މަޅުމަތި: ދަރިފުޅުގެ މަސައްކަތް

ދަރިފުޅު ކިޔަވައިގެން ކުރާނީ ކޮން މަސައްކަތެއް ހެއްޔެވެ؟
މިއީ ޢަލީ ތާއަބަދު ކުރާ ސުވާލެކެވެ.
އެކި ފަހަރު ލިބެނީ އެކި ޖަވާބެވެ.
އެއް ފަހަރު ދަރިފުޅު ވާން ބޭނުން ވަނީ ޕައިލެޓަކަށެވެ.
އަނެއް ފަހަރު ވާން ބޭނުން ވަނީ ޑަކްޓަރަކަށެވެ.
ބައެއް ފަހަރު ނޫސްވެރިއަކަށް ވާން ބޭނުން ވާހަކަވެސް ބުނެއެވެ.
އެކި ފަހަރު އެކި ޖަވާބު ލިބޭތީ ދެން އެ ވާހަކަ ނުދައްކާން ޢަލީ ކަނޑައަޅައިފިއެވެ.
ކުދިން ކިޔަވައިގެން ކުރާ މަސައްކަތަކާއި ކިޔެވި އެއްޗަކާ ގުޅެނީ މަދު ފަހަރަކުއެވެ.
އެހެންވީމާ ދަރިފުޅު ކިޔަވާ އެއްޗަކުން އޭނާ ކުރާނޭ މަސައްކަތެއް ކަނޑައެއް ނޭޅޭނެއެވެ.

ދަރިފުޅު ކިޔަވައި ނިމިއްޖެއެވެ.
ވަޒީފާއެއް ނުލިބުނެވެ.
ރައްޓެހިންނާއެކު އެކި ކަހަލަ މަސައްކަތުގައި އުޅެއެވެ.

އެއްދުވަހަކު ގެއަށް އައިސް ބުންޏެވެ.
ބައްޕާއެވެ.
އަޅުގަނޑު ކުރާނޭ މަސައްކަތެއް ނިންމައިފީމެވެ.

ޢަލީ އަހައިފިއެވެ.
އެއީ ކޮން މަސައްކަތެއް ހެއްޔެވެ؟

ދަރިފުޅު ބުންޏެވެ.
އަޅުގަނޑު ކުރާނޭ ކަމަކީ ރާވައިގެން ހިންގާ ބޮޑެތި ޖަރީމާގެ މަސައްކަތެވެ.

ޢަލީ އަހައިފިއެވެ.
މަސައްކަތް ކުރާނީ އަމިއްލަ ދާއިރާގައި ހެއްޔެވެ؟
ނުވަތަ ސަރުކާރުގައި ހެއްޔެވެ؟


މިއީ އަޅުގަނޑުގެ އެކުވެރި އަޙްމަދު ސަމީރް ޢަލީ ފޮނުއްވި ކާޓޫނަކުން ނެގި ޚިޔާލެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.