ފަޅިމޫނު - 148

(13 ޖަނަވަރީ 2022 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޖަމްޝީދު އުފާވެރިކަމާއެކު ގޭތެރެއަށް ވަދެއްޖެއެވެ. "އޯހ މައި ޑިއަރ އާންޓީ އެންޑް އަންކްލް. އަޅުގަނޑު ހަނދާން ނެތުނީއޭ. ގޭގައި ބާދްޝާ ޖާނީ ބޮޑު ހައިޖާނެއް ހިންގީމާ ނަންނުގަނެވުނީ. އަޅުގަނޑަށް ފަރުޒާނާގެ އެޑްރެސް ދިނީ ރުޚްސާނާ. ކީއްވެގެންކަން އެނގިލައްވާތޯ؟ ފަރުޒާނާއަށް ލަންޑަނުން ވަރަށް ރަނގަޅު ވަޒީފާއެއް ހަމަޖެހިއްޖެ. މުސާރަވެސް ވަރަށް ބޮޑު. ހުރުމާއި ކެއުމުގެ ކަންތައްވެސް އޮތީ ހަމަޖެހިފައި."

ދެން އޭނާ އެނބުރިލީ ފަރުޒާނާއާ ދިމާއަށެވެ. "އަވަހަށް ތައްޔާރުވޭ. އަހަރެން ފަރުޒާނާގެ ޕާސްޕޯޓު ހެއްދުމުގެ މަސައްކަތް ފައްޓާނަން."

"ޖަމްޝީދު މޮޔަވީތަ؟"

ޖަމްޝީދު ހައިރާން ވެފައި އަހައިލިއެވެ. "ކިހިނެއްވީ؟"

"ޖަމްޝީދު ހީކޮށްގެން ތިޔަ އުޅެނީ އަހަރެން މިއީ ތަނަކަށް އެއްލައިލާފައި އޮތް ހިފައިގެންގުޅޭ އެއްޗެއް ކަމަށްތަ؟ ކޮންމެ ކޮންމެ މީހަކަށް އެއްތަނުން އަނެއްތަނަށް އުފުލޭ މުދާގަނޑެއް ކަމަށްތަ؟ އަހަރެންގެ އަމިއްލަ ނިންމުމެއް، އިޚުތިޔާރެއް ނެތްތަ؟ އަހަރެން ބޭނުންވާ ގޮތަކީ ކޮބައިތޯ އެއް ފަހަރުވެސް އަހައިލިންތަ؟"

"ސޮ… ސޮރީ ފަރުޒާނާ. ރުޚްސާނާ ބުނެފައި އޮތީ ފަރުޒާނާ ބޭނުމޭ ލަންޑަނުން ވަޒީފާއެއް. ވަޒީފާގެ ވާހަކަ ބުނީމާ ފަރުޒާނާ އުފަލުން ލަންޑަނަށް ދާން ތައްޔާރު ވާނެއޭ."

"އެއީ ދޮގެއް ނޫން. ލަންޑަނުގައި ވަޒީފާ އަދާކުރަން އަހަރެން ބޭނުންވި. އެކަމަކު އިއްޔެ ބޭނުންވި ގޮތް މިއަދުވެސް ބޭނުން ވުމަކީ ލާޒިމު ކަމެއް ނޫނެއްނު؟ މިއަދު ބޭނުންވާ ގޮތް މާދަމާވެސް ބަދަލު ވެދާނެ. އިންސާނުންގެ ޚިޔާލާއި ބޭނުންތައް ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ބަދަލުވަމުން."

ބަލި ގަބޫލުކުރާ ކަހަލަ ރާގަކަށް ޖަމްޝީދު ބުންޏެވެ. "ރުޚްސާނާއާއި ފަރުޒާނާއަކީ ކޮލެޖުގައިވެސް އެންމެ ތޫނުފިލި ދެ ކުދިން. ތިޔަ ދެމީހުނާ ވާހަކަދައްކައިގެން އެކަކަށްވެސް ކުރިއެއް ނުހޯދޭނެ. މިއަދުވެސް އަހަރެން ބަލި ގަބޫލުކޮށްފިން. ދެން ވާހަކަ ދައްކާނީ ވަރަށް ބޮޑަށް ވިސްނައިގެން."

ރުޚްސާނާގެ މަންމަ ބުންޏެވެ. "ދަރިފުޅާ ޖަމްޝީދު. އެ ބާދްޝާ އަހަރެމެންނާ މެދު ކަންތައް ކުރި ވިޔާނުދާ ގޮތް ނިކަން ދެކިބަލަ. އެ ކުޑަކުޑަ ކުއްޖާފުޅު ގޮވައިގެން ދިޔައީނު؟"

ފަރުޒާނާ އޭނާޔާ ދިމާއަށް ލޯ އަޅައިލިއެވެ. ޖަމްޝީދު މަލާމާތުގެ ރާގަކަށް ބުނެލިއެވެ. "ކުލީކާރު ދުއްވާ މީހެއްގެ ފަރާތުން ތިޔަ ކަހަލަ ކަމެއް ނޫން ކަމެއް ފެންނާނެތަ؟"

ފަރުޒާނާ ބުންޏެވެ. "ދައްތާ. ވަރަށް ދެރަ ކަމެއް. އަނެއްކާވެސް ތިޔަ ނުބައި ކުރަނީ ޖާނީ. ވާހަކަ ތިޔަ ދައްކަނީ އޭނާ ބަދުނާމު ކޮށްފައި. އަދި އެހެން މީހުންނަށްވެސް އޭނާގެ އަގު ވައްޓައިލުމުގެ ފުރުސަތު ދެނީ. މިސްޓަރ ޖަމްޝީދު… އަހަރެންގެ ސުވާލެއް އެބައޮތް. ޖަމްޝީދުގެ އަނބިމީހާ އެއް ފަހަރު ދޮގު ހަދާފައި ދެވަނަ ފަހަރުވެސް ދޮގު ހަދަނީޔޯ. އެއް ފަހަރު މަކަރު ހަދާފައި އަނެއް ފަހަރުވެސް މަކަރު ހަދަނީޔޯ. އޭގެ ފަހުން ޖަމްޝީދު ވަރުގެ ޒުވާނެއްގެ ގާތަށް ދުރު ގައުމަކަށް ދަނީޔޯ. މި ކަހަލަ ހާލަތެއް މެދުވެރި ވެއްޖެއްޔާ ޖަމްޝީދު ކަންތައް ކުރާނީ ކިހިނެއް؟ މި ސުވާލުގެ ޖަވާބު އަހަރެން ދީފާނަން. އެފަދަ ހާލަތެއްގައި ޖަމްޝީދުވެސް ކުލީކާރު ދުއްވާ މީހެއްގެ ވިސްނުމުން ވިސްނައި ވާހަކަ ދައްކަން ފައްޓާނެ... ދައްކާ ވާހަކައެއް ވިއްޔާ ވިސްނައި ފިކުރު ކޮށްފައި ދައްކާ."

ފަރީދު އަޙްމަދު ބުންޏެވެ. "ކަނބުލޯ. އަޅާނުލާ. ވާން އޮތް ކަމެއް ވާނެ. ވަގުތު ބޭކާރު ނުކޮށް ބާދްޝާ ޖާނީ ގާތަށް ދަމާ ހިނގާ."

ޖަމްޝީދު އަމިއްލަ ކަންފަތުފޫޅުގައި ހިފައިލިއެވެ. "މާފުކުރޭ. މީގެ ފަހުން ވާހަކަދައްކާނީ ވަރަށް ބޮޑަށް ވިސްނައިގެން. ބާދްޝާ ޖާނީ ގާތަށް ގޮސް ވާހަކަދައްކާނީވެސް އޭނާގެ ހިމާޔަތުގައި. އޭނާއާ މެދު ކަންތައް ކުރެވިފައި އޮތީ ވަރަށް ދެރަކޮށް… ބޭރުގައި އަހަރެންގެ ކާރު އެބައޮތް. ހިނގާ."

އެންމެން އެކީގައި ބޭރަށް ނުކުމެއްޖެއެވެ. ފަރުޒާނާ ގޭގެ ދޮރު ލައްޕައި ތަޅުލުމަށް ފަހު ގޮސް ރުޚްސާނާގެ މަންމަޔާއެކު ކާރުގެ ފަހަތަށް އަރައިފިއެވެ. ފަރީދު އަޙްމަދު ކުރިއަށް އަރައި އިށީނުމަށް ފަހު ބުންޏެވެ. "ޖާނީ ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައި. އެކަމަކު ދަރިފުޅު ގޮވައިގެން ދިއުން އެއީ ވަރަށް ދެރަކޮށް ކުރި ކަމެއް. އެ ކުއްޖާފުޅު އޮތީ މަންމަޔާއި މާމަގެ އުނގަށް ރަނގަޅަށް ހޭނިފައި. މިހާރު ރޮއިރޮއި ހަލާކުވެދާނެ."

ޖަމްޝީދު ކާރު ދުއްވައިލުމަށް ފަހު ފަހަތް ބަލާ ބިއްލޫރިގަނޑުން ފަރުޒާނާއާ ދިމާއަށް ބަލައިލިއެވެ. އަދި ފަރުޒާނާގެ މޫޑަށް ވިސްނައިލުމަށް ފަހު ބުންޏެވެ. "އަންކްލް. މިހާރު މި ޒަމާނަށް ބަލާއިރު މީހަކު ރުޅި އަރުވަައި އަނިޔާވެރި އަމަލެއް ހިންގައިފިއްޔާ އެ މީހަކުގެ ހިތް ހަމަ ޖެހޭނީ އެކަމެއް ކުރި މީހަކު މަރާލައިގެން. ނޫނީ އެންމެ ކުޑަމިނުން އެމީހަކާ ދިމާއަށް ހުތުރު އެއްޗެހި ކިޔައިގެން. ބާދްޝާ ކުރި ކަމަކީ ބަދަލު ހިފަން ވެގެން އޭނާގެ އަމިއްލަ ދަރިފުޅު ގޮވައިގެން ދިއުމެއް ނޫންތޯ؟"

ރުޚްސާނާގެ މަންމަ ބުންޏެވެ. "އަހަރެމެންގެ ބަލިފަޔަކީ ކޮބައިކަން އޭނާއަށް އެނގުނީ. ކޮންމެ ގޮތެއް ހަދައިގެންވެސް ދަރިފުޅު ލިބުނީމާ އަހަންނަށް އެ ނިމުނީ. އެ ދަރިފުޅު ދާއިމަށް އަހަރެމެންގެ އަތްމައްޗަށް އެރީމާ އެ ބާދްޝާގަނޑުގެ މޫނަށްވެސް ބަލައެއް ނުލާނަން. އަހަރެމެންގެ ދަރިފުޅާ އިންނާނެ މީހުން މަދެއް ނޫން. ރުޚްސާނާ އަންނާނީ އިހަށްވުރެވެސް ރީތިވެގެން. އެވަރުގެ ރީތި ކުއްޖަކުގެ ފިރިއަކީ ބާދްޝާއޭ ބުނަން އަހަރެމެން ލަދުވެސް ގަންނާނެ."

ފަރުޒާނާ ނުރުހިފައި ބުންޏެވެ. "ޖަމްޝީދު. ކާރު މަޑުކުރޭ. އަހަރެން ބޭނުމީ ފައިބާން. މި މީހުނާއެކު އަހަރެން ނުދާނަން. ރުޚްސާނާ ވަރިކުރުވާފައި ނޫނީ ދައްތަ ނޭވައެއްވެސް ނުލާނެ."

ޖަމްޝީދު ކާރު މަޑެއް ނުކުރިއެވެ. "ފަރުޒާނާ. ކަންބޮޑު ނުވޭ. ދައްތަ ކިޔުއްވާ އެއްޗެއް ކިޔުއްވަން ބަހައްޓާ. ރުޚްސާނާއަށް އެ ވަނީ ކަތި ފިޔަވަޅެއް އެޅިފައި. ދެމަފިރިންގެ މެދުގައި ސުލްހަ ގާއިމު ކޮށްދެވިއްޖެއްޔާ އެއީ އަހަރެން ކުރާ ވަރަށް ރަނގަޅު ކަމަކަށް ވާނެ. ސަވާބު ލިބޭނެ."

"ތިޔަ ކަހަލަ އެތައް ރަނގަޅު ކަމެއް އަހަރެން ކޮށްފިން. ރުޚްސާނާއަށް މީހަކާ އިނދެވުނީ އަހަރެން ކުރި ރަނގަޅު ކަމެއްގެ ސަބަބުން. މިއަދާ ހަމައަށް މި ގެންދަނީ އެކަމުގެ ނަތީޖާއާ ކުރިމަތިލަމުން. ޖަމްޝީދު ގަބޫލުކުރޭ. ދެން އިތުރު ރަނގަޅު ކަމެއް ކުރަން އުޅެފިއްޔާ އަނެއްކާވެސް ހުރިހައި ބަދުނާމެއް އެޅޭނީ އަހަރެންގެ ބޮލުގައި. ރުޚްސާނާ ވަރިވީ އަހަރެންގެ ސަބަބުން ކަމަށް ވެގެން ހިނގައިދާނެ. މަޔަކު އޭނާގެ އިން ހަމައެކަނި އަންހެން ދަރިފުޅުގެ ދުޝްމިނަކަށް ވެދާނޭ ކަމަކަށް އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ."

ފަރީދު އަޙްމަދު ބުންޏެވެ. "މައްސަލަ ނުބައިން ނުބަޔަށް މިހިރަގެން ދަނީ ކާކާ ހެދިކަމުގެ ހެކިންގެ ގޮތުގައި ބޭބެއާއި ޖަމްޝީދާ ދެމީހުން ތިބޭނަން. އެއްވެސް މީހަކު ކަނބުލޮ ބަދުނާމެއް ނުކުރާނެ. އަހަންނަށް ފެންނަނީ އަހަރެންގެ އަންހެނުން މިތަނަށް ބާލާފައި ތިން މީހުން ދާން."

ރުޚްސާނާގެ މަންމަ ފުއްޕައިލިއެވެ. "ކާރުން ބާލާށޭ. ނިކަން ބާލަބަލަ. އަހަރެންގެ މާމަ ދަރީގެ ގާތަށް އަހަރެން ދާނަން. ކޮންމެ ގޮތެއް ހަދާފައިވެސް އެ ކުއްޖާފުޅު އަތުލާނަން. އެކަމަށްޓަކައި ޖާނީގެ ފައިބުޑަށް ވެއްޓިގަންނާން ޖެހުނަސް ހެޔޮ."

ފަރުޒާނާ ބުންޏެވެ. "ދައްތާ. ދައްތަ ތިޔަ ކިޔާ އެއްޗެއް އަހަންނަކަށް ނުވިސްނޭ. އެއް ފަހަރު ޖާނީގެ ވިޔާނުދާ ވާހަކަ ދައްކާނެ. އެއީ އިންސާނަކު ނޫންހެން ހީވާ ކަހަލަ އެތައް ވާހަކައެއް ދައްކާނެ. އަނެއް ފަހަރު ދައްކަނީ އޭނާގެ ފައިބުޑަށް ވެއްޓިގަންނަ ވާހަކަ."

"ކަނބުލޯ. މިއީ މޮޔައެއް އަޅާނުލާ."

އަރައިރުމާއި ޒުވާބުގެ ތެރޭގައި ގޮސް ބާދްޝާގެ ގެޔާ އަރައިހަމަވެއްޖެއެވެ. ކާރުން ފައިބައިގެން ގޯތި ތެރެއަށް ވަދެގެން ގޮސް ބެލި ިއިރު ގޭގެ މައި ދޮރު ހުރީ ތަޅުލައިފައެވެ.

ރުޚްސާނާގެ މަންމަ ބުންޏެވެ. "ދަރިފުޅު ގޮވައިގެން މި ގެއަށް އައި ހެންނެއް ހިއެއް ނުވޭ."

ފަރީދު އަޙްމަދު ކުޑަކޮށް ވިސްނާލާފައި ބުނެފިއެވެ. "އެހެން ވެއްޖެއްޔާ ދާނީ ކޮން ތަނަކަށްބާ؟"

ޖަމްޝީދު ބުންޏެވެ. "މިއީ އޭނާގެ ގެ. ކޮންމެ ތަނަކަށް ދިޔަޔަސް އެނބުރި އަންނާނީ މި ގެއަކަށް ނޫންތޯ؟ ކަންބޮޑުވެނުލައްވާ."

ރުޚްސާނާގެ މަންމަ ބުންޏެވެ. "ކަންބޮޑު ނުވާންވީ ކީއްވެގެން؟ ޖާނީއަކީ އެ ސޮރުގެ ބައްޕައަށް ވިޔަސް އޭނާއަކަށް އެއްވެސް ކަމެއް ނޭނގޭނެ. އެ ސޮރު ރޯން ފެށްޓީމާ ރޮނީ ކީއްވެގެންކަން އެނގޭނީ އަހަންނަށް. އެ ރޮނީ ބަނޑުހައިވެގެންތޯ އުރުގައި އިންނަ ހިތުންތޯ ނިދި އައިސްގެންތޯ… މިއިން އެއްވެސް ކަމެއް ޖާނީއަކަށް ނޭނގޭނެ. މިހާރުވެސް އެ ސޮރު އޮންނާނީ ރޮއިރޮއި."

ފަރުޒާނާ ބުންޏެވެ. "ދައްތަ ތިޔަ ބުނީ ރަނގަޅު ވާހަކައެއް. މިހާރުވެސް އެ ސޮރު އޮންނާނީ ރޮއިރޮއި. ބޮޑެތި މީހުން އޭނާއަށް ޖައްސާ ހާލު ހިތަށް އަރާފައި ބާރަށް ރޯނެކަން ގައިމު."

"އަނގަ މަޑު ކުރާކަށް ނުވޭތަ؟ ހަމަ އެއްޗެހި ކިޔަނީ. މަލާމާތް ކުރުން ނޫން އެހެން ކަމެއް ނުކުރެވޭ. ސީދާ ތެދަށް ބުނެބަލަ. ޖާނީ އެ ސޮރު ގޮވައިގެން ތިޔަ ގެއަކަށް ހަމަ ނާދޭތަ؟"

"ޖާނީ ނާދެއެކޭ އަހަންނެއް ނުބުނަން. އޭނާ އައި. ކުއްޖާ ބަލަން އަހަރެން ދެކޮޅު ހެދީމާ ރުޅި އައިސްގެން ދިޔައީ."

ރުޚްސާނާގެ މަންމަ އަތް ހޫރުވައިލިއެވެ. "ހަދަހަދައިގެން ފާޑުފާޑުގެ ވާހަކަ ނުދައްކާ. ތެދު ބަހުން ވާހަކަދެއްކީމާ އަނގައިގައި ހުޅުހިފަނީތަ؟ ޖާނީއަށް ހުތްލައިދިނީ ފަރުޒާނާކަން ގައިމު. ދަރިފުޅު ގެންގޮސް ކޮންމެވެސް ތަނެއްގައި ފޮރުވާފައި އޭނާ އައީމާ ދެމީހުން އިންނަން ރޭވީކަން ޔަގީން. ފަހުން ވާނީ ކިހިނެއް؟ ދަރިފުޅުވެސް ޖާނީވެސް ލިބޭނީ ފަރުޒާނާއަށް. އަހަރެންގެ ދަރިފުޅު އަނގަހުޅުގައިގެން ބަލަހައްޓައިގެން އިންނާނީ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.