ޝައިތާނީ ބަލާ - 5

(23 އޮކްޓޯބަރ 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ތިޔަ ކަހަލަ ވަހުމްތައް ހިތުން ފިލުވައިލާ." އަންވަރު ސަރުދާރުގެ ހިތްހަމަޖައްސައި ދެވޭތޯ ބެލިއެވެ.

"މިއީ ވަހުމެއް ނޫން. ދެން މާގިނަ ދުވަހު ދުނިޔޭގައި ނުހުރެވޭނެކަން އަހަންނަށް އެނގޭ. އެހެންވީމާ އަހަރެން އެއްވެސް ކަމެއް ސިއްރެއް ނުކުރާނަން." ސަރުދާރު ބުންޏެވެ.

ކާނަލް އަންވަރު ޝައުގުވެރިކަމާއެކު ސަރުދާރުގެ ވާހަކަތައްް އަޑިއެހިއެވެ.

"އަހަރެން ކުރަމުންދާ ކަންތައްތަކަށް ފަރުވާވެ ބަލާ." ސަރުދާރު ބުންޏެވެ. "ރީނދޫ ކިނބޫ ގެނެވޭނެ ގޮތަކީ މިއީ. އަނދަމުންދާ އަލިފާނުގެ ތެރެއަށް އަހަރެން އަޅަމުން މިދާ އެއްޗެހި ތަރުތީބުން ހިތުގައި ބިންވަޅު ނަގާ. ފަހުން މިފަދަ ކަމެއް ކުރަން ޖެހުމަކީވެސް އެކަށީގެންވާ ކަމެއް."

ހިނދުކޮޅެއްގެ ތެރޭގައި ދަރުފުނި ވަރުގެ ކޮޅަށް އަނދައިގެންފިއެވެ. ސަރުދާރު އަލިފާންގަނޑުގެ ތެރެއަށް އެއްޗެހި ތަކެއް އުކަން ފަަށައިފިއެވެ. ކޮންމެ އެއްޗެއްގެ ނަން ވަކިން ކިޔަމުންެނެވެ. އަންވަރު ސަރުދާރު ކިޔަމުންދާ ތަރުތީބުން އޭނާގެ ޖީބު ޑައިރީގައި ލިޔަމުން ގެންދިޔައެވެ.

އެއްޗެހިތައް އަނދައިގަތުމުން އަޖައިބެއްފަދަ މީރު ވަހެއް ދުވަން ފަށައިފިއެވެ. ހީވީ ކެލަޔާއި، ބޮކަރު އަތަރު ފީފާއެއް އެއްފަހަރާ އޮއްސައިލީހެންނެވެ.

"ހަރުފަ އެސޮރު ގެންގުޅޭ މީހާގެ ދުންމާރިޔާ ހިތާވާހެން ރިނދޫ ކިނބޫ މިތަކެތީގެ ވަސް ޖެހުމުން ތެޅެމުން ފޮޅެމުން އަންނާނެ. އަހަރެމެން ތިބެން ވާނީ ތައްޔާރުވެގެން. މި ވަސް ހުރި ކަމުގައި ވިޔަސް އެސޮރު ހަމަލާ ދީފާނެ. އެހެންނަމަވެސް ހަމަލާދޭނީ މީހަކު ހަޅޭއްލަވައިގަތީމާ. ނޫނީ ދުއްވައިގަތީމާ." ސަރުދާރު ބުނަމުންގެންދިޔައެވެ.

"އެސޮރު އަންނާނީ ކިހައި އިރަކުން؟" އަންވަރު އަށް ލިބިފައިވާ ފޯރީގެ މައްޗަށް ބާރު ހިންގަންވެސް އުނދަގޫވާން ފަށައިފިއެވެ.

"ހަމަ މިހާރުވެސް އަތުވެދާނެ. ތަންކޮޅެއް ފަހުންވެސް އަތުވެދާނެ." ސަރުދާރު ޖަވާބު ދިނެވެ. "އައުމުގެ އަވަސްމިނާއި، ލަސްމިން ކަނޑައަޅަން އެނގޭނީ އެސޮރު އޮތް ދުރުމިނެއް އެނގޭނަމަ."

"އަންނާނީ އެންމެ އެއްޗެއްތަ؟"

"މިހިސާބުގަނޑުގައި އުޅޭ ހުރިހާ އެއްޗެއް އަންނާނެ. އެހެންނަމަވެސް ލަފާކުރެވޭ ގޮތުގައި އަންނާނީ އެންމެ އެއްޗެއް. މިއީ ވަަރަށް ގިނަނުވާ އެއްޗެއް. ކުރިން ވަރަށްގިނައިން އުޅުނު. އެކަމަކު މިހާރު އުޅެނީ ވަރަށް މަދުން."

އޭނާ ހިމޭނުން ހުރެ އިންތިޒާރު ކުރަން ފަށައިފިއެވެ. މި ގޮތުގައި މާގިނަ އިރުތަކެއް ނުވެއެވެ. ކުއްލިއަކަށް އިވިގެން ދިޔައީ އަންހެނެއްގެ ހަޅޭކުގެ އަޑެވެ.

"ސަމީނާ!" ސަރުދާރު ހީވީ ކަރަންޓްގައި ޖެހުނުހެންނެވެ.

ސަރުދާރުގެ މުޅި ހަށިގަނޑަށް ބާވަތެއްގެ ތުރުތުރެއް ވެރިވެއްޖެއެވެ. ކުރިމަތިވާން އުޅޭ ބިރުވެރިކަން ސަރުދާރަށް އިހުސާސް ކުރެވެން ފެށީއެވެ.

އަނެއްކާވެސް ސަމީނާ ހަޅޭއްލަވައިގަތްއަޑު އިވިއްޖެއެވެ. އަޑު އިވުނު ދިމާއަށް ކާނަލް އަންވަރު ދުއްވައިގެންފިއެވެ.

ފަރުބަދަގަނޑެއްގެ ކައިރިއަށް ވެއްޓިފައި ސަމީނާ އޮތެެވެ. އޭނާ އޮތީ ދެ ލޯ ބޮޑުކޮށްގެން އޭޭނާގެ ވައަތް ފަރާތު ފަޔަށް ބަލާށެވެ. އަންވަރު ސަމީނާގެ ފަޔަށް ބަލައިލިއެވެ. ފައިގެ ކުޑަކަޅުވާގައި ތަންކޮޅެއްގައި ރީނދޫކުލަ ޖެހިފައި ހުއްޓެވެ. ކައިރިން ހިސާބަކަށް ލޭގެ އަސަރު ފެންނަން ހުއްޓެވެ.

"ކިހިނެއްވީ؟" އަންވަރު އަވަސްއަވަހަށް އަހައިލިއެވެ.

"އެސޮރު އަހަރެންގެ ފައިގައި ދަތްއެޅީ." ސަމީނާ ކުކުރަމުން ބުންޏެވެ. "ދެންމެ މިތާގައި އުޅުނު. އަންވަރުމެންގެ ފިޔަވަޅުގެ އަޑު އިވިފައި އެ ރައްކާވީ."

އަންވަރު ގޮސް ސަމީނާ އިޝާރާތްކުރި ފަރުބަދަގަނޑުގެ ފުރަގަސް ހޯދައި ބަލައިލިއެވެ. އެހެންނަމަވެސް އެތަނަކުން ހިލަމެއްވެސް ނުވިއެވެ.

"ހިޔަޅު... ޝައިތާން..."

އޭނާ އަނެއްކާވެސް ދުވެފައި ސަމީނާގެ ކައިރިއަށް އަތުވެއްޖެއެވެ. އޭރު ސަރުދާރު ސަމީނާގެ ފައި ރަނގަޅަށް މުއާއިނާކޮށް ބަލަނީއެވެ. ސަމީނާ އޮތީ ބިރުވެރި ނަޒަރަކުން ސަރުދާރާ ދިމާއަށް ބަލާށެވެ. ހިނދުކޮޅަކު އެހެން އިނދެފައި ސަރުދާރުކޮޅަށް ތެދުވެއްޖެއެވެ. އޭރު އޭނާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރުތަކެެވެ. މޮޅިވެރިކަމުގެ ނަޒަރަކުން އޭނާ ކާނަލް އަންވަރާ ދިމާއަށް ބަލައިލިއެވެ. އެއަށްފަހު ހަލުވިކަމާއިއެކު އޭނާގެ ދަރިފުޅާ ދިމާއަށް ލޮންސީގެ ހަމަލައެއް ދޫކޮށްލިއެވެ. ސަރުދާރު އަމާޒުހިފީ ސީދާ ސަމީނާގެ މެޔަށެވެ. ސަމީނާ ހުސިޔާރު ކަމާއިއެކު އެ ހަމަލައިން ރެކިގަތެވެ. ސަރުދާރުގެ ހަމަލާ ދިޔައީ މުޅިން ހުހަށެވެ. އޭނާ ދެވަނަ ހަމަލާ ދޫކޮށްލުމުގެ ކުރިން އަންވަރު އޭނާގެ އަތުގައި ހިފެހެއްޓިއެވެ.

"ތިޔަކުރަނީ ކީއް؟ ސަރުދާރު މޮޔަވީތަ؟" ކާނަލް އަންވަރު ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ.

"އޭނާ މަރާލަންވީ. އެހެންނޫނީ މުޅި ގަބީލާގެ އެންމެން ހަލާކުވެދާނެ." ސަރުދާރު އަތްދަމައިގަތެވެ.

"އެއީ ކީއްވެގެން؟"

"އޭނާގެ ކިބައިން ޝައިތާނީ އަސަރުތައް ފާޅުވެދާނެތީ އަހަރެން ބިރުގަނޭ."

"މޮޔަވީތަ؟ ހަމައެކަނި ދަތްއެޅިއަކަސް..."

"ރީނދޫ ކިނބުލުގެ ޒަހަރު އޭނާގެ ހަށިގަނޑަށް ހިނގައްޖެ. އޭނާ އަހަރެންގެ ހަމަލައިން ރެކިގަތްލެއް ހަލުވިކަން ކަލޭ ނުދެކެންތަ؟ އަހަރެންގެ ހަމަލައެއް މީގެ ކުރިން ދުވަހަކުވެސް މިހާ ކައިރިން ކައްސާލައިގެން ގޮސްފައެއް ވެފައެއް ނެތް."

ސަރުދާރުގެ ވާހަކަތައް ތެދުކަމުގައި އަންވަރަށް ހީކުރެވުނެވެ. އެހެންނަމަވެސް އޭނާގެ އަނބިމީހާގެ ކިބައިގައި ރީނދޫ ކިނބުލުގެ ސިފަތައް އަށަގެންފާނެކަމަށް ގަބޫލެއް ނުކުރެވުނެވެ. އެހެންކަމުން ސަރުދާރު ދެވަނަ ހަމަލާއަށް ތައްޔާރުވީ ވަގުތު، ސަރުދާރުގެ އަތުގައި ޖެހިޖެހީނުން ލޮންސި ވައްޓައިލައިފިއެވެ.

"ދޫކޮށްލާ. އަހަންނަށް އަހަރެންގެ ވާޖިބު އަދާކުރިޔަދީ. ރީނދޫ ކިނބުލުގެ ސަބަބުން ޒަޚަމްވީ އެއްވެސް މީހަކު މަރާނުލާ މިހާތަނަށް ދޫކުރެވިފައެއް ނެތް. ސަމީނާއަކީ އަހަރެންގެ ދަރިޔަކަށްވިޔަސް މަރާނުލާ ދޫކުރެވޭކަށް ނޯންނާނެ."

ލޮންސި ނެގިޔަ ނުދިނުމުގެ ސަބަބުން ސަރުދާރާއި އަންވަރާ ދެމެދު ބާވަތެއްގެ ތަޅާފޮޅުމެއް ފެށިއްޖެއެވެ. ތަޅާފޮޅުންގަނޑު ކުރިއަށްގޮސް ސަރުދާރު އަންވަރުގެ މައްޗަށް ގަދަވެ، އޭނާ ވައްޓައިލާ މޭމައްޗަށް އަރައި އިށީނދެއްޖެއެވެ.

އެވަގުތު އަންވަރަށް ހީވީ ވިދާލި ވިދުވަރެއްގެ އަލި ފެނުނު ހެންނެވެ. ދެވަނަ ސިކުންތުގެ ތެރޭގައި ފެނުނީ ސަރުދާރު އެއްފަރާތަކަށް ވެއްޓި ތެޅިތެޅި އޮއްވައެވެ. ލޮންސި ހުރީ ސަރުދާރުގެ މެޔަށް ކައިވަތަކަށް ވަދެފައެވެ.

ސަރުދާރު ހައިރާންވެފައި ސަމީނާއާ ދިމާއަށް ބަލައިލިއެވެ. އޭނާ ހުރީ އުފަން ބައްޕަ ޒަޚަމް ކޮށްލުމަށްްފަހު މަންޒަރު ބަލާށެވެ.

"އޭނާ އަހަރެން މަރާލާނެ. އަންވަރުވެސް މަރާލާނެ." ސަމީނާ އަންވަރުގެ ގައިގައި އޮޅުލައިގެންފައި ރޮމުން ބުންޏެވެ.

ސަމީނާ ގައިން ވަކިކުރުމަށްްފަހު އަންވަރު ސަރުދާރާ ދިމާއަށް ގުދުވެލިއެވެ.

"އޭނާގެ ވާހަކަ އަޑުނާހާތި. އޭނާ އުޅޭނީ އަހަރެމެން ވާ ވައްދަން."

ސަމީނާ އަންވަރުގެ އަތުގައި ހިފައި ދަމަން ފަށައިފިއެވެ. އަންވަރު ސަމީނާގެ އަތުން އަތް ދޫކުރުވުމަށްފަހު އެއްފަރާތަކަށް ޖެހިލިއެވެ.

ސަރުދާރު މިހާރު ހިމޭން ވެއްޖެއެވެ. ވަރަށް އުނދަގުލުން ލޯ ހުޅުވައިލުމަށްފަހު އަންވަރާ ދިމާއަށް ބަލައިލިއެވެ. ގައިގައި އަޅާ ވޭނުގެ އަސަރު އޭނާގެ މޫނުމަތިން ފާޅުވޭވެ ހުއްޓެވެ. އެހެންނަމަވެސް ލޮލުން ފާޅުވަނީ ލޯތްބާއި ހިތްހެޔޮ ކަމުގެ ވިދުވަރެވެ.

"އަޑު އަހާބަލަ." ސަރުދާރު ވަަރަށް މަސައްކަތުން ބުނެލިއެވެ. "ސަމްބީ މަރައިނުލާ ދުނިޔޭގައި ބެހެއްޓިޔަސް އޭނާ މަޔަކަށްވިޔަ ނުދޭތި. އޭނާގެ ދަރިފުޅު އުފަންވާނީ ޝައިތާނީ އަސަރު ތަކަކާއެކުކަން ޔަގީން. އެއީ އެއީ އަހަރެމެންގެ ވަންހަ ހަލާކުކޮށްލާނޭ ބަލާވެރިކަމަކަށް ވާނެ."

އަންވަރު އޮތީ ގުދުވެގެން ސަރުދާރުގެ ވާހަކަ ކަނުލައި އަހާށެވެ. އިރުކޮޅަކު ހިމޭނުން އޮތުމަށްފަހު އަނެއްކާވެސް ސަރުދާރު ވާހަކަ ދައްކަން ފެށިއެވެ.

"ރީނދޫ ކިނބޫ މަރާލެވޭނީ ދެގޮތަކަށް. އެސޮރު ބަންދުކޮށްގެން ލޭ ބުޔަނުދީ ހަފްތާއެއްހާ ދުވަސް ކޮށްފިނަމަ، މަރުވެދާނެ. އެހެންނަމަވެސް އެންމެ ފަސޭހަގޮތަކީ އަނދައަނދާހުރި އަލިފާނުގެ ތެރެއަށް އެއްލާލުން. އެހެނިހެން ޝައިތާނީ މަޚުލޫގުން ފަދައިން އަލިފާނުގެ ކުރިމަތީގައި ރީނދޫ ކިނބުލަށް ހެދޭނެ ގަދައެއް ނޯންނާނެ. އަލިފާނަށް ލުމުން އިސާހިތަކު ފަނާވެ ހިނގައިދާނެ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.