އޭޝިޔާ ޕެސިފިކް ސަރަހައްދުގައި އިތުރުވަމުންދާ ޗައިނާގެ ނުފޫޒާއި ކުރިމަތިލުމަށް އެމެރިކާ، އިނގިރޭސިވިލާތް އަދި އޮސްޓްރޭލިޔާ ގުޅިގެން ސަލާމަތީ އިއްތިހާދެއް އެކުލަވާލައިފިއެވެ. އޯކަސް (AUKUS) ގެ ނަންދެވިފައިވާ މި އަސްކަރީ އިއްތިހާދުގެ ދަށުން އޮސްޓްރޭލިޔާއަށް ނިއުކުލިޔާ ސަބްމެރިން އުފެއްދުމަށް އެމެރިކާއާއި، އިނގިރޭސިވިލާތުން އެހީތެރިވެދޭނެއެވެ.
ދިފާއީ އިއްތިހާދެއްގެ ގޮތުގައި ސިފަކޮށްފައިވާ މި އިއްތިހާދު އިއުލާންކޮށްފައި ވަނީ އެމެރިކާގެ ރައީސު ޖޯ ބައިޑަންއާއި، އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންއާއި، އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން އިއްޔެ ބޭއްވެވި ގުޅިފައިވާ ވާޗުއަލް ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި އިއްތިހާދުގެ އެއްބަސްވުމުގައި ތިން ލީޑަރުން ރަސްމީކޮށް ސޮއިކުރައްވާނީ އަންނަ ހަފުތާ ތެރޭގައި ވައިޓް ހައުސްގައި އޮންނަ ރަސްމިއްޔާތެއްގައެވެ.
އޮސްޓްރޭލިޔާއިން ސިފަކުރި ގޮތުގައި މިއީ އެގައުމުން ފަހުގެ ތާރީޚެއްގައި އެޅިި އެންމެ މުހިއްމު އިސްތިރާތީޖީ (ސްޓްރެޓީޖިކް) ފިޔަވަޅެވެ. އަދި ބޮޑުވަޒީރު މޮރިސަން ވިދާޅުވި ގޮތުގައި މި އިއްތިހާދުގެ ސަބަބުން ޒަމާންވީ ތިންއެކުވެރިންގެ ގުޅުން އާ ހަރުފަތަކަށް ދާނެއެވެ.
ޗައިނާއިން މި އިއްތިހާދު ދެކޭނީ އެގައުމު ރުޅިއެރުވުމަށާއި، އެގައުމާއި ކުރިމަތިލާން ތައްޔާރަށް ތިބިކަން ދެއްކުމަށް ކުރި ކަމެެއްގެ ގޮތުގައެވެ. އެހެންކަމުން، އަސްކަރީ އިއްތިހާދުގެ ވާހަކަ ހާމަކުރުމާއެކު ބައިޑަންގެ ސަރުކާރުން ވަނީ ޗައިނާގެ ޝައްކު ދުރުކުުރުމަށް މަސައްކަތްކޮށްފައެވެ. ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ތިން ގައުމުގެ އިއްތިހާދަކީ ވަަކި ގައުމަކަށް އަމާޒުކޮށްެގެން އުފެއްދި އިއްތިހާދެއް ނޫނެވެ. އިއްތިހާދުގެ ހަމައެކަނި ބޭނުމަކީ އޭޝިޔާ ޕެސިފިކް ސަރަހައްދުގައި ތިން ގައުމުގައި ކުރާ މަސައްކަތްތައް ވިލަރެސްކުރުމެވެ.
ތިން ގައުމުން އަސްކަރީ އިއްތިހާދެއް އުފައްދަން ނިންމާފައި މިވަނީ އެމެރިކާއާއި ޗައިނާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާ ދުވަސްވަރެއްގައެވެ. ރައީސު ބައިޑަންގެ ރިޔާސީ ކެމްޕޭނުގައި އޭނާ ވައުދުވެވަޑައިގެންފައިވާ ފަދައިން، އެމެރިކާގެ އާ ސަރުކާރުން ދަނީ އެގައުމުގެ ޚާރިޖީ ސިޔާސަތުގައި އޭޝިޔާ ޕެެސިފިކްގެ މައްސަލަތަކަށް އިސްކަން ދެމުންނެވެ. ޚާއްސަ ގޮތެއްގައި ޗައިނާއިން ޒިންޖިޔާންގްގެ ވީގޫރް މުސްލިމުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ މައްސަލައާމެދު އެމެރިކާ ދަނީ ފާޅުގައި ބަސްބުނަމުންނެވެ.
މި އިއްތިހާދުގެ އެއްބަސްވުމުގެ ދަށުން އެމެރިކާއިން އެގައުމުގެ އެންެމެ ކުރިއަރާފައިވާ ޒަމާނީ ނިއުކުލިޔާ ސަބްމެރިންގެ ޓެކްނޮލޮޖީ އޮސްޓްރޭލިޔާއާއި ހިއްސާކުރާއިރު، އޮސްޓްރޭލިޔާ ވެގެންދާނީ އިނގިރޭސިވިލާތަށް ފަހު އެމެރިކާގެ މި ޓެކްނޮލޮޖީގެ ސިއްރުތައް ލިބޭ ހަމައެކަނި ގައުމަށެވެ.
ފާއިތުވި ހަފުތާ ތެރޭގައި ރައީސު ބައިންޑަން ޗައިނާގެ ރައީސު ޝީ ޖިންޕިންގްއަށް ފޯނުން ގުޅުއްވައި ދޮޅު ގަޑިއެއްހާ އިރަށް ވާހަކަފުޅުދެއްކެވި ނަމަވެސް އެއްވެސް ނަތީޖާއެއް ހާސިލުކުރެވިފައި ނުވެއެވެ. އަދި ޗައިނާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ރައީސު ޝީ ވަނީ ދެބޭފުޅުން ބައްދަލުކުރެއްވުމަށް ރައީސު ބައިޑަން ހުށަހެޅުއްވުމުން އެކަން ގަބޫލުފުޅުނުކުރައްވާފައެވެ.