ދުޝްމަން ލޯބިވެރިޔާ - 23

(23 އޭޕްރީލް 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކައި ނިމުނުއިރު ރޭގަނޑުގެ ބާރަ ޖަހައިފިއެވެ. ކެއުމަށްފަހު ޑާގަރް އިންދަރްޖީތުގެ އަތަށް ތިރީސްހާސް ޑޮލަރު ދިފިއެވެ. އަދި އޭނާއެކު އަނެއްކާވެސް ކަނު ބަންނަން ފައްޓައިފިއެވެ. އެތަންވަޅު އިންދަރްޖީތު ބުންޏެވެ. "އަޅުގަނޑު އަދި އިތުރު ޝަރުތެއް އެބައޮތް!"

"އެއީ ކޮންކަމެއް؟"

"ކަލާ ސީމާ ދޫކޮށްލައްވާ އަދި އޭނާގެ ދަރިފުޅުވެސް އޭނާއަށް އަނބުރާ ދެއްވާ!"

ކުޑައިރުކޮޅެއް ވަންދެން ވިސްނަން އިނދެފައި ޑާގަރް ބުންޏެވެ.

"ތިޔަ ކަމެއް ނުވެވޭނެ!"

"ނުވެވޭނެ އޭ ތޯ؟" އެހެންވިއްޔާ މި ތިރީސްހާސް ޑޮލަރުވެސް ބަހައްޓަވާ"

"ކަލާ މިހާރު ތިޔަ ހުންނެވީ އަޅުގަނޑުގެ މުށުތެރޭގައި.. އަޅުގަނޑު ކަލާ މަރާވެސް ލެވިދާނެ.." ޑާގަރް ހަރުކަށި ގޮތަކަށް ބުނެލިއެވެ. ނަމަވެސް އަދިވެސް އޭނާ އިންދަރްޖީތަށް ޤަދަރު ކުރެއެވެ.

"އަޅުގަނޑު މިގޮތަށް މި ނިންމީ ތިހުރިހާ ކަމެއް ވިސްނައިގެންހުރެ، މިރޭ އަޅުގަނޑު ސަލާމަތުން ޓޫރިސްޓް ބަންގްލޯއަށް އެނބުރި ނައިސްފިނަމަ އެހެން އެޖެންޓެއް ހަމަ މާދަމާ މިތަނަށް އަންނާނެ. އަދި އޭނާގެ މަސައްކަތް ފައްޓާނެ. އަޅުގަނޑަކީ އެހާ ތަންދޮރު ނުފިލާ މީހެއްކަމަށް ހީނުކުރައްވާ. މިސްޓަރ ޑާގަރް! ކަލާއާ ބެހޭގޮތުން ބައެއް އިންފޮމޭޝަން އަޅުގަނޑަށްވެސްވަނީ ލިބިފައި. އެ ހުރިހާ އިންފޮމޭޝަނެއް ދެން އަންނަ އޭޖެންޓަކަށް ލިބޭނެ ގޮތްވެސް މިހާރުވަނީ ހަމަޖއްސާފައި. އަޅުގަނޑަކީ ތިޔަހާ ނުވިސްނޭ މީހެއްނޫން...މިސްޓަރ ޑާގަރް!.. ކަލާ އެއްބަސްވެ ލައްވަން ބޭނުންވެ ލައްވާނަމަ ސީމާއާއި އޭނާގެ ދަރިފުޅު އަޅުގަނޑާއެކު ފޮނުވާ ދެއްވާ! އަދި މީގެ ފަހުން އެދެމައިންނަށް އެއްގޮތަކަށްވެސް އުނދަގޫ ނުކުރައްވުމަށް ވަޢުދު ކުރައްވާ!..." އިންދަރްޖީތު އޭނާގެ ވާހަކަ ނިންމާލާފައި ސިނގިރޭޓެއް ނަގާފައި ތުނބުގައި ޖަހާލިއެވެ.

ޑާގަރް އޭނާގެ ސިނގިރޭޓް ރޯކޮށްލާދެމުން ބުންޏެވެ. "ކަލާ އެ އަންހެންކުއްޖާއާ މެދު ތިޔަހާ ބޮޑަށް ޙަމްދަރްދީ ވެލައްވަނީ ކީއްވެތޯ؟ އޭނާ ވަނީ ކަލާ މަރާލާން ރޭވި ރޭވުމެއްގައި ބައިވެރިވެސް ވެފައެއްނޫންތޯ؟"

"އަޅުގަނޑުގެ ހިތުގައި އެ އަންހެންކުއްޖާގެ މައްޗަށް އެއްވެސް ހަމްދަރްދީއެއް ނެތް..." އިންދަރްޖީތު ވަރަށް ސީދާ ތެދުބަހުން ބުންޏެވެ. "އަޅުގަނޑުގެ ހިތުގައި ހަމްދަރުދީއެއް ވާނަމަ ވާނީ އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމުން ފާއިތުވެގެންދިޔަ ދުވަސްތަކާ މެދުގައި..."

"ކަލާ އަދިވެސް އޭނާ ދެކެ ލޯބި ވެލައްވަނީތޯ؟" ޑާގަރް ބުންޏެވެ.

"އަޅުގަނޑު މިއަދާ ކުރާ ވަޒީފާގެ މަސައްކަތަކީ އެ މަސައްކަތުގައި އުޅޭއިރު ލޯބި ލަފުޒުވެސް މަނާކުރެވިފައިވާ މަސައްކަތެއް. ތިމާ އެންމެ ލޯބިވާމީހާ ތިމާގެ އަތުން މަރާލަންޖެހޭނީ ކޮން ދުވަހަކުންކަން އެނގޭނީ ކާކަށްތޯ؟! ސީކްރެޓް ސާރވިސްގެ އޭޖެންޓަކަށް، ލޯބި ކުރުމުގެ ޙައްޤު އެއްގޮތަކަށްވެސް ލިބިފައެއް ނޯންނާނެ. އެހެންނަމަވެސް އެފަދަ އެޖެންޓަކަށްވެސް އެމަސައްކަތަށް އައުމުގެ ކުރިން އޭނާ ކޮށްފައިވާ ލޯތްބެއްގެ ހަނދާން ކުރެވިދާނެ. އެ ރީތި ދުވަސްތަކާއި، އެ ދުވަސްތަކުގެ ލޯތްބަކީ، އޭގެޒާތުގައި އެއްވެސް ކަހަލަ ކުށެއް ނެތް ނުވަތަ ހުތުރެއް ނެތް ދުވަސްތަކަކާއި ލޯތްބެއް..." އިންދަރްޖީތު ސީމާއާ ދިމާއަށް އެއްގޮތަކަށްވެސް ނުބަލައެވެ. ނަމަވެސް ސީމާގެ ކަރު ބެދިގެން ދާކަމާއި ލޮލުން ކަރުނަތައް ފައިބަމުންދާކަން އޭނާއަށް އިޙްސާސްކުރެވެއެވެ.

"ކަލާއަކީ ތިޔަހާ ރޮމޭންޓިކް މީހަކަށް ވެދާނެއޭ އަޅުގަނޑު ހިތަށް ކުޑަކޮށްވެސް ގެނެވިފައެއް ނެތް" ޑާގަރް ހީނލާފައި ބުންޏެވެ. " ކޮންމެއަކަސް އަޅުގަނޑު މިހާރު ކަލާގެ ޝަރުޠު ޤަބޫލުކޮށްފިން. އަދި އަޅުގަނޑު ސީމާއާއި އޭނާގެ ދަރިފުޅު ކަލާއާއެކުގައި ފޮނުވާނަން... މިހާރު އަޅުގަނޑަށް މި ބްލެކްމެއިލް ކުރުމުގެ ބޭނުމެއްވެސް ނެތް... އަޅުގަނޑު ކުރަން އުޅުނު ކަންތައް މިހާރުވެއްޖެ..."

"ކުޑައިރުކޮޅެއް ފަހުން އިންދަރްޖީތާއި ސީމާއާއި އޭނާގެ ދަރިފުޅުގެ ކަނުބަނދެފައި ކާރެއްގައި ޓޫރިސްޓް ބަންގަލޯއާ ދިމާއަށް ފޮނުވާލައިފިއެވެ. އިންދަރްޖީތު އެންމެ ފުރަތަމަ ދިޔައީ، ސިމާއާއި އޭނާގެ ދަރިފުޅު އެމީހުންގެ ކޮޓެޖަށް ގެންދިއުމަށެވެ. އެމީހުން އެތަނަށް ބޭލުމުން ސީމާ ވަރަށް ބޮޑަށް އިންދަރްޖީތާ ދިމާއަށް ބަލަމުން ދިޔައެވެ. އޭނާގެ ލޮލުން ވަރަށް ގިނަ ވާހަކަތައް ބުނަމުން ދިޔައެވެ. ނަމަވެސް އޭނާގެ ދުލުން އެއްވެސް އެއްޗެއް ނުބުނެވުނެވެ. އަވަސްއަވަހަށް ގުދުވެއިންދަރްޖީތުގެ ފައިގައި އަތްޖައްސާލާފައި ތެދުވެގެން، އޭނާގެ ދަރިފުޅު ގޮވައިގެން ކޮޓެޖްގެ ތެރެއަށް ވަދެއްޖެއެވެ.

އިންދަރްޖީތު ޓޫރިސްޓް ބަންގްލޯއަށް އައިއިރު މެންދުރު ބާރަގަޑި ބައިވެއްޖެއެވެ. އޭނާ ބަންގްލޯގެ ފަސްޓް ފްލޯރއަށް ގޮސް އޭނާގެ ކޮޓަރި ހުޅުވާލަން އުޅެނިކޮށް އޭނާއަށް މީހަކު ގޮވާލިއެވެ. އެއީ ޑޮރިތީ ފިޔަވައި  އެހެން މީހެއް ނޫނެވެ.

"ހެލޯ"

"ހެލޯ!" އިންދަރްޖީތު ޖަވާބުދިނެވެ. މިފަހަރު އޭނާއަށް ޑޮރޮތީއާއެކު އޭނާގެ ކޮޓަރިއަށް ދިޔުން ނޫން އެހެން ގޮތެއް ފެންނާކަށްވެސް ނެތެވެ. އޭނާ ހީކުރީ ޑޮރޮތީ އޭނާގެ އިންތިޒާރުގައި މިހާއިރު ވަންދެން ނީންނާނޭ ކަމަށެވެ. ނަމަވެސް މިވީ އެހެނެއްނޫނެވެ. އެހެންކަމުން މަޑުމައިތިރިކަމާއެކު އިންދަރްޖީތު ޑޮރޮތީގެ ކޮޓަރިއަށް ވަދެއްޖެއެވެ. ކޮޓަރިއަށް ވަނުމާއެކު ޑޮރޮތީ ކޮޓަރީގެ ބޮކި ދިއްލާލިއެވެ. ކޮޓަރި ހުރީ ވަރަށް ސާފުކޮށް ރީތިކޮށެވެ. މާޖަހާ އެތިވަނީ ރީތި މަލުން ފުރާލާފައެވެ. އެވެސް ވަރަށް ލޮލަށް ފަސޭހަގޮތަށް ތަރުތީބުކުރެވިފައިވާ ގޮތަކަށެވެ. ކުޑަދޮރުތަކުގައި ވަނީ ފަށުވި ފަރުދާއެކެވެ. ކޮޓަރީގައި ހުރި ޑަބަލްބެޑްގައި އަޅާފައިވަނީ ރީތި ކަޝްމީރީ ބެޑްކަވަރެކެވެ. ކޮޓަރީގެ އެއްކަނުގައި ލިޔާ މޭޒެއް ހުއްޓެވެ. އަނެއް ކަނެއްގައި ބިއްލޫރި ވާސް މޭޒެއް ހުއްޓެވެ. އޭގެ ކައިރީގައި ގޮނޑި ސެޓެއް ކަހަލަ ދެ ގޮނޑި ހުއްޓެވެ. އެބިއްލޫރި މޭޒުގައި ދެ ބިއްލޫރި ތަށްޓާއި ކޮންޔާކު ފުޅިއެއް ހުއްޓެވެ. އަދި ގަނޑުފެން އަޅާފައި ހުރިއެއްޗެއްވެސް ހުއްޓެވެ.

ކޮޓަރީގެ އަނެއް ކަނުގައި ހުރި ޝެލްފެއްގައި ބައެއް ފޮތްވެސް ހުއްޓެވެ. އެ ޝެލްފުގެ މަތީގައި ރީތިކަޅު އަންހެނެއްގެ ބުދެއް ބަހައްޓާފައި ހުއްޓެވެ. އޭގެ ކައިރީގައި ވަނީ ހަތަރު ފިރިހެނުންގެ ފޮޓޯއެވެ.

އިންދަރްޖީތު އެފޮޓޯތަކުގެ ކައިރިއަށް ޖެހިލިއެވެ. އެހުރިހާ މީހުންނަކީވެސް ޔޫރަފްގެ ދޮންމީހުންނެވެ. "މީކަލާގެ ކުރީގެ ފިރީންގެ ތަޞްވީރުތޯ؟" އިންދަރްޖީތު ސުވާލުކޮށްލިއެވެ.

ޑޮރޮތީ ވަރަށް ބާރަށް ހީނގަތެވެ. " ނޫން... ތިޔައީ  ކުރިން އަޅުގަނޑު ދެކެ ލޯބިން އުޅުނު މީހުން.. މިހާރު އަޅުގަނޑު ވަނީ އެމީހުން ދޫކޮށްލާފައި..."

"އެންމެ ހަތަރު މީހުން..؟" އިންދަރްޖީތު އަހާލިއެވެ.

"މާގިނަ މީހުންވެސް ލޯބިވެގެން އުޅުނު..." ޑޮރޮތީ ބުންޏެވެ. ނަމަވެސް އޭގެތެރެއިން އެންމެ ރަނގަޅު ހަތަރު މީހުންނަކީ މީ." ޑޮރޮތީ އެތަނުން އެއްފޮޓޯ ރަނގަޅުކޮށްލިއެވެ.

"އެހެންވީއިރު އޭގެތެރެއިން އެކަކާ ކަލާ ކައިވެނި ނުކުރެއްވީ ކީއްވެ؟"

"އެއީ އަޅުގަނޑު މިނިވަންކޮށް ހުންނަން ބޭނުންވާތީ.. އަޅުގަނޑަށް ކައިވެނީގެ ޤަވާއިދުތަކާއި އާދަތަކާދަތައް ކެތެއް ނުކުރެވޭނެ!"

"އިންދަރްޖީތު ކުޑައިރުކޮޅަކު މަޑުކޮށްލާފައި، އަދި ލާނެތް ބެލުމަކުން ޑޮރޮތީއާ ދިމާއަށް ބަލާލާފައި ބުންޏެވެ. "އޭގެތެރޭގައި އަދި އެކަކު މަދު. އެއީ އިރުމަތީގެ މީހެއް...."

"އެކަންވެސް ވަރަށް އަވަހަށް ވެދާނެ.." ޑޮރޮތީ އިންދަރްޖީތާ ދިމާއަށް ހީނގެންފައި ބުންޏެވެ. އަދި ދެއަތް އިންދަރްޖީތުގެ ކޮނޑުމަތިން ގެންގޮސް ދެއަތް ގާތްކޮށްލިއެވެ.

ރޭގަނޑުން ބޮޑުބައެއް ވޭތުވެގެން ހިނގައްޖެއެވެ. އިންދަރްޖީތު ޑޮރޮތީއާ ވާހަކަ ދެއްކުމުގައި ރޭ ކުރުކުރަމުން ދަނީއެވެ. ކުއްލިއަކަށް ޑޮރޮތީ އިންދަރްޖީތުގެ ކަންފަތް ކައިރީގައި ވަރަށް ސިއްރުސިއްރުން އެއްޗެއް ބުނެފިއެވެ. "ޑާރލިންގ.. ކަލާގެ ފިސްތޯލަ ކޮބައިތޯ؟"

އިންދަރްޖީތު ސިއްސައިގެންގޮސްފައި ބުންޏެވެ.

"ބާލީސްދަށުގައި.."

"އެހެންވިއްޔާ ކަލާ އަވަހަށް އެފިސްތޯލަ އަތަށް ނަންގަވާ. ކޮންމެވެސް މީހަކު ކުޑަދޮރުން މިކޮޓަރިތެރެއަށް ފުންމާލައިފި." ޑޮރޮތީ ބުންޏެވެ. ހިނދުކޮޅެއްގެ ތެރޭގައި އިންދަރްޖީތު ފިސްތޯލަ އަތަށް ނަގައިފިއެވެ. އޭރު ކޮޓަރިތެރެއިން ފުންމާލިމީހާ ކުޑަދޮރު ބަންދުކުރަނީއެވެ. އަނދިރީގެ ތެރެއިން އޭނާ ފެންނަނީ ހިޔަންޏެއްހެންނެވެ.

"ފިސްތޯލަ ބިންމައްޗަށް ވައްޓާލާ، ދެއަތް މައްޗަށް ނަގާ އަދި ތިޔަ ހުރި ގޮތަށް ގުޑާވެސްނުލާ ހުރޭ.." އިންދަރްޖީތު އޯޑަރު ކުރާކަހަލަ ގޮތަކަށް އެމީހާއާ ދިމާއަށް ބުންޏެވެ. އެމީހާ އެނބުރިލަން މަސައްކަތްކުރިއެވެ. ނަމަވެސް ހަމަ އެވަގުތު އިންދަރްޖީތުގެ ފިސްތޯލަ ގޮއްވާލައިފިއެވެ. އަނދިރީގައި ހުރިމިހާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. އޭނާގެ އަތުގައި އޮތް ފިސްތޯލަ ވެއްޓިއްޖެއެވެ. އިންދަރްޖީތު ކޮޓަރީގެ ބޮކި ދިއްލާލާފައި ބަލާލިއިރ އެމީހާ ހުރީ ދެ އަތް މައްޗަށް ނަގައިގެންނެވެ. އިންދަރްޖީތު އެންމެ ފުރަތަމަކުރިކަމަކީ ވެއްޓިފައި އޮތް ފިސްތޯލަ އޭނާގެ އަތްދަށަށް ގެނައުމެވެ. އެއަށްފަހު އެމީހާ ކައިރިއަށް ގޮސް ރަނގަޅަށް އޭނާއާ ދިމާއަށް ބަލާލިއެވެ. އަދި ކުރިމަތީގައި ހުރި އަދަރާދަ ގޮނޑިއެއް ދައްކާފައި ބުންޏެވެ.

"ތިޔަ ހުރިގޮތަށް ދެއަތް ނަގައިގެން ހުރެ ގޮސް އެ ގޮނޑީގައި އިށީނދޭ!"

އެމީހާ ގޮނޑީގައި އިށީނދެއްޖެއެވެ.

އިންދަރްޖީތު ޑޮރޮތީއާ މުޚާތަބްކޮށް ބުންޏެވެ. "ކަލާ އަތުގައި އޭނާ ބަންނާނޭ އެއްވެސް އެއްޗެއް އޮތްނަމަ އެގޮނޑިއާއެކު އޭނާ ރަނގަޅަށް ބަނދެ ދެއްވަ ބައްލަވަ!"

އަޅުގަނޑަކީ ފަރުބަދައަށް އެރުމަށް ވަރަށް ޝައުގުވެރިވާ މީހެއް. ވީމާ އެކަމަށް ގެންގުޅޭ ވަރަށް ވަރުގަދަ ވާ އަޅުގަނޑު އަތުގައި ހުންނާނެ އެ ވާ ރަނގަޅުވާނެ" ޑޮރޮތީ ބުންޏެވެ. އަދި ކުޑަވަގުތުކޮޅެއްގެ ތެރޭގައި ޑޮރޮތީ އެ ވާހިފައިގެން އައިސް އެމީހާ އެގޮނޑިއާ އެއްކޮށް ވަރަށް ރަނގަޅަށް ބަނދެލައިފިއެވެ. އިންދަރްޖީތު އެމީހާގެ ބޮލުގައި ފިސްތޯލަ ޖައްސާލައިގެން ހުއްޓެވެ.

"ކަލޭ އެންމެ ބަހެއްވެސް ދޮގުކޮށް ބުނެފިނަމަ، ހަމަ މިވަގުތު ކަލޭ ފުރާނަ ދުއްވާލާނަން." އިންދަރްޖީތު ވަރަށް ހަރުކަށި ގޮތަކަށް ބުންޏެވެ.

"ކަލެއަކީ ކާކު؟" އިންދަރްޖީތު ސުވާލުކުރިއެވެ.

"އަހަރެންނަކީ އަގަރްވާލް. ސީމާގެ ފިރިމީހާ"

"މިތަނަށް އައީ ކީއްކުރަން؟"

"ކަލޭ މަރާލުމަށް"

"ކީއްވެގެން..؟"

"އެއީ އަހަރެން މިއުޅެނީ ޑާގަރްގެ ޕާރޓްނަރަކަށް ވާންވެގެން ކަމަށްވާތީ... އޭނާގެ ބައެއް ސިއްރުތައް އަހަރެންނަށް ވަނީ އެނގިފައި އަދި އަހަރެން މިގެންދަނީ އޭނާ ބްލެކްމެއިލް ކުރަމުން. ފާޅުގައި ކުރިމަތީގައި އެހެރަ ކޮޓެޖްގައި ހުރެގެން އަހަރެންގެ މިޕްލޭން ފުރިހަމަ ނުކުރެވޭނެތީ، އަދި ޑާގަރް ބްލެކްމެއިލް ނުކުރެވޭނެތީ އަހަރެން މިއުޅެނީ ގެއިން ފިލައިގެން ސީމާ ހީކުރަނީ އަހަރެންނަށް ނުރައްކަލަކާ ކުރިމަތިވެގެން އުޅެނީކަމަށް."

(ނުނިމޭ)

ޢައްބާސް އިބްރާހީމް
ޢައްބާސް އިބްރާހީމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ އަލި ގަދަ ތަރިއެކެވެ. ޚިދުމަތުގެ އަގު ވަޒަން ނުކުރެވޭ ވަރުގެ އަގުހުރި ގިނަ ޚިދުމަތްތަކެއް ނޫސްވެރިކަމާއި ލިޔުންތެރިކަމަށް ކޮށްދެއްވައިފައިވާ ކުޅަދާނަ ލިޔުންތެރިއެކެވެ. މިހާރުވެސް ލިޔުއްވަމުން ގެންދަވާ، ޒުވާން ލިޔުންތެރިންނަށް ނަމޫނާ ލިޔުންތެރިއެކެވެ. އާފަތިހުގެ މުއައްސިސެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.