ހިތުގެ ވިންދު - 15

(13 ޖުލައި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޝީތަލްހުރީ  ރުޅިއައިސް ރަތްވެފައެވެ. މޫނުމަތީ މަދިރިއެއް އިށީނީހެއްޔޭ ބުނެ ރުޅިވެރިކަމާއި ހަރުކަށިކަމާއެކު ، ބޮބީގެ މޫނު އެއްފަރާތުން އަނެއްފަރާތަށް ، ޝީތަލްގެ ދެއަތުން  ، އަތުގައިހުރިބާރެއްލާފައި އަނބުރައިލިއެވެ.

އަހަރެމެންގެ މިއޮފީސްތެރޭ މަދިރިއުޅެނީ ހެއްޔޭ ބުނެ ނިކީ ކޮޓަރިތެރެޔަށް ވަނެވެ. ބޮބީއަށް ގޮވާލައި ކިހިނެއްވީހޭ އަހައި މަންމަވެސް ބޮބީގެ މޫނު ދެފަރާތަށް އަނބުރައިލިއެވެ.

އޭނާ އެކަނި ހުންނަން ދޫކޮށްލާށޭ ، އެއީ މަންމަމެންނާ ބެހޭކަމެއްނޫނޭ ބުނެ ، ޝީތަލްއާ ދިމާއަށް އިނގިލި މަޅަމުން ބޮބީ އެކޮޓަރިން ނުކުމެގެން ދިޔައެވެ.

ޝީތަލް ގޮނޑީގައި އިށީނދެ ، އެމީހުން އިށީނުމަށް ބުންޏެވެ. ދެމައިން އިށީނުމުން އެމީހުން އެއައީ ކޮންބޭނުމަކުތޯ ޝީތަލް އެހިއެވެ.

ވާހަކަ ފެއްޓީ ނިކީއެވެ. ދިހަލައްކަ ރުފިޔާ ޖަހާލާފައި ޗެކެއް ދީބަލާށޭ ، ވަރަށް ހަމަޖެހިލައިގެން އިނދެ ، ނިކީ ބުންޏެވެ. ޝީތަލް ކުޑަކޮށް ވިސްނައިލިއެވެ. އަދި ، ބޮބީއާއި ނިކީއައިސް ، ފަނަރަ ލައްކަ ރުފިޔާގެ ޗެކެއް ގެންދިޔައީ މިދިޔަ ހަފުތާގައިކަން ނިކީއަށް ހަނދާންކޮށްދިނެވެ. ނިކީއާއި ބޮބީ އެފައިސާ ނެގިކަމެއް މަންމައަކަށް ނޭނގެއެވެ. ޝީތަލް އެވާހަކަ ބުނުމުން ، މަންމަ ޙައިރާންވެގެންގޮސް ، ހިތްހަމަ ނުޖެހި އިނދެ ، ނިކީއާ ދިމާއަށް ހަޅޭއްލަވައިގަނެ ، އޭނާއާ ދިމާއަށް ބަލައިލިއެވެ. ބޮބީއާއި ނިކީ އެފައިސާނެގީ މަންމަޔަށް ވަގަށެވެ.

ކޮންމެކަމެއް އެމީހުންކުރަންޖެހެނީ މަންމަކުރެން އަހާފައިތޯ ޝީތަލް އޭނާގެ މަންމަކުރެން އެހިއެވެ. އަދި މަންމަ މުސްކުޅިވަނީކަމަށް ބުނެ ، އޭނާގެ ސިކުނޑިއާ ނުކުޅުމަށް ޝީތަލް އެދުނެވެ. ޝީތަލްގާތު ޗެކްތައްޔާރުކޮށްދޭށޭ ބުނެ ، ބޮބީ ހޯދަމުން ނިކީ ނުކުތީ ބޭރަށެވެ.

ނިކަން ވިސްނައިލަބަލާށެވެ ! ޝީތަލްމެން ހުޅަނގު ދުނިޔޭގައި ، ލަންޑަނުގައި އުޅެބޮޑުވިއިރުވެސް ، މައިންބަފައިންނާ ދިމާއަށް ހަރުއަޑުން އެއްޗެއް ނުބުނެއެވެ. އިންޑިއާގައި މިއުޅޭ ކުދިންނަށް ، އެވަރުގެ ޤަދަރެއްވެސް މައިންބަފައިންނަށް ދޭކަށް ނޭނގެއޭ ޝީތަލް ބުންޏެވެ.

ހުރިހާކުދިން އެއްގޮތެއް ނުވާނެއެވެ. އަހަރެންގެ އެހެން ފިރިހެންދަރިޔަކުވެސް ހުންނާނެއެވެ. އަޑުހަރުކޮށް ކީއްކުރަން ހެއްޔެވެ ؟ މޫނާއިމޫނު ސީދާކޮށްލައިގެންވެސް އޭނާ މަންމަޔާ ވާހަކައެއް ނުދައްކާނެއެވެ. އަހަރެންނަށް އެހާއިތުބާރު ކުރާނެއެވެ. ރާމްގެ ދޮންމަންމަ ބުންޏެވެ. އޭނާއަށް ހެދީކިހިނެއް ހެއްޔެވެ. އެމީހުންނާއެކު އޭނާނެތީ ކީއްވެގެންތޯ ޝީތަލް ސުއާލު ކުރިއެވެ.

އެއީ ، އޭނާގެ ދޮންދަރިއެއްކަމުގައި ރާމްގެ ދޮންމަންމަ ބުންޏެވެ. އޭނާ އެދައްކަނީ ކޮންޒަމާނެއްގެ ވާހަކައެއްތޯ ޝީތަލް ސުއާލުކުރިއެވެ. އަމިއްލަ ދަރިން މައިންބަފައިންނަށް ބޭނުންގޮތެއް ހަދާއިރު ، ދޮންދަރިން މައިންބަފައިން ބަލާނެއެވެ. މައްސަލަޔަކީ ، ދަރިން ގެންގުޅެ ބޮޑުކުރުމުގައި މައިންބަފައިންނަށް ދަސްކޮށްދެވޭ އާދަކާދައެވެ. ރަނގަޅަށް ތަރުބިއްޔަތު ކުރެވިއްޖެނަމަ ، ޚަޞީލަތް ރަނގަޅުވާނެއެވެ. އެކުދިންގެ އޯގާތެރިކަން ލިބޭނެއެވެ. ގޯސްކޮށް ތަރުބިއްޔަތު ދެވިއްޖެނަމަ ، އަޚުލާޤު ދަށްވާނެއެވެ. މައިންބަފައިންނާ އަޅައެއް ނުލާނެއެވެ. ކުދިން ރަނގަޅުކުރުމާއި ގޯސްކުރުމުގައި މައިންބަފައިންގެ ދައުރު ވަރަށް މުހިންމު ވާނެއެވެ. އެއީ މައިންބަފައިންގެ ޒިންމާއެކެވެ. ޝީތަލް ބުންޏެވެ.

ޝީތަލް އެކިޔައިދިން ވާހަކަތަކުން ، ދޮންމަންމަގެ ހިތަށް އަސސަރުކުރިއެވެ. ކަޅިޖަހައިނުލާ ޝީތަލްއާ ދިމާއަށް ބަލަހައްޓައިގެން ، ވިސްނުމެއްގެ ތެރެޔަށް ގެއްލިފައި އިނެވެ.

އަންޖަލީ ދެކެލުމަށްޓަކައި އަންޖަލީގެ ގެޔަށް ، އޭނާގެ ބައްޕަ ރޯހަން އައެވެ. އަންޖަލީއަށް ގޮވަމުން ރޯހަން ގޭތެރެޔަށް ވަދެގެން އައެވެ. ރޯހަންއަށް މެދުގޭތެރެޔަށް އާދެވުނުތަނާ ، މަތީބުރިން ދޭވް ފައިބައިގެން އަންނަތަން ފެނުނެވެ. ލިބުނު ޙައިރާންކަމާއެކު ރޯހަން ހުއްޓުނެވެ.

ދޭވް ، ރޯހަންގެ ގައިގާ ޖެހޭނުޖެހޭ ހިސާބުން ، އޭނާއާ ދިމާއަށް ބަލަމުން ބޮޑާކަންމަތީ ހިނގާލާފައި ގޮސް ސޯފާގައި ޖައްސާލައި ، ކުރިމަތީހުރި ކޮފީޓޭބަލްމައްޗަށް ދެފައި ނެގިއެވެ. އެއްފައިމައްޗަށް އަނެއްފައި ނަގައި ގޮނޑިޔަށް ފެތިލިއެވެ. އަނގަޔަކުން ނުބުނެއެވެ.

އެގޭގައި ދޭވް އެކުރަނީ ކީއްތޯ ، ރޯހަން ސުއާލުކުރިއެވެ. ދޭވް އެއިނީ އޭނާ އަންނަންޖެހޭ ތަނަށް ، އަންނަންޖެހޭ ހިސާބަށް އައިސްކަމުގައި ދޭވް ބުންޏެވެ. މިއީ ، ދޭވްއަށް ޙައްޤު ޖަގަހައެއް ނޫނެވެ. އޭނާގެ ދަރިފުޅާއި އެދަރިފުޅުގެ ފިރިމީހާގެ ޙައްޤެކެވެ. އެމީހުން ކޮބައި ހެއްޔެވެ ؟ ރޯހަން ބުންޏެވެ.

ދޭވް އެތަނަށް އައިސް އެއިނީ ، ދުނިޔެއަށް ގިނަކޮށް އެމީހުން މަގުމައްޗަށް  ދޫކޮށްލާފައި ކަމުގައި ދޭވް ބުންޏެވެ. އަދި ، އެހެން ހަދަންޖެހުނީ ރޯހަންގެ ސަބަބުންކަމުގައި ، ރޯހަންއާ ދިމާއަށް އިނގިލި ދިއްކޮށްގެންހުރެ ، ދޭވް ބުންޏެވެ. އެމީހުންނަށް ދޭވް ކުރީ ކޮންކަމެއްތޯ ރޯހަން އެހިއެވެ.

" އަހަރެން ގަދަކަމުން ، އެމީހުންނަކަށް އެއްވެސް ކަމެއް ނުކުރަމެވެ. އެކަމަކު ، އަހަރެންގެ ބޫޓުން އަރާއޮފުން ރޯހަންގެ މޫނު ބަލައިލާށެވެ ! އަދި ކޮށްފަހުރި ކަމެއްގެމަތިން ހަނދާންކޮށްލާށެވެ ! އަހަރެންގެ ޙަޤީޤީ ލޯބި އަހަރެންގެ އަތުން ދަމައިގަތީ ކިހިނެއްކަން ހަނދާންކޮށްލަބަލާށެވެ ! " ދޭވް ، ރާމްއާ ދިމާއަށް ހަޅޭއްލަވައިގަތެވެ. އެއީ ، އަހަރެންގެ ފައިގާ ރީތި ބޫޓެއް ނެތީމައެވެ. އޭގެ ބަދަލުގައި ބާވެ ލޯވަޅު އެޅި ހަލާކުވެފައިވާ ފައިވާންގަނޑެއް އޮތީމައެވެ. އަހަރެންގެ ގައިގާ ރީތި ހެދުމެއް ނެތީމާ ހެއްޔެވެ ؟ " އަހަރެންގެ ޖީބުގައި ފައިސާ ނެތީމާ ހެއްޔެވެ ؟ އަހަރެންގެ ފައިވާނުން ކަންކަށިމަތީ ނުޖަހަނިސް މިތަނުން ނުކުމެގެން ދާށެވެ ! " ދޭވް ، އަންޖަލީގެ ބައްޕައާ ދިމާއަށް ހަޅޭއްލަވަމުން ގެންދިޔައެވެ.

ރޯހަން އެގެއިން ނުކުމެގެން ދަމުން ދޮރާ އަރާ ހަމަވެފައި ހުއްޓިލައި ފަސްއެނބުރި ބަލައިލުމަށްފަހު ، ދޭވް އާ ދިމާއަށް ބުންޏެވެ.

" އަހަރެން ، އަންޖަލީގެ ކައިވެންޏާ ބެހޭގޮތުން އެދުވަހު އެނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއްކަން މިއަދު އަހަރެންނަށް ޔަޤީން ވެއްޖެއެވެ. އަހަރެންގެ ދަރިފުޅަށްޓަކައި އެހޯދުނު އިންސާނާއަކީ ރަނގަޅަށް އިޚްތިޔާރު ކުރެވުނު މީހެކެވެ. މައިންބަފައިންނަކީ ދަރިންނަށްޓަކައި ކޮންމެކަމެއްވެސް ޤުރުބާން ކުރާނެ ބަޔެކެވެ. އެބަރޯސާކަންމަތީ ތިބެ ، އެކުދިންނަށް އެމީހުން މަގުދައްކައިދޭނެއެވެ. މި ބައްޕައަށް އޭނާގެ ދަރިފުޅަށް ދައްކައިދެވުނީ ރަނގަޅު މަގެކެވެ. އެމަގުގެ އެއްކަނެއްގައިވެސް ދޭވް އެއް ނެތެވެ. ނުވެސް ހުރެވޭނެއެވެ. އަދި އިތުރަށް އެއްވާހަކައެއް ބުނެލާނަމެވެ. ކުރިންވެސް އަދި ، މިއަދުވެސް ތިއީ ލަދުޙަޔާތްކުޑަ އިންސާނެކެވެ. އަހަރެންގެ ދަރިފުޅު  އެއީ ދުވަހަކުވެސް ދޭވްގެ ޙައްޤަކަށް ނުވާނެއެވެ. ދޭވްއަށް ދުވަހަކުވެސް އޭނާއެއް ނުލިބޭނެއެވެ.

" ބަފައިކަލޭގެއާއެވެ ! ބޭނުންކަމެއް ކުރާށެވެ. އެއްދުވަހަކުން ތިއީ ، އަހަރެންގެ ބަފައިކަލޭގެޔަށް ހަދާނަމެވެ. " ރޯހަން އެގެއިން ނުކުތުމާއެކު ދޭވް އޭނާގެ އަމިއްލަ ނަފުސަށް ބުންޏެވެ.

އެކިގޮތްގޮތުން އެކިމީހުންނާ ގުޅައިގެން ، އަންޖަލީމެންގެ ގެ ހޯދައިގެން އެގެޔަށް ރޯހަން ދިޔައެވެ. ބައްޕައާ ދިމާވުމުން ، ކަންހިނގައިދިޔަގޮތް ތަފްސީލުކޮށް ، އަންޖަލީ ކިޔައިދިނެވެ. އަންޖަލީގެ ޙަޔާތުގައި އެ ހިނގައިދިޔައީ އާދައިގެ ކަންކަމެއްނޫނެވެ. އެހުރިހާ ކަމެއް ހިނގައިދިޔައިރުވެސް ، އަންޖަލީ އެއިން ކަމެއްގެ ވާހަކަ ބައްޕަ ގާތަކު ނުބުނެއެވެ. އެކަމާ ރޯހަން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުނެވެ. އަންޖަލީ ، އެވާހަކަތައް ބައްޕަގާތު ނުބުނީ ބައްޕަ ކަންބޮޑުވެދާނެތީއެވެ. ރޯހަންގެ ހަމައެކަނިހުރި ދަރިޔަކީ އަންޖަލީއެވެ. އޭނާގެ އަތުގައި ހުރިއްޔާ ހުރިއެއްޗެއް އެއީ އަންޖަލީއާއި ރާމްގެ ތަކެއްޗެވެ. ރޯހަން އެހުރީ ރާމްއަށް އަލުން ކުރިޔަށް ދެވޭނެ ހުރިހާމަގެއް ކޮށައިދޭށެވެ. އެހެންނަމަވެސް އަންޖަލީ އެކަމަކަށް އެއްބަހެއް ނުވިއެވެ. ރާމްގާތު އެވާހަކަ އެއްވެސް ވަރަކަށް ނުދެއްކުމަށް ، ބައްޕަގާތުން އަންޖަލީ އެދުނެވެ. އޭރަށް ރާމްގެ ހިތަށް ވަރަށް އުނދަގޫވާނެއެވެ. އޭނާއަށްޓަކައި އެވާހަކަ ރާމްގާތު ނުބުނުމަށް ބައްޕަލައްވާ ވަޢުދު ކުރުވިއެވެ.

ރާމްއަށް ދޭވްއާ ބެހޭގޮތުން އެއްވެސް ކަމެއް އެނގޭތޯ ރޯހަން ސުއާލު ކުރިއެވެ. އެކަމާބެހޭ އެއްވެސް ވާހަކައެއް ރާމްގާތަކު އަންޖަލީއެއް ނުބުނެއެވެ. ބުނާކަށް ބޭނުމެއްވެސް ނޫނެވެ. އެއީވެސް އެކަމުން ، ރާމްގެ އޯގާތެރި ހިތަށް ތަކުލީފެއް ލިބިދާނެތީއެވެ. ރާމް ގެޔަށް ނާންނަނިސް ބައްޕަ އަނބުރާ ދިއުމަށް އަންޖަލީ އެދުނެވެ.  އެގެއިން ބައްޕައާ ރާމްއާ ދިމާވާކަށް އަންޖަލީ ބޭނުމެއްނޫނެވެ. އެމީހުން އެޙާލުގައިވާތަން ބައްޕައަށް ފެނުމަކީ ރާމް އެދޭނެކަމެއްނޫނެވެ.

އަންޖަލީ ބޭނުންވަނީ އެގޮތްކަމަށް ވަންޏާ ، ރޯހަންވެސް އަންޖަލީމެންގެ ދިރިއުޅުމުގެ ތެރެޔަށް ވަންނާކަށް ބޭނުމެއްނޫނެވެ. އެކަމަކު އެއްކަމެއް ، އަބަދުވެސް ހަނދާން ކުރުމަށް ރޯހަން އޭނާގެ ދަރިފުޅު އަންޖަލީގެ ކިބައިން އެދުނެވެ. އެބައްޕަގެ ހެޔޮދުޢާ އަބަދުވެސްވަނީ އަންޖަލީއާއި ރާމަށް ޚާއްޞަކުރެވިގެންނެވެ. ދަރިންގެ މައްޗަށް މައިންބަފައިންކުރާ ދުޢާއަކީ އިޖާބަނުކުރައްވާ ގެއްލިދާނެ އެއްޗެއްނޫނެވެ. މިއީ އަންޖަލީމެންނަށް ދަތި ވަގުތެކެވެ. އިސާހިތަކު ރަނގަޅުގޮތް މިންވަރުކުރައްވާނެއެވެ. ކެތްތެރިވާށެވެ.

ރޯހަން ދަރިފުޅާ ސަލާމްކޮށް ހެޔޮދުޢާ ކުރުމަށްފަހު އެގެއިން ނުކުމެގެންދިޔައެވެ. އަންޖަލީވެސް ދޮރުމައްޗަށް ނުކުތެވެ. ގެއިން ބޭރުގައި މަޑުކޮށްލައިގެންހުރި ރާމް ، އެތާ ހުރިކަން ރޯހަން އަށްވެސް އަދި އަންޖަލީއަކަށްވެސް ނޭނގެއެވެ. ރާމްހުރީ އެދެބަފައިން ދެއްކި ވާހަކަތަކުގެ އަޑުއަހަން ، ގެޔަށް ނުވަދެ ބޭރުގައި މަޑުކޮށްލައިގެންނެވެ.

ރާމް ، އިރުކޮޅަކު މަޑުކޮށްލައި މާނޭވާއެއްލައި ހަމަޖެހިލުމަށްފަހު ، ގޭތެރެޔަށް ވަނެވެ. ދޮރުލައްޕާލި އަޑަށް އަންޖަލީ ފަހަތް ބަލައިލިއިރު އޭނާއަށް ފެނުނީ ރާމް އެވެ. ރާމް އައީ ކޮންއިރަކުތޯ އަންޖަލީ ސުއާލު ކުރިއެވެ. އޭނާހުރީ ބައްޕަ ދިޔަފަހުން ރާމް އަށް ގެޔަށް އައިސް ވަދެވުނީތީ ހިތްހަމަޖެހިފައެވެ. ބައްޕައާއި ރާމްއާ ދިމާވިނަމަ ، އެމީހުންގެ ދިރިއުޅުމުގެ ޙާލަތު ބައްޕަޔަށް ފެނުމުން ، އެކަމުގެ އަސަރާއި ލަދުވެތިކަމުން އެންމެ ބޮޑު ތަކުލީފެއް ލިބޭނީ ރާމް އަށެވެ.

ރާމް އައީ ކޮންއިރަކުތޯ ދެވަނަފަހަރަށްވެސް އަންޖަލީ އެހިއެވެ. އެހެންނަމަވެސް ، އަންޖަލީގެ އެސުއާލަކަށް ރާމް ޖަވާބެއް ނުދެއެވެ. އޭނާހުރީ ހަމަހިމޭނުންނެވެ. ހަދާނެގޮތަކާމެދު ، އަންޖަލީ ރަނގަޅަށް ވިސްނައިލިއެވެ.  ހިނިތުންވެލައި ، ރާމްގެ މޫނުގައި ފިރުމާލުމަށްފަހު ، ރާމްހުންނާނީ ވަރުބަލިވެފައިކަމަށާއި ތައްޔާރުވެލައިގެން އަންނަންވީ ނޫންހޭ ބުންޏެވެ. ރާމް އަންނަންވާއިރަށް ، އޭނާ ކާން ހަދާނެއެވެ. އަންޖަލީ ބަދިގެޔާ ދިމާއަށް ހިނގައިގަތެވެ.

ރާމް ، އަންޖަލީއަށް ގޮވައިލިއެވެ. އަދި ، އިހަށް މަޑުކޮށްލުމަށް އެދުނެވެ. އެމީހުންގެ ގޮތްނޭނގޭ ދިރިއުޅުމުގެ މުހިންމު ސިއްރެއް އަންޖަލީ ފޮރުވާފައި ބާއްވާފައި އޮތްކަމަށް ބުންޏެވެ. އަންޖަލީ ކަންބޮޑުވިއެވެ. ދެލޯމަރައިލުމަށްފަހު މާނޭވާއެއް ލިއެވެ. އަންޖަލީ އެހެންހެދީ ކީއްވެތޯ ރާމް ، އަންޖަލީއާ ސުއާލު ކުރިއެވެ. އަންޖަލީ ހާސްވެފައިހުރެ ، ރާމް އާ ދިމާއަށް އެނބުރިލިއެވެ.

ރާމްއާއި އަންޖަލީގެ ކައިވެނިކުރެވުނީ ގަދަކަމުންތޯ ރާމް ސުއާލު ކުރިއެވެ. އަންޖަލީގެ ކައިވެނި ކުރެވުނީ އަންޖަލީގެ އެއްބަސްވުމެއްނެތި ހިތާ ދެކޮޅަށްތޯ ސުއާލުކުރިއެވެ. އަންޖަލީގެ ލޮލުން ކަރުނަ ފާއްދާލިއެވެ.  ރާމް ، އަންޖަލީއާ ދުރަށް ޖެހިލިއެވެ.

ރާމްގެ މޮޔަކަމުން އޭނާހީކުރީ ، ކައިވެނީގެ ކުރީކޮޅު ، މަންމަޔާއި ބައްޕައާ މާދުރުގައި ، އެހެން ސަހަރެއްގައި ، ރާމްއާއެކު ހުންނަން ޖެހުނީމަ އަންޖަލީ ކަންބޮޑުވެފައި ހުންނަނީ ކަމުގައެވެ. އަންހެންކުއްޖަކަށް ކުއްލިގޮތަކަށް ، އަލަށް އުފައްދަންޖެހުނު ގުޅުމެއްގައި ، އާކައިވެނީގެ ގުޅުންތަކާމެދު ހާސްވެ އަންޖަލީ ކަންބޮޑުވީ ކަމުގައެވެ. އެހެންގޮތަކަށް އެކަން އޮވެދާނެކަމަށް އެއްފަހަރުވެސް ރާމްއަށް ވިސްނައިލެވިފައެއް ނުވެއެވެ. އެއްފަހަރުވެސް ، އަންޖަލީ ........ ރާމްގެ ބަސް ހުއްޓުނެވެ. އަންޖަލީ އެހެން މީހަކު ދެކެ ލޯބިވާ ވާހަކަ ، އޭނާގެ ދުލުން ބޭރުކުރާކަށް ރާމް ބޭނުމެއް ނޫނެވެ. އަންޖަލީއާ ދިމާއަށް ރާމްއަށް ބަލައިލެވުނެވެ. އެހެންނަމަވެސް ، އޭނާގެ ޖުމްލަ ފުރިހަމަކުރިއެވެ.

އަންޖަލީ އެހެންމީހަކުދެކެ ލޯބިވެދާނެކަމަށް ، އެއްފަހަރުވެސް ރާމް އަށް ޚިޔާލުކޮށްލެވިފައެއް ނުވެއެވެ. އަންޖަލީ ރޮވިފައިހުރެ ވާހަކަދައްކަން ފެއްޓިއެވެ.

" ނޫނެކެވެ. ރާމްއެވެ ! އަހަރެން ، އެހެންމީހަކު ބޭނުންވާކަމެއް ނުވަތަ ނޫންކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންގެ ކުރީގެ ހަނދާންތަކެއް އޮތްކަމެއް ނުވަތަ ނެތްކަމެއްވެސް އަހަރެންނަކަށް ނޭނގެއެވެ. އަހަރެންނަށް އެނގޭހާވެސް އެއްޗަކީ ، އަހަރެން ލޯބިވަނީ ރާމްދެކެ ކަމެވެ. ހަމައެކަނި ރާމް ދެކެއެވެ. ކުރިން ވެފައިއޮތްކަމެއް އެއީ ، އަހަރެންގެ މާޒީއެވެ. އަހަރެންނަށް އިތުބާރު ކުރާށެވެ ! އެކަން އަހަރެން ރާމްއަށް ސިއްރުކުރީ ބިރުންނެވެ. އެކަން ރާމްއަށް އެނގިއްޖެނަމަ ، ރާމްއަށް ލިބިދާނެ ތަކުލީފަކަށް އަހަރެންނަށް ކެތް ނުކުރެވޭނެތީއެވެ. އެކަން ވަންހަނާކޮށްފައި ބޭއްވުމުގެ މަޤްޞަދަކު ނޫނެވެ. އަހަރެންނަށް އިތުބާރު ކުރާށެވެ ! " އަންޖަލީ ރާމްއާ ގާތަށް ޖެހިލައި ރޮމުންރޮމުން ، ކިޔައިދެމުން ގެންދިޔައެވެ.

އަންޖަލީގެ މޫނުމައްޗަށް އެނބުރުން އެރިއެވެ. ރާމްގެ އަތްދަނޑިމައްޗަށް ދެމުނެވެ. އަންޖަލީ ހޮސްޕިޓަލަށް ގެންދިއުމަށް ރާމް އަވަސްވެގަތެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.