ދަންމަރު: މަގު ބަންދުވުން

މަގު ބަންދުވުންް

މަގު ހެދުމުގެ މަސައްކަތް ކުރަމުންދާއިރު މަގު ބަންދު ބޯޑު ބަހައްޓައިގެން އެމަގެއް ވަގުތީ ގޮތުން ބަންދު ކުރެއެވެ. މަގު ފެށޭ ތާނގައި ބޯޑެއް ބަހައްޓަނީ އެމަގުން ދަތުރު ކުރާ މީހުންނަށް މަގު ބަންދު ކޮށްފައި އޮތްކަން އަންގާށެވެ. މިގޮތަށް މަގެއް ވަގުތީ ގޮތުން ބަންދު ކުރުމަކީ މީހެއްގެ މަންޒިލަށް ވާސިލު ވާން އޮންނަ ހުރިހައި މަގެއް ދާއިމީ ގޮތަކަށް ބަންދުވުމެއް ނޫނެވެ. މަންޒިލަށް ވާސިލު ވެވޭނޭ އެހެން އެތައް މަގެއް އޮންނާނެއެވެ. ކުރަންޖެހޭ ހައިވެސް ކަމަކީ ހޯދައި ބެލުމެވެ. ބައެއް ފަހަރަށް ދާންވާ ތަނަށް ދެވެނީ އުނދަގޫ، ކަތި މަގު ތަކަކުން ކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެެ. މިކަހަލަ ގޮތަކަށް ދިމާވެއްޖެނަމަ ސީދާ މަގުން ދާން ހޭދަވާ ވަގުތަށް ވުރެ ގިނަ ވަގުތު ހޭދަވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ސީދާ މަގު ބަންދުކޮށްފައި އޮތުމުގެ ސަބަބުން ކަތި މަގެއް ޚިޔާރު ކުރަން ޖެހުނު ނަމަވެސް ދަތުރުކުރަމުން ދާނަމަ އެންމެ ފަހުން މަންޒިލަށް ދެވޭނެކަން ކަށަވަރެވެ.

ޢާއްމު ގޮތެއްގައި ދިރިއުޅުމުގެ ދަތުރު އޮންނަ ގޮތަކީ މިއީއެވެ. ފުޅާ، ފަސޭހަ މަގުތަކުން ދަތުރުކޮށްފައި ދާންވާ ތަނަކަށް އަވަހަށް ދިއުމަކީ ކޮންމެ މީހެއްގެ ހިތުގައިވެސް އޮންނަ އެދުމެކެވެ. އެހެންނަމަވސް އެކަހަލަ ފަސޭހަ މަގުތައް ބަންދުވުމަކީ ވަރަށް ގިނަ ފަހަރަށް މެދުވެރިވާ ކަމެކެވެ. ވުމާއެކު ބޭނުންވާ ތަނަށް ދިއުން އޮންނަނީ ދަތި ކަމަކަށް ވެފައެވެ. އެކަމަކު ބަންދުވާ ކޮންމެ ބޮޑު މަގެއްގެ ބަދަލުގައި ކުދި އެތައް މަގެއް އޮންނަނީ ހުޅުވިފައެވެ. އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ އެ ކުދި މަގުތައް ހޯދައިގެން ދަތުރު ކުރުމެވެ.

ދެކޮޅުވެރިއަކާ ކުރިމަތިލާން ޖެހުނީމާވެސް ކަންތައް ދިމާ ވަނީ މިކަހަލަ ގޮތަކަށެވެ. ބައެއް ފަހަރަށް އެ މީހަކާ ކުރިމަތިލުމުގެ ކުޅަދާނަކަން ނެތޭ ގޮތް ވެ އެވެ. މިހެން ދިމާވެއްޖެ ނަމަ އެމީހަކާ ކުރިމަތިލާނޭ ނުސީދާ ގޮތްތަކެއް ހުރިތޯ ބަލަންވީއެވެ. އެވަގުތު ކުރިމަތިވީ ހާލަތަށް ރުހިގެން ހުރެ އެހެން މަގެއް ފެނޭތޯ ބެލުމަށް ވުރެ ބުއްދިވެރި ގޮތެއް ނޯންނާނެއެވެ.

ވަކި ރޮނގަކުން ކުރިއަށް ދާން ބޭނުންވާ މީހާގެ މަގަށް ހުރަސްތަކެއް ކުރިމަތިވާއިރު އެހެން ރޮނގަކުން ކުރިއަށް ދިއުމުގެ ފުރުސަތު އޮންނާނީ ހުޅުވިފައެވެ. ކުރީ ގޮނޑިބަރިން ޖާގައެއް ނުލިބިއްޖެނަމަ ގޮނޑިއެއް ހުސްވެގެން ޖާގަ ލިބެންދެން ފަހަތުބަރީގެ ގޮނޑިއެއްގައި އިންނާށެވެ. ކުރަމުންދާ މަސައްކަތުގައި އަތްބާރު އަޅައިދޭނޭ މީހަކު ނެތިއްޖެނަމަ ހިތްވަރުކޮށްފައި އެކަނި ކުރިއަށް ހިނގައިގަންނާށެވެ. ބައެއްގެ އެހީތެރިކަން ނުލިބުނީތީ މާޔޫސްވުމުގެ ބަދަލުގައި އަމިއްލަ ނަފްސަށް އިތުބާރު ކުރަން ދަސްކުރާށެވެ.

ބަންދުވާ ކޮންމެ ދޮރެއްގެ ބަދަލުގައި އެތައް ދޮރެއް ހުޅުވޭނެއެވެ. އަޅުގަނޑުމެންނަށް ޖެހެނީ ހުޅުވިފައި ހުރީ ކޮން ދޮރުތަކެއްތޯ ބަލައިގެން ކުރިއަށް ދާށެވެ. ހުޅުވޭ ދޮރުތަކުން ވަދެވޭނީ ހިތްވަރެއްވެސް ހުރެގެންނެވެ. (ތަރުޖަމާއެއް)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.