ފާއިތުވި 4 އަހަރުގެ ތެރޭގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް އުފެދި ތަރައްޤީވުމަށް ފަހި މާހައުލެއް ޤާއިމްކޮށްދެވިފައިވާކަމާއި ވިޔަފާރިތައް ރަޖިސްޓްރީކުރުމާއި ހިންގުމުގައި ހުރި އިދާރީ ހުރަސްތައް، ކުޑަކުރެވި މި ނިޒާމް ޑިޖިޓައިޒް ކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅޫވެއްޖެ އެވެ.
ދިވެހިރާއްޖޭގެ 55 ވަނަ ޖުމްހޫރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ވަޒީފާ އަދާކުރާ މީހާއަށް އެންމެ ކުޑަވެގެން ދެވޭނެ އުޖޫރަ ޤާނޫނަކުން ކަނޑައަޅާފައިވުމާއި ތަޢުލީމީ ދާއިރާގެ މުސާރައިގެ އޮނިގަނޑަށް ގެނެވުނު ހެޔޮ ބަދަލު ފާހަގަކުރައްވާފަ އެވެ. އަދި ހަމަ މި ހެޔޮ ބަދަލު އަންނަ އަހަރު ޞިއްޙީ ދާއިރާއަށް ގެނެވޭނެކަން އެމަނިކުފާނު ތަކުރާރު ކުރެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިޖްތިމާޢީ ހަމަހަމަ ކަމަށްޓަކާ ، މި 4 އަހަރު ސަރުކާރުން ހިންގަމުންދާ ފެނާ ނަރުދަމާއާއި ރަށް ރަށުގެ ލަފާ ފުރުމުގެ ދަތިކަމަށް، ޙައްލު ހޯދައިދިނުމުގެ މަޝްރޫޢުތައްފަދަ އަސާސީ ޚިދުމަތުގެ ބޮޑު މަޝްރޫޢުތަކަށް ވެސް އަލިއަޅުވާލެއްވި އެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ފަހުގެ މަޢޫލޫމާތުތައް ވެސް ޙިއްޞާކުރައްވާފަ އެވެ. އެގޮތުން ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމަށް ޖޫންމަހު ހުޅުވާލި ފުރުޞަތުގާ ޖުމްލަ 35861 އެޕްލިކޭޝަން ލިބިފައިވާކަމަށާއި އެ އެޕްލިކޭޝަންތައް ޕްރޮސެސްކޮށް ޝަރުތުހަމަވާ ފަރާތްތައް ދެނެގަންނަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
އުފެއްދުންތެރި ޒުވާން ޖީލެއް ބިނާކުރުމަށް ފާއިތުވި 4 އަހަރު ސަރުކާރުން ކުރި ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ޒުވާނުންނަށް ހިންގޭ ހުނަރު ޕްރޮގްރާމާ، ހިލޭ ޑިގްރީ ޕްރޮގްރާމުގެ ކާމިޔާބީ ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި އެވެ. މި ފާއިތުވި 4 އަހަރު މުޅިން އަލަށް 15547 ޒުވާނުންނަށް ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތު ސަރުކާރުން ފަހިކޮށް ދީފައި ވެއެވެ.