ހޫދުގެފާނުގެ ވާހަކަ - 1

ޢާދުބާގައިގެ މީހުންނަކީ ، ޔަމަނާއި އޮމާނާދެމެދުގައި އޮންނަ ފަރުބަދަމަތީގެ ވައިގަދަ ސަރަޙައްދެއްގައި އެތައް އަހަރެއްވަންދެން ދިރިއުޅުނު ބަޔެކެވެ. އެއީ ހަށިގަނޑުން ވަރުގަދަ ، ދުޅަހެޔޮ ، މަސައްކަތްތެރި ބަޔެކެވެ. އެމީހުން ޚާއްޞަވެގެންވަނީ ، ނަލަ އަދި ދިގު ޓަވަރާއެކު ޢިމާރާތް ކުރުމުގެ ހުނަރުވެރި މަސައްކަތަށެވެ. ބާރާއި މުއްސަނދިކަމުގައި ޢާދުބާގައިގެ މީހުންނަކީ އެހެންޤައުމުތަކާ ނުބައްދަލު ބާރުވެރި ބަޔެކެވެ. އެކަމުގެ ސަބަބުން ، އެމީހުންވެފައި އޮންނަނީ ގަދަފަދަ ނުފޫޒުގަދަ ބަޔަކަށެވެ. އެމީހުންގެ ސިޔާސީބާރުތައް އޮންނަނީ ، އަޑުގަދަ ޖެހިލުންކުޑަ ، ގޮށްމުށުގެ ބާރުގައި ، ހަމައެއްނެތް ބަޔެއްގެ ގޮތުގައެވެ. ﷲ ވޮޑިގެންވާކަމަށް އެމީހުން ދެކޮޅެއް ނުހަދައެވެ. އަދި އެކަލާނގެޔަށް އަޅުކަންކުރުމަކަށްވެސް ، އެބައިމީހުން ދެބަހެއް ނުވެއެވެ. އެމީހުން ، ހަމައެކަނި ދެކޮޅުހަދަނީ ، ﷲ އަށް އެކަނި އަޅުކަންކުރުމަށެވެ. އެހެން ކަލާނގެތަކަށްވެސް އެމީހުން އަޅުކަން ކުރެއެވެ. އެބައިމީހުންގެ އަމިއްލައަތުންހަދައިގެން ގެންގުޅޭ ބުދުތަކަށްވެސް އެމީހުން އަޅުކަން ކުރެއެވެ. އެއީ ، ކީރިތި ﷲ ، ޢަފޫ ނުކުރައްނެ ފާފައެކެވެ.

ޢާދުބާގައިގެމީހުންގެ ޖާހިލުކަން އިންތިހާއަށް ދިއުމާއެކު ، އެބައިމީހުންނަށް ތެދުމަގު ދެއްކެވުމަށް ، ރަސޫލަކު ފޮނުއްވުމަށް އެކަލާނގެ މިންވަރު ކުރެއްވިއެވެ. ހޫދުގެފާނު ، އެކަލޭގެފާނުގެ ރިސާލަތު ފުރިހަމަކުރެއްވީ ވަރަށް ކެތްތެރިކަމާއި ހީވާގިފުޅުކަމާއެކުގައެވެ.

ހޫދުގެފާނަކީ ، ނޫޙުގެފާނުގެ ދަރިފަސްކޮޅުގެ ފަސްވަނަ ޖީލުކަމުގައި ބައެއްބޭފުޅުން ރިވާކުރައްވައެވެ. ހޫދުގެފާނަކީ ، ޢާދު އިބްނު އޫސް ، އިބްނު ސާޟް އިބްން ނޫޙުގެ ޤަބީލާއަށް ނިސްބަތްވެވަޑައިގަންނަވާ ބޭފުޅެކެވެ. އެކަލޭގެފާނު ދިރިއުޅުއްވީ ، މުޣީތުއެވެ ކިޔުނު ވާދީއެއްގައެވެ. އެއީ ޙަޟްރުމަވްތާއި އޮމާނާދެމެދު ، ޔަމަންގެ ޢަޙްޤާފުގައި ދިރިއުޅުނު ޢަރަބި ޤަބީލާއެކެވެ. ޢަރަބިބަހުން އެންމެ ފުރަތަމަ ވާހަކަ ދެއްކެވި ބޭފުޅަކީ ހޫދުގެފާނުކަމަށް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އަނެއްބައި ބޭފުޅުން ވިދާޅުވާގޮތުގައި އެންމެ ފުރަތަމަ ޢަރަބިބަހުން ވާހަކަފުޅު ދެއްކެވި ބޭފުޅަކީ އާދަމުގެފާނެވެ.

ހޫދުގެފާނުގެ ޤައުމުގެ އަހުލުވެރިން ، ބުދަށް އަޅުކަންކުރުން ، އެކަލޭގެފާނު މަނާ ކުރެއްވިއެވެ. އެކަލޭގެފާނު ވިދާޅުވެއެވެ. ތިޔަބައިމީހުންގެ އަމިއްލަ އަތުން ހިލައިން ހަދާ އެއްޗަކަށް އަޅުކަންކުރުމުގައި އޮތީ ކޮންފައިދާއެއް ހެއްޔެވެ ؟ އެއީ ، އިންސާނިއްޔަތަށް ކުރެވޭ ބޭއިންސާފެކެވެ. މާތް ﷲ ފިޔަވައި ، ޙައްޤުވެގެން އަޅުކަމެއް ވެވޭ އެހެން އިލާހެއް ، ނުވެއެވެ. އަޅުކަންކުރުން ޙައްޤުވެގެންވަނީ ހަމައެކަނި ގަދަކީރިތިވަންތަ ﷲ ސުބްޙާނަހޫ ވަތަޢާލާއަށެވެ. ތިޔަބައިމީހުންގެ މައްޗަށް އެއީ ވާޖިބުވެގެންވާ ކަމެކެވެ. "

" ތިޔަބައިމީހުން ނެތުމުގެ ތެރެއިން އުފެއްދެވީ އެކަލާނގެއެވެ. ތިޔަބައިމީހުންނަށް ރޯދިބަރަކާތް ދެއްވަނީ އެކަލާނގެއެވެ. އަދި ތިޔަބައިމީހުން މަރުގަންނުވައި ގެންދަވާހުށީ އެކަލާނގެ ޙަޟުރަތަށެވެ. ބިޔަބައިމީހުންނަށް ދުޅަހެޔޮ ޞިއްޙަތެއް ދެއްވައި ، ފުރިހަމަ ހަށިގަނޑެއް މިންވަރު ކުރައްވައި ، އެކަލާނގެ ޙަޟުރަތުން ، ނިޢުމަތްތަކާއި ރަޙުމަތް ތަނަވަސްކޮށްދެއްވިއެވެ. އެހެންކަމުން ، އެކަލާނގެ އެއްކައުވަންތަކަން ތިޔަބައިމީހުން ޤަބޫލުކުރާށެވެ. އަދި އެކަލާނގެ ދެއްވި ނިޢުމަތްތަކަށް ކަނުލޮލަކުން ނުބަލާށެވެ. އެހެންނޫންކަމަށްވަންޏާ ، ނޫޙުގެފާނުގެ ޤައުމުގެ މީސްތަކުން ނެތިފަނާވެދިޔަގޮތް ، ތިޔަބައިމީހުންނަށްވެސް މެދުވެރިވެދާނެއެވެ. "

ހޫދުގެފާނުގެ ސަބަބާއި ހެއްކާއެކު ގޮވައިލެއްވި މިގޮވައިލުންތަކަށް ، އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުން ދިނީ ބީރުކަންފަތެކެވެ. އެބައިމީހުން ދެންނެވޫއެވެ. " ކަލޭގެފާނުގެ ތިޔަގޮވައިލެއްވުމާގުޅިގެން ، ކަލޭގެފާނަކީ އަޅުގަނޑުމެންގެ ވެރިޔެއްކަމުގައިވެވަޑައިގަތުމަށް އެދިވަޑައިގަންނަވަނީތޯއެވެ ؟ ކަލޭގެފާނު ބޭނުންފުޅުވަނީ ކިހާ ފައިސާއެއްތޯއެވެ ؟ "

އެކަލޭގެފާނު އެކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ބަދަލު ދެއްވާނީ މާތް ﷲ ކަމުގައި އެކަލޭގެފާނު އެބައިމީހުންނަށް ސާފުކޮށްދެއްވިއެވެ. އެބައިމީހުންގެ ފަރާތުން އެކަލޭގެފާނު ، އެއްވެސް ފައިސާއެއް ބޭނުންފުޅުނުވާކަމުގައި ބަޔާންކޮށްދެއްވިއެވެ. އަދި ، އެކަލޭގެފާނުގެ ބޭނުންފުޅަކީ ، ﷲ ގެ ޙަޟުރަތުން އެބައިމީހުންނަށް ލިބެންއޮތް ހިދާޔަތުގެ ތެދުމަގުގައި އެމީހުން ސާބިތުވެތިބެ ، ﷲ ގެ ޙަޟުރަތަށް އެނބުރި ދިއުމުގެ ނަސީބު އެބައިމީހުންނަށް މިންވަރު ކުރެއްވުމެވެ.

ހޫދުގެފާނާ ބެހޭގޮތުން ، ކީރިތި ޤުރުއާނުގެ ހޫދުސޫރަތުގެ 50 ވަނަ އާޔަތުންފެށިގެން 60 ވަނަ އާޔަތުގެ ނިޔަލަށް ވަޙީކުރައްވާފައިވާ ވަޙީބަސްފުޅުގެ މާނައިގާ ވެއެވެ.

" އަދި ، ތިމަންރަސްކަލާނގެ ޢާދު ބާގައިގެ މީހުންގެ ގާތަށް ، އެއުރެންގެ އަޚު ހޫދުގެފާނު ފޮނުއްވީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ ! ތިޔަބއިމީހުން ﷲ އަށް އަޅުކަންކުރާށެވެ. އެކަލާނގެފިޔަވައި އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެތެވެ. ތިޔަބައިމީހުންނީ ، ދޮގުހަދާބަޔަކު ކަމުގައި ނޫނީ ނުވެތެވެ. (50) އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ ! އަހުރެން ތިޔަބއިމީހުންގެ ކިބަޔަކުން ، އެކަމުގެ މައްޗަށް އުޖޫރަޔަކަށް ނޭދެމެވެ. އަހުރެންގެ އުޖޫރަ ، އަހުރެން އުފެއްދެވި ފަރާތުން މެނުވީ ނުވެއެވެ. ފަހެ ، ތިޔަބައިމީހުންނަކަށް ނުވިސްނޭ ހެއްޔެވެ ؟ (51) އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ ! ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ފާފަ ފުއްސެވުންއެދި ދަންނަވާށެވެ ! ދެން ، އެކަލާނގެޔަށް ތަވްބާ ވާށެވެ ! އޭރުން ، ތިޔަބައިމީހުންގެ މައްޗަށް ، އުޑުން ބޯކޮށް ، ގިނައިން ( ވެހޭގޮތުގައި ) ވާރޭ ފޮނުއްވާނެތެވެ. އަދި ، ތިޔަބައިމީހުންގެ ބާރުގެ ތެރެޔަށް ، ބާރު އިތުރުކޮށް ދެއްވާނެތެވެ. އަދި ، ކުށްވެރިންގެ ގޮތުގައި ތިޔަބައިމީހުން ، ފުރަގަސްދީ ނުދާށެވެ ! (52) އެއުރެން ދެންނެވޫއެވެ. އޭ ހޫދުގެފާނެވެ. ބަޔާންވެގެންވާ ހެތްކެއް ތިމަންމެންގެ ގާތަކަށް ކަލޭގެފާނު ނުގެންނަވަމުއެވެ. އަދި ، ( ހަމައެކަނި ) ކަލޭގެފާނުގެ ބަސްފުޅަކަށް ތިމަންމެންގެ އިލާހުންތައް ދޫކޮށްލާނޭ ބަޔަކުކަމުގައި ، ތިމަންމެން ނުވަމުއެވެ. އަދި ، ކަލޭގެފާނަށް އީމާންވާ ބަޔަކުކަމުގައި ، ތިމަންމެން ނުވާހުށީމެވެ. (53) ތިމަންމެންގެ ބައެއް އިލާހުން ކަލޭގެފާނަށް ނުބައިކަމެއް ޖައްސައިފިކަމުގައި މެނުވީ ތިމަންމެން ނުބުނާނޫއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން ، ތިޔަބައިމީހުން ޝަރީކުކޮށްއުޅޭތަކެތިން ، ތިމަންކަލޭގެފާނު ބަރީޢަވެގެންވާކަމަށް ، ﷲ ހެކިކުރައްވަމެވެ. އަދި ، ތިޔަބައިމީހުންވެސް ހެކިވާށެވެ ! (54) އެކަލާނގެ ފިޔަވައި އެހެން ފަރާތްތަކުންނެވެ. ( އެބަހީ : އެހެން ފަރާތްތަކުން ތިމަންކަލޭގެފާނު ބަރީޢަވެގެން ވަމުއެވެ.) ފަހެ ، ތިޔަބައިމީހުން އެންމެން ތިމަންކަލޭގެފާނަށް ( ހަލާކު ދިނުމަށް ) ރޭވުންތައް ރާވާށެވެ ! ދެން ، ތިމަން ކަލޭގެފާނަށް ލަސްކުރާނެކަމެއް ނެތެވެ. (55) ހަމަކަށަވަރުން ، ތިމަންކަލޭގެފާނުގެ ވެރި އަދި ތިޔަބައިމީހުންގެ ވެރި ﷲ އަށް ތިމަންކަލޭގެފާނު ވަކީލު ކޮށްފީމެވެ. ހިނގާ ބިނގާވެ އުޅޭ އެއްވެސް ދިރޭ އެއްޗެއް ، އެއެއްޗެއްގެ ނާޞިޔަތުގައި ، އެކަލާނގެ ހިއްޕަވާ ޙާލުގައިވާކަމުގައި މެނުވީ ނުވެތެވެ. ހަމަކަށަވަރުން ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ވޮޑިގެންވަނީ ، ސީދާވެގެންވާ މަގުގައެވެ. ( ނޯޓު: ނާޞިޔަތަކީ ، ނިތްކުރިމަތީގެ އިސްތަށިގަނޑެވެ. ނާޞިޔަތުގައި ހިއްޕެވުމުގެ މުރާދަކީ ، ހުރިހާބާރެއް އެކަލާނގެޔަށް މިލްކުވެ ވޮޑިގެންވުމެވެ. (56) ފަހެ ، ތިޔަބައިމީހުން އެނބުރި ، ފުރަގަސްދޭނަމަ ( ދަންނާށެވެ ! ) ތިޔަބައިމީހުންގެ ގާތަށް ، އެކަމަކައިގެން ތިމަންކަލޭގެފާނު ފޮނުއްވެވި ކަންތައް ، ހަމަކަށަވަރުން ، ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ، އިއްވަވައިފީމެވެ. އަދި ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ތިޔަބައިމީހުންގެ ބަދަލުގައި ، ތިޔަބައިމީހުންނޫންބަޔަކު ގެންނަވާނެތެވެ. އަދި ، ތިޔަބައިމީހުންނަކަށް ، އެއްވެސްކަމަކުން އެކަލާނގެޔަކަށް ގެއްލުމެއް ނުދެވޭހުއްޓެވެ. ހަމަކަށަވަރުން ، ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއީ ، ކޮންމެ އެއްޗެއް ރައްކާތެރިކުރައްވައި ، ބަލަހައްޓަވާ ރަސްކަލާނގެއެވެ. (57) އަދި ، ތިމަންރަސްކަލާނގެ ( ޢަޒާބުގެ ) އަމުރުފުޅު އައިހިނދު ، ތިމަންރަސްކަލާނގެ ، ހޫދުގެފާނާއި އެކަލޭގެފާނުގެ އަރިހުގައި އީމާންވެގެންތިބިމީހުން ، ތިމަންރަސްކަލާނގެ ޙަޟުރަތުން ، އައި ރަޙުމަތަކާއެކު ސަލާމަތް ކުރެއްވީމެވެ. އަދި ، ގަދަފަދަވެގެންވާ ޢަޒާބުން ، ތިމަންރަސްކަލާނގެ އެއުރެން ސަލާމަތް ކުރެއްވީމެވެ. (58) އެއީ ، ޢާދުބާގައިގެ މީހުންނެވެ. އެއުރެންގެވެރި ރަސްކަލާނގެ އާޔަތްތަކަށް އެއުރެން ދެކޮޅު ހެދޫއެވެ. އަދި ، އެކަލާނގެ ރަސޫލުންނަށް ، އެއުރެން އުރެދުނޫއެވެ. އަދި ، ހަރުކަށި ކޮންމެ ޖައްބާރު ( އަނިޔާވެރި ) އެއްގެ އަމުރަށް ، އެއުރެން ތަބާވޫއެވެ. (59) މިދުނިޔޭގައިވެސް އަދި ޤިޔާމަތްދުވަހުންވެސް ، އެއުރެންނަށް ލަޢުނަތް ލެއްވިއެވެ. ދަންނާށެވެ ! ހަމަކަށަވަރުން ، ޢާދުބާގައިގެމީހުން ، އެއުރެންގެ ވެރިރަސްކަލާނގެޔަށް ކާފަރުވޫއެވެ. ދަންނާށެވެ ! ޢާދުބާގައިގެ މީހުންނަށް ހަލާކާއި ގެއްލުން ހުށްޓެވެ. އެއީ ހޫދުގެފާނުގެ ޤައުމުގެ މީހުންނެވެ. (60)

(ނުނިމޭ)

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. އާފަތިސް ނޫހަށް މީގެ ކުރީންވެސް ފާރޫޤު ވަނީ ލިޔުއްވައިފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.