ފަޅިމޫނު - 151

(10 ފެބްރުއަރީ 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ތިޔަ ކަހަލަ ވިޔާނުދާ ވާހަކަ ދައްކާކަށް ލަދެއް ނުގަނޭތަ؟"

"ރުޅި އަންނާނެ ކަމެއް ނެތް. ފިނި ސިކުނޑިއަކާއެކު ވިސްނައިލަބަލަ. ރުޚްސާނާއާ ބެހޭ ގޮތުން އަހަރެން މި ދައްކަނީ ވިޔާނުދާ ވާހަކަތަކެއް ކަމަށް ވަންޏާ ފަރުޒާނާ ބާދްޝާއާ މެދު ކަންތައް ތިޔަ ކުރަނީވެސް ވިޔާނުދާކޮށް. މީހަކާ ނީނދެ އެހެން މީހެއްގެ ފިރިއަކު ފަހަތުން އަންނާނޭ ގޮތް ހަދައިގެން ހުރުމަކީ އަބުރުވެރި ކަމެއް ނޫން. އެހެން މީހަކުގެ ނުބައި ކަމުގެ ވާހަކަ ދެއްކުމާއި އެ މީހެއްގެ އަބުރު ކިލާ ކުރުމަކީ ވަރަށް ފަސޭހަ ކަމެއް. އެކަމަކު އަމިއްލަ ނަފުސަށް ނަޒަރު ހިންގައި އަމިއްލަ ބަލިކަށިކަން ދެނެގަނެ ކުށަށް އިއުތިރާފު ވުމަކީ ހިތްވަރުގަދަ މީހުންނަށް ކުރެވޭ ކަމެއް. އެ ހިތްވަރު ލިބިގަނޭ."

"ކާރު މަޑު ކުރޭ. އަހަރެން ރެކިސާއެއްގައި ގެއަށް ހިނގައިދާނަން."

"ކިހިނެއްވީ؟ ހިތްވަރެއް ނެތީތަ؟ އަހަރެން ހީކޮށްގެން ހުރީ ޖާހިލު ދޫ ނުބައި މީހަކީ އާންޓީ ކަމަށް. އެކަމަކު މިހާރު އަހަންނަށް އާންޓީ ފެންނަނީ ރަނގަޅު މީހެއްގެ ގޮތުގައި. އޭނާ ފަރުޒާނާގެ އަބުރު ކިލަލެއް ނުކުރޭ. އޭނާ ކުރި ކަމަކީ ހަގީގަތް ހާމަކުރުން... މިހާރު ތިޔަ ރޮވެނީ. އަހަރެން ކާރު ތިޔަ ގެޔާ ދިމާއަށް މި އަނބުރައިލަނީ. އަނގަ ހިމޭނުން ލައިގެން އިނދޭ. ގެޔާ ހަމައަށް ނުދެވެނީސް ފައިބާން ބޭނުމިއްޔާ ބާދްޝާ ފަހަތުން ދުވާ ގޮތް ހަދަމުން ގެންދަނީ އަމިއްލައަށް ކަމަށް ގަބޫލު ކުރޭ. ފިރިމީހާ ތިމަންގެ ފަހަތުން މުޅި އުމުރު ދުވަހު ދުވެދުވެ ހުންނާނެއޭ ރުޚްސާނާ ގާތު އަމަލުން ބުނަނީ ދޯ؟ އޭނާ ދުއްވާ މީހަކީ ފަރުޒާނާ. ފަރުޒާނާއަކީ ނަފްސާނީ ބައްޔެއް ޖެހިފައިވާ މީހެއް. އެހެން މީސްމީހުން މައްސަލަމައްސަލައިގެ ތެރެއަށް ވައްދައިގެން ނޭނގި ނަމަވެސް އަމިއްލައަށް އުފާ ހާސިލު ކުރަނީ އެހެން ވެގެން."

ފަރުޒާނާ އަދިވެސް އިނީ ބޭރަށް ބަލަހައްޓައިގެންނެވެ. އެ ވަގުތު ކާރު ދުއްވަމުން ދިޔައީ މީހުން ގިނަ ސަރަހައްދަކުންނެވެ. މީސްމީހުން އެކި ދިމަދިމާއަށް ހިނގައިބިގައިވެ އުޅޭތަން ފެނެއެވެ. އޭނާ ބުންޏެވެ. "އަހަރެން ޖަމްޝީދާ އެކު ގެއަކަށް ނުދާނަން. ތަންގަނޑު މީހުން އެކި ކަހަލަ ވާހަކަދައްކާނެ. ކުރިމަތިން އެ ފެންނަ ބަސްހުއްޓާ ތަނަށް މަޑުކޮށްލާ."

ޖަމްޝީދު އޭނާ ބުނި ތަނަށް ކާރު މަޑުކޮށްފިއެވެ. "އަހަރެންގެ ވާހަކައަކަށް އެއްވެސް ޖަވާބެއް ނުދެމެއްނު؟"

ފަރުޒާނާ ބުންޏެވެ. "ފިރިހެނަކު އެ މީހަކާ ހެދި ހެސްގެންފައި ހުންނަކަމާއި އެ ފިރިހެންމީހާ އޮތީ ފިސާރި ރަނގަޅަށް މުށުތެރެއަށް ލެވިފައި ކަމުގެ ޔަގީންކަން އަންހެނަކަށް ލިބިއްޖެ ނަމަ އެ އަންހެންމީހާއަށް ދުނިޔެގޭ ހުރިހައި އުފަލެއް ލިބުނީ. އެ އުފާވެރިކަން އަހަރެންވެސް ލިބިގަންނަނީ ކަމުގައި ވެދާނެ. އެކަމަކު އޭނާ އަހަރެންގެ މުށުތެރޭގައި އޮތްހައި ހިނދަކު އޭނާގެ ހިތުގައި ރުޚްސާނާއާ މެދު އިދިކީލި ވިސްނުމެއް އިންދުމަކީ އަހަންނަކަށް ކުރެވޭނޭ ކަމެއް ނޫން. އޭނާ ރުޅިއެއްވެސް ނޭރުވޭނެ. އޭނާއަށް މަގު އޮޅުވައެއްވެސް ނުލެވޭނެ. އެ ދެމީހުން ވަރިއެއްވެސް ނުކުރެވޭނެ. އަހަރެން ރުޚްސާނާ ހިމާޔަތް ކުރާނަން. ރުޚްސާނާގެ ސަލާމަތަށް އޮތް ހަމައެކަނި މަގަކީ ބާދްޝާ އަހަންނަށް ފުރިހަމައަށް އިތުބާރު ކުރުމާއެކު ރުޚްސާނާއަށް މާފުކުރާނޭ ގޮތް ހެދުން. އޭނާ ކަންތައް ކުރާނޭ ގޮތަކީވެސް އެއީ."

މިހެން ބުނެފައި އޭނާ ކާރުން ފައިބާން އެއް ފައި ބޭރަށް އަޅައިފައި އެނބުރި ޖަމްޝީދާ ދިމާއަށް ބަލައިލިއެވެ، "މި މައްސަލައިގެ ހައްލަކީ ކާވެންޏެއް ނޫން. ފިރިހެނުންގެ ފާހިޝް ހިތަކީ ދުވަހަކުވެސް ފުރޭ އެއްޗެއް ނޫން. ރުޚްސާނާއަކީ މީހެއްގެ އަނތްބެއް. އެކަމަކު ޖަމްޝީދުގެ ފާހިޝް އެދުމުގެ މިންވަރު ހުރިވަރު ނިކަން ދެކިބަލަ. ތިޔަހަރީ އޭނާ ޖައްސަން މަޅިފަތި ޖަހަން މިހައި ދުރަށް އައިސްފައި. އެހެންވީމާ އަހަރެން މީހަކާ އިނެކޭ ކިޔާފައި ބާދްޝާ އަހަރެންގެ ފަހަތުން ދުވުން ހުއްޓައިލާނޭ ކަމުގެ ޔަގީންކަން ލިބޭނީ ކިހިނެއް؟ ޖަމްޝީދް. މައްސަލައަކީ ކާވެންޏެއް ނޫން. މައްސަލައަކީ ޖަމްޝީދުމެންގެ ފާހިޝް އެދުންތައް. އަންހެން ކުއްޖަކު މީހެއްގެ އަނތްބަކަށް ވިޔަސް، ދަރިއެއްގެ މަޔަކަށް ވިޔަސް ޖަމްޝީދުމެން ތިޔަ ތިބެނީ އެ ކުއްޖާ ދަމައިގަންނާން ހަރާދު ކިޔަކިޔައި. ތިޔައީ ކޮން ކަހަލަ ބައެއް؟ ރަނގަޅު ވާނީ ޖަމްޝީދު މީހަކާ ނީނިއްޔާ. މީހަކާ އިނިއްޔާ އެންމެ ފުރަތަމަ ކުރާ ކަމެއްގެ ގޮތުގައި ފާހިޝް އެދުމުގެ ބާޒާރަށް ނުކުމެ ވިޔަފާރި އޮތް ގޮތެއް ބަލައިލާތި. ޖަމްޝީދުގެ އަނބިމީހާ… ވާން އުޅޭ ދަރިފުޅުގެ މަންމަގެ ހަރާދު ކިޔަނީ ކިތައް ފިރިހެނުންތޯ ރަނގަޅަށް އޮޅުންފިލުވައިލާތި. ފަހަރެއްގައި ލަދު ގަންނާން ދަސްވެދާނެ."

އޭނާ ކާރުން ފޭބުމަށް ފަހު ވަރަށް ބާރަށް ދޮރު ލައްޕައިފިއެވެ. އަދި ބާރަށް ހިނގާފައި ގޮސް ކައިރީގައި އޮތް ބަހަށް އަރައިފިއެވެ. ފަނަރަ ވަރަކަށް މިނިޓުގެ ތެރޭގައި އޭނާއަށް ގެއަށް އާދެވިއްޖެއެވެ. އޭނާ ކުލިނިކުގެ ދޮރު ހުޅުވައިލާފައި އެތެރެއަށް ވަންނާން އުޅެނިކޮށް އަރުޝަދު އެތަނަށް އަތުވެއްޖެއެވެ. "ދައްތާ. މިއޮތީ ދެންމެ ސިޓީބަހާ މީހާ ގެނައި ސިޓީއެއް. ގޭގައި މީހަކު ނެތީމާ އޭނާ އެނބުރި ދާން އުޅެނިކޮށް އަޅުގަނޑަށް ފެނިގެން ސިޓީއާ ހަވާލުވީ."

ފަރުޒާނާ ސިޓީ އަތުލައިގެން ބަލައިލިއެވެ. ސިޓީ އުރައިގެ ތިރީ ކަނުގައި ރުޚްސާނާގެ އެޑްރެސް ޖަހައިފައި އޮތެވެ. އޭނާ އެތެރެއަށް ވަދެ ގޮނޑިއެއްގައި އިށީނުމަށް ފަހު ސިޓީ ކަނޑައިގެން ކިޔާ ފަށައިފިއެވެ.

"އަހަރެންގެ ލޯބިވާ އެކުވެރިޔާ އަދި ދައްތައަށް.

މި ސިޓީ މި ލިޔަނީ އުފާވެރިކަމާއި ލަދުވެތިކަމާ އެކީގައެވެ. ލަދު ގަންނަނީ އަހަންނަށް މާ ގިނައިން އަރައިރުން ވެވޭތީއެވެ. އުފާވަނީ ފަރުޒާނާގެ ލޯބި މީރު ވަހަށް ވެގެން އަހަރެންގެ ވަށައިގެން އެނބުރޭތީއެވެ. އަހަރެން ފަރުޒާނާ ދެކެ އިންތިހާއަށް ލޯބިވަމެވެ. ފަރުޒާނާއާ މެދު އަހަންނަށް ކަންތައް ކުރެވިފައި ވަނީ ރަނގަޅަށް ނޫން ކަމުގެ އިހުސާސް ކުރެވެނީ މިހައި ދުރަށް އައިސް ހުރެގެން ވިސްނައިލީމައެވެ. ފަރުޒާނާގެ ބޮލުގައި އަހަރެން އެތައް ތުހުމަތެއް އެޅުވީމެވެ. ރަނގަޅު ވާހަކައެއް ބުނަން ހެއްޔެވެ؟ ގިނަ ފަހަރަށް އަހަރެމެންނަށް ކުރެވޭ ކަމަކީ އަހަރެމެންގެ ހަގީގީ މިޒާޖުން އެއްކިބާވުމެވެ. ދުރަށް ޖެހި ތިބެގެން ވިސްނާއިރު ހިތަށް އަރަނީ އަހަރެމެންގެ ގޭގައިވެސް ތިބެނީ ދުޝްމިނުން ކަމުގައެވެ. އެ ދުޝްމިނުން އަހަރެމެންގެ އަތުގައި ހުރި އަގުހުރި ތަކެތި ވަގަށް ގެންގޮސްފާނޭ ކަމުގައެވެ. މިފަދަ ހާލަތަކަށް ވެއްޓުނީމާ ދުޝްމިނުންގެ ކަންތައް ހުންނަ ގޮތާ މެދު ވިސްނައި ފިކުރު ކުރަން ފައްޓަނީއެވެ. ނަތީޖާއަކަށް ވަނީ ދުޝްމިނުންގެ އުނިކަމާއެކު ރަނގަޅު ސިފަތައްވެސް ފާހަގަ ކުރެެވޭން ފެށުމެވެ. އަހަންނަށްވެސް މެދުވެރިވީ މި ކަހަލަ ގޮތެކެވެ. މި ރަށަށް އައިސް ފިނި ހިތަކާއެކު އަހަރެން ފަރުޒާނާމެދު ވިސްނާން ފަށައިފީމެވެ. ނަތީޖާއަކީ އަހަރެންގެ ހިތަށް އިލްހާމެކޭ އެއްފަދައިން ބާވަތެއްގެ ޔަގީން ކަމެއް ވަނުމެވެ. އެ ޔަގީން ކަމަކީ ފަރުޒާނާގެ އިޚްލާސްތެރިކަމާއި ލޯބީގެ ޔަގީންކަމެވެ. މީގެ އިތުރަށް ފަރުޒާނާގެ ވާހަކަ އަހަރެން ނުލިޔާނަމެވެ. ލިޔެފިއްޔާ ފަރުޒާނާ ހީކުރާނީ އަހަރެން ވައިއަޅުވަނީ ކަމުގައެވެ.

ފަރުޒާނާ އަހަންނަށް ދިނީ ވަރަށް ރަނގަޅު ލަފައެކެވެ. ހުސްހަށިބައި މީހެއްގެ ގޮތުގައި ދެއްކިގެން ލަންޑަނަށް ނާންނަން ލަފާ ދިނީމެއް ނޫން ހެއްޔެވެ؟ އަހަރެން އެ ވާހަކަ ގަބޫލެއް ނުކުރީމެވެ. އަހަންނަށް އޭރު ފެނުނު ގޮތުގައި މަންމަގެ ލަފައަކީ މާ އިޚްލާސްތެރި، މާ ހެޔޮ ލަފައެކެވެ. ފަރުޒާނާ ފެނުނީ ބޮޑު ދުޝްމިނެއްގެ ގޮތުގައެވެ. އެއީ އަހަންނަށް އެޅުނު ކަތި ފިޔަވަޅެކެވެ. އެ ފިޔަވަޅުގެ ސަބަބުން ލިބުނު ގެއްލުން އެނގޭނީ އަހަންނަށެވެ. ދެން ދެނެވޮޑިގެން ވާނީ ﷲ އެވެ. އަހަރެން ކޮންމެ ދުވަހަކު އެތައް ފަހަރަކު ތައުބާ ވަމެވެ. އަދި އަހަރެމެން އަންހެނުންނަށް ހެޔޮ ބުއްދިއެއް ދެއްވާތޯ އެތައް ފަހަރަކު ދުޢާ ދަންނަވަމެވެ.

އަހަރެން އުޅެނީ މީހަކާ އިނދެގެން ކަމާއި ދަރިއަކުވެސް އޮތްކަން ޖަމްޝީދަށާއި އޭނާގެ ބައްޕައަށް އަންގައިފީމެވެ. ތެދު ބަހުން ހުރިހައި ވާހަކައެއް ކިޔައިދީފީމެވެ. ޖާނީއަށްވެސް ހުރިހައި ވާހަކައެއް ރަނގަޅަށް ލިޔެފައި ސިޓީއެއް ފޮނުވާފައި މާފަށް އެދިފާނަމޭ ހިތަށް އެރީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ. އެކަމަކު ކައިރީގައި އިނދެގެން ވާހަކަދެއްކުމުގައި އެ ހުންނަ އަސަރެއް ސިޓީއެއްގައި ނުހުންނާނެއޭ ހިތަށް އެރީއެވެ. އޭނާ ނުރުހިއްޖެއްޔާ ރުއްސޭނީވެސް ގާތުގައި އިނދެގެން ނޫން ހެއްޔެވެ؟ އެހެންވީމާ ސިޓީ ނުލިޔުނީއެވެ.

ޖަމްޝީދު ރަށަށް ދިޔައީ އަހަރެންގެ މައްސަލަތައް ހައްލު ކުރާނޭ ކަމުގެ ވައުދާއެކީގައެވެ.

މި ރަށުން ވަޒީފާއެއް ހޯދައިދޭށޭ ފަރުޒާނާ ބުނީމެއް ނޫން ހެއްޔެވެ؟ އަހަރެން މިހާރު މި އުޅެނީ ވަޒީފާއެއްގައެވެ. ފަރުޒާނާ އަދާކުރާނީ އަހަރެން މި އަދާ ކުރާ ވަޒީފާއެވެ. އަހަރެންގެ ބަދަލުގައެވެ. ފަރުޒާނާ މި ރަށުގައި ހުންނާނޭ ތަނަކާއި ކެއިންބުއިމުގެ ހުރިހައި ކަމެއް ހަމަޖައްސާނަމެވެ. މިއީ އަންހެނުންގެ ހަސްފަތާލެކެވެ. މިތާގެ ވެރިއަކީ އަންހެނެކެވެ. އެއީ ވަރަށް ހިތްހެޔޮ ރަނގަޅު މީހެކެވެ.

ފަރުޒާނާގެ މަންމަ ނިޔާވީ ޚަބަރު ލިބުނީމާ ވަރަށް ދެރަވިއެވެ. ވަރަށް ހިތާމަ ކުރީމެވެ. ހިތުގެ އުދާސްތައް ބަޔާންކޮށްފައި ސިޓީއެއް ލިޔަން ލައްކަ ފަހަރު މަސައްކަތް ކުރީމެވެ. އެކަމަކު ލިޔެވޭވަރެއް ނުވިއެވެ. އެއީ އަހަރެން ދެކެ މަޔަކު ފަދައިން ލޯބިވީ މަންމައެކެވެ. މިސާލު ޖެހޭފަދަ ރަނގަޅު މައެއްގެ ލޯބިން މަހުރޫމުވީ ހަމައެކަނި ފަރުޒާނާއެއް ނޫނެވެ. އަހަރެންވެސް މި ވަނީ އެ މަންމަގެ ލޯބިން މަހުރޫމު ވެފައެވެ. އެ މަންމަގެ ލޯބި އަހަރެމެން ދެމީހުންގެ ހިތުގައިވެސް ތާއަބަދަށް ދެމި އޮންނާނެއެވެ.

މަންމަގެ ފުރާނައަށް ހަމަޖެހުން ގެނެސްދިނުމަށްޓަކައި އެ މަންމަގެ އެދުމަށް އިހުތިރާމު ކުރުމަކީ ފަރުޒާނާ ކުރަން ޖެހޭނޭ ކަމެކެވެ. މަންމަ އަބަދުވެސް އެދެމުން ދިޔައީ ފަރުޒާނާ މީހަކާ އިންނާށެވެ. އަހަރެން އެ ކަމަކަށް ބާރެއް ނާޅާނަމެވެ. އެއީ ފަރުޒާނާގެ އަމިއްލަ ކަމެކެވެ. އެކަމަކު މަންމަގެ އެދުމަކަށް ވުމާވެސް އެކު އެކަމާ މެދު ވިސްނައި ރަނގަޅު ނަތީޖާއަކާ ހަމައަށް ދިއުމަކީ ރަނގަޅު ކަމެކޭ އަހަރެން ބުނާނަމެވެ.

ފަރުޒާނާއެކެވެ. އަހަރެން ބީރައްޓެހި ރަށެއްގައި މި ދިރިއުޅެނީ ވަރަށް ބޮޑަށް ހިތްވަރު ކޮށްގެންނެވެ. އެ ހިތްވަރު އަހަންނަށް ލިބެނީ ޖާނީގެ ފަރާތުންނެވެ. ކާމީގެ ލޯބީގެ ސަބަބުން އަހަރެންގެ ހިތަށް ކުރާ އަސަރު ދެނެވޮޑިގެން ވާނީ ﷲ އެވެ. އަހަރެންގެ ހިތުގައި މިހާރުވެސް ވަރަށް ބިރުވެރި ހުޅުގަނޑެއް ވަރުގެ ކޮަޅަށް އަނދަމުން އެބަހަރަ ދެއެވެ. އެ ހުޅުގަނޑުގައި އަހަރެން އަނދަމުން ދަނީއެވެ. ޖާނީއާއި ފަރުޒާނާ ބައްދަލުވެއްޖެކަން އަހަންނަށް އެނގެއެވެ. އޭނާ ފަރުޒާނާއަށް އުނދަގޫ ކުރާކަން އެނގެއެވެ. އޭނާގެ ކިބައިން ސަލާމަތްވާން ސައްކަރަށް ދިޔަކަންވެސް އަހަރެން ދެނަހުރީމެވެ. އެކަމަކު ފިލަން ދުވާނީ ކިހައި ވަރަކަށް ހެއްޔެވެ؟ ފަރުޒާނާއަކީ ވިސްނުން ތޫނު މީހަކެވެ. ރީތި އަޚުލާގަކާއި ސުލޫކެއްގެ ވެރިއެކެވެ. އެތައް ހާސް މޭލެއްގެ ދުރުގައި ބީރައްޓެހި ރަށެއްގައި ހުރި މީހެއްގެ ހިތުގައި ރޯވެ އަނދަމުންދާ އަލިފާންގަނޑު ނިއްވައިލެވޭނޭ ފައިސަލާއެއް ކުރުމަކީ ފަރުޒާނާއަކަށް މާ ބޮޑު ކަމަކަށް ނުވާނެއެވެ.

ފަރުޒާނާއެވެ. އަހަރެން މަރުވަނީއެވެ. އަހަރެންގެ ފުރާނައިގެ ވެރިއަކީ ﷲ އެވެ. އިންސާނަކަށް އަހަރެންގެ ފުރާނައަށް ބާރު ފޯރުވޭނަމަ އެ އިންސާނަކީ ފަރުޒާނާއެވެ. އަހަރެންގެ ލޯބިވާ ދައްތާއެވެ. މި ރަށުގައިވެސް އަރާމު ފުން ނިންޖަކުން ނިދަން އަހަރެން ބޭނުމެވެ. ފަރުޒާނާ އަހަރެން ނިންދަވާށެވެ. އަހަރެން ބަނޑުހައި ވަނީއެވެ. އަހަންނަށް ކާންދޭށެވެ. އަހަރެން ރޮނީއެވެ. އަހަރެންގެ ކަރުނަ ފޮހެލައި ދޭށެވެ. އަހަރެން ބިރުގަންނަނީއެވެ. ފަރުޒާނާގެ ތެދުވެރި އޯގާތެރި ފައިސަލާގެ އުނގުގައި އަހަރެން ފޮރުވައިދޭށެވެ. އެހެން ނޫނީ އަހަރެން މަރުވެދާނެއެވެ. ފަރުޒާނާއެވެ. އަހަރެން ސަލާމަތްކޮށްދޭށެވެ. އަހަރެންގެ ދައްތާއެވެ. އަހަރެންގެ ފިރިމީހާއާއި ދަރިފުޅުގެ ހައްގުގައި އަހަންނަށް އެހީތެރިވެދޭށެވެ. ކެތްތެރިކަމެއް ނެތް ގޮތެއްގައި ފަރުޒާނާގެ ސިޓީއަކަށް އަހަރެން އިންތިޒާރު ކުރާނަމެވެ. އަހަރެން ލާ ކޮންމެ ނޭވަޔަކާއެކު އައު ފުރާނައެއް އެޅެއެވެ. އެ ފުރާނައަށް ފުރިހަމަ ދިރުމެއް ލިބޭ ކަހަލަ ސިޓީއެއްގެ އިންތިޒާރުގައި ހުރީމެވެ.

ލޯބިވާ ކޮއްކޮ، ރުޚްސާނާ."

(ނުނިމޭ)

2 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.