށް އެއްގޮތަކަށްވެސް އަންގައިގެން ނުވާނެ. އެހެންނޫނީ އަހަރެމެންނާ އެކީ ދާން އުޅެގެންފާނެ." ސަރުދާރު އަންވަރަށް ވިސްނައި ދެމުން ބުންޏެވެ.
"ނުކުންނާނީ ކޮންއިރަކުން؟" އަންވަރުގެ މޫނު ދިޔައީ އުފަލުން ފޮޅިގެންނެވެ.
"މާދަމާ ހަވީރު. އަހަރެން ހިސާބަކަށް ތައްޔާރުވެލަން ޖެހޭނެ."
އެދުވަހު އަންްވަރުހުރީ ވަރަށް އުފަލުންނެވެ. އެވަރަށް އުފާވެފައި ހުންނަނީ ކީއްވެގެންތޯ ސަމީނާ އެތައް ފަހަރަކު އެއްސެވެ. އަންވަރު ކޮންމެ ފަހަރަކުވެސް ވާހަކަ އޮއްބައިލަނީއެވެ.
އަނެއް ދުވަހު ހަވީރު ސަރުދާރާއި އަންވަރު ދަތުރަށް ނުކުމެއްޖެއެވެ. ބަލާބެލުމަށް ހީވަނީ ދޫނިހިފަން ނުކުތް ހެންނެވެ. މީގެ ކުރިންވެސް އެތައް ފަހަރަކު އަންވަރު މިގޮތަށް ދޫނިހިފަން ނުކުތެވެ. އޭގެތެރެއިން އެއްފަހަރު ސަރުދާރުވެސް އޭނާއާއެކު ދިޔައެވެ. ވީމާ އެއްވެސް މީހަކަށް މިދަތުރަކީ އާދަޔާ ޚިލާފު ދަތުރެއް ކަމަށް ޝައްކެއް ނުކުރެވޭނެއެވެ.
ދަތުރުކުރުމުގެ ތެރޭގައި އެނބުރި ރަށަށް ދިއުމުގެ ވާހަކަ އަންވަރު ސަރުދާރު ގާތުގައި ބުނެފިއެވެ.
"އަހަރެން ދިރިއުޅޭ އަވަށް އޮންނަނީ މިހިސާބާ ވަރަށް ދުރުގައި." އޭނާ ބުންޏެވެ. "އެ ތަނަށް ދެވޭނޭ އެއްވެސް ގޮތެއް އޮންނާނެތަ؟"
"ކަލޭ އައީ ކިހިނެއް؟"
އަންވަރަށް ހީކުރެވުނު ގޮތުގައި ލާންޗަކީ ސަރުދާރު ދުވަހަކުވެސް ދުށް އަދި ނަންވެސް އަޑުއެހި އެއްޗަކަށް ނުވާނެއެވެ. އެހެން ނަމަވެސް ލާންޗުގެ ވާހަކަދައްކަން ފަށާއިރަށް ސަރުދާރު އަތުގެ އިޝާރާތުން އެވާހަކަ ހުއްޓުވައިފިއެވެ.
"އަހަރެމެން ދިރިއުޅޭތަނާ ވަރަށް ދުރުގައި ވަރަށް ބޮޑު އާބާދީއެއް އޮވޭ. އެތަނުން ތިޔަ ބާވަތްބާވަތުގެ ތަކެތި އަހަރެން ދުށިން. އަހަރެން ކަލެއާއެކު ދެތިން މީހުން ފޮނުވާނަން. އެމީހުން ކަލޭ އެ އާބާދީއާ ހަމައަށް ގެންގޮސް ދޭނެ. އެހިސާބުން ކަލޭ ދިރިއުޅޭ ތަނަށް ދާނެމަގު އޮޅުން ފިލުވަން އުނދަގުލެއް ނުވާނެ." ސަރުދާރު ތަފުސީލުކޮށް ކިޔައިދިނެވެ.
ލޭ ހުސްވުމުގެ ސަބަބުން މަރުވި ބަބުރުކަލޭގެ ފެނުނު ހިސާބު އަންވަރު ސަރުދާރަށް ކިޔައިދިނެވެ. އެހިސާބަށް ގޮސް އެމީހުން ގާފިލާކުރީ އެތާނގައެވެ. ސަރުދާރު ކޮނޑުގައި އޮތް ގޯނި ބިންމަތީގައި ބެހެއްޓުމަށްފަހު އޭގެ ތެރެއިން އޭނާ ގެނައި ސާމާނު ނެރެން ފަށައިފިއެވެ. އެތަކެތި އެއްތަނެއްގައި ބެހެއްޓުމަށް ފަހު ހިކި ދަރު އެއްކުރަން ފަށައިފިއެވެ. ހިތްހަމަޖެހޭ ވަރުގެ ދަރު ފުންޏެއް ޖެހުމުން ދެހިލަ ކާއްތައިގެން އަލިފާން ކެނޑުމަށްފަހު ދަރުފުނީގައި އަލިފާން ރޯކޮށްފިއެވެ. އެއަށްފަހު އެއްފަރާތުގައި އުޑަފައިން އިށީނދެގެންއިނދެ ދަރުފުނި އަނދާތަން ބަލަން ފަށައިފިއެވެ. އެއްވެސް ހަރަކާތެއްނެތި އެސްފިޔަވެސް ޖަހައިނުލައި އޭނާ ބަލަމުން ދިޔައީ އަނދަމުންދާ އަލިފާންގަނޑަށެވެ. ކާނަލް އަންވަރު ހިމޭނުން މި މަންޒަރު ބަލަން ހުއްޓެވެ.
"މި އަލިފާންގަނޑުގެ ތެރެއިން އަހަންނަށް އަހަރެންގެ ހަލާކު އެބަފެނޭ." ސަރުދާރު ކުއްލިއަކަށް އަންވަރާ ދިމާއަށް ބަލައިލާފައި ބުންޏެވެ.
(ނުނިމޭ)
Vara salhi vahaka ey...nxt episode ah vara kiyaala hiy vey
mivaahakaige aabayakah vv edhen
vvv.kiyaalan beynunn vaahakaeh shukuran