ކިރުއިލޮށި - 42

(19 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

" އަހަރެންގެ ދަރިފުޅުގެ ބްލަޑް ގްރޫޕަކީ އޯ ޕޮޒިޓިވްކަމަށްވާތީ ، އަޝްހަރުގެ ލޭގެ ގްރޫޕަކީ އެއީ ނޫންކަމަކަށް އަޝްހަރަކަށް ނުހެދޭނެއެވެ. ﷲ ގެ މަތިވެރި ނިންމެވުމާ ދެކޮޅަށް އިންސާނާއަށް ، އޭނާގެ އިނގިލިވެސް އުފުއްލައި ނުލެވޭނެއެވެ. އެކަމަކުވެސް އަމިއްލަ ނަފުސަށް ބޮޑާވެފައި ، މުއްސަނދިކަމަށް ކިބުރުވެރިވެފައި ، އަނެކާއަށް އަނިޔާވެރިވުމުގައި ޙައްދެއްނެތެވެ. އަހަރެންގެ ވާހަކަތައް އެއީ ދޮގުކަމަށް ޝައްކު ކުރެވޭނަމަ ، ޑީއެންއޭ ޓެސްޓްވެސް ހަދަންވީއެވެ. އަހަރެންގެ އެއްވެސް އިޢުތިރާޒެއް ނެތެވެ. އަހަރެންގެ އޮތީ ހަމައެކަނި އެންމެ އެދުމެކެވެ. އަޝްހަރު ނިންމާ ގޮތެއް ލަސްނުކޮށް އަވަހަށް ނިންމައިދޭށެވެ. އަހަރެންގެ ދަރިފުޅުގެ އޮޕަރޭޝަނަށް ، އެފައިސާ ވަރަށް އަވަހަށް ބޭނުމެވެ. ވަރަށްބޮޑަށް މަޢާފު ކުރާށެވެ ! ފަހަރެއްގައި އަހަރެންގެ ދަރިފުޅަށް ، އެހާ ގިނައިރު އިންތިޒާރު ކުރާނެ ފުރުޞަތު ނެތުމަކީ އެކަށީގެންވާ ކަމެކެވެ. "

ޚައިރާދު ، ވާހަކަދައްކަމުން ގެންދިޔައިރު އަޝްހަރު އިސްދަށަށް ޖަހާލައިގެން އިނެވެ. އިރުއިރުކޮޅުން ޚައިރާދާ ދިމާއަށް ބަލައިލުމަށް އިސްނަގައެވެ. އަނެއްކާވެސް ޚައިރާދު އަތުގައި އޮތް ފައިލް އެއްކޮށް މޭޒުމަތީ ބޭއްވިއެވެ. އަދި ބުންޏެވެ.

" އަހަރެންގެ ދަރިފުޅުގެ ހުރިހާ ރިޕޯޓްތަކެއް މިފައިލްގައި އެހުރީއެވެ. މިވަގުތު އަހަރެން މިއުޅެނީ މިކަރުދާސްކޮޅުގައި ލިޔެފައިވާ އެޑްރެހުގައެވެ. " ކުޑަކަރުދާސްކޮޅެއް ނަގައި ، ހުރިހާ ލިޔުމެއްގެ މަތީގައި ބާއްވާލަމުން ޚައިރާދު ބުންޏެވެ. އަދި ތަންކޮޅެއް އަވަހަށް އެލިޔުންތައް ބަލައިލަދިނުމަށް އެދުނެވެ.

" އަހަރެންނާ ބައްދަލުވުމުން ، އަޝްހަރަށް ކުޑަވެސް އުފަލެއް ނުލިބޭނެކަން އަހަރެންނަށް އެނގެއެވެ. އެހެންނަމަވެސް އަޝްހަރުގެ އަގުހުރި ވަގުތުތަކުން ، އަހަރެންނަށްޓަކައި ކުޑަވަގުތުކޮޅެއް ހުސްކޮށްލަ ދިނީތީ ހާސްފަށުން ޝުކުރިއްޔާއެވެ ! " ޚައިރާދު ބުންޏެވެ.

އަޝްހަރާދިމާއަށް އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށްފަހު ، ޚައިރާދު ނުކުމެގެން ހިނގައްޖެއެވެ. އަޝްހަރުގެ އެތެރެހަށީގައި ކެކި އުތުރެމުންދިޔަ ރުޅިވެރިކަމުގެ އިޙްސާސްތަކަށް ކެތްނުވެގެން ނުކުތެވެ. މޭޒުމަތީގައި ޚައިރާދު ބާއްވާފައި ދިޔަ ފައިލާއި އޭގައިވާ ކަރުދާސްތަކުގައި އަތުންޖަހައި ހޫރާލިއެވެ. އަޝްހަރުގެ ކުރިމަތީ ބޭއްވިފައި އޮތް ، ތުއްތު ތުއްތު ހަރީމްގެ ފޮޓޯއަށް ، އަޝްހަރުގެ ކަޅިގޮސް ހުއްޓުނެވެ. އެތައް އިރެއްވަންދެން އެފޮޓޯއަށް ބަލަހައްޓައިގެން ، އަޝްހަރަށް އިނދެވުނެވެ. އޭނާގެ އަތުގައި އޮތް ސިނގިރެޓް ، ތުނބުގައި ޖަހައި އިރުއިރުކޮޅުން ދަމައިލައެވެ.

ޚައިރާދު މަޑުމަޑުން ހިނގާލާފައި ގޮސް މަގުހުރަސްކޮށް ކުރޮޅިއެއް ނަގައިގެން ، އަފްޝީންގެ ގެޔަށް ދިޔައެވެ. އޭނާގެޔަށް ވަތްތަނުން ، އަފްޝީންގެ ސުއާލުތައް ޚައިރާދާ ކުރިމަތިވިއެވެ. ޚައިރާދަށް ވާހަކައެއް ނުފެށުނެވެ. ވާހަކަ ދައްކާހާ ހިތްވަރެއް އޭނާގެ ހަށިގަނޑަކު ނެތެވެ. އަޝްހަރާ ބައްދަލުވިތޯ އަފްޝީން އެތައް ފަހަރަކު ޚައިރާދުކުރެން އެއްސެވެ.

އަޝްހަރާ ބައްދަލުވިކަމަށް ޚައިރާދު ބުންޏެވެ. އެކަމަކު އޭނާއާ ބައްދަލުވީ ، ޚައިރާދު ދަންނަ އަޝްހަރުނޫންކަމަށް ޚައިރާދު ބުންޏެވެ. ހަރީމް ވިހޭދުވަހު ، ޚާލާގާތު އޭނާ ބުނިވާހަކައެއް އަފްޝީންގާތު ބުނެލިއެވެ.

" އަޝްހަރުގެ އެއްވެސް އެހީތެރިކަމެއްނެތި ، އަޝްހަރު އެއީ ހުރިމީހެއްކަންވެސް ނާންގައި ، އިރާދަކުރެއްވިއްޔާ ، އަހަރެން ހަރީމް ބަލައި ބޮދުކުރާނެކަމުގައި ، ވަރަށް ޔަޤީންކަމާއެކު ، އަހަރެން ، ޚާލާދައްތަގާތު ބުނީމެވެ. އެކަމަކު ، އަހަރެންނަށް ހެދުނު ގޯހުގެ އަގު ، އެހާބޮޑުވެދާނެޔޭ ހިތަށްއަރާނީ ކޮންގޮތަކަށް ހެއްޔެވެ ؟ " ޚައިރާދު ބުންޏެވެ.

" ޚައިރާދު ތިހެން ނުބުނާށެވެ ! ﷲ އީ އޯގާވަންތަ ރަސްކަލާނގެއެވެ. ކޮންމެވެސް ރަނގަޅުގޮތެއް މިންވަރު ކުރައްވާނެއެވެ. " އަފްޝީން ބުންޏެވެ.

" އަޝްހަރު އޭނާގެ މުއްސަނދިކަމާއި ގޮތްދޫނުކުރުމުގެ އިޚްތިޔާރުގައި އެހުރީއެވެ. ހުރިހާ ތަކުލީފެއް އުފުއްލަން މިޖެހެނީ އަހަރެންނެވެ. ހުރިހާ އަނިޔާއެއް އަހަރެންނަށާއި އަހަރެންގެ ދަރިފުޅަށެވެ. މިއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ ؟ " ޚައިރާދަށް ބުނެވުނެވެ.

" ޚައިރާދު ތިދިޔައީ ، ޚައިރާދަށް ކަމެއްކޮށްދޭން އަޝްހަރުގާތު އެދޭކަށް ނޫނެވެ. ހަރީމްގެ ޙައްޤު ހޯދުމަށެވެ. ހަރީމްއަށް ދިމާވެފައިވާ ނިކަމެތިކަމުގައި ބައްޕަގެ އެހީ ހަރީމަށް ޙައްޤެވެ. " އަފްޝީން ބުންޏެވެ.

" އަފްޝީން ތި ދައްކަނީ ކޮން ޙައްޤެއްގެ ވާހަކައެއް ހެއްޔެވެ ؟ މިދުނިޔެއަށް އުފަންވާއިރު ، އެކުއްޖާފުޅު ، ބައްޕައެއްގެ ނަމާ ގުޅިދުނިޔެއަށް ތަޢާރުފްވުމަށްވުރެ ވަކިން ބޮޑު ޙައްޤެއް އޮންނާނެހެއްޔެވެ ؟ އެޙައްޤު ، ހަރީމަށް ނުލިބި ، ޔަތީމުކުއްޖެއްގެ ގޮތުގައި ބަލިޙާލުގައި ދުނިޔެ ލިބުން އެއީ ކޮން ޙައްޤެއް ހެއްޔެވެ ؟ " ޚައިރާދު ސުއާލުކުރިއެވެ.

އަޝްހަރު ، އޭނާއާމެދު ކަންތައްކުރިގޮތުން ، އިހުނަށްވުރެބޮޑަށް އަޝްހަރުގެ މައްޗަށް ޚައިރާދުގެ ހިތުގައި ނަފުރަތު އުފެދުނެވެ. ދަރިފުޅުގެ ބަލިޙާލަށް އެހީއެއްވެ ދިނުމަށް ، ސަލާންޖަހާ މީހެއްހެން އާދޭސްކުރިއެވެ. އިސްއުފުލާ ދުނިޔެއާ ކުރިމަތި ލާން ނުކެރޭވަރަށް އޭނާ ނިކަމެތިވިއެވެ. އަޝްހަރަށް ކުރި އެއްވެސް އަސަރެއް ނެތެވެ.

އަޝްހަރު ގެޔަށްނުގޮސް ވަރަށް ލަސްވަންދެން  އޮފީހުގައި އެރޭ އިނެވެ. ޚައިރާދު އައިސް އެދެއްކު ވާހަކަތަކުގެ އަސަރު ކޮންމެވެސް ވަރަކަށް އަޝްހަރަށް އިޙްސާސްވިއެވެ. ތަޅުންމައްޗަށް ވެއްޓިފައި އޮތް ، ފޮޓޯގަނޑު އޭނާ ނެގިއެވެ. އަދި ފުން ނަޒަރަކުން އެފޮޓޯގަނޑަށް ބަލައިލިއެވެ. އެއަށްފަހު ހަރީމްގެ ރިޕޯޓްތައް ބަލައިލިއެވެ. އޭރު އަޝްހަރުގެ ފޯނަށް މެދުނުކެނޑި ފޯނެއް އައެވެ. އެފޯނަށް ޖަވާބުދޭކަށް އޭނާއެއް ނުވިސްނައެވެ.

އަފްޝީން ހުންނަނީ ކަރާޗީގައެވެ. އޭނާއަށް ޗުއްޓީއެއް ލިބޭތީ ، އޭނާގާތަށް ކަރާޗީއަށް އައުމަށް ޚައިރާދަށް ދަޢުވަތު ދިނެވެ. އެހެންނަމަވެސް ، އެދުވަސްވަރު ހަރީމްގެ ޙާލަތު އެހާ ރަނގަޅެއްނޫނެވެ. ކުޑަކޮށްވެސް ދުވެލައި އުޅެފިއްޔާ ވަރުބަލިވެއެވެ. ބަނޑަށް އެނގުންވާވަރަށް އެއްޗެއް ކައިފިއްޔާ ނޭވާ ހާސްވެއެވެ. ޚައިރާދުހުރީ ހަރީމަށް ވާގޮތެއް ނޭނގޭތީ ކަންބޮޑުވެފައެވެ. އެނާ ކިޔަވައިދޭން ސްކޫލަށް ދިޔައިމަ ، ހަރީމް ކުޅެން އުޅޭއިރު ބަލައިގެން އުޅެން ބުނެފަ ދިޔަޔަސް ، ކުދިންވީމަ އެހާބޮޑަކަށް ބަލައިގެންނެއް ނުއުޅެވެއެވެ. ފެންވަރާއިރުވެސް ، މޫނަށް ފެންފޮދެއް އެޅޭއިރަށް ހާސްވެގެން ނޭވާ ކުރުވެއެވެ. ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކަށް ހަރީމް ދައްކަމުން އެބަގެންދެއެވެ. ފަރުވާވެސް ދެމުން އެބަގެންދެއެވެ. އެހެންނަމަވެސް ، ހަރީމަށް އެވާގޮތްތަކަށް ބަދަލެއް ނާދެއެވެ. އެންމެފަހުން ހެދި ޓެސްޓްގެ ރިޕޯޓްތައް އަދި ނުލިބެއެވެ. އޭނާގެ ދަރިފުޅަށް ހެޔޮ ރަޙުމަތް ލެއްވުންއެދި ، ކޮންމެ ނަމާދެއްގެ ފަހުގައި ޚައިރާދު ، ދުޢާ ކުރެއެވެ. އޭނާއަށް ކުރެވެން އޮތްކަމެއްވިއްޔާ ހަރީމަށްޓަކައި އަންނަނީ ކޮށްދެމުންނެވެ.

ހަރީމްގެ ރިޕޯޓް ލިބިގެން ޑޮކްޓަރު ގުޅީމަ ، ޚައިރާދު ހޮސްޕިޓަލަށް ދެއެވެ. ހަރީމްގެ ހިތުގެ ޙާލަތު އެހާ ރަނގަޅެއްނޫނެވެ. ޑޮކްޓަރު ބުނިގޮތުގައި ، އެކުއްޖާފުޅުގެ ޅަ ހިތުގައި ލޯވަޅެއް ހެދިފައި އެބަހުއްޓެވެ. ދުވަސްނުފުރާ ވިހާ ކުދިންގައި ތަފާތު މައްސަލަތައް ހުންނާނެއެވެ. ހަރީމަށް އެދިމާވީ އޭނާގެ ހިތުގެ މައްސަލައެވެ. ކަރާޗީއަށް ދަރިފުޅު ގެންގޮސް ، ކުޑަކުދިންގެ ޚާއްޞަ ޑޮކކްޓަރަކަށް ދެއްކުމަށް ޑޮކްޓަރު ލަފާދިނެވެ. އަޙްމަދުއާބާދުގައި އެކަމަށް ދެވެންހުރި ފަރުވާއަކީ އެންމެ ފުރިހަމަ ފަރުވާކަމަށް ނުވެދާނެއެވެ. އެކަމަކު ، ކަރާޗީން ހަރީމަށް ރަނގަޅު ފަރުވާ ދެވިދާނެއެވެ.

ކަރާޗީއަށްގޮސް ، ހަރީމް ދެއްކީމަވެސް ބުނީހަމަ އެއްވާހަކައެކެވެ. އެކުއްޖާފުޅުގެ ހިތުގައި ލޯވަޅެއް ހުރި ވާހަކައެވެ. އަދި އޯޕަން ސާޖަރީއަކުން ނޫނީ ރަނގަޅުނުވާނެ ވާހަކައެވެ. އަދި އެ ސާޖަރީ ލަސްނުކުރުމަށްވެސް ޑޮކްޓަރު ލަފާދިނެވެ. ޚައިރާދު އުއްމީދުކޮށްގެން ހުރީ ، އޭނާ މަސައްކަތްކޮށްގެން ލާރިހޯދައިގެން ހަރީމްއާ ދެމައިން އުފަލުގައި އުޅެވޭނެ ދުވަހަކަށެވެ. އެހެނަސް ، ހަރީމްގެ ބަލިޙާލަތަކީ ، އެފަދަ އުއްމީދެއް ހިތުގައި ދިރުވައި އާލާކުރުމަށް ހުރަސް އެޅިފައި އޮތް ކަމެކެވެ. ހަރީމް ރަނގަޅު ނުވަނިސް ޚައިރާދަށް ހަމަނޭވާވެސް ނުލެވޭނެއެވެ. ސާޖަރީއަށް އެތައްލައްކަ ރުފިޔާއެއް ބޭނުންވާނެއެވެ. ޚައިރާދު ރައްކާކުރަމުން ގެންދިޔަ ފައިސާ ހޭދައެކުރަނީ ހަރީމް ޑޮކްޓަރަށް ދައްކަން ކަރާޗީއަށްގޮސް އައިސް ވުމަށެވެ. އެހުރިހާ ފައިސާއެއް ޚައިރާދު ހޯދާނީ ކޮންތާކުން ހެއްޔެވެ ؟

ފައިސާގެ ކަންތަކުގައި އަފްޝީންވެސް އަދި ޚާލާވެސް ، ޚައިރާދަށް ލަފާދިނީ އަޝްހަރާ ބައްދަލު ކުރުމަށެވެ. އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ ފަރާތްތަކަށް އެދޭ އެހީ ، ޚައިރާދުގެ ދަރިފުޅަށް ދިނުމަށް އެދި އަޝްހަރަށް އަލުން އާދޭސްކުރުމަށް ދެމީހުންވެސް ލަފާދިނެވެ. އެހެންނަމަވެސް ، މަރު އައިސް އޭނާއާ ކުރިމަތިވިޔަސް ، އަޝްހަރުގެ މޫނުގެކިލަންވެސް ޚައިރާދު ބޭނުމެއްނޫނެވެ. އެވަރުގެ އަނިޔާވެރިއެއްގެ ފައިބުޑަށް ވެއްޓުމަށްވުރެ ، އެކަނި އޮވެ މަރުވުންވެސް މާ ހިތަށް ފަސޭހަވާނެއެވެ. އަޝަހަރާއެކު ޚައިރާދު ހޭދަކުރި ދުވަހަށްވުރެ ވަކިން ހޭދަކުރި ދުވަސް މާގިނައެވެ. އަޝްހަރާ ވަކިވިފަހުން މިހާރު 4 އަހަރުވީއެވެ. ޚައިރާދަށް ލިބުނު ތަޖުރިބާގައި އަޝްހަރަށް އިތުބާރު ކުރާނެ ހިތެއް ޚައިރާދުގެ ނެތެވެ. އެހިތްވަނީ އަޝްހަރަށްޓަކައި ހަރު ހިލަޔަށް ވެފައެވެ.

ޚާލާވެސް އަދި އަފްޝީންވެސް ބާރުއަޅަމުންގެންދިޔައީ ، އަޝްހަރުގާތަށް އަދި އެއްފަހަރު ގޮސް ހަރީމަށްޓަކައި އޭނާގެ ޙައްޤަށް އެދުމަށެވެ. އެއީ އަޝްހަރުގެ މައްޗަށް އޮތް ވާޖިބެކެވެ. އެއީ ޚައިރާދުގެ މައްޗަށް ލާޒިމްކަމެއްކަމުގައި ދެމީހުންވެސް ވިސްނައިދިނެވެ. ޚައިރާދު ، އެކަން އެގޮތަށް ނުކޮށްފިނަމަ ، ފަހުން ދެރަވާނެކަން ހަނދާންކޮށްދިނެވެ. ޚައިރާދު ގޮތްދޫނުކޮށް އޭނާގެ އީގޯ ހިފެހެއްޓުމުން ، ހުރިހާ ގެއްލުމެއް ލިބެނީ ހަރީމަށްކަމުގައި ބުންޏެވެ. ހަރީމަށް ގެއްލުމެއްލިބިއްޖެނަމަ ، އޭނާއަށް ކޮށްދޭންޖެހޭކަމެއް ނުކޮށްދެވި އޮވެގެން ޚައިރާދު ، ފަހުން ދެރަވާންޖެހޭނެގޮތެއް ނުހެދުމަށް އެދެމީހުންވެސް އެދުނެވެ.

ޚައިރާދާއި އަފްޝީން ، ބަދިގޭތެރޭގައި ނާސްތާ ތައްޔާރުކުރަމުން ގެނދިޔައެވެ. ޚައިރާދުގެ ޙަރަކާތްތައް ލަސްކަން ފާހަގަކުރެވި ، އެކަމާ އަފްޝީން ސުއާލު ކުރިއެވެ. ޚައިރާދުގެ ކަންބޮޑުވުމަކީ ، ހަރީމްގެ ޙާލަތު ދަށްވަމުންގޮސް މަރުގެ ތުންފަތްމަތީގައި އޮތުމެވެ. އަފްޝީނާއި ޚާލާ ކީވަރުން އެހެންގޮތެއްނެތި ، ޚައިރާދުވަނީ އަޝްހަރާ ބައްދަލުކޮށް ހަރީމްގެ ބަލީގެވާހަކަ ބުނެފައެވެ. އޭގެފަހުން މިހާރު ހަތަރުމަހެއްހާ ދުވަސްވަނީއެވެ. އަޝްހަރުގެ ފަރާތުން އެއްވެސް ޚަބަރެއް ނުވެއެވެ. އަޝްހަރުގެ ގާތަށް ދެވުނުމޮޔަ ހިތަށް އަރާކަމުގައި ޚައިރާދު ބުންޏެވެ. އިންސާނިއްޔަތަށްޓަކައި އޭނާގެ ދަރިފުޅަށް ހަމްދަރުދީވެ އެހީތެރިވުމަށް އާދޭސް ކުރެވުނު މޮޔަ ހިތަށް އަރައެވެ. އެއީ ޚައިރާދަށް ކުރެވުނު ދެރަކަމެކެވެ. އިންސާނިއްޔަތުކަމާއި ހަމްދަރުދީގެ ކުޑަވެސް އަސަރެއްނެތް މީހެއްގެ ގާތަށް އެހީއަކަށް އެދި އާދޭސްކުރާނީ މޮޔައެކެވެ.

ފަރީދާ ރަށަކު ނެތެވެ. އަޝްހަރު ތަންކޮޅެއް އަވަހަށް އޮފީސް ނިންމާލާފައި ގެޔަށް ދާން ހނގައިގަތްތަނާ ސާރާ އައެވެ. އަދި އެހާ އަވަހަށް ގެޔަށްދާތީ ސުއާލުކުރިއެވެ. އަޝްހަރު އެދަނީ ގެޔަށް ނޫންކަމަށާއި ، ރައްޓެއްސަކު ހިތްހުއްޓިގެން ބަލިވެ އޮތީމަ ގޮވާލަންދަނީކަމަށް ބުނެ އަޝްހަރު އޮފީހުން ނުކުތެވެ.

އަޝްހަރު ދިޔައީ ، ހަރީމް ދައްކާ ހޮސްޕިޓަލަށެވެ. ކާރު ޕާކުކޮށްލުމަށަފަހު ، ސިނގިރެޓެއް ރޯކޮށްލައި ބޭރުގައި މަޑުކޮށްލިއެވެ. ކުއްލިޔަކަށް އޭނާއާ ދިމާއަށް އެއައީ އެތާ ކުޅެން އުޅުނު ކުދިބަޔެއްގެ ބޯޅައެވެ. ބޯޅަ ނަގައި ބޯޅަބަލައި އައި ކުއްޖާއަށް އަޝްހަރު ބޯޅަ ދިއްކޮށްލިއެވެ. އެއީ ހަރީމެވެ. ހަރީމް ބޯޅައިގާ ހިފައި ހިނގައިގަންނަމުން ހުއްޓިލިއެވެ. އަދި އެއީ ފޮޓޯއިން ފެންނަ ބައްޕަތޯ ސުއާލުކުރުމަށްފަހު ، އުޑަފައިން އިށީނދެއިން އަޝްހަރުގެ ގައިގާ ބައްދާލިއެވެ. އަޝްހަރުވެސް ހަރީމްގެ ގައިގާ ފިރުމާލިއެވެ. އެވަގުތު ޚައިރާދާއި އަފްޝީން އައިސް ޑޮކްޓަރު އެބަގޮވައޭ ބުނެ ހަރީމްގެ އަތުގައިހިފައި ، އަޝްހަރާ ވަކިކޮށްލައިގެން ގެންދިޔައެވެ.

ޚައިރާދުމެން ހޮސްޕިޓަލަށް ވަތްތަނާ އަޝްހަރު ތެދުވެގެން އެދިމާއަށް ދުއްވައިގަތެވެ. އަދި އޭނާ ފަހަތުން އައިކަން ޚައިރާދުމެންނަށް އަންގާލިއެވެ. ހަރީމް ގޮވައިގެން ޑޮކްޓަރު ކޮޓަރިޔަށް ވަނުމަށް އަފްޝީން ގާތު ޚައިރާދު އެދުނެވެ.

އަޝްހަރު އައިސް ، ކައިރާދުގެ ކުރިމައްޗަށް ހުއްޓުނެވެ. އަދި ބުންޏެވެ.

" ޚައިރާދުގެ ގޮތްދޫނުކުރުމުގެ ޙައްދެއްވެސް ނެތީ ހެއްޔެވެ ؟ އެހާ ގިނަދުވަސް ވަންދެން ، އަހަރެންގެ ދަރިފުޅު އަހަރެންނަށް ފޮރުވައިގެން ގެންގުޅެން ޚައިރާދަށް އޮތީ ކޮން ޙައްޤެއް ހެއްޔެވެ ؟ އަދި ، ބަލިވެ އިން ކަންވެސް އަހަރެންނަށް އޮތީ ސިއްރު ކޮށްފައެވެ. އިންސާނިއްޔަތުކަމުގެ އެއްވެސް ކަމެއް ޚައިރާދުގެ ނެތީ ހެއްޔެވެ ؟ ޚައިރާދަކީ އަހަރެންނާއި އަހަރެންގެ ދަރިފުޅުގެ މުޖުރިމެކެވެ. އަހަރެން ޚައިރާދަށް ނަފުރަތު ކުރަމެވެ. " އަޝްހަރު ރުޅިވެރިކަމާއެކު ބުންޏެވެ.

އަޝްހަރު ވާހަކަ ދައްކަމުން ގެންދިޔައިރު ، ޚައިރާދު ހަމަޖެހިލައިގެން ހުށްޓެވެ. އެއްވެސް އެއްޗެއް ނުބުނެއެވެ. އިރުކޮޅަކު ހުރުމަށްފަހު ، އަޝްހަރު ދައްކަންހުރި ވާހަކަ ނިމުނީތޯ ސުއާލުކުރިއެވެ. އަދި އޭނާގެ ދަރިފުޅުގެ ނަންބަރަށް ޖެހިގެން ، ޑޮކްޓަރު ގާތަށް އޭނާ ދާންޖެހޭކަމުގައި ބުނެ ޚައިރާދު ހިނގައިގަތެވެ. އަޝްހަރު ، ޚައިރާދާ ދިމާއަށް ލޯއަޅައިގެން ބަލަހައްޓައިގެން ހުއްޓެވެ.

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.