އިސްރާއީލާއި، ސައޫދީ އަރަބިއްޔާގެ ގުޅުން ހަލުވިކަމާއެކު ރަނގަޅުވަމުން އަންނައިރު، އިސްރާއީލުގެ ޔަހޫދީ ނޫސްވެރިޔަކު މާތްވެގެންވާ ގެފުޅާ ކައިރި ހިސާބަކަށް މައްކާގެ ތެރެއަށް ވަދެ އޭނާގެ މަސައްކަތް ކުރިއަށް ގެންގޮސްފިއެވެ. އަރަބި ބައެއް ނޫސްތަކުން ބުނެފައި ވާގޮތުގައި އޭނާ އެކަން ކޮށްފައި ވަނީ ސައޫދީ ސަރުކާރުގެ ހުއްދައާއެކުގައެވެ.
އިބްރީ ބަހުން ދުރަށް ފޮނުވާ ޓީވީ ޗެނަލެއް ކަމުގައިވާ ޗެނެލް 13 އިން ބުނެފައިވާ ގޮތުގައި އެ ޗެެނެލްގެ ވާލްޑް ނިއުސް އެޑިޓަރ ގިލް ޓިމާރީ ވަނީ ސައޫދީ ސަރުކާރުގެ ހުއްދައާއެކު މައްކާގެ ޙަރަމްފުޅު ހިމެނޭ ސަރަޙައްދަށް ވަދެ ހިިޖާޒުކަރައާ ބެހޭގޮތުން އޭނާ ތައްޔާރުކުރާ ރިޕޯޓަކަށް މައުލޫމާތު އެއްކޮށްފައެވެ.
އިސްރާއީލުގެ ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ރައީސު ބައިޑަން އިސްރާއީލުން ސައޫދީ އަރަބިއްޔާއަށް ވަޑައިގަތް އިރު އިސްރާއީލުގެ ނޫސްވެރިންތަކެއް ވަނީ އޭނާއާއެކު ސައޫދީ އަރަބިއްޔާއަށް ދަތުރުކޮށްފައެވެ.
ސައޫދީ އަރަބިއްޔާގެ ގާނޫނު ބުނާގޮތުން މައްކާގެ ޙަރަމް ކަަމުގައި ބެލެވޭ ސަރަަހައްދަށް މުސްލިމުން ނޫން މީހުން ވަނުމަކީ މަނާކަމަށް ވިޔަސް، އެ ޗެނަލުގެ ނޫސްވެރިޔާ މައްކާއަށް ވަދެ ޙިޖާޒުކަރައާއި، މައްކާއާއި އެ ރަށުގައިވާ މުޤައްދަަސް ތަންތަނަ ބެހޭ ރިޕޯޓެއް އެކުލަވާލާފައިވާތީ ޗެނަލް 13 އިން ވަނީ އެކަން ފަޚުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.
އޭނާ ވަނީ މައްކާގެ މަސްޖިދުލް ޙަރާމް (އަލް މަސްޖިދު އަލްޙަރާމް) ގެ ކުރިމަތީގައި ހުންނަ ބޮޑު ގަޑި (ކްލޮކް ޓަވަރ) އާއި ހަމައަށް ގޮސްފައެެވެ. އަދި ޢަރަފާތް ބިމުގައި ހުންނަ ޖަބަލުއްރަޙްމާއާއި ހަަމައަށްވެސް ގޮސްފައެެވެ.
މުސްލިމުން އެންެމު މުޤައްދަސް ބިންތަކާ، އެންމެ މުޤައްދަސް ބިނާތައް އެތަނެއްގައިވާ ސައޫދީ އަރަބިއްޔާގެ ސަރުކާރާ އިސްރާއީލާ ދެމެދު ރަސްމީ ގޮތުން ސިޔާސީ ގުޅުން ގާއިމުކޮށްފައި ނުވިނަަމެސް، ދެ ފަރާތުގެ ދެމެދުގައި ނުރަސްމީ ގުޅުން ބަދަހިވަމުން ދާކަމުގެ އަލާމާތްތައް ފަހަކަށް އައިސް ދަނީ ފެންނަމުންނެވެ.
މި ހަފުތާގެ ކުރީކޮޅު ސައޫދީ އަރަބިއްޔާއިން ވަނީ އިސްރާއީލުގެ އެއާލަންތަކުގެ މަތިންދާބޯޓުތަކަށް އެގައުމު މަތިން ދަތުރުކުރުމުގެ ހުއްދަ ދީފައެވެ. މިހުއްދަ ދިން ދުވަހު އެމެރިކާގެ ރައީސު ޖޯ ބައިޑަން ވަނީ އިސްރާއީލުން ސީދާ ސައޫދީ އަރަބިއްޔާއަށް ދަތުރުކުރައްވާފައެވެ.
އިސްރާއީލުން ދެކޭ ގޮތުގައި އިސްރާއީލު ފުރައިގެން ދެކުނު އަދި ދެކުނު އިިރުމަތީ އޭޝިޔާއަށް ދަތުރުކުރާ މަތިންދާބޯޓުތަކަށް ސައޫދީ ވައިގެ ސަރަހައްދުގެ ތެރޭން ދަތުރުކުރުމަކީ އެގައުމުގެ އެއާލައިންތަކަށް ބޮޑު ފައިދާއެއް ލިބޭނެ ނިންމެމެކެވެ. ދަތުރު ކުރުވެފައި، ތެލުގެ ޚަރަދު ކުޑަވާނެތީއެވެ.
މިޚަބަރު އާއްމުވުމާއެކު ގިނަ ބަޔަކު ދަނީ މީސްމީޑިޔާގައި މިއަމަލަށް ނުރުހުން ފާޅުކުރަމުންނެވެ.