ފަލްސަފާ - 8

(20 އޯގަސްޓް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ނޫރު އެދައްކަނީ ކޮންވާހަކައެއްތޯ ޠާހިރާ ސުއާލު ކުރިއެވެ. ނޫރުހުރީ ޠާހިރާއަށް ފުރަގަސްދީގެންނެވެ. ގޮތްދޫނުކުރުމާއި ހިތްހަމަޖެހުމުގެ އިންތިހާގައެވެ. ޠާހިރާއާ ދިމާއަށް ބަލައިލާ އޭނާއާ ކުރިމަތިލާކަށް ނޫރު ބޭނުމެއްނޫނެވެ.

ޠާހިރާގެ އެސުއާލަށް ޖަވާބުދިނީ ، ގޭތެރެޔަށް ވަދެގެން އައިސް ދުރުގައި ހުއްޓިލައިގެންހުރި މުރުތަޟާއެވެ.

" ނޫރުލްޢައިނެވެ ! މިގެޔަށް އައީތީ އަހަރެންގެ ވާހަކަ އަޑުއަހާލައިފާ ދާށެވެ ! އިންސާނާ ދުނިޔެއަށް އަންނަނީ ހަމައެކަނި އޭނާގެ އަމިއްލަ މުހުތާދުތައް ފުއްދާކަށްނޫނެވެ. އެހެންމީހުންވެސް އެއިންސާނާއާއެކު ދުނިޔެއަށް ފޮނުއްވައެވެ. އެއީ އެކަކު އަނެކަކަށް އިޙްތިރާމްކޮށް ، އެކުގައި އުޅެ އެކަކު އަނެކަކަށް އެހީތެރިވުމަށްޓަކައެވެ. އަހަރެން މިހުރީ އަހަރެން ލޯބިވި އިންސާނާއަށްޓަކައި ޖާނުދޭން ތައްޔާރަށެވެ. އެހެންނަމަވެސް ، ނޫރުގެ ވިސްނުން ތިހުރީ އެމަތިވެރި ގުޅުމާ ދުރަށްދާށެވެ. ނޫރު ތިހުރީ އަމިއްލަ ނަފްސުގެ އަޅަކަށް ވެފައެވެ. ނޫރުއަށް މުހިންމީ ހަމައެކަނި ނޫރުގެ ވިސްނުމާއި ގޮތެވެ. އެހެން މީހުން ބޭނުންވާ ގޮތަކާއި ހަމަތައް އެއީ ނޫރުއަށް އެއްވެސް އެއްޗެއްނޫނެވެ. " މުރުތަޟާ އޭނާގެއިޙްސާސްތައް ފާޅުކުރަމުން ގެންދިޔައެވެ.

" ނޫރުލްޢައިނުއެވެ ! ނޫރުލްޢައިނުގެ ދުނިޔެއަށް މަރުޙަބާއެވެ ! އަހަރެން ހުންނާނީ އަހަރެންގެ މަންމައާއި ޢާއިލާއާ އެކުގައެވެ. މިއަދަށްފަހު ، އަހަރެންގެ ދިރިއުޅުން އަހަރެންގެ މަންމައާ ޙަވާލެވެ. އަހަރެން ހަދާނީ މަންމަ ބުނާ ގޮތެކެވެ. " މުރުތަޟާގެ ނިންމުން ހާމަ ކުރިއެވެ.

ނޫރު ، ލޯއަޅައިގެން އެތައްއިރަކު މުރުތަޟާއާ ދިމާއަށް ބަލަހައްޓައިގެން ހުށްޓެވެ. ނޫރުގެ އެ ލޮލަކީ ، ލޯބީގެ މަތިވެރި އިޙްސާސްތަކުން މުރުތަޟާގެ ލޮލާ ސީދާކޮށް ، ހިތުގެ އެންމެ ހިމަނާރާ ހަމަޔަށް އެލޯބި ގެންގޮސްދިން ވަޞީލަތެވެ. ޒުވާންކަމުގެ ހޫނުލެއިން އުފެއްދި ، އެދެލޮލުގެ އިޙްސާސްތަކުން އެމީހުންވަނީ އެތައް އުފަލެއް ޙިއްޞާ ކޮށްފައެވެ. ރެޔާއި ދުވާލު ، ވަކި ގަޑިއެއްނެތި އެދެލޯ ސީދާވެ ދުރުންނާއި ކައިރިން ލޯބީގެ އިޙްސާސްތައްވަނީ ބަދަލުކޮށްފައެވެ. ހަމަހިމޭން ދަންވަރުތަކުން އުފައްދާ ލޯބީގެ މާޙައުލުން އެތައް އަރާމެއް ލިބިގެންފައެވެ. މިއަދު ، ނޫރު އެހުރީ ، ހަމަ އެދެލޮލުން ކަޅިއަޅައި ، ނުރުހުމުގެ އިޙްސާސްތަކުން މުރުތަޟާގެ ލޮލަށް ބަލަހައްޓައިގެންނެވެ. އެ ދެލޮލުން އެ ދެނީ ރުޅިވެރިކަމާއި ހިތްދަތިކަމުގެ ތަކުލީފުން މަސްހުނިވެފައިވާ މެސެޖެކެވެ. ނޫރުގެ ރުޅިއާއެކު އޭނާގެ ހިތުގެ އެންމެ އަޑީގައި ފޮރުވިފައިވާ ހިތާމައާއި ކެކުޅުމުގެ ވޭން ، މުރުތަޟާއަކަށް އިޙްސާސެއް ނުވެއެވެ. އަދި ، އެންމެފަހުން އޭނާ އެގެޔަށް ގެނައި އެއްޗެތި މުރުތަޟާއާ ދިމާއަށް ހޫރާލުމަށްފަހު އެގެއިން ނުކުމެގެން ދިޔައެވެ. ޠާހިރާ ، ނޫރުއަށް ގޮވަމުން ގެންދިޔައެވެ. އެހެންނަމަވެސް ، ޠާހިރާގެ އާދޭހަކަށް ނޫރު އަޅައެއް ނުލައެވެ. މުރުތަޟާ އައިސް ، ނޫރުގެނައި އެއްޗެތިތައް މޭޒުމަތީ ތަރުތީބު ކޮށްލިއެވެ.

މުރުތަޟާގެ ގެއިން ނުކުމެގެން ނޫރުއަށް ގެޔަށް ދެވުނުއިރު ކަމަކުދާކަށް ނެތެވެ. ބައްޕައާއި ބޭބެއާ އަދި ފަހަރިއާ ތިންމީހުން ސިޓިންގރޫމުގައި ދައްކަމުން ގެންދަނީ ނޫރުގެ ގޮތެއް ފޮތެއް ނެތް ވާހަކައެވެ. ވަސީމު ، އޭނާގެ ދަރިފުޅަށް ދެވުނު ތަރުބިއްޔަތާމެދު ސުއާލު އުފައްދަނީއެވެ. އެވަރުން ބަލައި ބޮޑުކުރީމަ ނޫރުގެ ފަރާތުން މިފަދަކަމެއް ކުރިމަތިވެދާނެކަމަށް ވަސީމު ، ހުވަފެނުންވެސް ދެކެފައެއް ނެތެވެ. އެންމެ ކުޑަމިނުން ، ޙަފުޞާގެ އިޙުސާންތެރިކަމަށްވެސް ނޫރު ބަލައެއް ނުލިއެވެ. ވަސީމުގެ ޢާއިލާ ނިކަމެތިވީ ދުވަހު ، އެޢާއިލާއަށް އަޅައިލީ ޙަފުޞާކަމެއް ނޫރުގެ ހަނދާނަކު ނެތެވެ.

ހާރިސަށްވެސް ، ނޫރުއަށް އިތުރަށް ވިސްނައިދޭނެ އެއްޗެއް ނެތް ހިސާބަށް ދިޔައެވެ. ހާރިސް ބުނި އެއްވެސް ވާހަކައެއް ނޫރުއެއް ނުއެހިއެވެ. އެ ގަހަނާތައް ހިފައިގެން ދާންފެށީމާވެސް ނޫރު ހުއްޓުވަން އެތައް ވާހަކައެއް ހާރިސް ދެއްކިއެވެ. ބޭބެއެއްގެ ވާޖިބު އަދާކުރިއެވެ. ނޫރުއަށް ޑިގްރީއެއް ހެދި ، ވަޒީފާއެއް ލިބުނީމަ އެހެންމީހުންނަކީ އެއްވެސް ބަޔަކަށް ނުވީއެވެ.

ނޫރު ، އެކުރިކަމަކާމެދު ވަސީމު އޭނާގެ ދަރިފުޅާ ދިމާއަށް އަޑުލާން ފެށިއެވެ. އެތައް ޒަމާނަކުއްސުރެ އުފެދިފައިއޮތް ގުޅުމެއް ކަނޑައިލީ ކީއްވެގެންތޯ ، ނޫރުއާ ސުއާލު ކުރިއެވެ. އެހައި މުހިންމުކަމެއް ކުޅޭކުޅޭ ކަމަކަށް ހަދައި ، ދެޢާއިލާގެ އެކަކު އަނެކަކު މޫނުފެންނަ ހިސާބަށް ދާން ނުކެރޭވަރު ކޮށްލައިފިއެވެ. އެގޭގެ އެއްވެސްމީހަކީ ނޫރުއަށް ލަފައެއް ދެވޭވަރަށްވުރެ ދަށް ބަޔަކަށް ހަދައިފިއެވެ.

ބައްޕަ އޭނާއާ ދިމާއަށް ގޮވަމުން ގެންދިޔަ އެތިވަރުތަކުގެ އަޑުއަހަން މަޑުނުކޮށް ނޫރު އޭނާގެ ކޮޓަރިޔަށް ވަދެ ދޮރު ލައްޕައިލިއެވެ. ނޫރު އެތާ މަޑުކުރުމަށް ބައްޕަ ގޮވަމުންދިޔަ އަޑު އަހާކަށް ނޫރު ބޭނުމެއްނުވިއެވެ. އެތާ އޭނާ މަޑުކޮށްފިއްޔާ ބައްޕަ ގޮވަމުން އެދާ އެއްޗިއްސަށް ޖަވާބު ދެވިދާނެއެވެ. އޭރަށް އެކަންވެގެންދާނީ ބޮޑު ޒުވާބަކަށެވެ. އެކަމާބެހޭގޮތުން ޖަވާބުދާރީވެ ރައްދު ދީދީ އޭނާ ބަލިވެއްޖެއެވެ. ދެން އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. އެންމެ ރަނގަޅު ގޮތަކަށްވާނީ އެއްވެސް އަޑެއް ނީވޭކަމަށް ހަދައިގެން ހަނު ހުރުމެވެ.

ބައްޕަ ގޮވަމުން ދިޔައިރުވެސް މަޑުނުކޮށް ނޫރު ދިޔުމުން ، ހާރިސް ގާތަށް އައި ރުޅި އަދި ވަކިން ގަދަވިއެވެ. ހަމަ އެއާއެކު ، އެއިން އެއްވެސް މީހެއްގެ ބަސް ނޫރު ނާހާނެކަންވެސް ހާރިސް އަށް އެނގުނެވެ. މިކަހަލަ ވަގުތެއްގައި ނޫރުއާ ވާހަކަ ދައްކައިލެވޭނީ ހަމައެކަނި ތަހުނިޔާއަށެވެ. އެހެންކަމުން ، އެގެޔަށް އައިސް ނޫރުއާ ވާހަކަ ދައްކައިލަ ދިނުމަށް ތަހުނިޔާގާތު ބުނުމަށް ރައިދާގާތު ހާރިސް ބުންޏެވެ.

އަނެއްކޮޅުން ، ޠާހިރާ އޭނާގެ ކޮއްކޮ މުރުތަޟާއަށް ނަޞޭޙަތް ދެމުން ގެންދިޔައެވެ. ނޫރު އެކުރިކަމެއް ސީރިއަސްކޮށް ނުނެގުމަށް އެދުނެވެ. ނޫރު އެކުރިކަމެއް އެކުރީ ނުވިސްނޭތީއެވެ. ރުޅި އިސްކުރެވިގެންނެވެ. ޒުވާން ޢުމުރުގައި ބައެއްފަހަރު އެކަހަލަ ކަންކަންވެސް ވާނެއެވެ. ނޫރުއަށް ވިސްނައިދިނުމަށް ، ޠާހިރާއާއި މަންމަ ، ނޫރުއާ ވާހަކަ ދައްކާނެކަމަށް ބުންޏެވެ.

އެހެންނަމަވެސް ، މުރުތަޟާ އެކަން އެގޮތަށް ކުރާކަށް ބޭނުމެއްނޫނެވެ. އެހެން މީހުންގެ އިޙުސާސާއި އެހެންމީހުން އެދޭގޮތާމެދު ވިސްނައިލާކަށް ނޫރު ބޭނުމެއް ނުވާނެއެވެ. ނޫރުއާ އިތުރަށް އެވާހަކަ ދެއްކުމުގެ ފައިދާއެއް ނެތެވެ.

ނޫރުލްޢައިނަކީ ، ކުޑައިރުއްސުރެ ޠާހިރާ ދަންނަ ކުއްޖެކެވެ. ނޫރުއަކީ ، މީގެކުރިން އެގޮތަށް އުޅުނު ކުއްޖެއްނޫނެވެ. އެންމެންނާވެސް ގުޅޭ އަދި އެންމެންނަށް އިޙްތިރާމްކުރާ ކުއްޖެކެވެ. އެންމެންވެސް ނޫރުދެކެ ލޯބިވާނެއެވެ.

މުރުތަޟާ އަށް ފެނުނުގޮތުގައި ނޫރުއަށް އެހުރީ ނޫރު ފެނިފައެވެ. އިންސާނާއަށް ކާމިޔާބީއެއް ޙާޞިލް ކުރެވޭހިނދު ، އެކަމާ ބޮޑާވެ ފަޚުރުވެރިވުމަކީ އިންސާނީ ޠަބީޢަތެވެ. އެފަދަ މަޤާމަކަށް ވާޞިލުވެވުނީމަ ، ބައެއްމީހުންނަށް ، ނުފެންނަމީހުން އުޅޭނެއެވެ. ގާތްތިމާގެ މީހުންނާ ދުރުވާނެއެވެ. އެފަދަމީހުންގެ ވަށައިގެން ޖެހޭ ވައިގާ ހުންނާނީ އެހެންމީހުންގެ ޖަޒުބާތުގައި ހުންނަ ވަސްފިލާފައެވެ. އެހެންމީހުންނަށް ފެންނަތަނެއް އެފަދަ މީހުންނަކަށް ނުފެންނާނެއެވެ. ތިމާގެ މުށުތެރޭގައި އޮންނަ ޖަވާހިރެއް ބީވެގެންދާއިރުވެސް އެފަދަ މީހުންނަކަށް ނޭނގޭނެއެވެ. ތިމާގެ އަމިއްލަ ގުޅުންތައް ކެނޑިގެންދާއިރުވެސް ހިލަމެއް ނުވާނެއެވެ. ނޫރުއަށް އެހުރީ އެކަހަލަ ގޮތެއް ވެފައެވެ. މުރުތަޟާއަކީ މިހާރު ނޫރުއާ އެކަށީގެންވާ މީހެއްނޫނެވެ. ކިތަންމެ ދުވަހަކު އެކުގައި އުޚެވިފައި އޮތަސް ، ކިތަންމެ ވަރަކަށް މާފޮޅުވައިފާ އޮތަސް ، ނޫރުގެ ހަނދާނުގައި މިހާރު އެއިން އެއްވެސްކަމެއް ނެތެވެ.

ޠާހިރާގާތު މުރުތަޟާ ދައްކަމުންގެންދިޔަ ވާހަކަތައް ހުއްޓައެއް ނުލައެވެ. ދައްތަގާތު ބުނަން ބޭނުންވާ އެތައް ވާހަކައެއް އެބަހުއްޓެވެ. ނޫރުއަށް ފެންނަ ގޮތުގައި މުރުތަޟާގެ ވަޒީފާއަށްވުރެ ، ނޫރުގެ ވަޒީފާ މާ މައްޗެވެ. މުރުތަޟާއަށްވުރެ ނޫރުގެ މުސާރަ ބޮޑެވެ. ނޫރު އެމަސައްކަތްކުރަނީ ، މުރުތަޟާ މަސައްކަތްކުރާ ކުންފުންޏަށްވުރެ ބޮޑު ކުންފުންޏެއްގައެވެ. މުރުތަޟާއަށް ކުރެވެން އޮތްހާވެސް ކަމަކީ ، ނޫރުއާއެކުގައި ތަންތަނަށްގޮސް ކައިބޮއެ މަޖާކޮށް އުޅުމެވެ. މުރުތަޟާއަކަށް ނޫރު ޙާޞިލް ކުރެވޭކަށް ނެތެވެ. މުރުތަޟާ އާއި ނޫރުއަކީ އުޑާއި ބިމާހާ ތަފާތޮބޮޑު ދެމީހެކެވެ. ފެނާއި ތެލުގެ ތަފާތު އެބަހުއްޓެވެ. މުރުތަމާ އެއުޅެނީ ބިންމަތީގައެވެ. ނޫރު އެއުޅެނީ އުޑުގައެވެ.

ނޫރު ބޭނުންވެގެން އުޅޭކަމަށް މުރުތަޟާއަށް ޤަބޫލުކުރެވެނީ ، އެއްވެސް ފިކުރެއް ، ޚިޔާލެއްނެތި ދިރިއުޅޭ މުއްސަނދި މަހުޖަނެކެވެ. ނޫރުގެ ޙަޔާތަށް އަންނަންޖެހޭނީ މުއްސަންޖެކެވެ. ނޫރުއާ އެއްވަރުގެ ނުވަތަ ނޫރުއަށްވުރެ ތަނަވަސް މީހެކެވެ. އެފަދަ ދަރަޖައެއް  ޙާޞިލްކޮށް ، މުރުތަޟާއަކަށް ނޫރުއާ އެއްވަރެއް ނުވެވޭނެއެވެ. މުރުތަޟާގެ ދިރިއުޅުމަށް އައުމަކީ ނޫރުގެ އަމިއްލަ ނަފުސަށް ކުރެވޭ މަލާމާތެކެވެ. ދައްތައާއި މަންމަޔަކީވެސް ، ނޫރު ދެކޭގޮތުގައި ކައިވެންޏަށްފަހު އޭނާގެ ޒިންމާގެ ދަށަށް އަންނަ ތަކުލީފެކެވެ.

މުރުތަޟާގެ ވާހަކަ އެހިސާބަށް ދިޔަތަނާ ޠާހިރާގެ ލޮލުން ކަރުނަ ފައިބައިގަތެވެ. ގިސްލެވިފައިހުރެ އެއްޗެކޭ ބުނުމަށް ޠާހިރާ އަނގަ ހުޅުވައިލިއެވެ.

" އަހަރެމެންނަކީ ތަކުލީފަކަށް ވާކަމަށް ނޫރުއަށް ފެންނަ ކަމަށްވަންޏާ އަދި އަހަރެމެންނާ އެކީ ނޫޅެވޭނެންޏާ ................. " ޠާހިރާއަށް އެހިސާބަށް ބުނެވުނުތަނާ ، ފަހަތުން އެއިވުނީ ޙަފުޞާގެ އަޑެވެ.

" ޚަބަރުދާރެވެ ! ތިކަމާބެހޭގޮތުން ޠާހިރާ އިތުރަށް އެންމެ ބަހެއްވެސް ބުނެގެން ނުވާނެއެވެ. އަހަރެމެންގެ މިޢާއިލާގެ ޙިއްޞާއަކަށްވާން ނޫރުލްޢައިނު ބޭނުން ނުވާކަމަށް ވަންޏާ އެއީ އޭނާގެ ނިންމުމެކެވެ. އެކަމަކު އަހަރެމެންގެ ޢާއިލީ ޙިއްޞާ އަހަރެމެންނާ ވަކިކޮށްފައި އެ އަންހެނާއަކާ ޙަވާލެއް ނުކުރާނަމެވެ. އަހަރެމެންނާއެކީ ނޫޅެވެންޏާ އަހަރެމެންގެ މީހަކު އަހަރެމެންނާ ވަކިވެގެން އެހެން މީހަކާއެކީއެއް ނުދާނެއެވެ. " ޙަފުޞާ ބުންޏެވެ.

" މުރުތަޟާވެސް އަޑު އަހާށެވެ ! އަހަރެންނާ ޠާހިރާއާއެކީ ނޫރުއަށް ނޫޅެވޭނެކަމަށް ވަންޏާ ، މުރުތަޟާ ޖެހޭނީ ނޫރުލްޢައިނު ދޫކޮށްލާށެވެ. އެކަން ކުރެވޭނެ ހެއްޔެވެ ؟ " ޙަފުޞާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

މުރުތަޟާ އޭނާގެ މަންމަ އެނިންމި ނިންމުމަށް ޖަވާބުދޭނީ ، ކިހިނެއްކަން އެނގޭތޯ މުރުތަޟާ ސުއާލު ކުރިއެވެ.

މުރުތަޟާ ދޭނެ ޖަވާބެއް ޙަފުޞާއަކަށް ނޭނގެއެވެ. އެކަމަކު ، ނޫރުއަށް ޤަބޫލު ކުރެވޭގޮތުގައި މުރުތަޟާއަކީ ، ނޫރު ފިޔަވައި އެހެން އަންހެނަކާ ދިމާއަށް ވަށްކަޅިޔަކުންވެސް ބަލައިލާނެ މީހެއްނޫނެވެ. ޙަފުޞާގާތު ނޫރު އެހެންބުނިކަމަށް ޙަފުޞާ ބުންޏެވެ.

ނޫރު އެދެއްކި ވާހަކަޔަށް މުރުތަޟާ ނުހެއްލޭނެކަމަށް މުރުތަޟާ ބުންޏެވެ. އެއީ ކޮންމެ މީހަކަށްވިޔަސް އަންހެނަކަށްޓަކައި އޭނާގެ ޢާއިލާއިން އެކަކާވެސް ވަކިނުވާނެކަމުގައި މުރުތަޟާ ބުނެ މަންމަޔަށް ޖަވާބު ދިނެވެ.

" އޭގެ މާނަޔަކީ ، މިހާރު މުރުތަޟާއަކީ ، އެއްވެސްކަމެއްގައި އެއްވެސް މީހެއްގެ ނުފޫޒުގައި ބަނދެވިފައިވާ މީހެއްނޫނެވެ. މުރުތަޟާއަކީ މިނިވަނެކެވެ. އެގޮތުގައި މުރުތަޟާ ހުންނާށެވެ ! މުރުތަޟާގެ ގޮތް ދޫކޮށްގެން ނުވާނެއެވެ. " ޙަފުޞާ ބުންޏެވެ.

މުރުތަޟާ ދެން ހުންނާނީ އެގޮތުގައެވެ. ނޫރު ޖަހާހާ ބެރަކަށް މުރުތަޟާއެއް ދެނެއް ނުނަށާނެއެވެ. މުރުތަޟާގެ ޙަޔާތުގައި އިސްކަންދޭންވީ ކަންކަން މުރުތަޟާއަށް މިހާރު އެނގެއެވެ. އޭނާގެ ދިރިއުޅުމުގައި އިސްކަން ދޭންވީ ކަންކަމާއި އިސްކަން ދޭންވާ މީހުން އޭނާ އޮޅުވައެއް ނުލާނެއެވެ. އެޔަޤީންކަން އޭނާގެ މަންމަޔަށް ، މުރުތަޟާ ދިނެވެ.

ރައިދާ ، ތަހުނިޔާއަށް ފޯނުކުރުމުގެ ބަދަލުގައި  ވަގުތުން އެގެޔަށް ދިޔައެވެ. ނޫރުއާއި މުރުތަޟާގެ ކައިވެނީގެ ކަންތަކުގައި ،  ދިމާވެގެން އުޅޭ މައްސަލަތަކާ ބެހޭގޮތުން ،  ދެމީހުން ވާހަކަ ދައްކައިލިއެވެ. ވެގެން އުޅޭގޮތް ރައިދާ ކިޔައިދިނެވެ. އެއްވެސް މީހެއްގެ އަޑެއް ނޫރުއެއް ނޭހިއެވެ. ނޫރު ރަނގަޅަށް ކިޔެވިއެވެ. ކިޔަވައިގެން ވަޒީފާއެއް ހޯދިއެވެ. އަދި ، އެ ވަޒީފާގެ ކުރިއެރުންތައްވެސް ލިބިއްޖެއެވެ. އެއަށްފަހު ، ދިރިއުޅުމެއް ފަށަން މުރުތަޟާއާއެކު މުގޯޅިއަޅަން ފެށްޓިއެވެ. ފޮނި އުއްމީދުތަކެއް ކުރިއެވެ. އެހެންނަމަވެސް ، މުރުތަޟާއާއެކު ، ނޫރުއެދޭފަދަ ފާގަތި މުސްތަޤްބަލެއް ފެނިދާނެކަމަކަށް މިހާރު ، ނޫރުއަކަށް ނުފެނެއެވެ. އެއީ ކީއްވެގެންތޯ ރައިދާ ، ތަހުނިޔާއާ ސުއާލު ކުރިއެވެ.

ކައިވެންޏާ ބެހޭގޮތުން ތަހުނިޔާއާ ނޫރުއާ ދެމީހުން އޮތީ މަޝްވަރާކޮށް ވާހަކަ ދައްކާފައެވެ. ކައިވެންޏަކާ ހަމަޔަށްދާއިރު ، އަންހެންކުއްޖާއަކީވެސް ، އޭނާ ބޭނުންވާ ހިސާބަކަށް ދެވިފައިހުރި މީހަކަށްވާން ޖެހެއެވެ. ގޭގައި އުޅޭ އެންމެންނަށް ޚިދުމަތްކުރަން ގޭގައި އިންނަ ކުއްޖަކަށް އަންހެންކުއްޖާ ވެއްޖެނަމަ ، ޒަމާން އެކުދިންނަށް ދައްކައިދީ ހުޚުވައިދެމުންގެންދާ މިނިވަންކަމާއި ފުރުޞަތުތައް ގެއްލޭނެއެވެ. ކައިވެންޏަށްފަހު ، ޢާންމު ގޮތެއްގައި އަންހެންކުއްޖާގެ ތަޞައްވުރު ގެވެހި އަނތްބަކަށް ބަދަލު ވެއެވެ. އެކުދިންގައި ހުންނަ ހުނަރާއި ޢިލްމީ ޤަބިލްކަމުން މުޖުތަމަޢަށް ލިބެންޖެހޭ ފައިދާ ގެއްލި ދެއެވެ. މުރުތަޟާދެކެ ނޫރު ވަރަށް ލޯބި ވެއެވެ. ކައިވެނި ކުރާނީވެސް މުރުތަޟާއާއެވެ. އެދެމީހުންވެސް އެކަކު އަނެކަކު ދެކެ ލޯބިވެއެވެ. އެކަކުވެސް އަނެކާއާ ވަކިވާކަށް ބޭނުމެއް ނުވާނެއެވެ. އެކަމަކު ، ނޫރު އަދި ކައިވެންޏަކަށް ތައްޔާރެއްނޫނެވެ. ނޫރު އުއްމީދުކުރާ ކަންތައްތަކެއް އެބަހުއްޓެވެ. ކައިވެންޏެއްގެ ކުރިން އެކަންކަން ފުރިހަމަކުރަން ނޫރު ބޭނުންވެއެވެ. ތަހުނިޔާއާއި ނޫރުއާ ދެމެދު ދެކެވިފައިވާ ވާހަކަތަކުގެ ޚުލާޞާއެއް ތަހުނިޔާ ، ރައިދާއަށް ކިޔައިދިނެވެ.

މުރުތަޟާ ވަރުގެ ރަނގަޅު ފިރިހެނަކު ނޫރުއަކަށް ނުލިބޭނެއެވެ. މުރުތަޟާއާ ކައިވެނި ނުކޮށްފިނަމަ ، އެއީ ނޫރުއަށް ލިބޭ ކެއްސެކެވެ. އެކަމާ ނޫރު ފަހުން ދެރަވާނެއެވެ. އެހެންކަމުން ނޫރުއާ ، ތަހުނިޔާ އެވާހަކަ ދައްކައި ނޫރުއަށް ވިސްނައިދިނުމަށް ރައިދާ އެދުނެވެ.

ތަހުނިޔާ އިނީ ހަދާނެގޮތް ބޮޑުވެފައެވެ. މުރުތަޟާއާ މެދު ނޫރުގެ ހިތުގައި އޮންނަ ޖަޒުބާތާއި ލޯތްބަކީ ތަހުނިޔާއަށް ސާފުކޮށް އެނގޭ ޙަޤީޤަތެކެވެ. މުރުތަޟާއަށް ނޫރުކުރާ އިތުބާރާއި ވާ ފިދާއަކީ ތަހުނިޔާއަށް ސިއްރެއްނޫނެވެ. މުރުތަޟާއާއި ނޫރުއާ ދެމެދު ދެކެވޭ ހުރިހާ ވާހަކަތަކެއް ، ތަހުނިޔާއާ ޙިއްޞާ ކުރުމަކީ ނޫރުގެ އާދައެކެވެ. މުރުތަޟާއާއެކުގައި ހޭދަކޮށްލެވޭ އުފާވެރި ވަގުތުތަކުން  ނޫރުއަށްލިބޭ ހިތްހަމަޖެހުން އެއީ ތަހުނިޔާއަށް ވަންހަނާވެފައި އޮތްކަމެއްނޫނެވެ. އެދެމީހުންނަކީ ، އެއްވެސް ޙާލެއްގައި އަދި އެއްވެސް ކަމެއް ދިމާވެގެން ވަކިވެގެންދާނެ ދެލޯބިވެރިންނެއްނޫނެވެ. އެއަށްވުރެ ، އެދެމީހުންގެ ގުޅުން މާބޮޑެވެ. އެކަން އެންމެ ރަނގަޅަށް އެނގޭނީ ތަހުނިޔާއަށެވެ. ނޫރުއާ އެވާހަކަ ދައްކައި ނޫރުގެ ވިސްނުން ބަދަލު ކުރެވޭތޯ މަސައްކަތްކުރާނެކަމަށް ތަހުނިޔާ ވަޢުދުވިއެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.