ކޮންމެ ނަމާދު ވަގުތެއްގެ ބަންގި ރޭޑިއޯއިން ފޮނުވާން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް ނާޞިރު އަމުރު ކުރައްވައިފިއެވެ.
އެޔާއެކު ވިދާޅުވި ގޮތަށް އެކަން ހިނގާން ފަށައިފިއެވެ.
ރޭޑިއޯ އިން ބަންގި ފޮނުވާތާ މަހެއްހައި ދުވަސް ފަހެވެ.
ވެލާނާގޭގައި މަސައްކަތް ކުރައްވާ ސެކްރެޓަރީއަކު ގެންނަވާފައި ރައީސް ނާޞިރު ސުވާލު ކުރެއްވިއެވެ.
ރޭޑިއޯއިން ބަންގި ފޮނުވާން ފެށީމާ ރަށުތެރޭގެ ކަންތައް ހުރީ ކިހިނެއް ހެއްޔެވެ؟
މީހުން ކިޔަނީ ކީކޭ ހެއްޔެވެ؟
ސެކްރެޓަރީ ދެންނެވިއެވެ.
އަސްތާ ވަރަށް ފޯރި ގަދައެވެ.
މީހުން އުފަލުން ފޮޅެނީއެވެ.
މަނިކުފާނަށް ތައުރީފު ކުރަމުން ގެންދަނީއެވެ.
އިއްޒަތްތެރި ރައީސްގެ ދުރުވިސްނުންފުޅުގެ ސަބަބުން މީހުން ތިބީ ހައިރާން ވެފައެވެ.
ކަންތައް ގޮސްފައިވާ މިންވަރު ދަންނަވަންތޯއެވެ؟
ބަންގި އަޑު އަހާހިތުން މީސްމީހުން ބާޒާރަށް ގޮސް ރޭޑިއޯ ގަންނަވަރުވެސް އެތައް ގުނައަކަށް އިތުރު ވެއްޖެއެވެ.
ރައީސް ނާޞިރު އަތްޕުޅުގެ އިޝާރާތުން ދަހަރޭ އެންގެވީމާ ސެކްރެޓަރީ ނުކުމެގެން ހިނގައްޖެއެވެ.
ސެކްރެޓަރީ ދިޔައީމާ ރައީސް ނާޞިރު ވިދާޅުވިއެވެ.
ތަކުރާރުކޮށް އަޑު އަހާން ވެގެން ރޭޑިއޯ ގަންނަން، ބަންގިއަކީ ރީތި ލަވައެއް ހެއްޔެވެ؟
ބާޒާރުގައި އެހައި ގިނަ ރޭޑިއޯ އެބަހުރި ހެއްޔެވެ؟
ގައުމާއި ގައުމުގެ ވެރިން ނުބައި މަގަށް އަނބުރައިލަނީ މިކަހަލަ ނުބައި ޚުޝާމަދުކުރާ މީހުންނެވެ.