މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާގެ ހިންގާ ކޮމެޓީ އިންތިޚާބުކުރުން އަންނަ ޖުލައި މަހު ބާއްވަނީ

ފޮޓޯ: މަޖީދިއްޔާ ސްކޫލް އެފްބީ ޕޭޖު

މަޖީދިއްޔާ ސްކޫލުގެ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ (މމދ ޖަމިއްޔާ) ގެ އަހަރީ ޢާންމު ޖަލްސާ އާއި ހިންގާ ކޮމެޓީއަށް މެމްބަރުން އިންތިޚާބުކުރުން އަންނަ ޖުލައި މަހު ބާއްވަން ނިންމައިފިއެވެ.

އެ ޖަމިއްޔާއިން ޢާންމުކުރި އިޢުލާނެއްގައި ވަނީ އަހަރީ ޢާންމު ޖަލްސާ އޮންނާނީ ޖުލައި 20 ވަނަ ދުވަހުގެރޭ 08:30 ގައި ދާރުލްޢުލޫމް ހޯލުގައި ކަމަށެވެ.

މި ޖަލްސާގައި 2020 އަދި 2021 ވަނަ އަހަރުގެ އަހަރީ ރިޕޯޓާއި މާލީ ހިސާބުތައް ފާސްކުރުމާއި ހިންގާ ޤަވާޢިދަށް ގެނައުމަށް ހުށަހަޅާ އިސްލާހުތައް ފާސްކުރުމަށް ވަނީ ނިންމާފައެވެ. އަދި ކުރިއަށް އޮތް އަހަރު ކުރުމަށް ޖަމިއްޔާއިން ޤަސްދުކުރާ ކަންކަން ފާސްކުރުމާއި ހިންގާ ކޮމެޓީ އިންތިޚާބު ކުރުން ވެސް އޮންނާނެއެވެ.

މމދ ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މަޤާމުތަކަށް ކުރިމަތިލުމަށް މިހާރުވަނީ ހުޅުވާލާފައެވެ. އެގޮތުން ހިންގާ ކޮމެޓީގެ މަޤާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން ޖުލައި 3 ވާ އާދީއްތަ ދުވަހުގެ މެންދުރު 2 ޖެހުމުގެ ކުރިން އެކަން ބަޔާންކޮށް އެކަން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ފޮނުވަންޖެހޭ ތަކެތީގެ ތެރޭގައި ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއްގެ ކޮޕީ އާއި މަޖީދިއްޔާ ސްކޫލުން ކިޔެވިކަން އަންގައިދޭ ރަސްމީ ލިޔުމެއް ހިމެނެއެވެ.

ފޮޓޯ: މަޖީދިއްޔާ ސްކޫލް އެފްބީ ޕޭޖު

ފޮނުވަންޖެހޭ ތަކެތީ މި ލިންކް މެދުވެރިކޮށް ވެސް ހުށަހެޅޭނެ: http://:https://forms.gle/oSAfnC2TQkjKL75Q9

ހިންގާ ކޮމެޓީއަށް އިންތިޚާބުކުރާ މަޤާމުތަކުގެ ތެރޭގައި ރައީސަކާއި ދެ ނައިބު ރައީސުންނާއި ސެކްރެޓަރީއަކާއި ނާއިބު ސެކްރެޓަރީއެއް ހިމެނެއެވެ. އަދި ޚަޒާންދާރަކާއި ޚަޒާންދާރުގެ ނައިބަކާއި އިންތިޒާމު ސެކްރެޓަރީއަކާއި ނާއިބު އިންތިޒާމު ސެކްރެޓަރީއަކާއި އިތުރު އަށް މެމްބަރުން ވެސް އިންތިޚާބުކުރާނެއެވެ.

ރާއްޖޭގައި އެންމެފުރަތަމަ އުފެއްދި އެންޖީއޯ މަޖީދިއްޔާ މުސްކުޅި ދަރިވަރުންގެ ޖަމިއްޔާ ނުވަތަ މމދ ޖަމިއްޔާގެ މުއައްސިސުންނަކީ ވިލާ ކޮލެޖުގެ ރެކްޓަރ ޑރ. އަހްމަދު އަންވަރާއި ފިފާ ފުޓްބޯޅަ ރެފްރީގެ ބެޖު ރާއްޖެއިން ލިބުނު ދެ ރެފްރީންގެ ތެރޭގައި ހިމެނޭ އިބްރާހިމް އިސްމާޢިލެވެ.

ފޮޓޯ: މަޖީދިއްޔާ ސްކޫލް އެފްބީ ޕޭޖު

އާފަތިސް އަށް މަޢުލޫމާތު ދެއްވަމުން ޑރ. އަންވަރު ވިދާޅުވީ ކޮވިޑު ޕެންޑަމިކް ތެރޭގައި ޖަމިއްޔާގެ މަސައްކަތްތައް ވެސް ކޮންމެވެސް ވަރަކަށް މަޑުޖެހުނު ކަމަށެވެ. ނަމަވެސް އެ ޖަމިއްޔާގެ ހީވާގި މެމްބަރުންގެ އިސްނެގުމާއެކު އަލުން މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި ވަރަށް ޒުވާން ޤާބިލު ބޭފުޅުން. އަދިއަމުދުން މަޖީދިއްޔާއަށް 100 އަހަރު ފުރުމަށް ގާތްވަމުންދާއިރު އެފަދަ ބޭބޭފުޅުންގެ އެހީތެރިކަން ވަރަށްބޮޑަށް ބޭނުންވާނެ. ޚާއްސަކޮށް ހިންގާ ކޮމެޓީއަށް އެފަދަ ބައެއް ބޭފުޅުން ކުރިމަތިލައްވާނެ ކަމަށް ވެސް ވަނީ މުޢުތަބަރުކޮށް އެނގިފަ. އެހެންވީމަ މިއީ ވަރަށްބޮޑު ކުރިއެރުމެއް." ޑރ. އަންވަރު ވިދާޅުވިއެވެ.

މަޖީދިއްޔާ އިން ތަޢުލީމު ހާސިލުކޮށް، ސަރުކާރުގެ އިސްމަޤާމުތަކެއް ފުރުއްވަމުން ގެންދަވާފައިވާ އަދި މިހާރުވެސް ފުރުއްވަމުން ގެންދަވާ އެތައް ބޭފުޅުންނެއް ތިބިއިރު، މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރުން ފާހަގަކުރުމަށް ކުލަގަދަ ހަރަކާތްތަކެއް ވެސް އަންނަނީ ބާއްވަމުންނެވެ. އޭގެތެރެއިން ވެސް 95 ގަޑިއިރު ގެ "ނޮން ސްޓޮޕް ރަން" އަށް ގިނަ ބައެއްގެ ތަރުޙީބު ވަނީ ލިބިފައެވެ.

މަޖީދިއްޔާ ސްކޫލުގެ ލަވައިގާވަ ފަދައިން އެ ސްކޫލުން ކިޔެވި ދަރިވަރުން އަންނަނީ "މަޖީދީ މަޖީދީ ފަޚުރުވެރި ހިޔާ" ގައި "މަޖީދިއްޔަ ނޫރުން ތަނަށް އަލިކުރަމުންނެވެ.

 

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.