އިންޑިއާގައި ދިރިއުޅެމުންދާ ދިވެހި ދަރިވަރުންގެ ބެލެނިވެރިންނަށް ޑިޕެންޑެންޓް ވިސާ އައު ނުކޮށްދޭ މައްސަލަ ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފިއެވެ.
މި މައްސަލަ އެންމެ ބޮޑުވެފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ކިޔަވަމުންދާ ދަރިވަރުންގެ ބެލެނިވެރިންނަށެވެ. އެ މައްސަލަ ދިމާވެފައިވާ ބެލެނިވެރިން މިހާރުވަނީ އެކަން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް ގެނެސްފައެވެ.
އެ މައްސަލަ ދިމާވެފައިވާކަމުގެ ޝަކުވާ ދިވެހިންވަނީ އިންޑިއާގައި ހުންނަ ރާއްޖޭގެ ކޮންސިއުލޭޓު މެދުވެރިކޮށް މިނިސްޓަރ އޮފް ފޮރިން އެފެއާޒު ޑރ. މުހައްމަދު އާސިމަށް ސިޓީއަކުން ދަންވައިފައެވެ.
އެސިޓީގައި ބުނެފައިވަނީ ޑިޕެންޑެންޓް ވިސާ ހޯދުމަށް ޓްރިވެންޑްރަމުގައި ހުންނަ ފޮރިން ރީޖަނަލް ރެޖިސްޓްރޭޝަން އޮފީސް ( އެފް.އާރް.އާރް.އޯ) އަށް ދިޔުމުން ޑިޕެންޑެންޓް ވިސާ ދޫކުރުން މިހާރު ހުއްޓާލާފައިވާ ކަމަށްބުނެފައިވާ ކަމަށެވެ. އަދި ކުރިން އެވިސާލިބިފައިވާ މީހުން މުއްދަތު ހަމަވުމުގެ ކުރިން ކުދިން ބޯޑިންއަށް ލައިފައި އަވަހަށް ރާއްޖެއަށް ދިޔުމަށް އަންގާފައިވާ ކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ. އެހެންނަމަވެސް ކުރިއެކޭ އެއްގޮތަށް ސްޓޫޑެންޓް ވިސާ ލިބޭނެ ކަމަށް އެތަނުން އެންގެވި ކަމަށްވސް އެ ސިޓީގައިވެއެވެ.
އެއްވެސް މުހުލަތެއް ނުދީ ކުއްލިއަކަށް އެގޮތަށް އެންގެވުމުން ވަރަށްބޮޑަށް ދަތިވާނެ ކަމަށްވެސް ޓްރިވެންޑްރަމްގައި އުޅޭ ދިވެހިން ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
ކުއްލިއަކަށް އެގޮތަށް އެންގުމުން އެއީ ނިކަމެތި އާންމު ފަރުދުންނަށް ކުޅަދާނަ ނުވާނެ ކަމަށްވެސް ޝަކުވާގެ ސިޓީގައި ބުނެފައިވެއެވެ. ދިވެހިން އިންޑިއާގައި އުޅެމުންދަނީ ޒަރުރީ ބޭނުންތަކަށް މަޖުބޫރު ހާލަތުގައި ކަމަށްވެސް އެ ސިޓީގައި ބުނެފައިވެއެވެ.
"މިގޮތަށް ކުއްލިއަކަށް އެންގެވުމުން ރާއްޖެއަށް ބަދަލުވުމަކީ ނަފުސާނީ ގޮތުންނާއި މާލީގޮތުން ވަރަށްބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހޭނެ" ކަމަށްވެސް އެސިޓީގައި ވެއެވެ. އަދި ދިރިއުޅުން ރާއްޖެއަށް އަލުން ބަދަލުކުރުމަކީ ކުދިންގެ ކިޔެވުމަށް އޭގެ ސަބަބުން ވަރަށްބޮޑު ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ޓްރިވެންޑްރަމްގެ އިތުރަށް އިންޑިއާގެ ބެންގަލޫރުގައި ދިރިއުޅެމުންދާ ދިވެހިންނަށްވެސް މި މައްސަލަ ދިމާވަމުންދާ ކަމަށް އެރަށުގައި ދިރިއުޅޭ ބައެއް ދިވެހިންވަނީ ބުނެފައެވެ.
"އަޅުގަނޑުމެން އެދެނީ ދިވެހި ސަރުކާރުން އިންޑިއާގެ ކަމާގުޅޭ ފަރާތްތަކާ ވާހަކަ ދައްކަވައި، އަޅުގަނޑުމެންގެ ދަރިންގެ މުސްތަގުބަލަށްޓަކައި މިކަމަށް އަވަސް ހައްލެއް ހޯއްދަވައި ދެއްވުމަށެވެ،"
މި ކަމާގުޅޭ ގޮތުން ދިވެހި ޚާރިޖިއްޔާގެ ބަހެއް އަދި ނުލިބެއެވެ.