ދަންމަރު: ކީރިތި ޤުރްއާން ގެ ޞައްޙަކަންް

އަބޫ ލަހަބަކީ ކީރިތި ރަސޫލާގެ ބޮޑުބޭބެއެކެވެ. އެކަމަކު އޭނާ ހިމެނިފައިވަނީ އިތުރު އެކަލޭގެފާނާ އެންމެ ދެކޮޅުވެރި ހަތުރުންގެ ތެރޭގައެވެ. ރަސޫލާ ވިދާޅުވާ ކޮންމެ ބަސްފުޅަކާ ދެކޮޅު ހެދުމަކީ އޭނާއަށް ލިބޭ އުފަލަކަށް އޮންނަނީ ވެފައެވެ.

މިސާލަކަށް ދުވާލު މެންދުރު މިއީ މެންދުރޭ ކީރިތި ރަސޫލާ ޙަދީް ކުރެއްވިޔަސް އޭނާ އެ ބަސްފުޅާ ކަނޑައެޅިގެން ދެކޮޅު ހަދާނެއެވެ. މިއީ ރޭގަނޑޭ ގޮވަމުން މުޅި ރަށު ތެރޭގައި ދުވާނެއެވެ.

އަބޫ ލަހަބަށް ނިސްބަތްވާ ސޫރަތެއް ކީރިތި ޤުރްއާންގައި އޮވެއެވެ. އެއީ މަސަދް ސޫރަތެވެ. އެ ސޫރަތުގައި އަންގަވައިފައި ވަނީ އޭނާ އާއި އޭނާގެ އަނބިމީހާ ދުވަހަކުވެސް އީމާން ނުވާނޭ ކަމަށެވެ. އަދި އެ ދެމަފިރިން ގެ މަންޒިލަކީ ނަރަކަ ކަމަށެވެ. ކީރިތި ޤުރްއާން އޮތީ ޢަރަބި ބަހުންނެވެ. އަބޫ ލަހަބުގެ ބަހަކީ ޢަރަބި ބަހެވެ. މައްކާގެ އެންމެން ވާހަކަ ދައްކަނީ ޢަރަބި ބަހުންނެވެ. ވުމާއެކު އެ ސޫރަތް ބާވައި ލެއްވުމާއެކު އަބޫ ލަހަބުގެ އެކުވެރިން އޭނާޔާ ދިމާކޮށް، މަލާމާތްކޮށް ހަދާނެ އެވެ. ކަލޭ ދާނީ ނަރަކައަށޭ މުޙައްމަދުގެފާނު އެބަ ވިދާޅުވެއޭ ބުނާނެއެވެ. މީގެ އިތުރަށް މުސްލިމުން ނަމާދު ގައްޔާއި އެހެނިހެން ތަންތާގައި އެ ސޫރަތް ކިޔަވާ އަޑުވެސް އޭނާއަށް އިވޭނެއެވެ. ޚުދު ކީރިތި ރަސޫލާ އެ ސޫރަތް ވިދާޅުވާ އަޑުވެސް އޭނާ އަށް އިވޭނެއެވެ.

މި ފަދަ ގޮތެއް މެދުވެރިވީމާ މީހެއްގެ ޙާލަތު ބަދަލު ވެގެން ދާނޭ ގޮތް ނިކަން ހިތްޕުޅަށް ގެންނަވައި ބައްލަވާށެވެ. ޙަޤީޤަތުގައި މުޅި އިސްލާމީ މުޖުތަމަޢު އޭނާއާ ދިމާއަށް [އެއްޗެތި ކިޔަނީ] އެވެ. އޭނާގެ ރައްޓެހިން، ގާތް މީހުން އޭނާއަށް މަލާމާތް ކުރަނީއެވެ. އެ ދުވަސްވަރަކީ ނުލާހިކު ކުޑަ ކުޑަ ކަމަކާ ހެދި އެކަކު އަނެއްކެއްގެ ގަޔަށް އަތްލައި، ހަނގުރާމަ ހިނގާ ހިސާބަށް ދުއްވައިލާ ދުވަސްވަރެކެވެ.

ހަމަ އެކަނި މިއެއް ނޫނެވެ. މަސަދް ސޫރަތަކީ މުޝްރިކުންނަށް ލިބުނު ރަނުގެ ފުރުޞަތެކެވެ. ޙަޤީޤަތުގައި އީމާން ނުވެ މުސްލިމުން ކަމަށް ހެދިގެން އުޅުނު މުނާފިޤުން އެ ދުވަސްވަރުވެސް އުޅުނެވެ. މުޝްރިކުންގެ އެންމެ ބޮޑު މަސައްކަތަކަށް އެ ދުވަސްވަރު އޮތީ ކީރިތި ރަސޫލާއަކީ ދޮގުވެރިއެއް ކަމަށް ސާބިތު ކުރުމުގެ ގޮތުން ކުރަމުން އައި މަސައްކަތެވެ. މި ސޫރަތުގެ ސަބަބުން އެ މަސައްކަތް ލުއި ވާނޭ މަގެއް ފަހި ވެގެން ދިޔައީއެވެ.

އަބޫ ލަހަބު ރަސޫލާގެ އަރިހަށް ގޮސް ތިމަން މިހިރީ ކަލޭގެފާނަށް އީމާން ވެގެންނޭ ދެންނެވުމާއެކު ކީރިތި ޤުރްއާން ދޮގުވީއެވެ. ކީރިތި ރަސޫލާ އަކީ ތެދުވެރިއެއް ނޫންކަން ސާބިތުވީއެވެ. ހިތުގެ އަޑިން އީމާން ނުވިޔަސް އެންމެ ރަނގަޅެވެ.

ތާރީޚުން އެނގޭ ގޮތުގައި އަބޫ ލަހަބު މަރުވީ އެ ސޫރަތް ބާވައިލެއްވިތާ ދިހަ އަހަރު ފަހުންނެވެ. ދިހަ އަހަރު ވާންދެން އެ ސޫރަތުގެ "މަލާމާތް" އަޑު އަހަ އަހައި އޭނާ ހުރީއެވެ. އީމާން ވެއްޖައީމޭ ބުނެލާކަށް އޭނާގެ ހިތާއި ދޫ އަދި ސިކުނޑި ތަނެއް ނުދިނެވެ.

ސުވާލަކީ އެ ފަދަ ބޮޑު ނުރައްކަލެއްގެ ތެރެއަށް ވަންނަވާން ކީރިތި ރަސޫލާއަށް ކެރިވަޑައިގަތީ ކިހިނެއްތޯއެވެ؟ ޖަވާބު ވަރަށް ސާދާއެވެ. އެ ކަލޭގެފާނަކަށް އެ ނޫން ގޮތެއް ނެތެވެ. ކީރިތި ޤުރްއާނަކީ އެ ކަލޭގެފާނު ލިޔުއްވި ފޮތެއް ނޫނެވެ. އެއީ ﷲ ގެ ވަޙީއެވެ. ވަޙީ ބާވައިލެއްވީމާ އެ އޮތް ގޮތަށް ވިދާޅުވެ ދެއްވުން ނޫން ގޮތެއް އިތުރު އެކަލޭގެފާނަކަށް ނެތެވެ.

މަސަދު ސޫރަތާއި އަބޫ ލަހަބަކީ ކީރިތި ޤުރްއާނަކީ ﷲ ގެ ވަޙީކަން ސާބިތު ކޮށްދޭ ހެއްކެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.