ޕާކިސްތާނުގެ މަދަރުސާއަކަށް ދިން ބަޑީގެ ހަމަލާއެއްގައި 7 މުދައްރިސުން މަރާލައިފި

ޕާކިސްތާނުގެ ހުޅަނގު އުތުރުގައި އޮންނަ ޚައިބަރް ޕަޚްތޫންޚާ ޕްރޮވިންސުގެ މަދަރުސާއަކަށް ކޮންބައެއްކަން ނޭނގޭ ބަޔަކު ބަޑިހިފައިގެން ވަދެ ދިން ހަމަލާއެއްގައި 7 މުދައްރިސުން މަރާލައިފިއެވެ.

މި ހާދިސާގައި މަރުވި 7 މުދައްރިސުންވެސް ތިބީ އިމްތިހާނުގެ ކަންކަން ބެލެހުއްޓުމުގައެވެ.

ޚައިބަރް ޕަޚްތޫޚާގެ ޓީވީ ޗެނެލަކުން ބުނެފައިވާ ގޮތުގައި ބަޑީގެ ހަމަލާ އަމާޒުވެފައިވާ މަދަރުސާއަކީ އަފްޣާނިސްތާނުގެ ސަރަހައްދީ ރޮނގު ކައިރީގައި އޮންނަ ކުއްރަމް ޑިސްޓްރިކްޓްގެ ޕަރަޗިނާރް އަވަށުގައި ހުންނަ ތެރީ މަންގަލް ސްކޫލެވެ.

މި މަދަރުސާގައި ހިނގި ބަޑި ޖެހުމުގެ ހާދިސާގެ ކުރިން މަދަރުސާއާ 6 ކިލޯ މީޓަރު ދުރު ހިސާބެއްގެ މަގުމަތިގައިވެސް މީހެއްގެ ގަޔަށް ބަޑިޖަހައި މަރާލާފައި ވެއެވެ. ބައެއް ޚަބަރުތައް ބުނާގޮތުގައި އެމީހާއަކީވެސް މުދައްރިސެކެވެ. ޕަރަޗިނާރު އަވަށުގެ ހޮސްޕިޓަލުގެ ޑެޕިއުޓީ މެޑިކަލް ސުޕުރިންޓެންޑެންޓް ޤައިސަރް ޢައްބާސް ވިދާޅުވި ގޮތުގައި ޖުމްލަ އަށް މީހެއްގެ ހަށިގަނޑު އެ ހޮސްޕިޓަލަށް ގެންގޮސްފައި ވެއެވެ.

މި ހަމަލާތަކުގެ ފަހަތުގައި ވާ މަގުސަދަކީ ކޮބައިކަން ނޭނގުނު ނަމަވެސް، ޓީވީ ޗެނެލްތަކުން ބުނެފައިވާ ގޮތުގައި މަދަރުސާއަށް ދިން ހަމަލާގައި މަރުވި 7 މުދައްރިސުންނަކީ ޝީޢާ މުސްލިމުންނެވެ. މި ހަމަލާތައް ދީފައިވާ ޑިސްޓްރިކްޓަކީ ޝީޢާއިން ގިނަ ޑިސްޓްރިކްޓެކެވެ. އަދި އެ ސަރަހައްދުގައި ހަރަކާތްތެރިވާ ޠާލިބާނުން ޝީޢާއިންނަށް ހަމަލާދިނުމަކީ ދޭތެރެ ދޭތެރޭން ހިނގާ ކަމެއް ކަމަށް ވެއެވެ.

ހަމަލާގައި މަރުވި ޓީޗަރުން ތިބީ މަދަރުސާގެ ސްޓާފް ރޫމްގައެވެ. އޭރު އެމީހުން ގެންދިޔައީ ޚައިބަރް ޕަޚްތޫންޚާ ޕްރޮވިންސުގެ މަދަރުސާތަކުގައި ކުރިއަށްދާ ސާނަވީ އިމްތިހާނުގެ މަސައްކަތުގައެވެ.

ޝެންހާއި ކޯޕަރޭޝަން އޮގަނައިޒޭޝަންގެ ޚާރިޖީ ވަޒީރުންގެ ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް އިންޑިޔާއަށް ވަޑައިގެން މިހާރު ހުންނެވި ޕާކިސްތާނުގެ ޚާރިޖީ ވަޒީރު ބިލާވަލް ބުއްޓ-ޒަރްދާރީ ވަނީ މިހަމަލާ ކުށްވެރިކުރައްވާފައެވެ.

"މިފަދަ ހަމަލޮތަކަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނޭ ކަންކަމެއް ނޫން. މުސްތަގުބަލުގައި މިފަދަ ކަންކަން ތަކުރާރުނުވާނެކަން ކަށަވަރުކުރަން ޖެހޭ." އޭނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވެއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.