އިނގިރޭސި ބޮޑުވަޒީރު ޖޮންސަން އިސްތިއުފާދެއްވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަން މަގާމުން އިސްތިއުފާދެއްވައިފިއެވެ. ކޮންމެ ގޮތެއް ވިޔަސް މަގާމުގައި ދެމިހުންނަވާނެ ކަމަށް ވިދާޅުވަމުން ގެންދެވުމަށް ފަހު، އޭނާ އިސްތިއުފާ މިދެެއްވީ މަގާމުން ދުރުވެވަޑައިގަތުމަށް އޭނާއަށް ކުރިމަތިވަމުން ދިޔަ ފިއްތުންތަކުގެ ސަބަބުންނެވެ. އޭނާ އިސްތިއުފާދެއްވަމުން ގޮވައިލެއްވި ބޭފުޅުންގެ ތެރޭގައި އޭނާގެ ޕާޓީ، ކޮންޒާވެޓިވް ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މިނިސްޓަރުންނާއި، ގާނޫނުހަދާ މަޖިލީހުގެ މެންބަރުން ހިމެނިވަޑައިގަންނަވައެވެ.

"ޕާޓީގެ ލީޑަރެއްގެ ގޮތުގައި، އަދި އާ ބޮޑުވަޒީރެއްގެ ގޮތުގައި އެހެން ބޭފުޅަކު ހުންނަން ގާނޫނުހަދާަމަޖިލީހުގައި ތިއްބެވި ކޮންޒާވެޓިވް ޕާޓީގެ މެންބަރުން ބޭނުންފުޅުވާކަން ވަރަށް ސާފު." 10 ޑައުނިންގ ސްޓްރީޓްގައި ވާހަކަފުޅުދައްކަވަމުން ބޮޑުވަޒީރު ޖޮންސަން ވިދާޅުވިއެވެ.

"އާ ލީޑަރަކު ހޮވުމުގެ މަސައްކަތް މިހާރު ފަށަންވީ." އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވިގެޮތުގައި އޭނާގެ "ދައުރު ނިންމާނުލެވުމަކީ ހިތްދަތިވި" ކަމެކެވެ. އަދި "ދުނިޔޭގެ އެންމެ ރަނގަޅު ވަޒީފާ" ދޫކޮށްލަން ޖެހުމަކީ ހިތާމަކުރާ ކަމެކެވެ.

"މި ސަރުކާރުން ހާސިލުކޮށްފައިވާ ކާމިޔާބީތަކާމެދު އަހަރެން އިންތިހާއަށް ފަޚުރުވެރިވަން. އަަހަރުމެން އެންމެން (ކޮވިޑް-19) ގެ ވަބާއިން ސަލާމަތްކުރެވުމާ، ޔޫރަޕްގައި އެންމެ ހަލުވިކޮށް ވެކްސިން ޖެހައި ނިންމުމާ، ލޮކްޑައުންއިން އެންެމެ އަވަަހަށް ނުކުތުމާ، ޔުކްރޭންއަށް ޕުޓިންދިން އުދުވާނީ ހަމަލާއާ ދެކޮޅަށް ނުކުތުމުގައި އިސްކޮށްތިބުން (އޭގެތެރޭގައި ހިމެނޭ)." ވާހަކަފުޅު ކުރިއަށް ގެންދަވަމުން ޖޮންސަން ވިދާޅުވިއެވެ.

އޮކްޓޯބަރު މަހު ބާއްވަން ހަމަޖެހިފަވާ ކޮންޒާވެޓިވް ޕާޓީގެ ކޮންފަރެންސްގައި އާ ލީޑަރަކު ހޮވަންދެން ބޮރިސް ޖޮންސަން ވަގުތީ ބޮޑުވަޒީރެއްގެ ގޮތުގައި ދެމިހުންނަވާނެއެވެ.

ބޮރިސް ޖޮންސަން ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވުމާއެކު، ޕާޓީގެ ލީޑަރުކަމަށް ވާދަވެރިކަން ފެށިފައި ވާއިރު، އެ މަގާމަށް ޚާއްސަގޮތެއްގައި ފާހަގަކުރެވޭ ވަކި ބޭފުޅަކު ނެތެވެ. އެހެންނަމަވެސް، އެންމެ ވާދަކުރައްވާ ބޭފުޅުންގެ ތެރޭގައި ޗާންސެލާ އޮފް އެކްސްޗެކާ (ފިނޭންސް މިނިސްޓަރ) ކަމުން އިސްތިިއުފާދެއްވި، އިންޑިޔާ ދަރިކޮޅުގެ ބޭފުޅެއްކަމުގައިވާ ރިސީ ސުނާކް، ބޮޑުވަޒީޒުގެ ނާއިބު އަދި ޖަސްޓިސް މިނިސްޓަރު ޑޮމިނިކް ރާބް، ކުރީގެ ފޮރިން އަދި ހެލްތު މިނިސްޓަރު ޖެރެމީ ހަންޓް، މިހާރުގެ ފޮރިން ސެކްރެޓަރީ ލިޒް ޓްރަސް، ހެލްތު ސެކްރެޓަރީ ކަމުން އިސްތިއުފާދެއްވި، ޕާކިސްތާނުގެ އާއިލާއަކަށް ނިސްބަތްވެވަޑައިގަންނަވާ ސާޖިދު ޖާވީދު، މިހާރު ފިނޭންސް މިނިސްޓަރަކަށް ހުންނެވި، އިރާގުގެ އާއިލާއަކުން ވަޑައިގެން ހުންނެވި ނަދީމް ޒަހާވީ އަދި ޑިފެންސް މިނިސްޓަރު ބެން ވެލެސް ހިމެނިވަޑައިގަންނަވައެވެ.  

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.