އަޅުގަނޑުމެންގެ އިޙްސާސްތަކުގެ ސަބަބުން ހަށިގަނޑަށް ކުރާ އަސަރުތަކުގެ ވާހަކައަކީ އައު ވާހަކައެއް ނޫނެވެ. އެއީ އެންމެން ދަންނަ ޙަޤީޤަތެކެވެ. މީގެ އިތުރަށް ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ އިޙްސާސްތަކަށް ކުރާ އަސަރަކީވެސް ސިއްރެއް ނޫނެވެ.
މިސާލަކަށް 1997 ވަނަ އަހަރު އެމެރިކަން ހާޓް އެސޯސިއޭޝަންގެ މަޖައްލާ ގައި އުއްމީދު ކަނޑައިލުމުގެ ސަބަބުން އިންސާނާއަށް ކުރިމަތިވާ ޖިސްމާނީ ތަކުލީފުތަކުގެ ވާހަކަ ބަޔާން ކޮށްފައި ވެއެވެ. އެ ލިޔުމުގައި ބަޔާން ކޮށްފައިވާ ގޮތުގައި ނާކާމިޔާބީގެ އިޙްސާސް މާ ބޮޑަށް ކުރެވޭ މީހުންގެ ލޭ ހިނގާ ހޮޅިތަކަށް ޖެހޭ މައްސަލަ، އެ ނޫން މީހުންނާ އަޅައި ބަލާއިރު މާ ބޮޑެވެ. މި ފަދަ ނާއުއްމީދެއްގެ ތެރޭގައި 4 އަހަރު ދުވަސް ހޭދަ ކުރާ މީހަކަށް ހިތުގެ ބަލި ޖެހުމުގެ ފުރުޞަތު 20 އިންސައްތައަށް އިތުރުވާ ކަމަށް ތަޙަޤީޤުތަކުން ސާބިތުވާކަމަށްވެސް އެ ލިޔުމުގައި ބަޔާން ކޮށްފައި ވެއެވެ.
ޙަޤީޤަތުގައި އިންސާނާގެ އިޙްސާސްތަކާއި ޖިސްމާނީ ޞިއްޙަތާ އޮންނަ ގުޅުމަކީ މިހާރު ތިލަވެގެން އުޅޭ ކަމަކަށް ވިޔަސް އެއީ މީގެ ކުރިން ބަޔަކަށް ނޭނގި އޮތް ޙަޤީޤަތެއް ނޫނެވެ. އަޅުގަނޑުމެންގެ ދީން އަންގާ ގޮތުގައި އީމާން ކަމަކީ ޝިފާއެކެވެ. ﷲ އާއި އިންސާނާއާ ދެމެދު އޮންނަ ގުޅުން ބަދަހި ވެގެން ދިއުމަކީ ސިކުނޑިއަށާއި ހަށިގަނޑަށް އޮތް ފަރުވާއެކެވެ.
އިސްލާމްދީނުގައި ޞިއްޙަތަށް ބާރު އަޅާ އެންމެ ބޮޑު ސަބަބަކީވެސް މިއީއެވެ. އަމިއްލަ ނަފްސަށް ގެއްލުމެއް ލިބިދާ ފަދަ ކަމެއް ކުރުމަކީ ދީން މަނާ ކުރާ ކަމެކެވެ. ހަށިގަނޑަށް ގެއްލުމެއް ލިބިދާ ފަދަ ކާނާގެ ބޭނުން ކުރުމާއި ސިކުނޑިއަށް ބުރަ ބޮޑުވާ ފަދަ ބޭކާރު ކަންތައްތައް ކުރުމަކީވެސް މަނާ ކުރައްވާފައިވާ ކަމެކެވެ.
ޙަޤީޤަތުގައި އިސްލާމް ދީނަކީ އިންސާނާގެ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް ގޮވައިލާ ދީނެކެވެ. އާޚިރަތުގެ ބާއްޖަވެރިކަމަށް ގޮވައިލާ ފަދައިން ދުނިޔެ އާބާދު ކުރުމަށްވެސް އިސްލާމް ދީނުގައި ވަނީ ގޮވައިލާފައެވެ. އިންސާނާގެ ޖިސްމާނީ ދުޅަހެއު ކަމާއި ސިކުނޑީގެ ދުޅަހެއު ކަމަކީ ދީން ވަރަށް ބޮޑަށް ބާރު އަޅާ ކަންކަމެވެ. މިއިން އެއްވެސް ކަމަކާ މެދު ފަރުވާ ކުޑަ ކޮށްލުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. މި ޒަމާނުގެ ސައިންސްވެރިން މި ފަދަ ހޯދުންތައް ހޯދައި ހާމަ ކުރުމުގެ މާ ކުރިން އިސްލާމް ދީން ވަނީ މި ކަމަށް ބާރު އަޅައި ގޮވައިލާފައެވެ.