(18 ޖޫން 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެމީހުންނަކީ ، ރާމްގެ އެއްބަނޑު އެއްބަފާމީހުން ނޫނަސް ، ރާމްބަލަނީ އެއީ އެއްބަނޑު އެއްބަފާ މީހުންކަމަށް ނިކީ ބުންޏެވެ. އަދި ރާމް ، އެމީހުންދެކެ ، އެއްބަނޑު އެއްބަފާކުދިންނަށްވުރެވެސް ބޮޑަށް ލޯބިވާނެކަމުގައިވެސް ބުންޏެވެ.
ރާމް ހަމައެކަނި ، އެމީހުންދެކެ ލޯބި ވަނީކީ ނޫނެވެ. ކަމެއްކުރަންވީމަ ، އެމީހުންކުރެން އޭނާއަހާނީކަމަށް ރާމް ބުންޏެވެ. އަދި ، އެމީހުން ބުނާގޮތަކަށް އެކަމެއް ކުރާނީއެވެ. މައިންގެ ޙުކުމަކީ ، އެއަށް ރާމް ، ދެބަސްނުވާނެ އެއްޗެކެވެ. މަންމަ ބުނާގޮތެއް އޭނާ ހަދާނެއެވެ. ޗުއްޕުވެސް ބުނެ ނުލާނެއެވެ. ރާމް އަކީ އެހާ ކިޔަމަންތެރި ދަރިއެކެވެ. ދޮންމަންމަ ކަމަށްވިޔަސް ، ރާމްގެ ޙުކުމަކީ އެއީއެވެ. އެއީ އޭނާގެ މަންމަ އެވެ. ދޮންމަންމައެއް ނޫނެވެ.
އެގެޔަށް ޅީދަރިޔަކު އައުމުން ، އޭގެފަހުން ގޭގެ ކަންކަމަށް އަމުރުކުރާނީ ޅީދަރިކަމަށް ދޮންމަންމަ ބުންޏެވެ. އެހެންނަމަވެސް ، ރާމް އެކަމަކަށް އެއްބަހެއް ނުވިއެވެ. އެގޭގެ އެންމެހައި ކަންކަން ، ކުރިންވެސް ނިންމަމުން އައީ މަންމަ ކަމަށާއި އެކަން އޮންނާނީ އަބަދުވެސް އެގޮތަށްކަމުގައި ރާމް ބުންޏެވެ.
ނިކީ ، ގޭގެ ނޯކަރު މާރިއާއަށް ގޮވާލާފައި ، ފަހަރި ދައްތަޔަށް އޭނާގެ ޖާގައާއި ކޮޓަރި ދައްކައިދިނުމަށް އެދުނެވެ. އަންޖަލީ ގޮވައިގެން ، އަންޖަލީގެ ކޮޓަރި ދައްކަން ދިޔައީ މާރިއާއެވެ.
ކޮޓަރިޔަށް ވަދެ އަންޖަލީހުރީ ކުޑަދޮރު ކައިރީ މަޑުކޮށްލައިގެންނެވެ. ނިދާހެދުން ލައިގެން ރާމް އައިސް އަންޖަލީގާތުގައި މަޑުކޮށްލިއެވެ. ވާރޭ އަންނަންއުޅޭހެން ހީވާކަމަށާއި އަންޖަލީ އެތާ މަޑުކޮށްގެން ހުރިއްޔާ ތެމިދާނެކަމުގައި ރާމް ބުންޏެވެ. ރާމްގެ އަޑަށް އަންޖަލީ ސިއްސައިގެން ދިޔައެވެ. ވާރެ އަޔަސް އަދި ތޫފާނެއް އަޔަސް ، އަންޖަލީ އެއްވެސް އެއްޗަކަށް ބިރުނުގަންނަ ކަމަށް ރާމްގާތުގައި ބުންޏެވެ. އެވަގުތު ، ގަދަޔަށް ވިދާލައި ވިއްސާރައިގެ އަސަރު ކޮށްލިއެވެ. ވިދައިގަތްލެއް ބާރުކަމުން ، ސިއްސައިގެންގޮސް އަންޖަލީގެ ހިތްބިރުގަތެވެ. ރާމްއާ ދިމާއަށް ބަލައިލުމަށްފަހު ، އަންޖަލީ އެތަނުން ދުރަށް ދިޔައެވެ. ރާމްގާތަށް އައީކީ އަމަށަކު ހިތްޏެއްނޫނެވެ.
އަލަތުކައިވެނީގެ ރެޔަށް ތައްޔާރު ކުރެވިފައިވާ އެނދުމަތީ އިށީނދެލައިގެން ، އަންޖަލީ އިނެވެ. މުޅި އެނދު އޮތީ ފިނިފެންމަލުގެ ދާނަކަށް ހަދާފައެވެ. ކޮޓަރި އޮތީ ފިނިފެންމަލުގެ މީރުވަހުން އެއްވަސް ކޮށްލާފައެވެ. ރާމް އައިސް އެނދުމަތީ އިށީނދެ ، އަންޖަލީއާ ދިމާއަށް ބަލައިލިއެވެ. އަދި ބުންޏެވެ. އެއްވެސް އެއްޗެއްދެކެ ބިރުނުގަންނަ ވާހަކަ ، އަންޖަލީ ބުނީމެއްނޫން ހެއްޔެވެ. އަންޖަލީވެސް ވާހަކަ ދައްކަން ފެއްޓިއެވެ. ބައެއް ފަހަރަށް ، ކުއްލިއަކަށް އަންނަ އަޑުއަޑަށް އޭނާ ބިރުގަނެއެވެ. އެހެންވިއްޔާ ދެން ބިރުގަންނަނީ ކޮންކޮން އެއްޗެއް ދެކެކަން ބުނެބަލާށެވެ. އޭނާއަކީ މިޒަމާނުގެ ކުއްޖެއްކަމަށާއި އެއްވެސް އެއްޗެއްދެކެ އޭނާ ބިރުނުގަންނަކަމަށް އަންޖަލީ ބުންޏެވެ.
އެހެންދޯއެވެ ! އަހަރެންނަކީ ބޯދާ މުސްކުޅިޔެކެވެ. އެކަމަކު އެކާވީހާ އޮނަތިރީހުގެ ޢުމުރުގެ ތަފާތުން އެކަން ދައްކަފާނެ ބާވައެވެ ؟ ރާމް އޭނާގެ އަތް މަޑުމަޑުން ގެންގޮސް އަންޖަލީގެ އަތްމަތީ ބާއްވާލިއެވެ.
" އަތް ނަގާށެވެ ! " އޭނާގެ އަތްމަތީ ބޭއްވިފައިވާ ރާމްގެ އަތަށް ބަލަހައްޓައިގެން އިނދެ ، އަންޖަލީ އަމުރު ކުރިއެވެ. އަންޖަލީ އިނީ ، ރާމްގެ އަތް އޭނާގެ އަތުގައި ޖެހުމުން ލިބުނު ކުއްލި އުނދަގުލަށް ރަނގަޅަށް ތައްޔާރު ވެގެންނެވެ. ރާމްގެ ފަރާތުން ކުރިމަތިވެދާނެ ކޮންމެ ކަމަކަށްވެސް އަންޖަލީ ހުރީ ތައްޔާރު ވެގެންނެވެ.
އަތްނަގާށެވެ ! އަނެއްކާވެސް އަންޖަލީ ، ރާމްއަށް އަމުރުކުރިއެވެ. އަދި ، ގުޅުން އުފެއްދުމަށް މަސައްކަތްކުރުމުގެ ބޭނުމެއް ނެތްކަމުގައި ބުނެ ، ކޮޅަށް ތެދުވިއެވެ. ރާމްއަށްވެސް އަންޖަލީގެ ބަސްމަގުން ލިބުނީ ޝޮކެކެވެ. އަންޖަލީއަކީ އެވަރުގެ ހަރުކަށި ކުއްޖަކަށްވާނެކަމަކަށް ރާމް ހިތަކަށް ނާރައެވެ. ފެންނަ ފެނުމަށް އެއީ ވަރަށް ކިޔަމަންތެރި ސާދާ ކުއްޖެކެވެ.
" އެކާވީސް އަހަރުގެ އަންހެންކުއްޖަކު ، އޭނާގެ އަލަތުކައިވެނީގެ ރޭ ތިކަހަލަ ވާހަކަ ދައްކަފާނެ ހެއްޔެވެ ؟ " ރާމް އެހިއެވެ. ރާމް އިނީ ހިނިތުންވެފައެވެ. އަންޖަލީގެ ވާހަކަތަކުން ، ކަންބޮޑުވިޔަސް ، ރާމްގާތަކަށް ރުޅިއެއް ނާދެއެވެ.
އެއީ ހަމައެކަނި ވާހަކައެއް ނޫނެވެ. ބުނެލާ ބަހެއްވެސް ނޫނެވެ. ރަނގަޅަށް އަޑުއަހާށެވެ. އަހަރެންގެ ކުރިމަތީ ގަދަކަމުން އެއްވެސްކަމެއް ނުކުރެވޭނެއެވެ. އަންޖަލީއަށް ލިބުނު އުނދަގުލުގެ އިޙުސާސުގައި އޭނާހުރީ އޭނާގެ ނަފުސު ދިފާޢުކުރުމަށް ތައްޔާރުވެގެންނެވެ. އެހެންކަމުން ، އަންޖަލީއަށް ވާހަކަ ދެއްކެނީވެސް ތަންކޮޅެއް ބާރަށް ރުންކުރުކޮށެވެ.
ރާމްވެސް ކޮޅަށް ތެދުވިއެވެ. އަދި މަޑުމައިތިރިކަމާއެކު ، ހިނިތުންވެހުރެ އަންޖަލީއާ ވާހަކަދައްކަމުން ގެންދިޔައެވެ. އަންޖަލީގެ ނުޤަބޫލުގައި ގަދަކަމުން ، އޭނާ އެއްވެސްކަމެއް ކުރާނެކަމަށް ހިތަށްއެރީ ކީއްވެތޯ ރާމް ސުއާލުކުރިއެވެ. ބުނެބަލާށެވެ ! އަންޖަލީ ރާމްއަށް އެދެނީ އަނިޔާއެކެވެ. ރާމްގެ ކުށަކީ ކޮބައިހެއްޔެވެ ؟ ރާމް އަންޖަލީއާ ގާތަށް ޖެހިލިއެވެ.
" ހަމައެކަނި ކުށަކީ ، އަހަރެން އެހެން މީހަކު ދެކެ.................. " އަންޖަލީއަށް އެހިސާބަށް ބުނެވުނުތަނާ އޭނާގެ ހަވަނަ ޙިއްޞު އެނާ ހޭލައްވައިލިއެވެ. ބުނެވެން އެއުޅެނީ ބުނެގެން ނުވާނެ ވާހަކައެއްކަން ހަނދާން ކޮށްދިނެވެ. އަންޖަލީއަށް ފަހަތަށް އެނބުރި ދުރަށް ޖެހިލެވުނެވެ.
" .............. އަހަރެން މީހަކާ އިންނާކަށް ބޭނުމެއް ނޫނެވެ. " ވަރަށް ވިސްނުންތެރިކަމާއެކު އަންޖަލީ އޭނާގެ ޖުމްލަ ނިންމައިލިއެވެ. ކުރިން ބުނަން އުޅުނު އެއްޗަކާ ގުޅުވާލާފައެވެ.
އެހެންވިއްޔާ އަންޖަލީ އެކުރީ ކޮންކަމެއްތޯ ރާމް ސުއާލުކުރިއެވެ.
ކޮންމެކަމެއްވެސް ކޮށްފާނެއެވެ. އެކަމަކު އޭނާގެ ހުވަފެން ބިލާހަކަށް ވެގެންދާން ދޫކޮށެއް ނުލާނެއެވެ. އަންޖަލީ އަދިވެސް ހުރީ ހިތްހަމަ ނުޖެހިފައެވެ.
އަންޖަލީގެ ހުވަފެން ބިލާހަކަށްވެ ، ފުނޑުފުނޑުވެގެންދާން ، އޭނާވެސް ދޫކޮށްނުލާނެކަމަށް ރާމް ބުންޏެވެ. އަދި އަންޖަލީގާތަށް ޖެހިލައި އޭނާއާ ދިމާއަށް ބަލައިލުމަށް ރާމް އެދުނެވެ. އަންޖަލީވެސް ރާމްއާ ކުރިމަތިލައި އޭނާއާ ދިމާއަށް ބަލައިލިއެވެ.
" ދެމަފިރިންނަށް ނުވާކަމަށް ވަންޏާ އަހަރެމެންނަށް ދެރަޙުމަތްތެރިންނަށް ވެވިދާނެ ނޫންހެއްޔެވެ ؟ ރަޙުމަތްތެރިކަމުގެ ފުރަތަމަ ޝަރުތަކީ ހަމަހަމަ ކަމެވެ. ދެމީހުންގެ ޙައްޤުތައްވެސް ހަމަހަމަކޮށް އޮތުމެވެ. އަންޖަލީ ބޭނުންނުވާ އެއްވެސްކަމެއް އަހަރެންނެއް ނުކުރާނަމެވެ. އަދި އަންޖަލީވެސް ، އެކަމެއްކޮށްގެން އަހަރެން ދެރަވާނެ ކަމެއް ނުކުރާނެއެވެ. މަޑުމަޑުންގޮސް އަންޖަލީއަށް އަހަރެން ދަސްވެދާނެއެވެ. އަހަރެންނަށްވެސް އަންޖަލީ ދަސްވާނެއެވެ. އޭރަށް ، އަންޖަލީ ތިދެކެން ބޭނުންވާ ހުވަފެންތައް ވިއްސިވިހާލިވެގެންނެއް ނުދާނެއެވެ. އަދި އަހަރެންގެ 29 އަހަރުގެ ޢުމުރުފުރާގައި ހުންނަ ޖަޒުބާތުވެސް އެހުރިގޮތަށް ހުންނާނެއެވެ. އެހެންނޫން ހެއްޔެވެ ؟ ދެންއޮތް ސުއާލަކީ މިރެއާއި ދެން އަންނަންހުރި ރޭތަކުގެ ވާހަކައެވެ. އަހަރެން ކޮންމެވެސް އެހެންތާކު އޮވެ ނިދާފާނަމެވެ. އެކަމަކު ، އެހެން ހަދައިފިނަމަ އަހަރެންގެ ގޭގެ މީހުން އެކަމާ ދެރަވާނެއެވެ. އެހެން ނޫން ހެއްޔެވެ ؟ އަންޖަލީ އަހަރެންނަށް އިތުބާރުކުރުން ވަރަށް މުހިންމެވެ. އަހަރެން ނިދާނީ އަންޖަލީއާ އެއް އެނދެއްގައެވެ. އަންޖަލީ ގާތުގައި އޮވެއެވެ. އަންޖަލީވެސް މި އެނދަށް އައިސް ނިދާށެވެ. އެއްވެސް ވަރަކަށް ، ކަންބޮޑުވާނެކަމެއް ނެތެވެ. " ރާމް އޭނާގެ އަނބިމީހާގާތު ބުނަންވީ ހުރިހާ ވާހަކައެއް ބުނެ އެއްފަހަރުން ނިންމައިލިއެވެ. އޭނާގެ އަޑުގައިވަނީ އޯގާތެރިކަމެވެ. މަޑުމައިތިރިކަމާއި ހަމަޖެހުމެވެ. އެއްވެސް ނުތަނަވަސްކަމެއް ނެތެވެ. އަންޖަލީއަށްވެސް އެކަން އިޙްސާސް ވިއެވެ. އެހެންކަމަށްވިޔަސް ، އެރޭ ކުރިމަތިވެދާނެ ކޮންމެ ކަމަކަށް އޭނާހުރީ ވިސްނައިގެންނެވެ. އޭނާގެ ނަފްސު ސަލާމަތްކުރުމަށް ތައްޔާރު ވެގެންނެވެ. ރާމްގެ ވާހަކަތަކުން އަންޖަލީ ޙައިރާންވިއެވެ.
ރާމް ، އެނދުގެ އެއްފަރާތެއްގައި އޮށޯވެ މަގަތަށް އެނބުރި އޮވެ ، އަންޖަލީއަށް ގޮވަމުން ގެންދިޔައެވެ. އަންޖަލީ ޙައިރާންކަންމަތީ ހުރެ ، ކަންފަތުގެ މުދި ނައްޓަމުން ، ކަރާއި އަތުގައި ހުރި ގަހަނާތައް ބާލަމުން އެނދުކައިރިޔަށް އައިސް އިށީނދެލިއެވެ. އަދި ހަމަޖެހިލުމަށްފަހު ، ރާމްއަށް ބަލައިލިއެވެ. ރާމްއޮތީ އަންޖަލީއަށް ފުރަގަސްދީގެން ، އެނދުގެ އެއްފަރާތުގައި ކިރިޔާ ވެއްޓޭ ނުވެއްޓޭ ހިސާބުގައި އޮށޯވެލައިގެންނެވެ. އަންޖަލީއަށް އެނދުގެ ބޮޑުބައި ދީގެންނެވެ. ވެފައިހުރި ވަރުބަލީގައި އިސާހިތަކު ، ރާމްއަށް ނިދިއްޖެއެވެ. އަންޖަލީ އެކަން ޔަޤީންކުރީ ، ނިދީގައި ރާމް ދަމަމުން ގެންދިޔަ މަޑު ގުގުރީގެ އަޑުންނެވެ.
އަންޖަލީ ފަތިހު ތެދުވެ ފެންވަރައިގެން ބޯހިއްކަން ހުއްޓާ ، ގޭގައި ގެންގުޅޭ ނޯކަރު މާރިއާ ، މާތަކެއް ހިފައިގެން އައިސް ކޮޓަރިޔަށް ވަނެވެ. އެއީ ކޮޓަރީގައިހުރި މާވަށިގަނޑުތަކުގައިހުރި މާތައް ބަދަލުކުރަން ގެނައި ތާޒާ މާތަކެވެ. އެވަގުތު ގޭތެރެއިން އިވެމުންދިޔަ އަދަކަށް އަންޖަލީގެ ސަމާލުކަން ހުއްޓުނެވެ. މާރިއާ އަށް ގޮވައިލުމަށްފަހު އެއީ ކާކުގެ އަޑެއްތޯ އަންޖަލީ ސުއާލުކުރިއެވެ. އެއީ ސާހިބުމީހާގެ އަޑުކަމުގައި މާރިއާ ބުންޏެވެ. ކޮންމެ ދުވަހެއްގެ އިރުއަރާނީ ސާހިބުމީހާ އަޅުކަމުގައި އުޅެނިކޮށް ކަމުގައި މާރިއާ ބުންޏެވެ. ކިހާ އުފާވެރިކަމެއް ހެއްޔެވެ ؟ އަންޖަލީވެސް ސާހިބުމީހާގާތަށް އަޅުކަމަށް ނުކުތުމަށް މާރިއާ އެދުނެވެ.
އަންޖަލީ މަޑުމަޑުން ކޮޓަރިން ނުކުމެ އެއަޑުއިވޭ ދިމާއަށް ދިޔައެވެ. ރާމް އަޅުކަން އަދާކުރުމަށް އިންތަން އަންޖަލީއަށް ފެނުނެވެ. އަދި ތަންކޮޅެއްދުރުގައި ހުއްޓިލިއެވެ. ރާމް ، ދުޢާކޮށް ނިމިގެން ، އަންޖަލީއަށް ގޮވައިލިއެވެ. ރާމްއިނީ އަންޖަލީއަށް ފުރަގަސްދީގެންނެވެ. އެހެންނަމަވެސް އަންޖަލީ އެތަނަށް އައިކަން ރާމްއަށް އިޙްސާސް ކުރެވުނެވެ. އަދި އަންޖަލީއަށް ގޮވައިލުމަށްފަހު ، ދުރުގައި ނުހުރެ ރާމްގާތަށް އައުމަށް އެދުނެވެ.
އަންޖަލީ ދިޔައީ ސިއްސައިގެންނެވެ. އޭނާއެތަނަށް އައިކަން ރާމްއަށް އެނގުމުންނެވެ. އެކަމަކު އޭނާހުންނާނީ ދުރުގައިކަމަށް އަންޖަލީ ބުންޏެވެ.
ރާމް ، އަންޖަލީއާ ދިމާއަށް އެނބުރިލިއެވެ. އެއީ އަޅުކަމުގެ ދަރުބާރުކަމަށާއި ، އެތަނަށް ނުވަދެ ބޭރުގައި ހުންނާކަށް ނުވާނެކަމަށް ބުންޏެވެ. ރާމް ، ވަރަށް އޯގާތެރިކަމާއި މަޑުމައިތިރިކަމާއެކު އަންޖަލީއަށް ވިސްނައިދީގެން ރާމްއާ ގާތަށް އަންޖަލީ ޖެހިލިއެވެ.
" ކަލާނގެއަށް ރާމް އިތުބާރުކުރަން ހެއްޔެވެ ؟ " އަންޖަލީ ސުއާލުކުރިއެވެ. އަންޖަލީއަށް އިތުބާރު ނުކުރެވެނީތޯ ރާމް ސުއާލުކުރިއެވެ. އަންޖަލީގެ ޖަވާބަކަށްވީ ، ނެތް ކަމުގައެވެ. ހެއްދެވި ފަރާތަށް އިތުބާރެއް ނުކުރެވޭ ހެއްޔެވެ. އަނެއްކާވެސް ، ރާމް ސުއާލުކުރިއެވެ. މިފަހަރުވެސް އަންޖަލީގެ ޖަވާބަކަށްވީ ނެތް ކަމުގައެވެ. އެއީ ކީއްވެގެންތޯ ރާމްއަށް އަހައިލެވުނެވެ.
" އަހަރެމެން ، އިންސާނުންނަކީ ޕަޕެޓުން ތަކެކެވެ. ޙަރަކާތްތެރިކަންވަނީ ކަލާނގެ ކިބައިގައެވެ. ބޭނުންވެއްޖެ ހިނދެއްގައި އަހަރެމެންނާއެކު ކުޅޭނެއެވެ. އަހަރެމެން ، އެއެދޭގޮތަކަށް ޙަރަކާތްތެރިވެ ނަށާ އުޅޭނޫއެވެ. " އަންޖަލީ ބުންޏެވެ.
ރާމް ، އަންޖަލީއަށް ވިސްނައިދެމުން ގެންދިޔައެވެ. ކަލާނގެއަކީ ، އަހަރެމެން ހެއްދެވި ފަރާތެވެ. ހެއްދެވި ފަރާތުން އެއްވެސް އިންސާނަކަށް ދެރަގޮތެއް ނުހައްދަވާނެއެވެ. އަހަރެމެން އެއްވެސް މިންވަރަކަށް ޝުކުރުވެރި ނުވިޔަސް ، އެކަލާނގެ އިންސާނުންނަށް ދެރަގޮތެއް ނުހައްދަވާނެއެވެ. ރާމްގެ ވާހަކަތައް ޤަބޫލުކުރާކަށް އަންޖަލީ ބޭނުމެއް ނުވިއެވެ. ރަނގަޅުވާނީ ، ދޮގު ތަސައްލީއެއްދީގެން ރާމް ، އަހަރެންގެ ހިތާ ކުޅެލަން ނޫޅުނިއްޔާއޭ ބުނަމުން އަންޖަލީ އެތަނުން ހިނގައިގަތެވެ.
ރާމް ، އަންޖަލީއަށް ގޮވައިލިއެވެ. އަންޖަލީ ރުޅިއައީ ހެއްޔެވެ ؟ އަންޖަލީ ރުޅިތިއަންނަނީ މާ އަވަހަކަށެވެ. ވާހަކައެއް ބުނަން ހެއްޔެވެ ؟ އަންޖަލީގާތަށް މާބޮޑަށް ރުޅިއަތުވެއްޖެނަމަ ، އަހަރެން މިބުނާ ވާހަކަ އަބަދުވެސް ހަނދާން ބަހައްޓައްޗެވެ. މާބޮޑަށް ރުޅިއަތުވެއްޖިއްޔާ ، ދެލޯ މަރައިލާށެވެ. ފުން ނޭވާއެއް ލާށެވެ. އެއަށްފަހު ، ކަލާނގެމަތިން ހަނދާންކޮށް ހިތް ހުސްކޮށްލާށެވެ ! އެއްފަހަރުން ރުޅި މައިތިރިވާނެއެވެ.
ހެނދުނުގެ ނާސްތާއަށް މޭޒުމަތިހުރީ ތައްޔާރު ކުރެވިފައެވެ. ދޮންމަންމަ އައިސް މޭޒުގައި އިށީނދެ އޭރުވެސް ގެންދަނީ ކަމުންނެވެ. އެއަށްފަހު އޭނާގެ ދެދަރިން ، ބޮބީއާއި ނިކީވެސް އަތުވެއްޖެއެވެ. ބޮބީ އިނީ ތައްޔާރުވެގެންނެއް ނޫނެވެ. ދޮންމަންމަ އެކަމާ ހިތތްހަމައެއް ނުޖެހުނެވެ. އަދި ރާމް މިހާރު ތައްޔާރުވެގެން އަންނާނޭ ، އޮފީހަށްދާން އަވަހަށް ތައްޔާރުވާށޭ ބޮބީގާތު ބުންޏެވެ.
ބޮބީ ، އޭނާގެ މަންމަގެ ބަހަށް ރައްދު ދިނެވެ. އޭނާ އައިއްސަ ގޮއްސާނެ ނޫންހެއްޔެވެ ؟ އެކަމާ ކަންބޮޑުވާނީ ކާކު ހެއްޔެވެ. އަދި ، އޭނާއަކީ ނޯކަރެއްނޫންކަމަށް ބޮބީ ބުންޏެވެ.
ތިޔައީ ނޯކަރެއްކަމުގައި އޭނާގެ އަންހެން ކޮއްކޮ ނިކީ ބުންޏެވެ. މިހާރުވެސް ވިޔަފާރީގެ ހަތްދިހަފަސް އިންސައްތަ އެއޮތީ ރާމްގެ ނަންމަތީގައިކަމަށް ބުނެ އޭނާގެ ބޭބެއަށް މަލާމާތް ކޮށްލިއެވެ. އަހަރެމެންނަށް މިއޮތީ ހަމަ އެންމެ ފަންސަވީސް އިންސައްތައެވެ. އެއީ ، ވިޔަފާރީގެ ވަރަށް ކުޑަ ޙިއްޞާއެކެވެ. ނިކީ އޭނާގެ މަންމަޔަށް ގޮވާލާފައި ، ބައްޕަ އެމީހުންނަށް ވެފައި އެއޮތީ ވަރަށްބޮޑު ބޭއިންސާފެއްކަމުގައި ބުންޏެވެ. އެވާހަކަ އަނެއްކާވެސް ފެއްޓީކަމަށާއި އިތުރަށް އެވާހަކަ ނުދެއްކުމަށް ދޮންމަންމަ ނިކީގާތު ބުންޏެވެ. ބައްޕަގެ މުދަލުން ބޮޑުބައެއް ރާމްއަށް ދީފައި އޮންނާތީ އެތިންމައިންވެސް ތިބެނީ އެކަމާ ހިތްހަމަ ނުޖެހިފައެވެ.
(ނުނިމޭ)
Varah varahves reethi shukuran