މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ، ވައިޓް ފައުންޑޭޝަންގެ ފައުންޑަރ އަދި ޗެއާމަން މިސްޓަރ ޓެޑް ވައިޓްއާ އަންގާރަ ދުވަހު ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުން އޮތީ ޕޯޗުގަލްގެ ވެރިރަށް ލިސްބަންގައި މިހާރު ކުރިޔަށްދާ އ.ދ. ގެ އޯޝަން ކޮންފަރެންސްގެ ހަވާސާގައެވެ.
މިބައްދަލު ކުރެއްވުމުގައި މިނިސްޓަރ ޝައުނާ ވަނީ، ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަނާ ގުޅިގެން ދިވެހި ސަރުކާރުން 5 އަހަރުގެ މުއްދަތަށް ހިންގާ ނޫރާއްޖެ ޕްރޮގްރާމްގެ ދަށުން ހޯދިފައިވާ ކުރިއެރުންތަކާ ގުޅޭ ގޮތުން މިސްޓަރ ވައިޓް އާއެކު މަޝްވަރާ ކުރައްވާފައެވެ.
ނޫރާއްޖެ ޕްރޮގްރާމްގެ މަޤުޞަދަކީ، ރާއްޖޭގެ ކަނޑުތަކުގެ މަދުވެގެން 20 އިންސައްތަ ހިމާޔަތްކުރުމާއި، އެކަން ތަންފީޒްކުރެވޭނެ އޮނިގަނޑާއި، ނޫ އިޤްތިޞާދުގެ ސިޔާސަތުތައް އެކުލަވާލުމެވެ.
މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، ކަނޑުތަކުން ހިމާޔަތްކުރާ ސަރަހައްދުތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށްދާ ގޮތާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައެވެ. އަދި މިމަޝްވަރާތަކުގައި މިނިސްޓަރ ޝައުނާ ވަނީ، ދިވެހިން ކަނޑުފަޅު ބޭނުންކުރާ ގޮތާއި، ސަރަހައްދުތައް އަދި އެސަރަހައްދުތަކުގެ އަގުވަޒަންކުރާ މިންވަރު ދެނެގަތުމުގައި ކުރިޔަށްގެންދާ ކަނޑުތައް ބޭނުންކުރެވޭ ގޮތުގެ ސަރވޭގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އަދި ފާއިތުވެ ދިޔަ 6 މަސްދުވަހުގެ ތެރޭގައި، 18 ފެސިލިޓޭޓަރަކު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް މަސްވެރިންނާއި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކާ ބައްދަލުކޮށް އެފަރާތްތަކަށް މުހިއްމު ސަރަހައްދުތައްވަނީ ފާހަގަކޮށްފައެވެ. މިހާތަނަށް މިސަރވޭގައި 25,000 އަށްވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.
ވައިޓް އިންސްޓިޓިއުޓަކީ ބްލޫ ޕްރޮސްޕަރިޓީ ކޯލިޝަންގެ އެފިލިއޭޓް ޕާޓްނަރެކެވެ. އެ އިންސްޓިޓިއުޓަކީ މުޖުތަމައުތަކަށް ފައިދާހުރި، ކަނޑުތަކާ ގުޅޭ ދެމެހެއްޓެނިވި ޕްލޭންތައް ހެދުމުގައި، ދުނިޔޭގެ ޤައުމުތަކުގެ ސަރުކާރުތަކަށާއި، ކަމާ ގުޅޭ އިދާރާތަކަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭ އިންސްޓިޓިއުޓެކެވެ.
އެންވަޔަރަންމަންޓް މިނިސްޓަރ އައިމިނަތު ޝައުނާ، އ.ދ. ގެ އޯޝަން ކޮންފަރެންސްގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުންނެވެ.
ޕޯޗުގަލް އާއި ކެންޔާ ގުޅިގެން ބާއްވާ މިކޮންފަރެންސް ކުރިޔަށް ދާނީ ޖޫން 27 އިން ޖުލައި 1ގެ ނިޔަލަށެވެ.