(2 ޖުލައި 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ފަހެއް
ކަމަލްއާ ރަޖްނީ ކޮލެޖްތެރެއިން ބައްދަލުވި ދުވަހުގެ އަނެއް ދުވަހުން ފެށިގެން ދީޕަކް ކައިރިއަށް ގޮސްގެން އިނގިރޭސި ބަހުގެ ޓިއުޝަން ހޯދަން ފަށައިފިއެވެ. ކަމަލް އޭނާއަށް ކިޔަވައިދެމުން ގެންދިޔައީ ވަރަށް ޝަވްޤުވެރިކަމާއެކުގައެވެ. ދީޕަކް އިނގިރޭސި ބަހަށް ދެރަކަމަށްވާތީ އެންމެ ފުރަތަމައިން ފެށިގެން ކަމަލް ގެންދިޔައީ އެކަމަށް ވަރަށް ބޮޑަށް ފަރުވާބަހައްޓަމުންނެވެ. ކަމަލް އެމަސައްކަތް ކުރަމުން ގެންދިޔައީ އެއިން އާމްދަނީއެއް ހޯދުމުގެ ބޭނުމުގައެއްނޫނެވެ. ރަޖްނީގެ ރީތި ސޫރަ، އޭނާއަށް އެކަން މަޖްބޫރުކޮށް ގެންނެވެ. ދީޕަކަށް ޓިއުޝަންދީގެން ރަޖްނީއާއި ކައިރިވެވޭތީއެވެ. އެ ޓިއުޝަނުގެ ފީ ދިނުމަށް ރަޖްނީ މަސައްކަތް ކުރަމުންވެސް ކަމަލް އެ ފީއެއް ޤަބޫލެއް ނުކުރިއެވެ. ނަމަވެސް ރަޖްނީ އެއްގޮތަކަށް ވެސް ކުރުނުކޮށްގެން އެންމެފަހުން އެ ފައިސާ ކަމަލްގެ ކޮޓަރީގެ މޭޒުމަތީގައި ބަހައްޓާފައި ދިޔައީއެވެ.
އެއްދުވަހެއްގެ ހެނދުނެވެ. ދީޕަކް އިނީ ކަމަލްގެ ކޮޓަރީގައި ފިލާވަޅު ދަސްކުރާށެވެ. އޭރު ކަމަލް މޫނުބަލާ ލޯގަނޑު ކައިރީގައި ތުނބުޅިބާލަން ހުއްޓެވެ. ދީޕަކް ކިޔަމުންދާތަނުން އެއްވެސް ތަންކޮޅެއް ނުބައިކޮށް ކިޔައިފިނަމަ، ކަމްލ ތުނބުޅި ބޭލުން ހުއްޓާލާފައި އެތަންކޮޅު ރަނގަޅުކޮށްދެއެވެ.
ކުއްލިއަކަށް ކަމަލްއަށް އޭނާގެ ކުރިމަތީގައި ހުރި ލޯގަނޑުން ފެނުނީ، ދީޕަކް ފިލާވަޅު ކިޔަން އިނދެގެން އޭނާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި އޮތް ކަމަލްގެ ގަޑިއާ ކުޅޭތަނެވެ. އޭނާ އެތައް ފަހަރަކު އެގަޑީގެ ބެޓެރި ބަޓްންއަށް ފިތައިގެން ގަޑީގެ މޫނުމައްޗަށް އަލިކޮށްގެން ބަލަނީއެވެ.
"ތިޔަ ކުރައްވަނީ ކީއް؟" މިހެން ބުނަމުން ކަމަލް އޭނާ ކައިރިއަށް އައެވެ. އަދި ދީޕަކްގެ އަތުން ގަޑި އަތުލާފައި އެހެން މޭޒެއް މަތީގައި ބާއްވަމުން ބުންޏެވެ. "މިއީ ކުޑަކުދިން ކުޅޭ އެއްޗެއް ނޫން... ވަރަށް އަގުބޮޑު ގަޑިއެއް... ދެން މިހާރު ދޭ ސްކޫލަށްދާ އިރުވެއްޖެ..ލަސްވެދާނެ...."
ދީޕަކް އަވަސް އަވަހަށް ފޮތްތައް ނަގައިގެން މާސްޓަރް ޖީއަށް ސަލާމްކޮށްލާފައި ނުކުމެގެން ހިނގައްޖެއެވެ. ކަމަލް އަލަމާރި ކައިރިއަށްގޮސް ހެދުން ނަގަން ފަށައިފިއެވެ. އެތަންވަޅު އޭނާގެ ކަންފަތުގައި ޖެހުނީ ވަރަށް ރީތި ހިތްގައިމު އަޑެކެވެ. އެ އަޑަކީ ރަޖްނީގެ އަޑުކަން ހަމަ ވަގުތުން ކަމަލްއަށް އެނގުނެވެ. ނަގަނަގާ ހުރި ހެދުން އަލަމާރީގައި ބާއްވާފައި ކަމަލް އަވަސް އަވަހަށް ކުޑަދޮރު ކައިރިއަށް ހިނގައްޖެއެވެ. އަދި ކުޑަދޮރުން މާރިޔާގެ ޖިފުޓިއާ ދިމާއަށް ބަލަން ފަށައިފިއެވެ.
އޭރު ރަޖްނީ އެއްޗެތި ދޮވެގެން އައިސް ޖިފުޓީގެ ދޮރުމަތީގައި ދަމާފައިވާ ރޯނުތަކުގައި ހިއްކަން އަޅަނީއެވެ. އެ މަސައްކަތުގައި އުޅެމުން އޭނާ ވަރަށް ރީތި ރާގެއް މަޑުމަޑުން ކިޔަމުން ގެންދަނީއެވެ. މިއަދު އޭނާ އެހާ އުފަލުން އެހެރީ ކީއްވެގެންކަމެއް ނޭނގެއެވެ. ހީވަނީ އޭނާގެ ހަށިގަނޑު ހުރިހާތަނެއްވެސް އޭނާ ކިޔަމުންދާ ރާގުގައި ބައިވެރިވާހެންނެވެ. އޭނާގެ ބޮލުގެ އިސްތަށިގަނޑުވަނީ ދޫކޮށްލާފައެވެ. މޫނުމަތިން ފެންނަނީ ތާޒާކަމެވެ. ސާޅިން ނިވާވެފައިވާ ހަށިގަނޑުގެ ރީތިވަނާތައް ވަނީ ޒުވާންކަމުގެ އޫރުސްގައެވެ. މިތަންތަން ކަމަލްއަށް ފެނުމާއެކު އޭނާގެ ހަށިގަނޑަށް ހީވީ އާވައްތަރެއްގެ ހީއްޔެއް ވެރިވެގެން ދިޔަހެންނެވެ. އާދަޔާޚިލާފް އުފާވެރިކަމެއް އޭނާގެ ސިކުނޑީގެ މައްޗަށް ފެތުރިގެން ދިޔަހެންނެވެ. އޭނާއަށް އޭނާ ގެއްލުނު ކަހަލައެވެ. ރަޖްނީގެ ޒުވާން ކަމުގެ ހިތްފަސޭހަ މަންޒަރުގެ ތެރެއަށް އޭނާއަށް ގެއްލެވުނީއެވެ.
އެ ވަގުތު ދޭވީ ދަޔާލް ދޫބޭ ކަމަލްގެ ކޮޓަރިތެރެއަށް ވަދެއްޖެއެވެ. މިއަދުވެސް އެހެން ދުވަސް ދުވަހެކޭ އެއްފަދައިން އޭނާގެ އަތުގައި ނޫހެއް އޮތެވެ. ނަމަވެސް ކަމަލް ކުޑަދޮރުން ބޭރުބަލަން ހުއްޓާ ފެނުމުން އޭނާގެ ފިޔަވަޅުތައް މަޑުކޮށްލިއެވެ. އަދި ސިއްރު ސިއްރުން އައިސް ކަމަލްގެ ފުރަގަހަށް ހުއްޓިއްޖެއެވެ. އޭނާވެސް ކަމަލްގެ ފުރަގަހުގައި ހުރެގެން ރަޖްނީއަށް ބަލަން ފަށައިފިއެވެ. ރަޖްނީގެ ޒުވާން ކަމުގެ އާރޯ ތާޒާކަން ފެނިފައި، ކަމަލްއަށް ކުރަމުންދާ އަސަރު ދޫބޭއަށް އިޙްސާސް ކުރެވުމުން އޭނާ ގާތަށް ހިނި އަތުވެއްޖެއެވެ. އަދި އޭނާ ހުރިކަން ކަމަލްއަށް އިޙްސާސްވުމުގެ ކުރިން ބުނަން ފެއްޓިއެވެ.
"މިއަދުގެ ތާޒާ ޚަބަރު..."
"ކަމަލް ސިއްސައިގެން ގޮސްފައި އެނބުރި ބަލާލިއިރު ދޫބޭ އޭނާ ކައިރީގައި ހުއްޓާ ފެނުމުން، ގަތްލަދުން އޭނާއާ ހަތަރުކަޅި ހަމަކޮށްލަންވެސް ނުކެރުނެވެ. ތުރުތުރު އަޅައަޅާއޮތް އަތަކުން އަވަސް އަވަހަށް ކުޑަދޮރު ބަންދުކޮށްލާފައި ދޫބޭއާ ދިމާއަށް އެނބުރިލިއެވެ. ހީވީ، އޭނާ ސިއްރު ކަމެއް ކުރަން އުޅެނިކޮށް ކޮންމެވެސް މީހަކަށް ފެނިގެން އުޅެނީހެންނެވެ.
"މުޅިން ވިޔާނުދާ ވާހަކަ" ދޫބޭ ވަރަށް ބާރަށް ބުނެލިއެވެ. އަދި އަތުން ހިފައިގެންހުރި ނޫސްގަނޑު ކިހިލިފަތް ދޮށަށް ޖަހާލިއެވެ.
"ކީކޭ...." ކަމަލް ސިއްސައިގެން ގޮސްފައި ހަލަ ގޮތަކަށް އަހާލިއެވެ.
"މިއަދުގެ ތާޒާ ޚަބަރު، މި ރީތި މަންޒަރުގެ ކުރިމަތީގައި މުޅިން ވިޔާނުދާ ވާހަކައަށް ވެއްޖެ..."
"ކޮންކަހަލަ މަންޒަރެއް؟" ކަމަލް ޙައިރާންވެލާފައި އަހާލިއެވެ.
"އެއީތޯ... ރަޖްނީގެ ރީތިކަން ކޮށްފަދަ ފުރިހަމަ ޒުވާންކަމެއްތޯ؟... ހެނދުނު ހެނދުނާ އޭނާ ފެނިއްޖެނަމަ މުޅި ދުވަހު އެކަމުގެ އުފާ ދެމިހުންނާނެ..."
"ކޮންކަހަލަ އަނގައެއްތަ ތިޔަ ތަޅަނީ؟" ކަމަލް ނިތްކުރީން ދާފޮހެލަމުން ބުންޏެވެ.
"އޯހޯ.... ކަލާ މާބޮޑަށް ޙައިރާންވެ ނުލައްވާ... އެއީ ވިއްކާ އެއްޗެއް.... ބޭނުންވެލައްވައިފިއްޔާ އޮޓޯ ރެކްޝާ ދުއްވާ މޯތީއަށް އަންގަވާލައްވަނިކޮށް ބުނުއްވިތާކަށް ގެންގޮސްދޭނެ..."
"ވިޔާނުދާ ވާހަކަތައް ނުދައްކާ!" ކަމަލް ވަރަށް ބާރަށް ބުންޏެވެ.
"އައްދޭ.. ކަލާ ރުޅިދުރުވީތޯ؟... އަޅުގަނޑުވާ ކަލާގެ ބަލި ބަލާލާފައި ބޭހެއް ބުނެދިނީ.... ބޭސް ބޭނުންނުކުރައްވަންޏާ ނުކުރެއްވިޔަސް އަޅުގަނޑަށް އެންމެ ރަނގަޅު..އެކަމަކު އެކުވެރިޔާ! ޅެންވެރިއަކު ކިޔާފައިވަނީ...."
"ނިކަން ވިސްނާބަލާށޭ ހަރުބަހެއް އަހަރެން ބުނަން މިއުޅޭ ހިތުން ހިތަކަށް ވެވޭ ލޯތްބެއް ނުވާނޭ ފާފައެއްކަމުގައި" "މިހެންވިސްނާލާ! "
"ނޫން..." ކަމަލް ރުޅިއައިސްގެން ހަޅޭއްލަވައިގަތެވެ. އަދި ކުޑައިރުކޮޅަކު މަޑުކޮށްލާފައި "ދެން ކަލާ ދުރުވިޔަސް އެންމެ ރަނގަޅު" މިހެން ބުނެފިއެވެ.
"މިދަނީ މިދަނީ އަޅުގަނޑު މިދަނީ..." ދޫބޭ އަވަސް އަވަހަށް ބުނެލިއެވެ. އަދި މޭޒުމަތީގައި އޮތް ރޭޒަރު ތިލަ ޕެކެޓާ ދިމާއަށް ބަލާލާފައި ބުންޏެވެ. "އަމުރު ދެއްވައިފިއްޔާ ތިލައެއް ގެންދާނަން..."
ކަމަލް ޖަވާބު ނުދެވިގެން އުޅެނިކޮށް ހިނގައްޖެއެވެ. ކަމަލް އޭނާގެ މި އަމަލާ މެދުވެސް ނުރުހުން ފާޅުކުރިއެވެ. އަދި އޭނާ ނުކުތުމާއެކު ކޮޓަރީގެ ދޮރު ވަރަށް ބާރަށް ލައްޕާލިއެވެ.
އެއްޗެތި ހިއްކަން އަޅާފައި ރަޖްނީ ޖިފުޓީގެ ތެރެއަށް ވަންއިރު ދީޕަކް ސްކޫލަށް ދާން ތައްޔާރުވެއްޖެއެވެ. އޭނާގެ ޕޮކެޓްމަނީއަށް ބައިރުފިޔާއެއް ދީފައި ރަޖްނީ ސުވާލުކޮށްލިއެވެ.
"މާސްޓަރްޖީގެ ޓިއުޝަނުން އެއްވެސް ފައިދާއެއް ކުރޭތަ؟"
"ވަރަށް ބޮޑުތަން ރަނގަޅުވެއްޖެ... އޭނާ ކިޔަވައި ދެއްވާގޮތް ވަރަށް ރަނގަޅު. ދައްތަ! ވަރަށް ފަސޭހައިން ދަސްވޭ އަދި ހަނދާން ހުންނަގޮތްވޭ.." ދީޕަކް ވަރަށް އުފަލުން ބުންޏެވެ.
"ތިޔަކަން އެނގޭނީ އިމްތިހާނުގައި ހޯދާ މާރކްސްއަކުން..."
"ބަލަން ހުރޭ" އެހެން ބުނެފައި ދީޕަކް ރަޖްނީގައިގައި ހިފައިގަތެވެ. އަދި ރަޖްނީގެ ކޮލުގައި ދޮނެއް ދީފައި ދަބަސް ހިފައިގެން، ބޭރަށް ނުކުމެއްޖެއެވެ.
(ނުނިމޭ)
Vvv.reethi