(މި ފަހަރު މި ގެނެސްދެނީ އެހެން ވާހަކަތަކާ ތަފާތު ވާހަކައެކެވެ. ބިރުވެރި ވާހަކައެކެވެ. މި ބާވަތުގެ ވާހަކަވެސް ބައެއް ބޭފުޅުން ވިދާޅުވާ ހިތްޕުޅު ވާނެއޭ ހިތަށް އެރީމާ ހުށަހަޅައިލީއެވެ. މި ވާހަކަ އަޅުގަނޑު ތަރުޖަމާކުރީ 1990 ހާ ތާނގައެވެ.)
ކާނަލް އަންވަރުގެ އުމުރުން މިވީހައިތަނެއް ހޭދަވެފައިވަނީ ދަތުރުފަތުރު ކުރުމުގައެވެ. އޭނާއަކީ ޝިކާރަ ކުރުމަށް ވަރަށް ލޯބިކުރާ މީހެކެވެ. ސިފައިންގެ ތެރޭގައި މަތީ މަގާމެއްގައި ހުރުމުގެ ސަބަބުން އެކިއެކި ރަސްމީ ކަންތައްތަކުގައި ވަޒަނުން ބޭރަށް ވަަރަށްގިނަ ފަހަރު ދާން ޖެހެއެވެ. މިގޮތަށް ކުރާ ދަތުރުތަކުގައި އޭނާގެ ޝައުގު ފުރިހަމަ ކުރުމަށްޓަކައި ވަގުތުކޮޅެއް ހޯދޭތޯ ކާނަލް އަންވަރު ބަލައެވެ. ޝިކާރަ ކުރުމަށާއި، ތަންތަން ބަލައިލުމަށް ބުރު ޖެހޭތޯ ދުރާލައި ވިސްނައިގެން މަސައްކަތް ކުރެއެވެ. އެންމެ ފަހުން މިވޭތުވީ ދެތިން ހަތަރު އަހަރު އޭނާ އުޅުނީ އެފްރިކާގައެވެ. އެހެންކަމުން އޭނާ ވަނީ އެފްރިކާ މީހަކަށްވެ ނިމިފައެވެ. ސިފައިންގޭގައި އުޅެ މުސްކުޅިވެ ގައިގެ ބާރު ދެރަވުމުގެ ކުރިން އޭނާ ސިފައިންގެއިން ވަކިވެއްޖެއެވެ. އެއަށްފަހު އޭނާގެ ހުރިއްޔާ ހުރި މުދަލެއް އެފްރިކާއަށް ގެންދިޔައީއެވެ. ހަމަ ގޮތުގަޔާއި ނަހަމަގޮތުގައެވެ. ދެން އެފްރިކާ ގައި ވިޔަފާރި ފެށްޓީއެވެ. ރަނގަޅު އިތުބާރު ކުރެވޭ ބާވަތުގެ ދެތިންމީހުންނާ ވިޔަފާރީގެ ކަންތައްތައް ހަވާލު ކުރުމަށްފަހު އޭނާ އުޅެމުން ގެންދިޔައީ ތަންތަން ބަލަން ދަތުރު ކުރުމުގަޔާއި، ޝިކާރަކުރުމުގައި އަވަދި ނެތިއެވެ.
އޭނާ އުޅުނު ހިސާބަކީ ވަރަށް ވާހިޔާތްތައް ގިނަ ހިސާބެކެވެ. ޖިންނި ފުރޭތައާއި ބަދުރޫހުގެ ވާހަކަ އަބަދުވެސް އެހިސާބުގެ މީހުން ދައްކައި އުޅެއެވެ. މިބާވަތުގެ ވާހަކަ ތަކުގެ ހަގީގަތް ހޯދުމަށް ކާނަލް އަންވަރު ވަރަށް މަސައްކަތް ކުރެއެވެ. އެފްރިކާ މީހުންގެ ބަހުރުވަ ނޭޭނގުމުގެ ސަބަބުން ބައެއް ދަތިތަކާ ކުރިމަތިލާން ޖެހޭތަންވެސް އާދެއެވެ. އެހެންނަމަވެސް މާގިނަ ދުވަސްތަކެއް ނުވެ އޭނާ އެބަހުރުވަ ދަސްކޮށްފިއެވެ. ވުމާއެކު އެދަތިވެސް ފިލައި ހިނގައްޖެއެވެ.
އެހިސާބުގެ މީހުންނާއި ވާހަކަ ދައްކައިގެން އޮޅުންފިލާ ވާހަކަތަކުގެ ހަގީގަތް ހޯދަން އުޅުމުގެ ތެރޭގައި އެކިއެކި އުނދަގޫތައްވެސް އުފުލަން ޖެހެއެވެ. އެޔާއެކުވެސް ގިނަ ވާހަކަތަކުގެ ތެދުދޮގު ވަނީ ނުހޯދިފައެވެ.
ރީނދޫ ކިނބުލުގެ ވާހަކަ އެންމެ ފުރަތަމަ އިވުނު ދުވަހު އޭނާ ގަބޫލެއްވެސް ނުކުރިއެވެ. އެއީ މުޅިން ފުުލޯކު ވާހަކައެއް ކަމަށް ހިތައި ސިކުނޑިން ފޮހެލީއެވެ. އެހެންނަމަވެސް ވަރަށްބޮޑު މުސްކުޅިޔަކު އެވާހަކަ ކިޔައި ދިނުމުން ގަޔާވާ ގޮތް ވީއެވެ.
"ބޭބޭ..." އޭނާ އަދިވެސް ބޮޑަށް ޔަގީންކޮށްލުމުގެ ގޮތުން އަހައިލިއެވެ. "ރީނދޫ ކިނބުލެއް ނުހުރެއެއްނު؟"
"އާނ. އާއްމުގޮތެއްގައި ނުހުރޭ." މުސްކުޅިޔާގެ ނަޒަރު ހުއްޓިފައި ވަނީ ސީދާ ކާނަލް އަންވަރުގެ މޫނަށެވެ. "އެއީ ކިނބޫ އާއިލާގެ ވަކި ބާވަތެއް. އެ ކިނބުލުގެ ކުލައަކީ ރީނދޫކުލަ. ލޮލުގައި ހުންނަނީ ނޫކުލަ. މާ ބިޔަ އެއްޗެއްވެސް ނޫން. ގާތްގަނޑަކަށް ދެތިންފޫޓަށްވުރެ އެކަތިވެސް ބޮޑެއްނުވާނެ. އެހެންނަމަވެސް ހުސިޔާރުކަމާއި، ޗާލާކުކަން ފެނި އިންސާނީ ބުއްދި ހައިރާން ވާނެ."
"ރީނދޫކިނބޫ..." ކާނަލް އަންވަރު ވިސްނައިލިއެވެ. "އެކަމަކު އަހަރެން ދުވަހަކުވެސް ތިޔަ އެއްޗެއްގެ ވާހަކައެއް އަޑެއް ނާހަން."
"އަޑު ނީވެނީ ސަބަބެއް ނެތިއެއް ނޫން. މުސްކުޅިޔާ ބުންޏެވެ. "ރީނދޫ ކިނބުލަކީ ޝައިތާނީ މަޚުލޫގެއް. އެ ސޮރު ދުށް މީހަކު މަރުނުވެ ސަލާމަތް ވެފައިވަނީ ވަރަށް މަދު ފަހަރަކު. ސަލާމަތްވާ މީހުންނަށްވެސް އޭގެ ވާހަކަ ދައްކާކަށް ނުކެރޭ. އެ މީހުން ދެކެނީ އެއީ ސުންޕާ ކަމެއް ކަމަށް. އަހަރެން މިހާރު މިހިރީ މުސްކުޅި ވެފައި. ދިރިއުޅުމުގެ މަތިން ފޫހިވެފައި. މިހައި ގިނަ ވާހަކަ މި ދެއްކެނީ އެހެންވެގެން. އެހެން އެއްވެސް މީހަކު މިވާހަކަތައް ކިޔައެއް ނުދޭނެ."
"ތިޔައީ ފުލޯކު ވާހަކައަކަށްވެސް ވެދާނެ."
"މިއީ ފުލޯކު ވާހަކައެއް ނޫނެ." މުސްކުޅިޔާ ވަރަށް ބާރަށް ބުންޏެވެ. އޭނާގެ އަޑުގައި މިހާރު ހިސާބެއްގެ ރުޅިވެރިކަމެއް އެކުލެވިފައި ވެއެވެ. "ރީނދޫ ކިނބުލަކީ ޝައިތާނީ މަޚުލޫގެއް. އޭގެ ހައި ފިލުވައިދޭ އެއްޗަކީ އިންސާނުންގެ ލޭ. ލޭފޮދު ބޮއިލުމަށްފަހު ހަށިގަނޑު ދޫކޮށްފައިދާ ކިނބުލެއްގެ ވާހަކަ ކަލޭ ދުވަހަކުވެސް އަޑުއެހިންތަ؟"
"ނާހަން." ކާނަލް އަންވަރުގެ ދެލޯ ދިޔައީ ބޮޑުވެގެންނެވެ.
މިވާހަކައިގެ ތެދުދޮގު ބެލުމުގެ މަސައްކަތް ކުރަން އޭނާ ކަނޑައެޅީ އެ ވަގުތުއެވެ.
"ކަަލެއަކަށް އަހަރެންގެ ވާހަކަ ގަބޫލެއް ނުކުރެވޭ ދޯ؟ ގަބޫލެއް ނުވެސް ކުރެވޭނެ. ރީނދޫ ކިނބޫ ދެކޭ މީހުންވެސް ތިމާގެ ލޮލަށް މިފެންނަ އެއްޗަކާމެދު ޝައްކު ކުރޭ. އަހަންނަކީ ބޮޑު މުސްކުޅިޔަކީން. އަހަރެން ދައްކާ ވާހަކަ މިހާރު މިއުޅޭ ކުދިން ގަބޫލެއް ނުކުރާނެ."
"ބޭބޭ. ރީނދޫ ކިނބޫ ދެކެފައި ހުރި މީހަކު ދުނިޔޭގައި އެބަހުރިތަ؟ ބޭބެ ދުވަހަކުވެސް..."
"ނޫނޭ. އަހަރެން ދުވަހަކުވެސް ނުދެކެން. އަހަރެންގެ ބައްޕަ ދުށް. ދުށްތާ ދެތިން ދުވަސްވީ ތަނާ ބައްޕަ މަރުވެއްޖެ. ބައްޕަ މަރުވުމުގެ ކުރިން ބުނި ގޮތުގައި ރީނދޫ ކިނބުލުގެ ނަމުން މަޝްހޫރު ވެފައިވާ ގަބީލާއެއް އޮވޭ. އެއީ ވަރަށް ތަހުޒީބު އެކަމަކުވެސް ވަހުޝީންގެ ބަޔަކު އުޅޭ ގަބީލާއެއް. އެބައިމީހުން އުޅެނީ ކޮންގޯގެ އައްސޭރިފަށުގެ ހިސާބުގަނޑެއްގައި. ބައްޕައަށްވެސް ރީނދޫ ކިނބޫ ފެނުނީ އެހިސާބާ ވަަރަށް ކައިރިން."
ރީނދޫ ކިނބުލާ ބެހޭ އިތުރު މައުލޫމާތު އެ މުސްކުޅިޔާގެ ފަރާތުން ލިބޭތޯ ކާނަލް އަންވަރު ވަރަށް މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އިތުރު އެހެން މައުލޫމާތެއް މުސްކުޅިޔާއަށް ލިބިފައިވާ ކަމަކަށް ނުވިއެވެ. އޭނާ އެބުނާ ގަބީލާއާ ބެހޭ ގޮތުންވެސް އެނގުނު އެއްޗަކީ އެއީ ކޮންގޯގެ އައްސޭރިފަށުގެ ކޮންމެވެސް ހިސާބެއްގައި އާބާދުވެފައި އޮންނަ ގަބީލާއެއް ކަމެވެ.
ތިން ދުވަސް ފަހުން އެއްކަލަ މުސްކުޅިޔާ މަރުވެއްޖެއެވެ. މި ޚަބަރު ލިބުމުން ކާނަލް އަންވަރުގެ ގައިން ދިޔައީ ހީބިހިނަގައިގެންނެވެ. އެހެންނަމަވެސް މުސްކުޅިޔާ މަރުވީ އާދަޔާ ޚިލާފު ގޮތަކަށޭ ބުނެވޭކަށް ނެތެވެ. އެހެނީ އޭނާ މަރުވީ ހަރުފަ ވިހަލުމުގެ ސަަބަބުންނެވެ. އެއީ އެހިސާބުގަނޑުގައި އާންމު ކަމެކެވެ.
މުސްކުޅިޔާ މަރުވުމުން ކާނަލް އަންވަރު ދެން މަސައްކަތްކުރީ އެހެން މީހުންނާ ވާހަކަދައްކައިގެން ރީނދޫ ކިނބުލާ ބެހޭ މައުލޫމާތު ކޮންމެވެސް ވަރަކަށް ލިބޭތޯއެވެ. އެހެންނަމަވެސް އެއްވެެސް މީހަކު އެ ވާހަކައެއް ނުދެއްކިއެވެ. އެމީހުންނަށް އެޔާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައި ނެތީއެވެ. ނުވަތަ ގަންނާ ކުރައްވާ ބިރަކުން ނުދައްކަނީއެވެ. މިކަންތައް މިގޮތަށް ދިމާވުމުން ރީނދޫ ކިނބުލުގެ ހަގީގަތް ހޯދުމުގެ ޝައުގުވެރިކަން ކާނަލް އަންވަރުގެ ހިތުގައި އުފެދިގަތީ އަމަށަކު ވަރަކަށް ނޫނެވެ.
ކާނަލް އަންވަރަށް ވަގުތެއް ލިބުނީ އޭގެ ހައެއްކަ މަސްދުވަސް ފަހުންނެވެ. ވަގުތު ލިބުމާއެކު ދަތުރު ހަދައިގެން ރީނދޫ ކިނބޫ އަތުޖެހޭތޯ ނުކުމެއްޖެއެވެ.
ރީނދޫ ކިނބުލުގެ ނަމުން މަޝްހޫރު ވެފައިވާ ގަބީލާއެއް ފެނޭތޯ ކޮންގޯގެ އައްސޭރިފަށުގައި އެތައް ދުވަހެއް ވާންދެން އޭނާ ދަތުރު ކުރިއެވެ. ދަތުރުކޮށް ވަރުބަލިވުމުން ކޮންމެވެސް ހިސާބެއްގައި ފޭލިގެ ޖަހައިގެން ތިބެނީއެވެ. ދަތުރު ކުރަނީ ކުރީއްސުރެ އިންތިޒާމު ކޮށްގެން ގެންދިޔަ ލާންޗެއްގައެވެ. ލާންޗު ދުއްވާ މީހާއާއި އޭނާގެ އިތުރުން ދަތުރުގައި މަސައްކަތު މީހުންގެ ތިން މީހުންވެސް ބައިވެރި ކުރިއެވެ. އެއީ އެއްޗެހި އުފުލުމާއި، އޭނާގެ ޖާނު ސަލާަތްކޮށް ބެލެހެއްޓުމުގެ ވާޖިބު އަދާކުރާ މީހުންނެވެ.
މިދަތުރުގައި އެކި ބާވަތްބާވަތުގެ މުސީބާތްތަކާ ކުރިމަތިލާން ޖެހުނެވެ. އެންމެ ބޮޑު މުސީބާތާއި ދިމާވީ ދަތުރަށް ނުކުތްތާ ހަވަނަ ހަފުތާގެ ތެރޭގައެވެ. އެހިސާބުގަނޑުގައި އުޅޭ ވަރުގަދަ ހުމެއް ކާނަލް އަންވަރާ ޖެހުނީއެވެ. އެންމެ ތިން ދުވަހުގެ ތެރޭގައި މުޅި މީހާގެ ވަރުދެރަވެ ހިތްވަރު އެލިއްޖެއެވެ. ހުން ފިލީ ހަތަރު ވަނައަށް ވީ ދުވަހުއެވެ. އެހެންނަމަވެސް ގަޔަކު ވަރެއް ނުޖެހެއެވެ.
ދަތުރު މެދުކަނޑައިލާފައި އެނބުރި ރަށަށް ދާން އޭނާގެ ބައިވެރިން މަޝްވަރާ ދިނެވެ. އެ ވާހަކަތައް ގަބޫލުކޮށްފާނަމޭވެސް އޭނާގެ ހިތަށް އެރިއެވެ. އެހެނީ އަދި މިވީހައި ތަނަށް ދިމާވަމުން ދަނީ މުޅިންވެސް ނާކާމިޔާބީއާއެވެ. ރީނދޫ ކިނބުލަކީ ނުވެސް ހައްދަވާ އެއްޗެއް ކަމުގައި އޭނާއަށް ގަބޫލުކުރެވެން ފަށައިފިއެވެ. އޭގެ ވުޖޫދެއް ވާނަމަވެސް އެޔާ ހަމައަށް ވާސިލުވުމަކީ މުސްތަހީލު ކަމެއް ކަމުގައިވެސް ހީވާން ފަށައިފިއެވެ. ނުވަތަ އޭނާއަށް އެސޮރާ ހަމައަށް ދިއުމުގެ ނަސީބު މިންވަރު ކުރައްވައިފައި ނެތީކަންވެސް ނޭނގެއެވެ.
ހަތަރު ވަނައަށްވީ ދުވަހު މަރުގެ ތުންފަތް މަތީގައި އޮތް އެފްރިކާ މީހަކާ އޭނާއާ ދިމާވިއެވެ. އެވަގުތު އޭނާގެ ގައިގައި ވަަރެއް ނެތްކަންވެސް ހަނދާން ނެތިއްޖެއެވެ. ކާމިޔާބު ހިނިތުންވެލައިފި ކަމުގެ އުއްމީދުގައި އޭނާއަށް ނަށައިގަނެވުނެވެ.
ކާނަލް އަންވަރު ބަޑި ހިފައިގެން ނުކުތީ ދެތިން ފުއްލާ ޝިކާރަ ކުރެވޭތޯއެވެ. އޭނާގެ ބައިވެރިން ފޭލިގޭގައި ބައިތިއްބީއެވެ. އެއީ ފޭލިގެޔާ މާ ދުރަށް ދާން ގަސްތުކޮށްފައި ނުވާތީއެވެ. އެހެންނަމަވެސް ހިނގަމުން ގޮސް އެތައް ފަރުލޯންގެއްގެ ދުރަށް އޭނާއަށް ދެވިއްޖެއެވެ. ފަރުބަދަތަކާއި ބިޔަގަސް ތަކުގެ މެދުން މަގު ހޯދުމަކީ މާ އުނދަގޫ ކަމަަކަށް ނުވެއެވެ. އެކަމަކު ދުރަށް ދެވުނު ވަރަކަށް ދިޔައީ މަގު ދަތިވަމުންނެވެ. އޮޅުންނުފިލާ ގޮތް ވަމުންނެވެ. ފަރުބަދަތަކާއި، ގަސްތަކުގެ އިތުރުން ބިންގަނޑުވެސް ތަފާތުވާން ފަށައިފިއެވެ. މިނިކާ ޖަނަވާރުތައް އުޅޭ ހިސާބު ކައިރި ވަނީކަން ވިސްނައި ގަންނާކަށް ކާނަލް އަންވަރުގެ ތަޖުރިބާކާރު ސިކުނޑި މާގިނަ ވަގުތު ތަކެއް ހޭދައެއް ނުކުރެވެއެވެ. އޭނާއަށް އެ އަޑު އިވުނީ ފޭލިގެއަށް ދާން ގަސްތުކުރި ތަނާއެވެ. އެއީ އަޖައިބެއް ކަހަލަ އަޑެކެވެ. ހަޅޭކާއި، ކުކުރުމުގެ އަޑު އެކުލެވިގެން އިވޭ ވޭނީ އަޑުގެ ތެރެއިން ތަލިތަޅާ ކަހަލަ އަޑެއްވެސް އިވެއެވެ. މި ތިން އަޑު އެކުވުުމުން އިވެނީ ބާވަތެއްގެ ބިރުވެރި އަދި ނާމާން އަޑެކެވެ. އަންވަރު ދިޔައީ ތުރުތުރު އަޅައިގެންނެވެ. ބިރުންގޮސް އަތްފައި ފިނިވެއްޖެއެވެ. އެހެންނަމަވެސް ވަރަށް ހިތްވަރުކޮށްފައި ގޮވައިލިއެވެ.
"ކާކު؟"
ތަލިތަޅާ އަޑު ކުއްލިއަކަށް ކެނޑިއްޖެއެވެ. އެކަމަކުވެސް ހަޅޭކާއި، ކުކުރުމުގެ އަޑު މެދުނުކެނޑި ދެމިހުއްޓެވެ. އަންވަރު ކުރިއަށް ގޮސް ފަރުބަދަގަނޑެއްގެ މައްޗަށް އަރައި އަނެއް ފަރާތް ބަލައިލިއެވެ. އެ ތަނުން އޭނާއަށް ފެނުނީ ބިންމަތީގައި ތެޅިތެޅި އޮތް ހަބްޝީ މީހެކެވެ. ހުރިހައި ކަމެއް ހަނދާން ނައްތައިލުމަށް ފަހު އަންވަރު މަސައްކަތް ފެށީ ފަރުބަދަގަނޑު ގިރާކޮށްފައި އެ މީހާއާ ހަމައަށް ދެވޭތޯއެވެ.
އަންވަރު އެ ހިސާބަށް ގޮސް އެ މީހާއާ ދިމާއަށް ގުދުވެލީއިރު އޭނާ އޮތީ ކޮންމެވެސް އެއްޗެކޭ ކިޔަކިޔައެވެ. އޭގެ ތެރެއިން އަންވަރަށް އަޑުއިވުނީ ހައިރާން ވާފަދަ ޖުމްލަތަކެކެވެ.
"ޝައިތާނާ... ޝައިތާނާ... އަހަރެން ދޫކޮށްލާ. ރީނދޫ ޝައިތާނާ. ރައްކާވޭ." ލޯމަރައިލައިގެން އޮވެ ހަބްޝީ ކަލޭގެ އެފްރިކާ ބަހުން އަމުނަމުން ދިޔައެވެ.
އަންވަރު އޭނާގެ ކޮނޑުގައި ހިފައި ހަލުވައިލުމުން ކުއްލިއަކަށް ލޯހުޅުވާލައިފިއެވެ. އޭނާގެ ލޮލުން ފައުޅުވޭވޭ ހުރީ ވަހުޝީ ވިދުވަރެކެވެ. އޭނާ ރޮއިގެންފައި ކިޔަންފެށިއެވެ. "އަހަރެން ދޫކޮށްލާ. ނުމަރާ. އަހަރެން ދޫކޮށްލާ. އަހަރެން އެއްްވެސް ގެއްލުމެއް ނުދޭނަން."
އެ މީހާ ކިޔާ އެއްޗެއް ރަނގަޅަށް އެނގޭތޯ އޭނާއާ ދިމާއަށް އަންވަރު ގުދުވެލިއެވެ. އެއާއެކު ކުއްލިއަކަށް އޭނާ އަންވަރުގެ ކަރުގައި ހިފައިފިއެވެ.
(ނުނިމޭ)
v.kiyaalan beynun
ވ ޝައުގުވެރި