(6 ޖޫން 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
"ޢަޤީލާ. ތިޔަހެން ނުބުނޭ. އޭނާ އަހަރެން ދެކެ ވަރަށް ބޮޑަށް ލޯބިވޭ. އަހަރެމެންގެ އެންގޭޖްމަންޓަށް މިހާރު ނުވަ އަހަރު ވަނީ. މިހައި ކުޑަކުޑަ ކަމަކާ ހެދި އޭނާ އަހަރެން ދޫކޮށެއް ނުލާނެ."
"ބައެއް ފަހަރަށް ވަރަށް ކުދިކުދި ކަންތައްކާ ހެދި މީސްމީހުންގެ ގުޅުން ކެނޑިފައި އެބަހުރި."
"އަހަރެންވެސް އޭނާ ދެކެ ވަރަށް ބޮޑަށް ލޯބިވޭ."
"އޭނާ ބުނާ ގޮތަށް ހަދާށޭ އަހަރެން މި ބުނަނީ އެހެން ވެގެން. އޭނާ އެ އުޅެނީ އުއްމީދު ގޮވައިގެން ކޮންމެވެސް ތަނަކަށް ކާން ދާން. އޭނާ ބުނާ ތަނަކަށް ދޭ. އޭނާ ވަރަށް ބޮޑަށް އުފާވާނެ. ދެމީހުންގެ މެދުގައި ތިޔަ އޮތް އަރައިރުންވެސް ހުއްޓިދާނެ."
ޢަޤީލާ ނިދަން އޮށޯވެއްޖެއެވެ. އެކަމަކު އުއްމީދަކަށް ނުއެއް ނިދުނެވެ. މިއަދު ޖަހާންޒޭބްގެ ވާހަކަ ހުރި ގޮތް ހިތަށް އެރީމާ އޭނާއަށް މިހާރުވެސް އުނދަގޫވެއެވެ. ހީވަނީ ހިތުގައި މީހަކު ބާރަށް ވަކިއަޅާހެންނެވެ. ޖަހާންޒޭބް އެފަދަ ގޮތަކަށް އޭނާޔާ ވާހަކަ ދައްކައިފާނޭ ކަމަކަށް އޭނާ އެއްގޮތަކަށްވެސް ހިއެއް ނުކުރެއެވެ. ދެމީހުންގެ ގުޅުމަށް އެތައް ދުވަހެއް ވެއްޖެކަން އޭނާގެ ހަނދާނުން ފޮހެވުނީ ހެއްޔެވެ؟ ދެ މީހުން އެކަކު އަނެކަކު ދެކެ ލޯބިވާ ވަރު ހަނދާން ނެތުނީ ހެއްޔެވެ؟ އެހައި ކުޑަކުޑަ ކަމަކާ ހެދި ޖަހާންޒޭބްގެ ބަހުރުވަ އެހައި ބޮޑަށް ހަރުކަށިވެގެން ދިޔައީ ކީއްވެގެން ހެއްޔެވެ؟ ކުޑަކުޑަ އެންމެ ކަމަކާ ދެކޮޅު ހެދުމާއެކު ރޫޅިގެން ދާވަރަށް އަހަރެމެންގެ ގުޅުން ބަލިކަށީ ހެއްޔެވެ؟ އަހަރެން ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟ އަހަރެން އޭނާޔާއެކު ދާންވީ ހެއްޔެވެ؟ ނުދިޔައިއްޔާ އެންގޭޖްމަންޓު ރޫޅައިލާނެ ހެއްޔެވެ؟
އޭނާގެ ހަނދާނަށް އައީ ޖަހާންޒޭބްގެ ފިނިފިނި ރާގެވެ.
"ޢަޤީލާ ބުނި ގޮތަށް ހަދަންވީއެވެ. ޖަހާންޒޭބާއެކު އޭނާ ބުނާ ތަނަކަށް އެއް ފަހަރު ދާންވީއެވެ. އެޔަށް ފަހު ދެވަނަ ފަހަރަށް އަހަރެން އެއްވެސް ތަނަކަށް ގެންދާން ނޫޅޭށޭ ބުނާނީއެވެ. މިހެން ހެދީމާ ޖަހާންޒޭބްގެ ރުޅިގަނޑު މައިތިރި ވެދާނެއެވެ." އުއްމީދަކަށް ހަދާނޭ ގޮތެއް ނުނިންމުނެވެ.
* * *
ވިދިގެން އައި ދުވަހު ހެނދުނު ޖަހާންޒޭބް އޭނާގެ އޮފީހަށް ފޯނު ކުރީމާ ބަލި ގަބޫލުކުރާ ކަހަލަ ގޮތަކަށް އުއްމީދު ބުންޏެވެ. "އަހަރެން މިރޭ ޖަހާންޒޭބާއެކު ބޭރަށް ދާނަން. އެކަމަކު މީގެ ފަހުން އަހަރެން ގޮވައިގެން އެއްވެސް ތަނަކަށް ދާން އުޅެގެން ނުވާނެ."
ޖަހާންޒޭންގެ މޫޑު ކުއްލިއަކަށް އުފާވެރި ވެގެން ހިނގައްޖެއެވެ. "އެންމެ ރަނގަޅު. މީގެ ފަހުން އެކަހަލަ ވާހަކައެއް ނުދައްކާނަން. މިރޭ އަހަންނާއެކު ހިނގާ. މި ރެއަށް ވަރަށް ބޮޑަށް ނަލަވެގެން ހުންނާތި. އަހަރެން ބޭނުން ވަނީ އުއްމީދު ގޮވައިގެން ޕީސީއަށް ދާން." ޖަހާންޒޭބް އިތުރަށްވެސް ވާހަކަދެއްކިއެވެ. އުއްމީދަކަށް ހުރިހައި ވާހަކައެއް ސާފެއް ނުވިއެވެ. ހުރިހައި ވާހަކައެއް ނިމުނީމާ ފޯނު ބާއްވައިފިއެވެ.
އޭނާގެ ޒަމީރުގެ މަލާމާތާއެކު ދެ ހިތެއްގައި ހުރެގެން ހަވީރު އޭނާ ތައްޔާރުވަމުން ދިޔައެވެ. އޭނާގެ ނިންމުން ރަނގަޅު ކަމަށް ޢަޤީލާ ބުނަމުން ގެންދިޔައެވެ. އިރުއޮއްސި ހަތެއް ޖެހުމާއެކު ޖަހާންޒޭބް އޭނާ ބަލައި އަތުވެއްޖެއެވެ. އޭނާ ބަރު ފިޔަވަޅުތަކެއް އަޅަމުން ގޮސް ކާރަށް އަރައިފިއެވެ.
"އުއްމީދު. ދެން މޫޑު ރަނގަޅުކޮށްލާ. ތިޔަހައި ރީތި ވެގެން ތުން ދަމައި އޫކޮށްގެން ހުންނާކަށް ނުވާނެ. ހީވަނީ އަހަންނާ އެކު ތިޔަ ދަނީ ތިމާގެ މީހަކު މަރުވެގެން މޫނު ދެކިލަންހެން."
އުއްމީދު އިނީ ވަރަށް ލަދުންނެވެ. އެކަމަކު ޖަހާންޒޭބްގެ އުފަލުގެ ކޮޅެއް ނެތެވެ. އުއްމީދުގެ ކަންފަތްދޮށުގައި ގުގުމަމުން ދިޔައީ އޭނާގެ ބައްޕަގެ އަޑެވެ. ބައްޕަގެ ނަސޭހަތެވެ. ކަރަށް މެހިފައިވާ މަޅިއެއް މަޑުމަޑުން ބާރުވަމުންދާ ކަމުގައި އިހުސާސް ކުރެވޭން ފަށައިފިއެވެ.
ޖަހާންޒޭބް އޭނާ ގޮވައިގެން ދިޔައީ ޕީސީ މޯލަށެވެ. މަގުމަތީގައިވެސް އަދި ޕީސީގައިވެސް އޭނާ ގެންދިޔައީ ހުއްޓައިނުލައި ވާހަކަދައްކަމުންނެވެ. އުއްމީދުގެ ރީތި ކަމަށް ތާރީފު ކުރަމުންނެވެ. އޭނާގެ ހެދުން ރީތިކަމުގެ ވާހަކަދައްކަމުންނެވެ. ޖަހާންޒޭބް މިފަދަ ވާހަކައެއް ދެއްކީމާ އޭނާއަށް ކަމުނުދިޔަ ފުރަތަމަ ފަހަރަކީ މިއީއެވެ. އެތާނގައި ތިބި އެހެން އެންމެން އޭނާޔާ ދިމާއަށް މަލާމާތުގެ ނަޒަރަކުން ބަލަމުން ގެންދާ ކަމުގައި އުއްމީދަށް އިހުސާސް ކުރެވުނެވެ. އެމީހުން ހީނހީނފައި ބުނާ ކަމުގައި އިހުސާސް ކުރެވުނެވެ. ނިކަން ދެކިބަލާށެވެ. "އެހެރަ ފެންނަނީ އަމިއްލަ އެދުމާއިގެން ފޯވެފައި އިން އާވާރާ އަންހެނެކެވެ."
ރޭގަނޑު އަށެއް ޖަހައިފިއެވެ. އޭނާއަށް ހީކުރެވުނީ ދަންޖައްސާ މަޅިގަނޑުގެ ދޮށުގައި ހުރެވުނީ ކަމުގައެވެ. މިއަދު އޭނާގެ ބައްޕަ ދުނިޔޭގައި ހުރި ނަމަ މިފަދަ ގޮތަކަށް ސިއްރުސިއްރުން ފިރިހެނަކާއެކު ތަނަކަށް ދާން އޭނާއަށް ކެރުނީސް ހެއްޔެވެ؟ މިކަހަލަ ޚިޔާލުތައް ކުރެވުމާއެކު ކާއެއްޗެހި ދިރުވަންވެސް އޭނާއަށް އުނދަގޫވާ ގޮތް ވިއެވެ.
ނުވައެއް ޖަހައިފިއެވެ. ކައި ނިމިގެން ޖަހާންޒޭބް އޭނާ ގޮވައިގެން ދިޔައީ އައިސްކިރިމި ވިއްކާ ތަނަކަށެވެ. އޭގެ ފަހުން ވަކި މަންޒިލެއް ނެތި ދުއްވަމުން ދިޔައީއެވެ.
"ޖަހާންޒޭބް. ދެން އަހަރެން ދަނާލަށް ލައިދީ. އެގާރަ ޖެހީމާ އެއްވެސް މީހަކަށް ދަނާލަކަށް ނުވަދެވޭނެ. އެތަން ތަޅުލާނެ."
"އެކަމާ ކަންބޮޑު ނުވޭ. ދަނާލުގެ މީހުނާ އަހަރެން ވާހަކަ ދައްކައިފާނަން." ޖަހާންޒޭބް ބުންޏެވެ.
"މިހާރު ވާވަރަށް ބުރު ޖެހިއްޖެއެއްނު؟ މުޅި ރަށުގައި ވައިވެގެން އެނބުރުމަށް ވުރެ އަހަރެން ގެންގޮސް ދަނާލަށް ލުން މާ ރަނގަޅެއްނު؟" އޭނާ ކުޑަކޮށް ނުރުހިފައި ބުނެލިއެވެ.
އެ ވަގުތު ކާރު ދުއްވަމުން ދިޔައީ ކެންޓްގެ ސަރަހައްދުގައެވެ.
"އުއްމީދު ތިޔަ ފިކުރު ބޮޑުވަނީ މާ ބޮޑަށް." ޖަހާންޒޭބް ކާރުގައި ޖަހައިފައި ހުރި ލަވައިގެ އަޑު ބާރު ކޮށްލިއެވެ. އުއްމީދު ހިމޭނުން އިނީއެވެ.
ޖަހާންޒޭބް ވާހަކައިގައި ގޮސް ކެންޓްގެ ހަމަހިމޭން އަނދިރި ހިސާބަކަށް ކާރު މަޑުކޮށްފިއެވެ. އޭނާގެ ކޮނޑުމަތީގައި ޖަހާންޒޭބް އަތް ބާއްވައިލިއެވެ. އެ ވަގުތު އޭނާގެ ހަށިގަނޑުގައި ބިރުގެ ރާޅެއް ހިލިގަތެވެ.
"ޖަހާންޒޭބް. މިތަނަށް އައީ ކީއްކުރަން؟" އަޑު އާދައިގެ ގޮތަކަށް ހިފެހެއްޓޭތޯ އޭނާ މަސައްކަތް ކުރިއެވެ.
ޖަހާންޒޭބް ކާރުގެ ޑޭޝްބޯޑުގެ ވަތްގަނޑަކުން ދަޅެއް ނަގައިފިއެވެ. އޭރުވެސް އެއް އަތް އޮތީ އުއްމީދުގެ ކޮނޑުމަތީގައެވެ. އިރުކޮޅަކަށް ކޮނޑުމަތީން އަތް ނެގުމަށް ފަހު ދަޅު ކަނޑައިލިއެވެ. އެޔަށް ފަހު އަނެއްކާވެސް ކޮނޑުމައްޗަށް އަތް އެއްލައިފިއެވެ.
"ޖަހާންޒޭބް. މިތަނުން ދާން ހިނގާ... މާ ބޮޑަށް ލަސް ވެއްޖެ." އުއްމީދުގެ ހަށިގަނޑުގައި ބާވަތެއްގެ ތުރުތުރެއް އުފެދުނެވެ.
ޖަހާންޒޭބް ހަމަޖެހިލައިގެން އިނދެ ދަޅުން ކޯވަރެއް ބޮއިލުމަށް ފަހު ހިނިތުންވެލިއެވެ. "މިރޭ އުއްމީދު ގެންގޮސް ދަނާލަށް ލުމުގެ އެއްވެސް ގަސްތެއް އަހަރެންގެއެއް ނެތް."
އުއްމީދަކަށް އަނގަޔަކުން ނުބުނެވުނެވެ.
"ކުޑަ އެތިފޮދެއް ބޮައިލާ." ޖަހާންޒޭބް އެ ދަޅު އުއްމީދުގެ އަނގަޔާ ކައިރިކޮށްލިއެވެ.
އުއްމީދު ކުއްލި ހަރަކާތަކާއެކު ދަޅު ދުރަށް ޖައްސައިލިއެވެ. "ޖަހާންޒޭބް. ހަމަ މިހާރު އަހަރެން ގޮވައިގެން ދަނާލަށް ހިނގާ." މި ފަހަރު އޭނާގެ އަޑު ވަރަށް ހަރުކަށްޓެވެ.
"އަހަރެން ބުނެފީމެއްނު... މިރޭ އުއްމީދު ދަނާލަކަށް ނުގެންދާނަން. މި ތަނުން އުއްމީދު އަހަންނާއެކު ދާނީ އަހަރެން ހުންނަ ހޮޓަލަށް. މާދަމާ ދަނާލަށް ގެންގޮސް ދޭނަން." ޖަހާންޒޭބްގެ އަޑުގައި ހުރީ ފިނިފިނި އަސަރެކެވެ.
"މޮޔަވީތަ؟ އަހަރެން ޖަހާންޒޭބާ އެކީ ނުދާނަން." ކޮނޑުމަތީގައި އޮތް ޖަހާންޒޭބްގެ އަތް ފޮޅުވައިލުމަށް ފަހު ރުޅިވެރިކަމާއެކު އޭނާ ބުނެލިއެވެ.
"ތިޔަހަރީ އަހަންނާއެކު އައިހެއްނު؟ ހޮޓަލަށް ނުދިޔަޔަސް އެންމެ ރަނގަޅު. އަހަރެމެން ތިބޭނީ މިތާނގައި."
އޭނާ މިހާރުވެސް ގެންދަނީ އެ ދަޅުން ބޮމުންނެވެ. އުއްމީދު އިރުކޮޅެއް ވާންދެން ބަލަހައްޓައިގެން އިނުމަށް ފަހު ކާރުގެ ދޮރު ހުޅުވައިލާން އުޅުނެވެ. ދޮރު ކުޑަކޮށް ހުޅުވުނުތަނާ ޖަހާންޒޭބް އޭނާގެ އަތުގައި ހިފައި ދަމައިގެންފިއެވެ. ވަރަށް ބާރު އަޑަކާއެކު ދޮރު ލެއްޕިއްޖެއެވެ. އުއްމީދުގެ މޫނުމަތީގެ ކުލަވަރު ރީނދޫ ކުލައަށް ބަދަލު ވެގެން ހިނގައްޖެއެވެ.
"ވައްތަރު ޖައްސާނެ ކަމެއް ނެތް. މަޑުމަޑުން އިނދޭ."
"އަހަންނާ ބެހެން އުޅެފިއްޔާ ހަޅޭއް ލަވައިގަންނާނަން."
"ހަޅޭއް ލަވާ. އަޑުގައި ނެތް ތަނަށް ހަޅޭއް ލަވާ. ކަލެއަށް ކުރެވެނީ ކިހައިވަރެއްތޯ އަހަރެން ބަލަން ހުންނާނަން." ޖަހާންޒޭބްގެ އަޑު ބިރުވެރި އަދި ރަހުމު ކުޑަ ރާގަކަށް ބަދަލުވެއްޖެއެވެ.
އުއްމީދު އަނެއްކާވެސް ކާރުން ފެއިބޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ. ޖަހާންޒޭބް އެއް އަތުން ދޮރުފަތުގެ އަތްގަނޑުގައި ހިފަހައްޓައިލުމަށް ފަހު އަނެއް އަތުން ކާރު އިސްޓާޓު ކޮށްފިއެވެ. އަދި ކާރު ބާރަށް ދުއްވައިލައިފިއެވެ.
"ދެން ހަދާނީ ކިހިނެއް؟ ދުވެފައި ދާ ކާރަކުން ފުންމައިލާނީތަ؟" ޖަހާންޒޭބް އަތްގަނޑުން ދޫކޮށްލުމަށް ފަހު އޭނާ ގާތަށް ދަމައިގަންނަމުން ބުނެފިއެވެ. ކާރު ދުވެފައި ދަނީ ވަރަށް ބާރަށެވެ. އެ ވަގުތު ކުއްލިއަކަށް ފަހަތުން ސައިރަންގެ އަޑު އިވިއްޖެއެވެ.
ޖަހާންޒޭބް އޭނާގެ ގައިން ދޫކޮށްލުމަށް ފަހު އެނބުރި ފަހަތަށް ބަލައިލިއެވެ. ފަހަތުން އަންނަނީ ފުލުހުންގެ ސައިކަލެކެވެ. އެ ސައިކަލުގައި ތިބީ މިލިޓަރީ ފުލުހުންގެ ދެ ސާޖަންޓުންނެވެ. ސައިކަލު ވަރަށް ބާރަށް ގޮސް ކާރުގެ ކުރިއަށް އަރައި މަޑުކޮށްފިއެވެ.
"އަހަރެން އެމީހުން ގާތު ބުނާނަން ތިޔައީ އަހަރެންގެ އަނބިމީހާއޭ. އިންކާރު ކޮށްފިއްޔާ..." ޖަހާންޒޭބް ކާރު މަޑުކޮށްލުމަށް ފަހު ބުންޏެވެ.
ދެ އޮފްސަރުން ކާރު ދޮށަށް އައިސް އަތުން އިޝާރާތް ކޮށްފައި ކާރުން ފައިބާށޭ ޖަހާންޒޭބް ގާތު ބުނެފިއެވެ.
"ކިހިނެއްވީތޯ؟" ޖަހާންޒޭބް ކާރުން ފެއިބުމުގެ ބަދަލުގައި ބިއްލޫރިގަނޑު ތިރިކޮށްލުމަށް ފަހު އަހައިފިއެވެ.
"ދެމީހުން ކާރު ތެރޭގައި ކީއްކުރަނީ؟" އެއް އޮފްސަރަކު ކާރުގެ އެތެރެއަށް ނަޒަރު ހިންގައިލުމަށް ފަހު ހަރުކަށިކަމާއެކު ސުވާލު ކޮށްފިއެވެ.
"އަހަރެމެން މިއީ ދެމަފިރިން." ޖަހާންޒޭބް ހަމަޖެހިލައިގެން އިނދެ ބުނެފިއެވެ.
"ތެދެއްތަ؟ މިއީ ފިރިމީހާތަ؟" އޮފްސަރު މި ފަހަރު ސުވާލުކުރީ އުއްމީދާއެވެ. އޭނާ އަދިވެސް މުޅިއަކުން ހަމައަކަށް ނޭޅެއެވެ. އޮފްސަރަށް އޭނާގެ މޫނުމަތީގެ އަސަރު ފާހަގަ ކުރެވިއްޖެ ކަހަލައެވެ. ހަރުކަށިކަމާއެކު ސުވާލުކުރަނީ އެހެން ވެގެން ކަމުގައިވެސް ވެދާނެއެވެ.
އުއްމީދުގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި އޮފްސަރު ޖަހާންޒޭބަށް އެންގީ ކާރުން ފައިބާށެވެ. ތޫނު ނަޒަރެއް އުއްމީދުގެ މައްޗަށް ހިންގައިލުމަށް ފަހު އޭނާ ކާރުން ފައިބައިފިއެވެ. އެ ވަގުތު އޮފްސަރުގެ ނަޒަރު ގޮސް ހުއްޓުނީ ކާރުގައި އޮތް ދަޅަށެވެ. ޖަހާންޒޭބް ފޭބުމާއެކު އޮފްސަރު އެ ދަޅު ނަގައިފިއެވެ. ޖަހާންޒޭބްގެ މޫނުގެ ކުލަވަރު ފަނޑުވެގެން ދިޔަތަން އުއްމީދަށް ފެނުނެވެ.
ކާރުތެރެ ބަލައި ފާސް ކުރުމަށް ފަހު އޮފްސަރުގެ ތުންފަތްމައްޗަށް މަލާމާތުގެ ހިނިތުންވުމެއް ވެރިވިއެވެ. "އަނބިމީހާ ގޮވައިގެން އައިސް މަގުމަތީގައި ރާ ބޮނީ ދޯ؟"
އޮފްސަރު ކުރިއަށް ޖެހިލައި އުއްމީދާ ދިމާއަށް ބަލައިލިއެވެ. އަދި ފައިބައިގެން ގޮސް ފަހަތު ގޮނޑިއަށް އަރާށޭ ބުނެފިއެވެ. އުއްމީދު މަޑުމަޑުން ފައިބައިގެން ގޮސް ފަހަތު ގޮނޑިއަށް އަރައި އިށީނދެއްޖެއެވެ. އެޔަށް ފަހު ޖަހާންޒޭބާއި އެއް އޮފްސަރަކު ކާރުގެ ކުރިއަށް އަރައިފިއެވެ. ކާރުގައި އެމީހުން ގެންދިޔައީ މިލިޓަރީ ފުލުހުންގެ މައި އޮފީހަށެވެ. އުއްމީދު ގެންގޮސް ބެއިންދީ ވަކި ކޮޓަރިއެއްގައެވެ. ޖަހާންޒޭބް ގެންދިޔައީ ކޮން ތަނަކަށް ކަމެއް އޭނާއަކަށް ނޭނގެއެވެ.
މިލިޓަރީ ފުލުހަކު އައިސް ޖަހާންޒޭބާ ބެހޭ ގޮތުން އޭނާޔާ ވަރަށް ހަރުކަށިކަމާއެކު ސުވާލުކުރަން ފަށައިފިއެވެ. އޭނާގެ ސިކުނޑި އަދިވެސް ހުރީ ފާޑަކަށް ގަބުވެފައެވެ. ފާއިތުވި ބައިގަޑިއެއްހައި އިރުގެ ތެރޭގައި ހިނގި ކަންތައްތައް ވިސްނައިގަންނާކަށް ފަސޭހައެއް ނުވިއެވެ. ޖަހާންޒޭބްގެ އައު ޚަސީލަތާއި މިހާރު އައުދެވިފައި މިހިރަ އައު ތަނާއި މާދަމާގެ ނޫހުގެ ފަލަ ސުރުޚީ އޭނާގެ ސިކުނޑީގައި އެނބުރެމުން ދަނީއެވެ. އޭނާ އިނީ ސުވާލު ކުރާ ފުލުހުމީހާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެ މީހާގެ ހިތަށް ހަމްދަރުދީގެ އަސަރު ވެރިވީ ކަމުގައި ވެދާނެއެވެ. އުއްމީދަށް ފެން ތަށްޓެއް ގެނެސްދޭށޭ މީހަކު ގާތު ބުނެފިއެވެ.
ފެން ފޮދެއް ބޮއިލެވުނީމާ އޭނާއަށް ކުއްލިއަކަށް ހޭވަރިކަން ވެއްޖެއެވެ. ފުލުހުމީހާ ސުވާލު ކުރުމުގެ ކުރިން ހުރިހައި ވާހަކައެއް ސީދާ ތެދު ބަހުން، ފިލިން ފިއްޔަށް ކިޔައިދީފިއެވެ. ޖަހާންޒޭބާއެކު ދިޔައީ ކީއްވެގެން ކަމާއި، ޖަހާންޒޭބަކީ ކާކު ކަމާއި އޭގެ ފަހުން ކަންތައް ހިނގީ ކިހިނެއްކަން ސާފުކޮށް ބުނެދީފިއެވެ. އޭނާ ހީކުރީ ފުލުހުން އޭނާގެ ވާހަކަ ގަބޫލު ނުކުރާނެ ކަމަށެވެ. އޭނާ ހީކުރި ގޮތާ ޚިލާފަށް ފުލުހުމީހާ އަނގައިންވެސް ނުބުނެ ހިމޭނުން އިނީއެވެ. އޭނާގެ ވާހަކަ ނިމުނީމާ ރަނގަބީލެއް ޖަހައިފައި ބޭރުގައި ހުރި ފުލުހަކަށް ގޮވައިފިއެވެ.
"މި ކުއްޖާ ގާތު އެޑުރެސް އަހައިގެން ގެންގޮސް ގެއަށް ލާފައި އާދޭ."
އުއްމީދުގެ ހިތަށް އެރިއެވެ. މި އިވެނީ ހަމަ ހަގީގަތުގައިވެސް ރަނގަޅު އަޑެއް ހެއްޔެވެ؟
"މީގެ ފަހުން ރައްކާތެރި ވެގެން އުޅޭތި. އިންނަން އުޅޭ މީހަކަށް ވިޔަސް ރޭގަނޑު އެކީގައި ބޭރަށް ދިއުމަކީ އެހައި ރަނގަޅު ކަމެއް ނޫން."
އޭނާ އަނގައިން ނުބުނެ ފުލުހުމީހާއާއެކު ބޭރަށް ނުކުމެއްޖެއެވެ. "އަހަރެން ހަމަ ހަގީގަތުގައިވެސް ދޫކޮށްލީ ހެއްޔެވެ؟" އޭނާއަށް އަދިވެސް ޔަގީނެއް ނުވެއެވެ.
މިލިޓަރީ ޖިޕެއްގައި އޭނާ ދަނާލާ ހަމައަށް ގެންގޮސްފިއެވެ. އެ ވަގުތު ފޯރިއަށް ހުރި މީހާޔާ ވާހަކަދައްކައިގެން ދޮރާށި ހުޅުވުމަށް ފަހު އޭނާ އެތެރެއަށް ވައްދާފައި ފުލުހުން ހިނގައްޖެއެވެ.
ޢަޤީލާ ކޮޓަރީގައި އޭނާގެ އިންތިޒާރުގައި އިނެވެ. އުއްމީދުގެ މޫނުމަތީން ފެންނާން ހުރި އަސަރުތަކެއްގެ ސަބަބުން ޢަޤީލާ ސިހުނެވެ. "ކިހިނެއްވީ؟"
އުއްމީދު އަނގައިންވެސް ނުބުނެ އެނދުގައި އިށީނުމަށް ފަހު އެންމެ ފުރަތަމަ ބޫޓު ބައިލައިފިއެވެ. އެޔަށް ފަހު އަޅައިގެން ހުރި ގަހަނާ ބައިލާން ފަށައިފިއެވެ.
"އުއްމީދު. ކިހިނެއްވީ؟ ކަމެއް ވީތަ؟" ޢަޤީލާ ތެދުވެގެން އައިސް އޭނާގެ ގާތުގައި އިށީނދެއްޖެއެވެ.
އުއްމީދު ޢަޤީލާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު އިނުމަށް ފަހު އޭނާގެ ގައިގައި އޮޅުލައިގެންފައި ބާރަށް ރޮއިގެންފިއެވެ. ޢަޤީލާ ވަރަށް ބޮޑަށް ބިރުގެންފިއެވެ.
(ނުނިމޭ)