މިނިސްޓަރ ޝާހިދަށް ރާއްޖެއިން ބޭރުން އަނެއްކާވެސް ޝަރަފެއް!

ރާއްޖޭގެ ފޮރިން މިނިސްޓަރ އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދަށް ރާއްޖެއިން ބޭރުން އަނެއްކާ ވެސް ޝަރަފެއް އަރުވައިފިއެވެ.

އެމަނިކުފާނަށް އަރުވާފައިވަނީ ގުއާޓަމާލާގެ އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީގެ ޢިއްޒަތެވެ.

‎ގުއާޓަމާލާގެ ވެރިކަން ކުރާ ސިޓީގައި މިކަމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި އިއްޒަތް އަރުވާފައިވާއިރު، މިއިއްޒަތް އެރުވުމަށް ގުއަޓަމާލާގެ ރައީސް ވަނީ ޚާއްސަ ގަރާރެއް ވެސް ނެރުއްވާފައެވެ.

ފޮރިން މިނިސްޓަރ ޝާހިދަށް މި އިއްޒަތް އަރުވާފައިވަނީ ޚާރިޖީ ދާއިރާގައި އެމަނިކުފާނު ކޮށްދެއްވާފައިވާ ޚިދުމަތްތަކާއި، އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ފާހަގަކޮށް، އެކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

މީގެ އިތުރުން އދ. އިތުރަށް ހަރުދަނާ ކުރުމަށް އެމަނިކުފާނު ކުރައްވަމުން ގެންދަވާ ގިނަގުނަ މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

1973 އިން ފެށިގެން އެ ޤައުމުން ދެމުން އަންނަ އޯޑަރ އޮފް އެންޓޯނިއޯ ހޯސޭ ޑި އިރިސަރީ ޢިއްޒަތް އެ ޤައުމުން އަރުވަނީ، ބައިނަލްއަޤްވާމީ ފެންވަރުގައި، ޚާރިޖީ ދާއިރާއިން ފާހަގަކޮށްލެވޭ މުހިންމު ޚިދްމަތްތަކެއް ކުރައްވާފައިވާ ޢިއްޒަތްތެރިންނަށެވެ.

އެ ނިޝާންގެ ޢިއްޒަތް ނިސްބަތްވަނީ ގުއާޓަމާލާގައި އުފެދުނު އެންމެ ފާހަގަ ކޮށްލެވޭ އެއް ސިޔާސީ ލީޑަރު ކަމުގައިވާ އެންޓޯނިއޯ ހޯސޭ ޑި އިރިސާރީ އެލޮންސޯ އަށެވެ.

‎މިނިސްޓަރު ޝާހިދު ގުއާޓަމާލާއަށް ވަޑައިގެންނެވީ 13 ޖުލައި ވީ ބުދަ ދުވަހުއެވެ. މި ދަތުރުފުޅުގައި އެ ޤައުމުގެ ރައީސްއާއި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އާއި ކެބިނެޓުގެ އެހެން މިނިސްޓަރުންނާއި، ޤާނޫނު ހަދާ މަޖީހުގެ ރައީސްއާއި، ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރައީސާއި، އުއްތަމަ ފަނޑިޔާރާ ބައްދަލުކުރެއްވިއެވެ. އަދި އެޤައުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ އދ ގެ ތަފާތު 23 އޭޖެންސީގެ ވެރިންނާއެކު ބައްދަލު ކުރައްވާ އެ އޭޖެންސީތަކުން ކުރަމުންދާ މަސައްކަތްތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވިއެވެ.

އެމަނިކުފާނުގެ "އުންމީދުގެ ރިޔާސަތުގެ" ގެ ތެރެއިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، ކޮވިޑްގެ ޙާލަތުން ހަލުވިކަމާއެކު އަރައިގަތުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އާރާސްތުކުރުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުން ފާހަގަކޮށްލެވެއެވެ. އަދި ވަކީން ޚާއްސަކޮށް މިންތީގެ ހަމަހަމަކަމާއި ޒުވާނުންނަށް ފުރުޞަތު ހޯދައިދިނުމަށާއި ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށް ދުނިޔޭގެ ފެންވަރުގައި ކުރައްވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.