ކޮވިޑް-19 އިން ދިފާއުވުމުގެ ބާރު ހަށިގަނޑުގައި އިތުރުކުރުމަށް 'ބޫސްޓާ ޑޯޒް' ގެ ގޮތުގައި ވެކްސިންގެ ތިންވަނަ ޑޯޒެއް ޖެހުމަށް މުއްސަނދި ގައުމުތަކުން ކުރާ މަސައްކަތް 2022 ވަނަ އަހަރާ ހަމައަށް ފަސްކޮށްލަން ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެޗްއޯ) ގެ ޑިރެކްޓަރ ޖެެނެރަލް ޓެޑްރޯސް އަދަނޯމް ގެބްރަޔޭސަސް އިލްތިމާސްކުރައްވައިފިއެވެ.
ސުވިޒަލޭންޑްެގެ ޖެނީވާގައި އިއްޔެ ނޫސްވެރިންނާ ބައްލަކުރައްވަމުން ގެބްރަޔޭސަސް ވަނީ، މިހާރު ދެ ޑޯޒް ޖަހާފައި ތިބި މީހުންނަށް ތިންވަނަ ޑޯޒެއް ޖެހުމާއެކު، ވެކްސިން ނުލިބޭ ގައުމުތަކުގެ މީހުންނަށް ވެކްސިން ޖެހޭވަރަށް ދުނިޔޭގައި މިހާރު ވެކްސިން އެބަހުރިކަަމަށް ބޭސް އުފައްދާ ކުންފުނިތައް ހިމެނޭ ބޮޑު ޖަމްއިއްޔާއަކުން ބުނެފައި ވާތީ އެކަމާމެދު ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފައެވެ.
"(މުއްސަނދިން ޖަހައިގެން) ބާކީ ހުރި އެއްޗަކުން ދުނިޔޭގެ ފަގީރުން ފުއްދާލާށޭ، ދުނިޔޭގައި ލިބެން ހުރި ވެކްސިން ކޮންޓުރޯލުކުރާ ކުންފުނިތަކާއި ގައުމުތަކުން ބުުނުމުން އަހަރެން ހަނުނުހުންނާނަން." އޭނާ ވިދާޅުވިއެވެ.
"ކުޑަ އަދި މެދުމިނުގެ އާމްދަނީ ލިބޭ ގައުމުތަކަކީ ދެވަނަ ނުވަތަ ތިންވަނައަށް އިސްކަންދޭ ތަންތަނަށް ވެގެން ނުވާނެ. އެ ގައުމުތަކުގެ ސިއްހީ އެހީތެރިންނަށާއި، އުމުރުން ދުވަސްވީ މީހުންނަށާއި، ބަލީގައި ބޮޑުވަރުވުމުގެ ފުރުސަތު ބޮޑު މީހުންނަށްވެސް (މުއްސަނދި ގައުމުތަކުގެ މީހުންނާ) އެއް ހަމައެއްގެ ރައްކާތެރިކަން ލިބުމުގެ ހައްގު އޮންނާނެ." ޑިރެކްޓަރ ޖެނެރަލް ވިދާޅުވިއެެވެ.
ޑަބްލިޔުއެޗްއޯ އިން ވަނީ 'ބޫސްޓާ ޑޯޒް' ޖެހުން މި ސެޕްޓެމްބަރު މަސް ނިމެންދެން ލަސްކޮށްލުމަށް މީގެ ކުރިން ގޮވައިލާފައެވެ. އެެހެންނަމަވެސް، އިނގިރޭސިވިލާތް، ޑެންމާކް، ފްރާންސް، ގްރީސް، ޖަރުމަނު އަދި ސްޕޭން ފަދަ ގައުމުތަކުން ވަނީ އެ ގައުމުތަކުގެ 'ހައި ރިސްކް' މީހުންނަށް ތިންވަނަ ޑޯޒް ޖަހަންފަށާފައެވެ. ނުވަތަ ދަނީ ޖަހަން ފެށުމަށް ރާވަމުންެނެވެ.
އިސްރާއީލުންވެސް އެގައުމުގެ ގިނަ ބަޔަކަށް ތިންވަނަ ޑޯޒް ޖަހާފައިވާއިރު، އެމެރިކާ ސަރުކާރުންވެސް ވަނީ އެގައުމުގެ ރައްޔިތުންގެ ރައްކާތެރިކަން އިތުރުކުރުމަށް ތިންވަނަ ޑޯޒެއް ޖެހުމަށް ގޮވައިލާފައެވެ. ޑަބްލިޔުއެޗްއޯއިން ބުނެފައި ވަނީ ތިންވަނަ ޑޯޒެއް ޖެހުމުން ކޮވިޑް-19 އިން ރައްކާތެރިކަން ލިބޭ ކަމުގެ ސައިންޓިފިކް ހެކި އަދި އެހާ ސާފު ނޫންކަމުގައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނާ ގޮތުގައި ދުނިޔޭގެ ކަންކޮޅުތަކުން މިހާތަނަށް ކޮވިޑް-19 ވެކްސިންގެ 5.5 ބިލިއަން ޑޯޒް ޖަހައިފިއެވެ. އެހެންނަމަވެސް، އޭގެެތެރޭން %80 ޑޯޒް ޖަހާފައިވަނީ މެދު ފަންތީގެ ނުވަތަ މުއްސަނދި ގައުމުތަކުގައެވެ. ގެބްރަޔޭސަސް ވިދާޅުވި ގޮތުގައި މުއްސަނދި ގައުުމުތަކުން ފަގީރު ގައުމުތަކަށް ވެކްސިންގެ 1 ބިލިއަން ޑޯޒް ހަދިޔާކުރަން ވައުދުވެފައި ވީނަމަވެސް އަދި މިހާތަނަށް ދީފައިވަނީ އެ ވައުދުވީ އަދަދުގެ އެންމެ %15 އެވެ.