ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ އެންމެ ބޮޑު އެއް މައްސަލައަކީ ރައްކާތެރި ގޮތުގައި ކުނި މެނޭޖުކުރުމަށް ދިމާވެފައިވާ ގޮންޖެހުންތައް ކަމަށް ވޭސްޓުމެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.
ވެމްކޯ އިން މިހެން ބުނީ އަންނަ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން ގޭބިސީތަކުން ހުރިހާ ބާވަތެއް މަސްހުނިކޮށްގެން ނެރެމުން އަންނަ ކުނި ވަކިކޮށްގެން ނެރުމަށް އަންގާފައިވާތީ، ބައެއް ފަރާތްތަކަށް އުފެދިފައިވާ ކުށްހީތަކަށް ޖަވާބު ދިނުމަށް އެ ކުންފުންޏާއި އެންވަޔަރްމެންޓް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ކުނި ވަކި ކުރުމަށް ވެމްކޯ އިން ކަނޑައެޅުމާއި ގުޅިގެން ކުނި އުކުމަށް ނަގާ ފީގެ އަގު ބޮޑުވާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ ކަންބޮޑުވުން ފާޅު ކުރަމުންދާތީ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރު އާމިނަތު ޝައުނާ ވިދާޅުވީ ކުނި ވަކިކުރި ނަމަވެސް އަގަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
މިނިސްޓަރު ޝައުނާ ވިދާޅުވީ މިހާރު ބަދަލު ގެނެސްފައިވަނީ ކުނި ނެރުމުގައި އަމަލުކުރަންޖެހޭ އުސޫލަށް އެކަނި ކަމަށާއި ވެމްކޯއިން ކުނި ނެގުމަށް ކަނޑައަޅާފައިވާ ފީއަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.
ގޭބިސީތަކުން ކުނި އުކުމަށް މިހާރުނަގަނީ 150 ރުފިޔާއެވެ.
ޝައުނާ ވިދާޅުވީ 1992 ވަނަ އަހަރުން ފެށިގެން މާލޭ އާއި ރާއްޖޭގެ އެހެން ތަންތަނުގައި އުފެދޭ ކުނީގެ ވެސް ބޮޑު ބައެއް އަޅަމުން ދިޔައީ ކ. ތިލަފުއްޓަށްނަމަވެސް ދުވާލެއްގެ މައްޗަށް އެތައް ކުންޏެއް އަޅަމުން ދިއުމުގެ ސަބަބުން ތިމާވެއްޓަށް ދިމާވެދާނެ ނުރައްކަލަކާ މެދު ވިސްނައި، ކުނީގެ މައްސަލަތައް ހައްލުކުރުމަށް އެ މިނިސްޓްރީ އާއި ވެމްކޯ ގުޅިގެން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށެވެ.
ހަމައެކަނި މާލެ ސަރަހައްދަށް ބަލާލި ނަމަވެސް ދުވާލެއްގެ މައްޗަށް 1200 އެއްހާ ޓަނުގެ ކުނި އުފައްދާ ކަމަށާއި ކޮންސްޓްރަކްޝަން ކުންޏާއި ބަދިގެ ކުންޏާއި ދަގަނޑާއި އަދިވެސް މިނޫން އެކި އެކި ބާވަތްތަކުގެ ކުނި އުފައްދާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
" އެކަމަކު މީގެ ހުރިހާ ބުރައެއް މި އުފުލަނީ ވެމްކޯ އިން. ވެމްކޯ އިން ކުނި ނަގައިގެން ގެންގޮސް ބައިތަކަށް ވަކި ކުރަނީ. އެބޭފުޅުން މިކަމަށް މީގެ ކުރިން މެޝިނަރީޒްވެސް ބޭނުމެއް ނުކުރޭ. އެކަމަކު ދާދި ފަހުން މެޝިނަރީޒް ލިބިފައި މިހުރީ،" މިނިސްޓަރ ވިދާޅުވިއެވެ.
ނަމަވެސް ގޭބީސީތަކުން ކުނި ނެރޭއިރު ކުނި ވަކިކޮށްގެން ނެރުމަކީ މިމަސައްކަތަށް ލުޔެއް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރައްވާ މިނިސްޓަރު ޝައުނާ ވިދާޅުވީ މިގޮތަށް ކުނި ބެއިލްކުރުމުގެ މަސައްކަތް ކުރިއަށްދާނީ ކުނިން ހަކަތަ އުފެއްދޭ ނިޒާމު ތިލަފުށީގައި ގާއިމުކުރެވެންދެން ކަމަށެވެ.
އެ މައްސަލައަށް އެދެވިގެންވާ ހައްލެއް ގެނެއުމަށްޓަކައި، އެންވަޔަރަމަންޓް މިނިސްޓްރީން މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ 17 ވަނަ ދުވަހު، ރާއްޖޭގެ ކުނި މެނޭޖުކުރުމާ ބެހޭ ގަވާއިދަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުން، އުކާލުމަށް ނެރޭ ކުނީގެ ބާވަތްތައް ކަނޑައެޅިފައިވާ ބައިބަޔަށް ވަކިކުރުމަށް ވަނީ ބަޔާންކޮށްފައެވެ.
އެހެންކަމުން ކުނިވާޒާތުގެ ކުންޏާއި ޕްލާސްޓިކް ފުޅީގެން އިތުރުން އެހެނިހެން ބާވަތްތަކުގެ ކުނި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނެރެންޖެހޭނީ ވަކި ކޮށްގެންނެވެ.