އަނާ - 25

(15 އޭޕްރީލް 2023 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އިށީންނަވާ"

"ކަލާ ނުދުރުވާތާ ދެ ދުވަސް ވެއްޖެ. ގެއަށް ދިއައީމާ އެނގުނީ ގޭގައިވެސް ގިނައިން ނޫޅުއްވާކަން. ދެން އަޅުގަނޑު ހިތަށް އެރީ ހޮޓަލުގައި އިންނަވާފާނެ ކަމަށް. އެހެންވީމާ މިތަނަށް އައީ" އަނާ އިށީންނަމުން ބުނެލިއެވެ. އަދި މޭޒު މައްޗަށް ބަލާލާފައި ބުންޏެވެ.

"އަޅުގަނޑު އަންނާނެކަން ކަލާ އެނގިލައްވާ ދޮގެއްތޯ؟" އޭނާ މޭޒުމަތީގައި ހުރި ކޯކް ފުޅިއަށާއި ސެންޑްވިޗް ތަށްޓަށް އިޝާރާތްކޮށްލިއެވެ.

"ޔަޤީނެން ނު ކުރެވޭ. ނަމަވެސް އޯޑަރ ކޮށްގެން އިނދެވުނީ"

"އަޅުގަނޑަށް މި އެއްޗެހި ބޭނުން ކުރެވިދާނެތޯ؟"

"އެއްޗެހި ގެނެސްފައި އެވަނީ ހަމަ ކަލާއަށްޓަކައި" ޘަނާ ހީނލިއެވެ"

"ޝުކުރިއްޔާ ..." އަނާ ތަށީގެ ތެރެއިން ސޭންޑްވިޗެއް ނަގަމުން ބުނެލިއެވެ. ޘަނާވެސް އަނެއް ސޭންޑްވިޗް ނަގަމުން ހީނލިއެވެ.

"އަޅުގަނޑަށް ކޮށްދެވިދާނެއް އެއްވެސް ޚިދުމަތެއް އެބައޮތްތޯ؟"

"ދެ ދުވަސް ވަންދެން ނުދުރުވެ ހުންނެވީ ކީއްވެގެންތޯ؟"

"އަޅުގަނޑު އެންމެފަހުން އައީ .މިހާރު ދެން ހުރިހާކަމެއް ގެންދަވަން ވީގޮތް އެނގިލައްވާނީ ކަލާއަށް ނަންގަނެފައި ނޫންތޯ. ކަލާގެ މުސްތަޤްބަލާމެދު ނިންމަވާނެ ގޮތެއް ކަނޑައަޅުއްވާނީ ކަލާ އަމިއްލައަށޭ...."

"އައްސަވ!ާ އަޅުގަނޑު މި ނަންގަންނަ ވާހަކަ އައްސަވާ ބައްލަވާ ޘަނާ! އަޅުގަނޑަށް އަދިވެސް ކަލާ ބޭނުން ވަރަށް ބޮޑު އަދި އަޅުގަނޑުގެ މަންޒިލް އަޅުގަނޑަށް ހާޞިލް ނުވެވޭހާ ހިނދަކު އަޅުގަނޑަށް ކަލާ ބޭނުންވާނެ! އަދި އަޅުގަނޑުގެ ...." އަނާ އެކި ބަސްބަހަށް ބާރުލަމުން ބުންޏެވެ.

"މަންޒިލޭތޯ؟ ކޮން މަންޒިލެއްތޯ؟ އަޅުގަނޑު ކަލާ ދޫކޮށްލީ މަންޒިލްގެ ކައިރިއަށް ނޫންތޯ؟"

"މަންޒިލް އަދިވެސް ވަނީ ވަރަށް ދުރުގައި ޘަނާ! ކަލާ ތިޔަ އުޅުއްވަނީ އެނގިނުލައްވާކަމަށް ހައްދަވަން.."

"އަޅުގަނޑު ކާފަރަކަށްވެހުރެ މަރުވާކަށް ނޭދެން އަނާޖީ!"

ތިޔަ ބުނުއްވީ ކީކޭތޯ؟"

"ނޭނގޭ ކަމަށް ހެދޭނީއޭ ބުނުއްވާ..." ޘަނާ ހިނިތުންވެލިއެވެ.

އަނާ އިރުކޮޅެއް ވާންދެން އެއްޗެއް ނުބުނެ ޘަނާއާ ދިމާއަށް ބަލަން އިނެވެ. ޘަނާވެސް އޭނާއާ ދިމާއަށް ބަލާލުމުން ހަތަރުކަޅި ހަމަވާގޮތް ދިމާވުމާއެކު އަވަސް އަވަހަށް އިސްޖަހާލާފައި އަނާ ބުންޏެވެ.

"ޚާން އާޞިފް ވިސްނަނީ ކިހިނެއްތަ؟"

"ރަނގަޅަކަށް ނުވިސްނާނެ ނަމަވެސް އަޅުގަނޑު ...ނޫން .... އަޅުގަނޑު ބުނަން މި އުޅުނީ ކަލާ މިހާރު ތިޔަ ހުންނެވީ ޚާން އާޞިފްގެ ނަގުލުގައި ހިއްޕަވައިގެންނޭ"

"އޭނާ އެނބުރިލާފައި ދަތްއަޅާފާނެއްނު؟"

"އެހެން ހަދާފާނެ ކަމާމެދުވެސް އަޅުގަނޑު ޣާފިލެއް ނުވަން. ހުރިހާ ގޮތަކުންވެސް ކަލާ ރައްކާތެރިކުރުމުގެ ފިޔަވަޅުތައް އަޅުގަނޑު ހުންނާނީ އަޅާފައި"

"ތިޔަ ބުނުއްވީ ކީކޭތޯ؟"

"ކަލާ ރައްކާތެރި ކުރުމުގެ ގޮތުން އަޅުގަނޑު ވާނީ ބަޔަކުވެސް އިންތިޒާމުކޮށްފައި. ފަހަރެއްގައިވެސް ދުޝްމަނަކީ ބަލި މީހެއްކަމުގައި ދެކެގެންނުވާނެ. އެހެނީ، އާޞިފްޚާން އޭނާގެ ހުރިހާ މުދާތައް އަތުން ބީވެގެންދާތަން ބަލާކަށް ނުހުންނާނެ. އޭނާއަށް އެ ގޮތަށް ވުރެ އަޅުގަނޑުމެން މަރާލުން ނުވަތަ އޭނާ އަމިއްލައަށް މަރުވުންވެސް މާރަނގަޅުވާނެ. މިގޮތަށް ކަންތައް ކޮށްފާނެކަމަށް ވިސްނާފައި އަޅުގަނޑުވާނީ ކަލާ ރައްކާތެރިކޮށް ބެލެހެއްޓުން ބަޔަކު މީހުންނާ ހަވާލުކޮށްފައި. އެއީ އަޅުގަނޑުގެ ބަޔެއް. މީހުން ސައުވީސްގަޑިއިރު ކަލާ ރައްކައުތެރި ކުރާނެ"

އަނާގެ ލޯ ހައިރާންކަމުން ފުރިގެންދިޔައެވެ. ހިސާބަކަށް ތުރުތުރު އަޅާގޮތްވެސް ވެގެން ދިއުމާއެކު ބުންޏެވެ.

"އަޅު....އަޅުގަނޑު އެ ވަރުން ރައްކާތެރި ކުރެއްވުމުގެ ބޭނުމެއްނެތް. އަޅުގަނޑަށް ވުރެބޮޑު ރައްކާތެރި ކުރަންޖެހޭ ކަލާ. ކަލާގެ އަމިއްލަ ރައްކާތެރި ކަމާމެދު އެއްވެސް ފިޔަވަޅެއް އެޅުއްވިންތޯ؟"

"އެއްކަމެއްވެސް ނުކުރަން. އަޅުގަނޑު އަތުގައި ގެއްލިދާނެތީ ބިރުގަންނަންޖެހޭ ފަދަ އެއްޗެއް އޮތީވެސް ކޮންއެއްޗެއްތޯ؟"

"އަޅުގަނޑަށް ޓަކައި ތިޔަ ހުރިހާ ކަމެއް ކޮށްދެއްވަނީ ކީއްވެތޯ؟" އަނާ އޭނާއާ ދިމާއަށް ބަލަން އިނދެ ސުވާލުކޮށްލިއެވެ.

"އަޅުގަނޑުވާނީ ކަލާއަތުން އެއްޗެއްގައި ހިފާފައި. އެއީ ވަރަށް ބޮޑު އެއްޗެއް"

"އަޅުގަނޑަށް ކަލާގެ ވާހަކައެއް ނުވިސްނުނު ޘަނާ..... ކަލާ އަޅުގަނޑުގެ ފަރާތުން އެދިލައްވަނީ ކޮންއެއްޗަކަށްތޯ؟"

ޘަނާ ކުޑަކޮށް ހީނލިއެވެ. އަދި ކޯކް ފުޅިން އެތިފޮދެއް ބޯލާފައި ބުންޏެވެ.

"އަނާޖީ ތެދަށް ނަންގަންނަވަންތޯ؟ ކަލާ މީގެ އެއް އަހަރު ދުވަސްކުރިން އަޅުގަނޑަށްވަނީ އިތުބާރު ކުރައްވާފައި އަދި ކަލާގެ ވަކީލެއް ކަމުގައި އަޅުގަނޑުވަނީ ޚިޔާރު ކުރައްވާފައި. މިއަދުވެސް އަޅުގަނޑު މިގެންދަނީ ކަލާގެ ފަރާތުން ވަކާލާތުކުރަމުން"

"ކިހާތަނަކަށް ވަކާލާތު ކުރައްވަމުން ގެންދަވާނަންތޯ؟"

"ކަލާއަށް ކަލާގެ މަންޒިލް ލިބި ނުލައްވާހާ ހިނދަކު އަޅުގނަޑު ވަކާލާތު ކުރަމުން ގެންދާނަން"

"އެހާ ކުޑަކުޑަ ފީއަކަށް އެހާބޮޑުކަމެއް ކުރައްވަނީތޯ؟ އަޅުގަނޑު މިއަދާ ހަމައަށް ތިޔަކަހަލަ ވަކީލަކު ނުދެކެން"

"އެ ފީ ކުޑައެއްނޫން. އަނާޖީ! އަޅުގަނޑަށް ވިސްނޭގޮތުގައި އެ ފީ ކުޑައެއްނޫން. ވަރަށް ބޮޑު ނަމަވެސް ކަލާއަށް އެކަން އިޙްސާސް ނުކުރެއްވެނީ ކަމަށްވެދާނެ. ކަލާގެ އަތުން ކަލާގެ އެ ދެ ތަނޑިގަނޑު ނައްޓަވާލައްވާފައި ފީގެ ގޮތުގައި އަޅުގަނޑު ކުރިމަތީގައި އެ ބޭއްވެވި ދުވަސް މިހާރު ހަނދާން އެބަހުރިތޯ؟ އެ ދުވަހުގެ އެވަގުތު އަޅުގަނޑުގެ ހިތަށް އެރިއެއްޗެހި ކަލާއަށް އިޙްސާސް ކުރެއްވޭތޯ؟"

"އެރޭ އަޅުގަނޑު އަތުގައި އެއްވެސް ފައިސާއެއްނެތީ؟"

"މިހާރުވެސް ކަލާގެ އަތުގައި ފައިސާއެއްނެތް. ނަމަވެސް އެ ދެ ތަނޑިގަނޑު އަޅުގަނޑުގެ މުޅި މުސްތަޤްބަލް އަނދިރިކޮށްލީ. އާނ...އަނާޖީ! އެ ދެތަނޑިގަނޑު އަޅުގަނޑު އަޅުގަނޑާ ވަކިކޮށްލައިފި. އަދި އޭރުއްސުރެ އަޅުގަނޑު އަބަދުވެސް މީހުންނަނީ އަޅުގަނޑުގެ އަތުން އެ ދެ ތަނޑިގަނޑު ކަލާގެ އަތުގައި އަޅުވާ ދެވޭނެ ފުރުޞަތަކަށް އެދިއެދި އެއީ ކީއްވެތޯ؟ ކަލާގެ އަތުކުރިއަކީ އަޅުގަނޑު ކައިރީގައި ވަރަށް ރީތި އަދި ވަރަށް އަގުބޮޑު އަދި ވަރަށް........."

"މި ސެންޑްވިޗް ނަންގަވާ!" ކުއްލިއަކަށް ވާހަކައިގެ މަވްޟޫއު ބަދަލުކޮށްލުމުގެ ގޮތުން ޘަނާގެ ވާހަކަ މެދުކަނޑުވާލާފައި އަނާ ބުނެލިއެވެ. އަދި ސެންޑްވިޗް ހުރިތަށި އޭނާއާ ދިމާއަށް ޖައްސާލިއެވެ.

"ޝުކުރިއްޔާ...." ޘަނާ ހިނިތުންވެލިއެވެ.

"ލައްބަ. އަޅުގަނޑު ބުނަމުން މިއަންނަނީ ކަލާއަކީ ވަރަށް ރަނގަޅު އަދި އެހާމެ މާތް އިންސާނެކޭ އަދި އަޅުގަނޑަށްޓަކައި ކަލާއަކީ ވަރަށް އަގުބޮޑު މީހެއްވެސްމެއޭ މިއަދު އަޅުގަނޑު މިހަދަނީ ކަލާއަކީ އަޅުގަނޑުގެ ވަކީލަކަށް ނޫން...އަޅުގަނޑުގެ ރަޙްމަތްތެރިއަކަށް...ބުނުއްވަބައްލަވަ އެންމެރަނގަޅުތޯ.... އަޅުގަނޑުގެ ރަޙްމަތްތެރިއަކަށް ވެލައްވާނުތޯ؟ އަނާ ބުނެލިއެވެ.

"އަޅުގަނޑު ދިރިހުރުމަށްޓަކައި ތިޔަ އިއްޒަތްވެސް ކުޑައެއް ނޫން. އެހެން ކަލާގެ ރަޙްމަތްތެރިއަކަށްވުމުގެ ޝަރަފް ލިބުމަކީވެސް އަޅުގަނޑަށް ޓަކައި ވަރަސް ބޮޑު ކަމެއް. ޘަނާ މިހެން ބުނީ ހިނިތުންވެލުމާއެކުގައެވެ. އަނާ އޭނާއާ ދިމާއަށް ވަރަށް ބޮޑަށް ކަޅިއަޅާލާފައި ބަލާލިއެވެ. އަދި ބުނަމުން ދިޔައެވެ.

"އައްސަވާ ޘަނާ ކަ... ކަލާއަކީ ވަރަށް ރަނގަޅުމީހެއް. ވަރަށް މަތިވެރި އިންސާނެއް. ކަލާ އަޅުގަނޑުގެ މަޖްބޫރީތަކާމެދު ވެސް ވިސްނަވާ. ކަލާއަށް އަޅުގަނޑުގެ މަންޒިލްވެސް އެނގިލައްވާ. އެހެން ކަމުން އަޅުގަނޑުގެ އެދުމަކީ އަދި އަޅުގަނޑުގެ އާދޭހަކީ އަޅުގަނޑުމެންގެ މި މާތްގުޅުމށް ނުރަނގަޅު އަސަރެއް ކޮށްފާނޭފަދަ އެއްވެސް އެއްޗެއް ކަލާ ނުބުނުއްވުން."

ޘަނާ ކުއްލިއަކަށް ސިނގިރޭޓެއް ރޯކޮށްލިއެވެ. އަދި އޭގެ ދުންކޮޅު ދިރިވާލަމުން ހީނލިއެވެ. އަދި ބުނެލިއެވެ.

"ކަލާ އަޅުގަނޑާމެދު ޝަކްވާއެއް ކުރައްވަން ނުޖެހޭގޮތަށް ކަންތައް ބެހެއްޓޭތޯ އަޅުގަނޑު އަބަދުވެސް ޚިޔާލުކުރާނަން."

"އަޅުގަނޑު ކަލާއަށް ޓަކައި ފަޚްރުވެރިވަން އަޅުގަނޑުގެ އަގުހުރި ރަޙްމަތްތެރިޔާ! އަދި ކަލާއަށް ސެލިއުޓް ދެން!"

"ކަލާވެސް މި ކޭން ބައްލަވާ! ޘަނާ ސެންޑްވިޗް އަޅާފައި ހުރި ތަށި އަނާއާ ދިމާއަށް ޖައްސާލަމުން ބުންޏެވެ.

"އަދި ނަންގަންނަން....ޝުކުރިއްޔާ" އަނާ ގަދަކަމުން ކަހަލަ ގޮތަކަސް ހިނިތުންވެލިއެވެ. އަދި ގޮނޑިން ތެދުވެލާފައި އަލުން އިށީންނަމުން ބުންޏެވެ.

"އަޅުގަނޑު މިއުޅެނީ ޕްރޮގްރާމެއް ހަދައިގެން ކަލާ ޤަބޫލު ކުރައްވާނަމަ ބުނުއްވަބައްލަވަ"

"ވާހަކަ މިހާ ދިގުވެގެންދިޔަ ދިނުމުގެ ބޭނުމަކީ ކޮބައިތޯ؟ ވާހަކަ އަވަހަށް ނިމުމަކަށް ނުގެންނަވަންވީ ކީއްވެތޯ؟"

"މިސާލަކަށް ކިހިނެއްތޯ"

"މިހާރު އަޅުގަނޑު ބޭނުންވަނީ އެނބުރި ދިޔުމަށް"

"ކޮންތާކަށްތޯ؟"

"އަޅުގަނޑުގެ ފިރިމީހާ ކައިރިއަށް ދިޔުމަށް މިގޮތަށް އަޅުގަނޑު ނިންމީ ޚާންއާޞިފްގެ ފުރާނަ މިހާރުވަނީ ކަލާގެ މުށުގެ ތެރޭގައޭ ކަލާ ބުނުއްވާފައިވާތީ... އެހެންވީމާ އަޅުގަނޑު ހިތަށް އަރަނީ އޭނާ މިހާރު ހުންނާނީ މި ވިޔަފާރި އަޅުގަނޑުމެންނާ އެކުގައި ކުރަން ތައްޔާރަށްކަމަށް. އަދި އޭރުން އަޅުގަނޑަށް އަޅުގަނޑުގެ މަންޒިލްވެސް ލިބޭނެކަމަށް. ކަލާގެ ޚިޔާލަކީ ކޮބައިތޯ؟"

"ކަލާގެ ތިޔަ ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް. ކަލާ ދުރުވުމުގެ ކުރިން އަޅުގަނޑުވެސް މީނީ ތިޔަކަމާމެދު ވިސްނަން. އަދި އަޅުގަނޑު ހިތަށް މިއަރަނީ  ދެން ކަލާއާ ބައްދަލުވާނީ ކޮންއިރަކުންބާވައޭ؟"

"މާދަން.ކިހިނެއްތޯ؟ ރަނގަޅުތީ؟"

"ރަނގަޅު. ކަލާއެގެއަށް ގެންދަން ޚުދް އަޅުގަނޑު އަންނާނަން"

"އަޅުގަނޑު އެދެނީވެސް ތިޔަގޮތް. އަދި އަޅުގަނޑު އަންނާނެކަން ކުރީން ޚާންއާޞިފަށްވެސް އަންގައިދޭން ބޭނުން."

"އަދި ކަލާއަށް މަރުހަބާ ކިޔަން ވާނެކަންވެސް ...ދޮގެއްތޯ؟"

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.