(11 މެއި 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ހަރީމަށް ގޮވައިލުމަށްޓަކައި ޚާލާ ދައްތަ ހޮސްޕިޓަލަށް ޒިޔާރަތް ކުރިއެވެ. ހަރީމްގެ ނަސީބު އަތުގައި ހިފައި ، އޭނާގެ ޙައްޤު މަޤާމުލިބި ، އޭނާގެ ބެލެނިވެރިފަރާތުގެ އެހީތެރިކަމުގައި ، ފަރުވާ ލިބޭނެމަގު ދެއްކެވިކަމަށްޓަކައި ، ޚާލާ ، ﷲ އަށް ޙަމްދުކޮށް ޝުކުރު އަދާކުރިއެވެ. ޚައިރާދުގެވެސް ކަމަކީ އެއީއެވެ. އިރުއިރުކޮޅުން ވަރުބަލިވަންދެން ، ކީރިތި ޤުރުއާން ކިޔަވައި ﷲ އަށް ޝުކުރު ކުރެއެވެ. އެއީ ، އޭނާގެ ދަރިފުޅަށް ﷲ ދެއްވި މަތިވެރި ނިޢުމަތެކެވެ. އެއްވެސް ގޮތަކުން އޭނާއަށް ކަމެއްކުރެވެން ނެތް ޙާލަތެއްގައި އެދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެއްވުމަށްޓަކައި ﷲ ލެއްވި ރަޙުމަތްފުޅެކެވެ. ފަރީދާއަށް ވެގެންވީނަމަ ، އެކަން ވިޔަކަ ނުދޭނެއެވެ. އެހެންނަމަވެސް ﷲ ގެ ހެޔޮ ރަޙުމަތްފުޅު ، އެދަރިފުޅުގެ މައްޗަށް ތަނަވަސްވެގެންދިޔަ ގޮތް އެއީ ހަމަ ބޮޑުވެގެންވާ މުޢުޖިޒާތެކެވެ.
ހަރީމް ހޮސްޕިޓަލުން ދޫކޮށްލައި ، އޭނާގެ ޞިއްޙަތު ހަމަޔަކަށް އެޅުނީމަ ހަރީމް އަޝްހަރާ ޙަވާލުކޮށްފައި ، އޭނާ ހައިދަރުއާބާދަށްދާން ޚައިރާދު އޮތީ ނިންމާފައެވެ. އެނިންމުން އޭނާ ބަދަލެއް ނުކުރާނެއެވެ. އެކަން ޚާލާ ދައްތަޔަށް އޭނާ ކަށަވަރުކޮށްދިނެވެ. ވަޒީފާއެއްވެސް ހޯދަން އޮތީ ޖެހިފައެވެ. އަލުން އަނެއްކާވެސް އޭނާ ދުނިޔޭގައި އުޅުމަށް މަސައްކަތް ފަށަން ޖެހޭނެއެވެ. އެއީ އޭނާގެ ދުނިޔެއެވެ. އަޝްހަރުގެ ޙަޔާތުގައި ބައިވެރިވެގެން ، ޚައިރާދަކަށް ހަމަނޭވާވެސް ލެވޭކަށް ނޯންނާނެއެވެ. އެގެޔަށް ވެރިވެގެން އެއޮންނަ ބޮޑު ހަރުފަ ، ކޮންމެ ދުވަހަކު އޭނާގެ ހަށިގަނޑަށް ވިހަލާނެއެވެ. ދުނިޔެ އުޅުމަށް ނުކުޅަދާނަވާވަރު ކުރާނެއެވެ. އެއީ ހަރީމަށް ފެންނަން ރަނގަޅުތަނަކަށް ނުވާނެއެވެ.
އެއީ ޚައިދާއަށް ވަރަށް އުނދަގޫ ނިންމުމަކަށްވެސް ވާނެކަން ޚާލާ ހަނދާން ކޮށްދިނެވެ. ހަރީމާވަކިން އުޅުމަކީ ޚައިރާދުގެ ހިތަށް ކުޅަދާނަކަމަކަށް ނުވާނެއެވެ. އެހިތްދަތި ވޭނުގެ ކުޑަބޮޑުމިން ޚައިރާދަކަށް މިހާރަކު ވަޒަނެއް ނުކުރެވެއެވެ. އެނިންމުން ޚައިރާދު ނިންމީ ، ހަރީމްގެ މުސްތަޤްބަލަށްޓަކައެވެ. ހަރީމްގެ އުފާވެރިކަމާއި ދިރިއުޅުމުގެ ފާގަތިކަން އޮތީ އޭނާގެ ބައްޕަޔާ ގުޅިފައެވެ. ޚައިރާދަށް ކޮށްނުދެވޭނެ އެތައްކަމެއް އެބައްޕަގެ ފަރާތުން ހަރީމަށް ފުރިހަމަވާނެއެވެ. އަދި އެއީ ހަރީމަށް ޙައްޤު ކަމެކެވެ. އަޝްހަރުގާތަށް ޚައިރާދު އައީ ، ހަރީމްގެ ބަލިޙާލު ހުރިގޮތުން އެހެން އެއްވެސް ގޮތެއް ނެތިގެންނެވެ. ޚައިރާދާމެދު ކަންތައް ކުރެވިފައިވާ އިހާނެތި އަނިޔާވެރި ގޮތްތައް ، އޭނާގެ ހިތުން ދުވަހަކުވެސް ފިލައިގެންނެއް ނުދާނެއެވެ. އަދި އެކަމުގައި ބައިވެރިވި އެއްވެސް މީހަކަށް އޭނާ މަޢާފެއްވެސް ނުކުރާނެއެވެ.
އަޝްހަރަށް ، ގެއިންދިމާވި ހާދިސާގައި ރުޅިވެރިކަމާއެކު ނުކުމެގެން އައީ ޚައިރާދާ ކުރިމަތިލުމަށް ހޮސްޕިޓަލަށެވެ. ދޮރުން ވަންނަން އަތްގަނޑުގައި ހިފައިލި ވަގުތު ، ކޮންމެވެސް މީހަކާ ޚައިރާދު ވާހަކަ ދައްކާ އަޑު އިވުނެވެ. އަދި އެތެރެޔަށް ނުވަދެ ދޮރުކައިރީ ބޭރުގައި އަޝްހަރަށް މަޑުކޮށްލެވުނެވެ. ޚައިރާދު ވާހަކަ ދައްކަމުން ގެންދިޔައެވެ.
" އަހަރެން އުޅެމުން މިއައީ އަހަރެންގެ އަބުރާއި ޢިއްޒަތް ހިފަހައްޓައިގެން އަބުރުވެރި ދިރިއުޅުމެއްގައެވެ. ހަމައެކަނި ހަރީމަށްޓަކައެވެ. އިއްޔެވެސް އަހަރެން އެކަމާ ވިސްނީމެވެ. މިއަދުވެސް އަހަރެން އެކަމާ ވިސްނަމެވެ. ހަރީމަށް އެންމެ ރަނގަޅުގޮތަކީ އޭނާގެ ބައްޕަގާތު ހުރުމެވެ. ބައްޕަގެ ލޯބިލިބިގެން ބޮޑުވުމެވެ. "
އެކަމަކުވެސް ޚައިރާދަކީ ހަރީމްގެ މަންމަކަން ޚާލާ ހަނދާން ކޮށްދިނެވެ. އެވަރުގެ ތުއްތު ކުއްޖަކަށް މަންމައެއްގެ ލޯބި ނުލިބުން އެއީ އެކުއްޖާފުޅަށް ދެވޭ އަނިޔާއެކެވެ. ޚައިރާދަށްވަނީ އެކަންކުރަން މަޖުބޫރުވެފައިކަމުގައި ، ތަންކޮޅެއް ބާރަށް ޚައިރާދަށް ބުނެވުނެވެ. ޚައިރާދުގެ ނިކަމެތިކަމުގައި އޭނާގެ ދަރިފުޅަށް ފަރުވާދެވޭކަށް އޭނާގެ ޙާލަތު ތަނެއް ނުދެއެވެ. އެކުއްޖާފުޅުގެ މައްޗަށް ހަމްދަރުދީވެ ، ރަޙުމުކޮށްދިނުން އެދި އާދޭސް ކުރަމުން އޭނާއައީ އެކުއްޖާގެ ބައްޕަގެ ގާތަށެވެ. ޚައިރާދު އޭނާގެ ލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލިއެވެ.
ޚާލާގެ ބަސް އޭނާ ދުލެއް ނުކުރިއެވެ. ވިސްނައިނުލާ ޖަޒުބާތުގައި ޖެހި އެކަމުގައި ވަކިގޮތެއް ނުނިންމުމަށް ޚާލާ އެދުނެވެ. އެހެންނަމަވެސް ، ޚައިރާދު ނިންމި ނިންމުމަކީ ވަކި ޖަޒުބާތެއްގައި ޖެހިގެން ހަދާނެގޮތެއް ނޭނގިހުރެ ނިންމި ނިންމުމެއްނޫނެވެ. ފަހަރެއްގައި ހަރީމްގެ ޙަޔާތުގައި އަލުން މިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ، ހަދާނެގޮތެއް ޚައިރާދަކަށް ނެތެވެ. ޚައިރާދަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ ؟
ޚައިރާދަށް ގިސްލައި ރޮވެން ފެށިއެވެ. ޚައިރާދުގެ އެނިންމުމަކީ އޭނާ ހަރީމްދެކެވާ ލޯބިން ނިންމަން މަޖުބޫރުވި ނިންމުމެކެވެ.
ޚައިރާދުގެ ވާހަކަ އެހިސާބަށްދިޔަތަނާ ، ދޮރުހުޅުވާލާފައި އަޝްހަރު އެ ކޮޓަރިޔަށް ވަނެވެ. އަޝްހަރު ވަދެ ޚާލާއަށް ސަލާމް ކޮށްލިއެވެ. ސަލާމް ބަލައިގަތުމަށްފަހު އަޝްހަރުގެ ޙާލު ކިހިނެއްތޯ ޚާލާ ސުއާލުކުރިއެވެ. ﷲ ގެ ރަޙުމަތްފުޅުން އަޝްހަރު ރަނގަޅުކަމަށް އޭނާ ބުންޏެވެ. އެމީހުން އެވާހަކަ ދައްކަނީ އަޝްހަރާބެހޭގޮތުންކަމުގައި ޚާލާ ބުންޏެވެ.
އަޝްހަރު ، ޚައިރާދަށް ގޮވައިލިއެވެ. އަދި އޭނާއާ ވާހަކަދައްކައިލުމަށް ބޭނުންކަމުގައި ބުނެ ، އޭނާއާއެކު ބޭރަށް އައިސްލަދިނުމަށް އެދުނެވެ. ހަމައެއާއެކު ،ޚައިރާދާ ވާހަކަ ދައްކައިލާފަ އަންނަންދެން ހަރީމްގާތު މަޑުކޮށްލެވިދާނެތޯ ޚާލާ ކުރެންއަހައިލިއެވެ. ޚާލާ އެކަމަށް އުފަލާއެކު އެއްބަސްވިއެވެ.
އަޝްހަރު ޚައިރާދު ގޮވައިގެން ނުކުމެ ކާރަށް އަރާ ދުއްވާލިއެވެ. ތަންކޮޅަކަށް ދުއްވާލުމަށްފަހު ، އަޝްހަރު ސިނގިރޭޓެއް ރޯކޮށްލިއެވެ. ޚައިރާދު އަނގައިން ނުބުނަން އިނދެފައިމެ ، އެމީހުން އެދަނީ ކޮންތާކަށްތޯ ސުއާލު ކުރިއެވެ. އޭގެ ދެމީހުންކުރެ އެކަކުވެސް ނެތި ހަރީމް އެއޮތީ އެކަންޏެވެ. އެހެން އޮވެފައި ހޭލެވޭއިރު ، އެކަކުވެސް ފެންނަން ނެތްނަމަ ހަރީމް ވަރަށް ދެރަވާނެކަމުގައި ޚައިރާދު ބުންޏެވެ.
އަޝްހަރު އެއްވެސް އެއްޗެކޭ ނުބުނެ ކާރު ދުއްވަމުންގެންދިޔައެވެ.
ހަރީމް އޮތް ކޮޓަރީގެ ދޮރުހުޅުވައިލުމަށްފަހު މަޑުމަޑުން ފަރީދާ ވަނެވެ. އެތާކު އަޝްހަރެއްވެސް އަދި ޚައިރާދެއްވެސް ނެތެވެ. އިނީ މުސްކުޅި އަންހެނެކެވެ. މީހަކު ދޮރުންވަތް އަޑަށް ޚާލާ ބަލައިލާ އެއައިމީހަކާ ސަލާމް ކޮށްލިއެވެ. އެއީ ކާކުތޯ ފަރީދާ ސުއާލުކުރިއެވެ. އޭނާއަކީ ޚާލާ ކަމަށް ބުނެ ޚައިރާދުގެ ނަންގަންނައިރަށް ފަރީދާ ވާހަކަ ފެށްޓިއެވެ. ޚައިރާދާއި އޭނާގެ މަންމަގެ ގޭގައިއުޅޭ މީހާދޯއެވެ. ޚާލާ އާނއެކޭ ބުނެ ޖަވާބުދިނެވެ. އަޝްހަރާއި ޚައިރާދު ކޮބައިތޯ ފަރީދާ ސުއާލުކުރިއެވެ. ޚައިރާދު ގޮވައިގެން ކޮންމެވެސް ވާހަކައެއް ދައްކަން އަޝްހަރު ދިޔައީކަމަށް ޚާލާ ޖަވާބުދިނެވެ. ހަމައެއާއެކު އެމީހުން ދިޔައީ ކޮންތާކަށްތޯ ފަރީދާ ސުއާލުކުރިއެވެ. އެސުއާލަށް ދޭނެޖަވާބެއް ޚާލާއަކަށް ނޭނގުނެވެ. ފަހަރެއްގައި ޚައިރާދުގާތު އަޝްހަރު މުހިންމު ވާހަކައެއް ދައްކަން ބޭރަށް ނުކުތީ ކަމަށްވެދާނެއޭ ބުނެ ޚާލާ ޖަވާބުދިނެވެ. އަދި އެމީހުން ދިޔައީ ، އޭނާގާތު އެތާ ހަރީމްގާތު މަޑުކޮށްލަން ބުނެފައިކަމަށް ބުންޏެވެ.
ޚާލާ ދާން ބޭނުންކަމަށްވަންޏާ ދެވިދާނެކަމަށާއި އޭނާ އެތާ މަޑުކޮށްލަފާނެކަމަށް ފަރީދާ ބުންޏެވެ. ޚާލާއަށް ހަދާނެގޮތް ބޮޑުވިއެވެ. އޭނާ ކުރިމަތީ އެހުރީ އަޝްހަރުގެ މަންމަކަން ޚާލާ ދެނެގަތެވެ. އެއީ ކޮންމެފަދަ ކަމެއްކުރަންވެސް ފަހަށް ނުޖެހޭނެ އަންހެނެކެވެ. ފަރީދާ އެބުނީ އޭނާ އެތަނުން ދާށޭކަންވެސް ޚާލާއަށް އެނގެއެވެ. ހަދާނެގޮތެއް ނޭނގި ، އެންމެ ފަހުން ހަރީމްގެ މޫނުގައި ބޮސްދިނުމަށްފަހު ، ޚާލާ އެތަނުން ނުކުތެވެ.
ޚާލާ ނުކުތުމުން ، ފަރީދާ ، ހަރީމްގެ މޫނަށް ބަލަހައްޓައިގެން އެތައް އިރަކު ހުއްޓެވެ. ޚައިރާދު ގޮވައިގެން އަޝްހަރު އެދިޔައީ ވަރިކުރުމާބެހޭ ވާހަކަދައްކަން ކަމަށް ވެއްޖިއްޔާ ކިހާ ރަނގަޅުހޭ ފަރީދާގެ ހިތާހިތާ ކިޔައިލިއެވެ. ރަނގަޅަށް ވިއްޔާ ފަރީދާ މިއަދުޖެހި ކިރުއިލޮށީގައި އަޝްހަރު އެހުރީ ރަނގަޅަށް ޖެހިފައެވެ. އެގެންދިޔައީ ވަރީގެ ވާހަކަ ދައްކާށެވެ. އަޝްހަރުގެ ޙަޔާތުން ޚައިރާދު ނެރެލައި ، ޚައިރާދު ބޭނުންވާކަމެއްކުރަން ފުރުޞަތުދީ ޚައިރާދު މިނިވަން ކުރުމަށެވެ. ކައިސަރު މިއަދު އެގެޔަށް އައިކަން އެއީ ނަޞީބެކެވެ. ފަރީދާގެ މަސައްކަތަށް މަގުފަހުވެގެންދިޔަ ކަމެކެވެ. ޚައިރާދާއި އަޝްހަރު އެނބުރި ، ހަރީމްގާތަށް އަންނައިރު ތިބޭނީ މިނިވަނުންގެ ގޮތުގައެވެ. އެދެމީހުން ހޮސްޕިޓަލުން ނުކުމެގެންދާނީ ދެދޮރުން ، އަދި ދެމަގުންނެވެ. ކޮންފަދަ ނަޞީބެއް ހެއްޔެވެ ؟
އަޝްހަރު ކާރުދުއްވަމުންގޮސް ، މަޑުކޮށްލީ އަތިރިމަތީ ގޮޑިތަކެއްޖަހާފައިހުރި ތަނަކަށެވެ. ކާރުންފައިބައިގެން އެތަނުން ގޮނޑިއަކާ ހިސާބަށްގޮސް ، އެތާ އިށީނުމަށް އަޝްހަރު ބުންޏެވެ. އަޝްހަރުގެ އަޑުގައިވަނީ މަޑުމައިތިރިކަމެވެ. ކަންބޮޑުވުމާއި ހާސްކަމެވެ. ޚައިރާދު އެތަނަށް އެގެނައީ ކީއްކުރަން ހެއްޔެވެ ؟ ކޮންވާހަކައެއް ދައްކަން ވެގެން ހެއްޔެވެ ؟ ޚައިރާދުގެ ހިތުގައި އެތައް ސުއާލުތަކެއް އުފެދުނެވެ. އެހެނަސް ސާބިތުކަމާއެކު އޭނާ ނިންމާފައިވާ ނިންމުން ހަނދާނުގައި ބެހެއްޓިއެވެ. ޚައިރާދު އެތަނަށް އެގެނައީ ކީއްކުރަންތޯ ސުއާލުކުރިއެވެ.
މާދުރަށްގޮސް އޮބާފައިވާ މާސިންގާ ކަނޑުން ، ލޮލަށް ފެންނަންއޮތް އެންމެ ދުރަކަށް ބަލަހައްޓައިގެން ކުޑައިރުކޮޅަކު އަޝްހަރު އިނެވެ. ޚައިރާދު އިނީ ހިތްހަމަނުޖެހުމާއެކު އަޝްހަރުގެ މޫނަށް ބަލަހައްޓައިގެންނެވެ. ވާހަކަ ފަށާނީ ކޮންހިސާބަކުންކަން އަޝްހަރަކަށް ނޭނގުނެވެ. ޚައިރާދާ ދިމާއަށް އޭނާ ބަލައިލިއެވެ. ވަރަށް ހިތްވަރުކޮށްފައި އަޝްހަރުގެ ވާހަކަ ފެށްޓިއެވެ.
ޚައިރާދު އެތަނަށް އެގެނައީ ޚައިރާދުގެ ބަދުނަޞީބެވެ. އަޝްހަރެއްނޫނެވެ. ޚައިރާދުގެ ފެއިލްވެގެންދިޔަ މުޑުދާރު ޢަމަލުތަކާމެދު އެއްވެސް ވަރެއްގެ ލަދުވެތިކަމެއް ނެތް ހެއްޔެވެ ؟ ޚައިރާދުވަނީ އަޝްހަރުގެ ނަމާއި އަބުރާ ޢިއްޒަތް ވެއްޔާ މޮޑެލާފައެވެ. ދުނިޔޭގެ ކުރިމަތީގައި އަޝްހަރުގެ އަގުވަށްޓާލާފައެވެ. އަޝްހަރުގެ އަޑު ގަދަވަމުން ދިޔައެވެ. އެ އަޑުގައި ރުޅިވެރިކަން އުފެދުނެވެ. ޚައިރާދު ، ދެލޯމަރާލައި އަޝްހަރުގެ މޫނުން އޭނާގެ ނަޒަރު އެއްފަރާތްކޮށް ، އަޝްހަރު އެގޮވާ އެއްޗެހި އަޑުއަހަން ހިމޭންކަންމަތީ އިނެވެ. އެހުރިހާކަމެއް ކުރުމަށްފަހުވެސް ، އެއްވެސް ވަރެއްގެ ލަދުވެތިކަމެއް ޚައިރާދުގެ ކިބައިން ނުފެންނަނީ ކީއްވެ ހެއްޔެވެ ؟ އެއީ އަޝްހަރަށް ފެނުނު ކުރީގެ ޚައިރާދެއްނޫނެވެ. ހިލަހިތެއްގެ ވެރިޔަކަށް ޚައިރާދު ބަދަލުވީ ކޮންއިރަކު ކޮންސަބަބަކާހުރެ ހެއްޔެވެ ؟
ޚައިރާދަކީ ކުރިން ތެދުހަދަމުން އައި މީހެކެވެ. ދޮގަށް ނަފުރަތު ކުރަމުން އައި މީހެކެވެ. އެންމެ އާދައިގެ ދޮގެއް ހެދުނީމަ ރޭގަނޑު ހަތަރުދަމު ނުނިދިފައި އޮތް މީހެކެވެ. އެ ކުޑަކުޑަ ދޮގު ހެދުނީމަ ، ދުވާލު ހަތަރުދަމު ކަންބޮޑުވެފައިހުރި މީހެކެވެ. އެ ތެދުވެރިކަން މިއަދު ކޮބައިހެއްޔެވެ ؟ ތެދުވެރިކަމަށް ލޯބިކުރަމުން އައި ޚައިރާދު މިއަދު ކޮބައި ހެއްޔެވެ ؟ އެފަދަ މާތް ޢަމަލެއް ދޫކޮށް ، ޚައިރާދު ދޮގުހަދަންފެށްޓީ ކޮންއިރަކު ހެއްޔެވެ ؟ އަޝްހަރު އިންތިހާއަށް ލޯބިވި ، ޚުލްޤު ހެޔޮ އެ ، ޚައިރާދު ކޮބައިހެއްޔެވެ ؟ ޚައިރާދު އިނީ އިސްއުފުލައި ދުރު ބަލަހައްޓައިގެން ، އަޝްހަރު އެކިޔާ އެއްޗެއް އަޑުއަހާށެނެވެ.
ޚައިރާދަކީ ހަމައެކަނި އަޝްހަރުގެ އަނބިމީހާ އެކަންޏެއްނޫނެވެ. އަޝްހަރުގެ ލޯތްބެވެ. އޭނާ ދިރިހުރުމުގެ އުއްމީދެވެ. ދިރިއުޅުމުގައި އޭނާއަށް ﷲ ލެއްވި ރަޙުމަތެކެވެ. ޤުދްރަތުން އަޝްހަރަށް ދެއްވި އަގުބޮޑު ހަދިޔާއެކެވެ. އެ ހުރިހާ ހަޑިކަމެއް ކުރިއިރު ޚައިރާދަށް ، އަޝްހަރުގެ ލޯބި އިޙްސާސްނުވީ ކީއްވެ ހެއްޔެވެ ؟ އަޝްހަރު ދަތްކުނޑި ވިކައިގެން އިނދެ ވާހަކަ ދައްކަމުން ގެންދިޔައެވެ.
" އަހަރެންނަށް ހީވަނީ ، އެންމެ ރަނގަޅުވާނީ މިތަނުން އަހަރެމެން ދިޔައްޔާ ހެންނެވެ. " ޚައިރާދު ބުންޏެވެ. ޚައިރާދު ތެދުވަން އުޅުނުތަނާ ، އަޝްހަރު ޚައިރާދުގެ އަތުގައި ހިފަހައްޓައި ޚައިރާދު ބޭންދިއެވެ. އަދި ޚައިރާދު ބޭނުންވެގެން އުޅެނީ ކޮންކަމެއްތޯ ސުއާލުކުރިއެވެ.
ޚައިރާދު އެއްވެސް ކަމެއް ބޭނުމެއް ނުވެއެވެ. ހަރީމް ހެޔޮޙާލުގައި ހުރުން ފިޔަވައި މިދުނިޔެއިން ޚައިރާދު ބޭނުންވާ އިތުރު އެއްވެސްކަމެއް ނެތެވެ. ޚައިރާދު އިނީ އަޝްހަރުގެ ލޮލަށް ބަލަހައްޓައިގެންނެވެ. ﷲ ގެ ހެޔޮ ރަޙުމަތްފުޅުން ، ހަރީމަށް އެވަނީ އައު ދިރިއުޅުމެއް މިންވަރު ކުރައްވާފައެވެ. އެ މިންވަރުން ޚައިރާދަށް ފުދެއެވެ. އިތުރަކަށް އޭނާ ބޭނުން އެއްޗެއް މިދުނިޔެއަކު ނެތެވެ. ހަމައެކަނި ، ހަރީމްގެ ޞިއްޙަތު ސަލާމަތުން ހުރުމާއި އެދަރިފުޅުގެ އުފާވެރިކަމެވެ. ޚައިރާދުގެ ވާހަކައިން އަޝްހަރުގެ ރުޅިވެރިކަން މައިތިރި ކޮށްލިއެވެ. އިސްދަށަށް ޖަހައިގެން މަޑުން އިނެވެ.
" ހަރީމްގެ އުފަލަށްޓަކައި ޚައިރާދު އަލުން އަހަރެންގެ ޙަޔާތަށް އަންނާށޭ ބުނެފިއްޔާ ؟ " އަޝްހަރު ވަރަށް ހިތްވަރުކޮށްފައި ބުންޏެވެ. އަޝްހަރުގެ ވާހަކަ ނުނިމެނިސް އޭނާގެ ޖަވާބަކީ ނޫނެކޭ ކަމުގައި ޚައިރާދު ބުންޏެވެ.
ޚައިރާދު ނޫނެކޭ ބުނުމުގެ ސަބަބު އޮޅުންފިލުވަން އަޝްހަރު ބޭނުންވިއެވެ. އެހެނަސް ، އެ ސަބަބު ބަޔާންކުރުމުގެ ބޭނުމެއް އޮތްކަމަކަށް ޚައިރާދަކަށް ނުފެނުނެވެ. އަޝްހަރުގެ ލޮލަށް ބަލަހައްޓައިގެން އިނދެ ޚައިރާދު ޖަވާބު ދިނެވެ. އަދި ތެދުވެގެން ގޮސް ކަނޑާ ކުރިމަތިލައި ތޮށިގަނޑުކައިރީ ހުއްޓިލިއެވެ. އަދި ޖެހެމުން އައި ތާޒާވައިން ފުން ނޭވާއެއްލިއެވެ. އަޝްހަރުވެސް ތެދުވެގެންގޮސް ޚައިރާދުގާތަށް ހުއްޓި ، ޚައިރާދުގެ މޫނަށް ބަލަހައްޓައިގެންހުރެ އަނެއްކާވެސް ޚާއިރާދާ ވާހަކަ ދައްކަން ފެށްޓިއެވެ.
އަޝްހަރު އެހުރީ ، މާޒީގައި ވެދިޔަ ހުރިހާކަމެއް ހަނދާން ނައްތާލައިފާ ، އަލުން ޚައިރާދާއެކު ދިރިއުޅުމެއްފަށަން ތައްޔާރަށެވެ. އެއިން ކަމަކާބެހޭގޮތުން އޭނާ އެއްވެސް ޝަކުވާއެއް ނުކުރާނެއެވެ. އެއްވެސް ސުއާލެއްވެސް ނުކުރާނެއެވެ. އަޝްހަރުގެ ހިތުގައިހުރި ޒަޚަމްތައް އަދިވެސް ހުރީ ތާޒާކަންމަތީގައެވެ. އެހެންނަމަވެސް އެހުރިހާކަމެއް ހަނދާން ނައްތާލާފައި ޚައިރާދަށް މާފުކުރަން އަޝްހަރުހުރީ ތައްޔާރަށެވެ. ޚައިރާދު ، އަޝްހަރުގެ ލޮލަށް ބަލައިލިއެވެ. އަމިއްލަ ނަފުސަށްއޮތް ޔަޤީންކަމާއެކު ، އަޝްހަރުގެ ކިބައިން އޭނާ މާފަށް ނޭދޭކަމަށް ޚައިރާދު ބުންޏެވެ. މީހަކު މާފަށް ނޭދެންޏާ މާފުކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ ؟ ކޮންމެ ގޮތެއްވިޔަސް އަޝްހަރުގެ ފަރާތުން ޚައިރާދު މާފަށް އެދެންޖެހޭނެކަމަށް އަޝްހަރު ބުންޏެވެ. ޚައިރާދު މާފަށް ނޭދޭކަން އަޝްހަރަށްވެސް އެނގެއެވެ. އަދި ، އޭނާގެ ކިބައިން މާފަށް އެދޭކަށް އަޝްހަރެއްވެސް ނުބުނެއެވެ. އޭގެބަދަލުގައި އޭނާއެހުރީ ޚައިރާދަށް މާފުކުރާ ގޮތަށެވެ. އެކަމަށް ތައްޔާރުވެގެންނެވެ.
ޚައރާދުގެ ކަޅި އަޝްހަރުގެ ލޮލަކުން ނައްޓައެއް ނުލައެވެ. އަޝްހަރުގެ ލޮލުން ފާއްދާފައިވާ ކަރުނަ ޚައިރާދަށް ފެނެއެވެ. އެހެނަސް ، އެލޮލަކަށް ޙަޤީޤަތެއް ނުފެނެއެވެ. ނުވަތަ ޙަޤީޤަތް ފެންނަކަމަކަށް އެލޮލަކުން ނުދައްކައެވެ. ހަރީމަށްޓަކައި އެފަދަ ބޮޑު ޤުރުބާނީއެއްވާން އަޝްހަރު ތައްޔާރުވެ އެހުރީ އޭނާގެ އަމިއްލަ އެދުމަށް ކަމަށް ވެދާނެއެވެ. ނުވަތަ ނޭނގުމެއްގެ ތެރޭގައިހުރި މީހަކު ގޮތްހުސްވެގެން ، ހަތިޔާރު ބަހައްޓައި އަމާންދެނީކަމަށްވެސް ވެދާނެއެވެ. މީހުން މީހުންގެ ކިބައިން މާފަށް އެދެނީ ، އެމީހުންނަށް ކުށެއް ކުރެވިގެންނެވެ. އެހެން އެކަކަށް ނޭނގުނަސް ، މީހެއްގެ ކިބައިން މާފަށް އެދޭވަރުގެ ކަމެއް ޚައިރާދަށް ކުރެވިފައިނެތްކަން އޭނާއަށް އެނގެއެވެ. އެކަން ، ﷲ ދެނެވޮޑިގެންވާނެއެވެ. އެވާހަކަ އިރުއިރުކޮޅުން ދެއްކުމަކީ ޚައިރާދުގެ ތަބީޢަތުގައިވާ ކަމެއްނޫނެވެ. އެހެން މީހުންނަށް އެކަން ނޭނގުމަކީ އެމީހުންގެ މައްސަލައެކެވެ.
(ނުނިމޭ)
ޚައިރާދު އަޝްހަރަށް ހުރިހާވާހަކައެއް ކިޔާދިންނަމަ
ކިހާރަނގަޅު!
varah varahves reethi