ފަޅިމޫނު - 125

(4 ސެޕްޓެމްބަރު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަޅުގަނޑު ވާހަކަ ދެއްކިއަކަސް އޭނާއަކަށް ނުވިސްނޭނެ. ބައްޕަ ވިސްނަވައިދެއްވާ. މިއީ ވަރަށް އަގުބޮޑު ރަށެއް. އޭނާގެ ސާޖަރީވެސް އެހައި އަގު ބޮޑު ވާނެ."

"އަހަރެން އޭނާޔާ ވާހަކަ ދައްކައިފިން. އެއީ ވަރަށް ގޮތް ދޫނުކުރާ ކުއްޖެއް."

ބާޤިރް ސާމާނު ގެންދާން އުޅެގަތީމާ ޖަމްޝީދު ގޮސް ބޮޑު ފޮށީގައި ހިފައިފިއެވެ. ހުރިހައި ސާމާނެއް ބޭރަށް ނެރެދިނީ އޭނާއެވެ. ކާރަށް ސާމާނު އަރުވައި ނިމުނީމާ ބާޤިރް ބުންޏެވެ. "މި ވަގުތު އޭނާ ހުރީ ވަރަށް ބޮޑަށް ރުޅި އައިސްފައި. އެހެންވީމާ އޭނާއަށް ފެންނަ ހިސާބަށް ނުދާތި. އަހަރެން މި ދަނީ އޭނާ ހުންނާނޭ ތަނެއްގެ އިންތިޒާމު ހަމަޖައްސަން. އޭނާއަށް ވަޒީފާއެއް ލިބޭނޭ ގޮތްވެސް އަހަރެން ހަމަޖައްސައި ދޭނަން. އެކަމަކު ހުރިހައި ކަމެއް އަހަރެން މި ކުރަނީ ނުސީދާކޮށް. އަހަރެން މިކަހަލަ ކަމެއް ކުރާކަން އޭނާއަށް އެނގިއްޖެއްޔާ މިވަރުގެ އަޚްލާގީ އެހީއެއްވެސް ގަބޫލެއް ނުކުރާނެ."

ބާޤިރް ރުޚްސާނާގެ އަތްމަތީ ދަބަސް ހިފައިގެން ހިނގައިގަތީމާ ޖަމްޝީދު ބުންޏެވެ. "ބައްޕައަށް އޭނާޔާ ބައްދަލު ކުރެއްވޭނެއެއް ނޫންތޯ؟ އެހެންވީމާ އޭނާގެ ހިތް ހެޔޮ ކުރެއްވޭތޯ މަސައްކަތް ކޮށް ދެއްވާ."

ބާޤިރް އެނބުރި ބަލަިލިއެވެ. "ހިތް ހެޔޮ ވިޔަސް ނުވިޔަސް މިހާރަކު ކުރާނޭ ފައިދާއެއް ނެތް. ދޭން ބޭނުންވާ ދެރަ ޚަބަރެއްވެސް އެބައޮތް. ރުޚްސާނާ އުޅެނީ މީހަކާ އިނދެގެން."

ޖަމްޝީދު ސިހިފައި އޭނާގެ ބައްޕަޔާ ދިމާއަށް ބަލައިލިއެވެ. އަދި ޔަގީންކަމެއް ނެތް ރާގަކަށް ބުންޏެވެ. "ނޫން ބައްޕާ. ބައްޕަގެ ޗާލާކީއަކީ އަޅުގަނޑު ދަންނަ ފަރިތަ ކަމެއް. ބައްޕަ ތިޔަހެން ތިޔަ ބުނުއްވީ އަޅުގަނޑާ އޭނާޔާ ދުރު ކުރުއްވަން ވެގެން."

"އަހަރެން މި ހަދަނީ ދޮގެއް ނޫން. ހަމައެކަނި މީހަކާ އިނދެގެން އުޅެނީއެއް ނޫން. އޭނާގެ ދަރިއަކުވެސް އެބައޮތް."

"ތިޔަވަރު ނުކުރައްވާ ބައްޕާ. ދޮގު ހެއްދެވުމުގައިވެސް ހައްދެއް އޮންނާން ވާނެ. އޭނާގެ މަތީން ހަނދާން ނައްތައިލާށޭ ސާފުކޮށް ބުނުއްވީމާ އެވީއެއް ނޫންތޯ؟"

"އަހަރެމެން ކަހަލަ ދޮގުވެރިންގެ ދުނިޔޭގައި ކުއްލިއަކަށް ތެދާ ކުރިމަތިލާން ޖެހުނީމާ ޔަގީން ނުވާ ކަހަލަ ގޮތެެެއް ވާނެ. ދަރިފުޅަށް ޔަގީން ކުރެވުނީމާ އޭނާގެ މަތީން ހަނދާން ނައްތައިލާ. ޔަގީން ވާންދެން ބައްޕަގެ ވާހަކައަކީ ދޮގު ވާހަކައެއް ކަމަކަށް ބަލައިގެން ހުރޭ."

"އެންމެ ރަނގަޅު. ތިޔައީ ތެދު ވާހަކައެއް ކަމަށް ވަންޏާ އޭނާ އެކަން އަޅުގަނޑުމެންނަށް ސިއްރުކުރީ ކީއްވެގެންތޯ؟"

"އަހަރެން ތިޔަ ސުވާލެއް ނުކުރަން. އޭނާ އިނީ ދޮގު ހެދުނީތީ ލަދުން. އެހެންވީމާ އެ ސުވާލު ނުކުރާނަމޭ ހިތަށް އެރީ."

"ލަދުގަތީމާ އެ ނިމުނީތޯ؟ ކޮންމެ ގޮތެއް ވިޔަސް އޭނާ ހެދީ މަކަރެއް ނޫންތޯ؟ އެހެންވީމާ ބައްޕަ އެ ސުވާލު ކުރައްވަން ވާނެ."

"ކުރެވުނު ކަމަކާ ހެދި ލަދު ގެންފިއްޔާ އިތުރު ސުވާލު ކުރާނެ ކަމެއް ނެތް. އިހަށްރޭ މާ ގިނައިން ބުއީ ކީއްވެގެން ހެއްޔެކޭ އަދި ބޮއިގެން އިންސާނީ ހައްދުން ބޭރަށް ނުކުމެ ޝައިތާނަކަށް ވެގަތީ ކީއްވެގެން ހެއްޔެކޭވެސް ބައްޕަ ނާހަމެއްނު؟"

ޖަމްޝީދު އިސް ދަށަށް ޖަހައިލިއެވެ.

ބާޤިރް އަނެއްކާވެސް ބުނެލިއެވެ. "ދަރިފުޅާ. ދަރިފުޅު މިހާރު ތިޔަހަރީ ބައްޕަގެ ކުރިމަތީގައި އިސް ދަށަށް ޖަހައިލައިގެން. އެހެންވީމާ މި ދައްކާ ވާހަކަ ވިސްނެންވެސް ވާނެ. މީހަކު ލަދުން އިސް ދަށަށް ޖަހައިލައިގެން ހުރިއްޔާ އޭގެ މާނައަކީ އެމީހާގެ ހިތުގެ އަޑީގައި އަމިއްލަ ނަފުސާ ސުވާލު ކުރުމުގެ މަސައްކަތް ކުރިއަށް ދަނީއޭ. އެކަހަލަ ވަގުތެއްގައި އަހަރެމެން އެކި ބާވަތުގެ ސުވާލު ކުރުމަކީ ބޭނުން ކަމަކަށް ނުވާނެ. އެމީހަކު އަމިއްލަ ހާލައިގެން އުޅެން ދޫކޮށްލުމަށްވުރެ ރަނގަޅު ގޮތެއް ނޯންނާނެ."

މިހެން ބުނެފައި ބާޤިރް ނުކުންނާން ހިނގައިގެންފިއެވެ. ބޭރު ދޮރާ ހަމައަށް އޭނާ ދެވުނުތަނާ ޖަމްޝީދު ގޮވައިލިއެވެ. "ބައްޕާ."

އޭނާ އެނބުރި ބަލައިލާފައި އަހައިލިއެވެ. "ކިހިނެއްވީ؟"

"އޭނާ މީހަކާ އިނދެގެން އުޅުނަސް... ދަރިއަކު އޮތަސް އަޅުގަނޑު އޭނާ ދެކެ ލޯބިވާނަން."

ބާޤިރު ރުޅި އައިސް ރަތްވެފައި ބުންޏެވެ. "ކަލޭގެ ބުއްދި ފަސްވީތަ؟ އޭނާއަށްވުރެ ރީތި އަންހެން ކުއްޖަކު މި ދުނިޔޭގައި ނެތީތަ؟"

"ތިބޭނެ. އެކަމަކު އޭނާގެ މޫނު ފިހުމުގެ ކުރިން ފުރިހަމަ ސިފައިގައި ހުއްޓައެއް ބައްޕަ ދެކިއެއްނުލައްވާ. ޕްލާސްޓިކް ސާޖަރީން އޭނާގެ އަސްލު ސިފަ އިއާދަވީމާ..."

"އޭރުން ވާނީ ކިހިނެއް؟ އޭނާ ދުނިޔޭގެ ރީތީގެ ރާނީއަށް ވާނީތަ؟"

"އޭނާ ހާސިލުކުރުން މިހާރު އަޅުގަނޑަށް ވަނީ މަޖުބޫރު ވެފައި."

"އެއީ ކީއްވެގެން؟"

"އެކަން ނުކުރެވިއްޖެއްޔާ އަޅުގަނޑުގެ އެކުވެރިންގެ ކުރިމައްޗަށް ނުކުންނާން ލަދު ގަންނާނެ. އަޅުގަނޑު އޮންނާނީ ކޮންމެ ގޮތެއް ހަދައިގެންވެސް ރުޚްސާނާއާ އިންނާނަމޭ އެކުވެރިން ގާތު ބުނެފައި. އެމީހުންގެ ކުރިމަތީގައި ބަލި ވާކަށް ބޭނުމެއް ނޫން."

"އެކުވެރިންނަށް ވިސްނައިދީ. މަސައްކަތް ފެށުނުލެއް ލަހީއޭ ބުނޭ. އެކަމާ އުޅެގަނެވުނީ އޭނާ މީހަކާ އިނދެ ދަރިއަކުވެސް ލިބުނު ފަހުންނޭ ބުނޭ. ކޮލެޖު ދުވަސްވަރުގެ ސަކަރާތަކީ ދިރިއުޅުމުގެ ބައެއް ކަމުގައި ނުހަދާ. އެއީ އަބުރާ ގުޅުންހުރި ކަމެއް ކަމުގައިވެސް ހަދާކަށް ނުވާނެ."

ޖަމްޝީދު ޖަވާބެއް ނުދެއެވެ. އިސްދަށަށް ޖަހައިލައިގެން ހުރީއެވެ. ބާޤިރް ޢަލީ ހިނގައިގަތީމާ އަނެއްކާވެސް ގޮވައިލާފައި ބުންޏެވެ. "ބައްޕާ. މަސައްކަތް ކުރުމުގައި އޮތީ ކޮން ގެއްލުމެއްތޯ؟"

ބާޤިރް އަނެއްކާވެސް އެނބުރި ބަލައިލިއެވެ. "ކޮން މަސައްކަތެއް؟"

"އޭނާ ފަހަރެއްގައި ވަރިވެސް ވެދާނެއެއް ނޫންތޯ؟"

ބާޤިރު ހައިރާންކަމާއި ކަންބޮޑުވުން އެކުލެވޭ ގޮތަކަށް އޭނާގެ ދަރިފުޅާ ދިމާއަށް ބަލައިލިއެވެ. އިރުކޮޅެއް ވާންދެން ބަލަހައްޓައިގެން ހުރެފައި ހިތާމަވެރިކަމާއެކު ބުނެލިއެވެ. "މި ޒަމާނުގެ ނަސްލަށް ވިސްނައި ދޭނޭ ގޮތެއް އަހަރެމެން މުސްކުޅިންނަކަށް މިހާރަކު ނޭނގޭ. ހަރުކަށި ވެއްޖެއްޔާ އަހަރެމެންގެ ބޮލުގައި އަޅުވަނީ އަނިޔާވެރި ވެއްޖެ ކަމުގެ އިލްޒާމު. އަހަރެމެން ބޭނުންހައި ގޮތަކަށް ދަރިން އަނބުރައިލާން ގަދަހަދާ ކަމުގެ އިލްޒާމު. ލޯތްބާއެކު ދަރިންގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިފިއްޔާ ވާ ގޮތަކީ ކޮބާ؟ ލޯބިވާ ދަރފުޅާ. އޭރުން ދަރިފުޅުމެންނަށް ހީވަނީ އަހަރެމެން މުސްކުޅިން ބަލިވެ އިނދަޖެހުނީ ކަމަށް. އަހަރެމެން ކަންތައް ކުރަންވާ ގޮތަކީ ކޮބާ؟ ދަރިފުޅު ނިކަން ބުނެބަލަ. ބައްޕަ ހަދަންވީ ކިހިނެއް؟ ދަރިފުޅުގެ ކުރިމަތީގައި މިހިރަ ފާރުގައި ބޯ ތަޅާންވީތަ؟ ދަރިފުޅުގެ ކުށުގެ ބަދަލުގައި އެ އަންހެން ކުއްޖާގެ ފަހަތުން ދުވެދުވެ ހުންނާންވީތަ؟ އެއީ މިރަށަށް އައިސް އިން ބީރައްޓެއްސެއް. ގޮތް ދޫކުރުމެއް ނެތި އޭނާ އެ އުޅެނީ އެކަނިމާއެކަނި މި ރަށުގައި ގަނަތެޅެން. އަހަރެމެންގެ އެހީތެރިކަމެއްވެސް ގަބޫލެއް ނުކުރި. އެއީ އަހަރެމެން ލަދު ގަންނާން ޖެހޭ ކަމެއް. އެ ލަދު ދަރިފުޅަށް އިހުސާސް ކުރެވޭ ކަމަށް ވަންޏާ ގެއިން ނުނުކުމެ ހުރޭ. ރުޚްސާނާއާ ބައްދަލު ކުރަން ނޫޅޭތި. މިއީ ބައްޕަގެ އެންމެ ފަހުގެ އާދޭސް."

ބާޤިރް ގޭދޮރު ބާރަށް ލައްޕާފައި ނުކުމެގެން ގޮސް ކާރަށް އަރައިފިއެވެ.

ޖަމްޝީދު ލެއްޕުނު ދޮރާ ދިމާއަށް ބަލަހައްޓައިގެން ހުރެ ވިސްނަމުން ގެންދިޔައެވެ. އެއްވެސް އެއްޗެއް ފަސޭހައިން ލިބިއްޖެނަމަ އެ އެއްޗެއްގެ އަގު ރަނގަޅަކަށް ވަޒަނެއް ނުކުރެވެއެވެ. ބުރަ މަސައްކަތުން ހޯދޭ އެއްޗެއްގެ އަގު އަބަދުވެސް އޮންނަނީ ބޮޑުވެފައެވެ. ކުރާ މަސައްކަތަކުން އެއްޗެއް ނުލިބޭ ގޮތް ވެއްޖެނަމަ ގޮތްދޫނުކޮށް ގަދައެޅުމުގެ ގޮތް މީހާގެ ކިބައިގައި އަށަގަނެއެވެ. ކުރިމައްޗަށް ހުށަހެޅޭ ވަރުގަދަ ގޮންޖެހުމަކަށް އެކަން ވެގެން ހިނގައިދެއެވެ. އާދޭސް ކޮށްގެން އެ އެއްޗެއް ލިބިނުގަނެވިއްޖެއްޔާ ފައިސާ ޚަރަދު ކޮށްގެން ލިބިގަންނާން މަސައްކަތް ކުރެވެއެވެ. ފައިސާއިން ލިބިނުގަނެވިއްޖެއްޔާ ގަދަބާރުން ލިބިގަންނާން މަސައްކަތް ކުރެވެއެވެ. އެވަރުންވެސް ލިބިނުގަނެވިއްޖެއްޔާ ބައްޕަ އެބުނިހެން އަމިއްލަ ބޯ ފާރުގައި ތަޅައި ނަފުސު ހަލާކު ކޮށްލާނީއެވެ. ހަލާކު ވެގެން ދިޔަޔަސް މައްސަލައެއް ނެތެވެ. އުސޫލު ދަހައްޓާން ވާނެއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.