ބްލޫރިބަން: ކިފާޔަތުގެ ފަރުޟު

އިސްލާމީ އުއްމަތަކީ ، ޖަމާޢަތުގެ ލާބައާއި މަންފާއަށްޓަކައި އެންމެ މީހެއްގެ ބޮލުގައި ވާޖިބާއި ފަރުޟު އަދި މަސްއޫލިއްޔަތު އެޅުވިގެން އުފެދިފައިވާ އުއްމަތެއް ނޫނެވެ. އެ އުއްމަތުގެ އެންމެންގެ މައްޗަށް ފަރުޟުވެ ވާޖިބުވާ ކަންތައްތަކެއްވެސް ހިމެނެއެވެ. އެއީ ކިފާޔަތުގެ ފަރުޟެވެ. އެފަދަ ފަރުޟަކީ އެންމެންގެ މައްޗަށް ވާޖިބުވެފައި ، އެހެނަސް އެކަކު އެފަރުޟު އަދާކުރުމުން އެންމެންގެ މަތިން އެކަން ފުދި ، ނިމިގެންދާ ކަންކަމެވެ. މިސާލަކަށް މީހަކު މަރުވުމުން ، ހިނަވައި ކަފުންކޮށް ވަޅުލުމެވެ. ކޮންމެވެސް މީހަކު އެކަން ކުރުމުން އެންމެންގެ ކިބައިން އެ ފަރުޟެއް ފުދެއެވެ. އެކަކުވެސް އެކަން ނުކޮށްފިނަމަ ، އެންމެންގެ މައްޗަށް އެއީ ދެމިގެންވާ ކަމެކެވެ. އެއީ ދިރިތިބީންގެ މައްޗަށް އޮންނަ ކިފާޔަތުގެ ފަރުޟެކެވެ.

ދޮންބެއްޔާގެ ނަޒަރުގައި އިހުގައި ދައުލަތުން އޮންނަނީ އެކަން ކުރެވޭނެ ފުރިހަމަ މަގެއް ހަމަޖައްސައިފައެވެ. ރަށްރަށް ހިންގަން އިސްވެތިބޭ ޚަޠީބާއި ނައިބާ އަދި މުދިމަކީ އެ ރަށެއްގައި އިމާމުވެ ޢީދުނަމާދާއި ހުކުރުނަމާދު ކޮށް ، މީހަކު މަރުވެއްޖެނަމަ އެމީހެއްގެ މައްޗަށް ކަށުނަމާދު ކޮށް ވަޅުލާ ވެރިންނެވެ. އެކަން ކުރާތީ އިތުރު ފައިސާއެއް އެމީހުންނަކަށް ނުދެވެއެވެ. އެއީ ވެރިން ކުރަން ޖެހޭކަމަކަށް ވާތީއެވެ. އެފަދަ ދީނީ ތަޢުލީމެއް ނެތްމީހަކަށް ރަށެއްގެ ވެރިކަމެއްވެސް ، ނައިބުކަމެއްވެސް އަދި މުދިންކަމެއްވެސް ނުދެވެއެވެ. އެއީ ރަށް ހިންގަން އިސްވެތިބޭ ވެރިންނެވެ. އެމީހުން ފަސް ވަތުގު ނާޅައި ނަމާދު ކުރާނެއެވެ. ޢަދްލު އިންސާފު ޤާއިމް ކުރާނެއެވެ. ވަރިކައިވެނީގެ ކަންތައް ހަމަޖައްސާނެއެވެ. އިޖްތިމާޢީ ކަންކަމުގައި އިސްވެ ނުކުންނާނެއެވެ.

ރަށްރަށަށް ޚާއްޞަވެފައި އޮންނަ ވެރިކަމުގެ މިތިން މަޤާމުގައި މުޅިންވެސް ތިބޭނީ ފިރިހެނުންނެވެ. ވެރިންގެ އަނބިންނަކީ ރަށާ ގުޅިފައި ހުންނަ އިޖްތިމާޢީ ކަންކަމުގައި އިސްނަގައިގެން ކުރިޔަށްދާ ބަޔެކެވެ. ރަށް ކުނިކަހައި ސާފުކުރުމާއި ރައްޔިތު މަސައްކަތުގައި އަންހެނުން އަދާކުރަންޖެހޭ ދައުރު ، ހިލޭ ސާބަހަށް ފުރިހަމަކުރަން އިސްނަގާނީ ކަތީބުގެ އަންހެނުންނެވެ. މީހުން ވިއްސައި ހަދާނީ ފޫޅުމައިންނެވެ. އެއީވެސް ހިލޭ ސާބަހަށް މަސައްކަތްކުރި ބަޔެކެވެ. 1990 ގެ އަހަރުތަކުގައި ކަތީބުންގެ ގޮތުގައި ރަށްރަށަށް އަންހެނުން ހަމަޖެއްސުނެވެ. އެއީ ޚަޠީބުންނެއް ނޫނެވެ. ކަތީބުންނެވެ. ރަށްރަށުގެ ވެރިކަމުގެ ނިޒާމު ރޫޅި ، ކިފާޔަތުގެ ފަރުޟު އަދާކުރަމުންގެންދިޔަ ރަށްރަށުގެ ވެރިންގެ ދައުރު އެހިސާބުން ބަދަލުވެގެން ދިޔައެވެ. އެހެންނަމަވެސް ، އެއީ މުޖުތަމަޢުން އެހައިބޮޑަށް ބަލައިގަތް ކަމަކަށް ނުވިއެވެ.

ދޮންބެއްޔާ މިކަމާ ކުޑަކޮށް ވިސްނައިލިއެވެ. ޒަމާން މިއޮތީ ވަރަށް ބޮޑަށް ބަދަލު ވެފައެވެ. އުޑެއްބުޑެއް ނޭނގުނަސް ، މުލެއްގައި އަޅައިގެންފައި ހުޅަނގުކޮޅަށް ނުވެއްޓުނަސް ، ކަނޑައިލީމާ ލޭނަޔަސް ، އަޑުގަދަވިއްޔާ ، ރަށްރަށް ހިންގުމުގެ ނިޒާމުގެ ތެރެޔަށް މިހާރު ވަދެވެއެވެ. ރަށު ކައުންސިލްގެ މެންބަރުންގެ ގޮތުގައެވެ. މިދައްކަނީ އެންމެންގެ ވާހަކައެއް ނޫނެވެ. މަދުބައެއްގެ ވާހަކައެވެ. ވަރަށް ޢިލްމީ ތަޖުރިބާކާރު އެތައްބަޔަކު ، ކައުންސިލްތަކުގައި އެބަތިއްބެވެ.

ކައުންސިލް މެންބަރުކަމަށް ކުރިމަތިލުމުގައި ޤާނޫނީ ޝަރުތުތަކެއް ކަނޑައެޅިފައި އޮވެއެވެ. އޭގެ ތެރޭގައި ތަޢުލީމީ އެއްވެސް ފެންވަރެއް އަދި މަސައްކަތުގެ ތަޖުރިބާއެއް ނުހިމެނެއެވެ. މިފަދަ ބަޔަކު ކައުންސިލަށް ހޮވަންޖެހޭކަމަށް ވަންޏާ ، ހޮވުނީމަ އެމީހުންނަށް ކިޔަވައިދޭންވީ ނޫން ހެއްޔެވެ ؟ އެމީހުންވެސް މީހުންނަށް ހަދަންވީ ނޫންހެއްޔެވެ ؟ ދޮންބެއްޔާ ހިތަށް އެރިއެވެ.

      ފަސް އަހަރުގެ ދައުރަކަށް ކައުންސިލަށް ހޮވޭމީހުންނަކީ ، އެންމެ ދެރަވެގެން ކިފާޔަތުގެ ފަރުޟު އަދާކޮށްލެވޭވަރުގެ ބަޔަކަށް ހަދަންވީ ނޫންހެއްޔެވެ ؟ ކިޔަވައިދިނީމަ އޭގެ ފައިދާ ފަސް އަހަރަށް އޮންނާނެތާއެވެ ؟ އެއީ ، އެމީހަކަށްވެސް އަދި ރަށަށްވެސް ލިބޭނެ ފައިދާއެކެވެ.

ދެންއޮތް އެހެންގޮތަކާ ދޭތެރޭގައިވެސް ދޮންބެއްޔާ ވިސްނައިލިއެވެ. ކައުންސިލްތަކަށް ކުރިމަތިލެވޭ މީހުންނަކީ ، ތަޢުލީމީ ވަކި ފެންވަރެއް ނުވަތަ ތަޖުރިބާގެ ވަކިމިންވަރެއް ޙާޞިލްކޮށްފައިވާ ބަޔަކަށް ހަދަންވީ ނޫންހެއްޔެވެ ؟ އޭރުން ތަޢުލީމީ ޒުވާނުންނަށް އޮންނަ ފުރުޞަތު ބޮޑުވާނެއެވެ. ކުރިއާ ތަފާތުކޮށް މިހާރުއެއީ ވަރަށް ޒިންމާއާއި މަސްއޫލިއްޔަތު ބޮޑު ، ވަޒީފާއެކެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.