ދަންމަރު: ޝަކުވާ ކުރުމާއި ޝުކުރު ކުރުންް

މީހެއްގެ އަތަށް ދޮންވެލި ބާލިދީއަކަށް މޮހޮރު އަޅުއްވައިފައި ދެއްވާށެވެ. އެއަށް ފަހު ވެލި ބާލިދީގެ ތެރެއިން މޮހޮރު ވަކިކޮށް ނަގާށޭ ވިދާޅުވާށެވެ. އެ މީހާއަށް ކަންތައްތައް ކުރެވޭނޭ ދެ ގޮތެއް އޮންނާނެއެވެ. އެއް ގޮތަކީ ވެލި ބާލިދީގެ ތެރެއަށް އަތް ބާނައިގެން މޮހޮރު ހޮވުމެވެ. އަނެއް ގޮތަކީ ދަގަތްފާނުގަނޑެއް ބާލިދީގެ ތެރެއަށް ބާނައިގެން މޮހޮރު ވަކި ކުރަން މަސައްކަތް ކުރުމެވެ.

މި ދެންނެވުނު މިސާލުގައިވާ ފަދައިން އަތް ބާނައިގެން މޮހޮރު ހޮވަން މަސައްކަތް ކުރާ މީހާއަކީ ދިރިއުޅުމުގެ އެކި ކަންތައްތަކާމެދު ޝަކުވާ ކުރާ މީހެއް ކަމުގައި ބައްލަވާށެވެ. ދަގަތްފާނުގަނޑުގެ ބޭނުން ކުރާ މީހާއަކީ ލިބޭ މިންވަރަށް ޝުކުރުކޮށްގެން ﷲ އަށް ޙަމްދު ކޮށްގެން ހުންނަ މީހެއް ކަމުގައި ބައްލަވާށެވެ.

ބާލިދީގެ ތެރެއަށް އަތް ބާނައިގެން މޮހޮރު ހޮވަން އުޅޭ މީހަކަށް އަތު ޖެހޭނީ ވަރަށް މަދު މޮހޮރު ކޮޅެކެވެ. ހަމަ އެހެންމެ ދިރިއުޅުމުގެ ކަންތައްތަކާ މެދު ޝަކުވާ ކުރާ މީހަކަށް ލިބޭނޭ ނިޢުމަތް މަދު ވާނެއެވެ. އެއީ ކޮންމެ ކަމެއްވެސް އޭނާއަށް ފެންނާނީ ކަޅު ބިއްލޫރީގެ ތެރެއިން ކަމަށް ވާތީއެވެ. އުނދަގޫ ކަމަކާ ކުރިމަތި ވުމާއެކު އޭނާގެ ދޫ މައްޗަށް ފުރަތަމަވެސް އަންނާނީ ޝަކުވާގެ ބަސް ތަކެވެ. އޭނާގެ އާދައަކަށް އޮންނާނީ މީސް މީހުންގެ ބޮލުގައި އިލްޒާމް އެޅުވުމެވެ. އެ ފަދަ މީހުން ދެކޭނީ ތިމާގެ ކުށުގެ ނުވަތަ ފަރުވާ ކުޑަ ކަމުގެ ޒިންމާ އުފުލާން ޖެހޭނީ އެހެން ބަޔަކު ކަމަށެވެ. މިއީ އިންސާނާ އޭނާއަށްޓަކައި ﷲ ދުނިޔޭގައި ލައްވައިފައިވާ މަތިވެރި ނިޢުމަތްތައް ނަގައިލާ ގޮތެވެ.

މއާ ޚިލާފަށް ދަގަތްފާނުގަނޑުގެ އެހީގައި މޮހޮރު ހޮވަން އުޅޭ މީހާއަށް ވަރަށް ގިނަ މޮހޮރު ލިބޭނެއެވެ. އެހެނީ އޭނާ މަސައްކަތް ކުރަނީ އެ ކަމަކަށް އޮންނަ އެންމެ ރަނގަޅު ގޮތެއް ބަލައިގެން ކުރިއަށް ދެވޭތޯއެވެ. މުޞީބާތަކާ ކުރިމަތިލާން ޖެހުމުން ޝަކުވާ ކުރުމަކީ އޭނާގެ އާދައެއް ނޫނެވެ. އޭނާގެ އާދައަކީ މައްސަލަތަކާ ކެރިގެން ކުރިމަތި ލުމެވެ. މަސައްކަތް ކުރީމާ ﷲ ހިންމަވައި ދެއްވާނޭ ކަމުގެ ޔަޤީންކަން އޭނާގެ ހިތުގައި އަބަދުވެސް އޮވެއެވެ. އޭނާ ދެމި ހުންނަނީ ޝުކުރު ކުރުންމަތީގައެވެ. މިއީ ދުނިޔޭގައި އަޅުގަނޑުމެންނަށް ޓަކައި ﷲ ލައްވާފައިވާ ނިޢުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ލިބިގަންނާން އޮތް ގޮތެވެ.

އިންސާނާގެ ދިރިއުޅުން ކާމިޔާބުވުން ބިނާ ވެފައި އޮންނަނީ މި ދެންނެވުނު ޝަކުވާ އާއި ޝުކުރު ކުރުމުގެ މައްޗަށެވެ. ފުންކޮށް ވިސްނާ ވަޑައިގެންފި ނަމަ އަޅުގަނޑުމެންގެ ދިރިއުޅުން މިހާރު ބައްޓަން ވެފައި މި އޮތީވެސް މި ދެ ކަމުން ކުރެ ކަމެއްގެ މައްޗަށް ކަމުގައި ފެނިވަޑައިގަންނަވާނެއެވެ. ދިރިއުޅުމުގެ މައިދާނުގައި ކުރިއަށް ދާ މީހާ އަކީ ޝަކުވާ ނުކުރާ މީހާއެވެ. ޝުކުރު ކުރާ މީހާއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.