ފަޅިމޫނު - 79

(26 އޭޕްރީލް 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

މަންމަ ތުން އަނބުރައިލިއެވެ. "ދަރިފުޅު ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް. ޖާނީއާއި ޖަމްޝީދާ އަޅައި ބެލޭނީ ކިހިނެއް؟ ޖަމްޝީދަކީ ނުލާހިކު މުއްސަނދި ކުއްޖެއް. މުޅި އާއިލާއަކީވެސް މުއްސަނދިންކަން ސިޓީންވެސް އެބަ އެނގޭ. އޭނާގެ ހއޔޮކަންވެސް ނިކަން ދެކިބަލަ. އެހެރީ ހުރިހައި ޚަރަދެއް ކުރަންވެސް ތައްޔާރަށް. ލަންޑަނަށް ދިއުމާއި އެތާނގައި ހުރުމާއި ކެއިންބުއިމާއި ބޭހާއި އެނބުރި އައުމަކީ އާދައިގެ ކަންކަމެއް ނޫން. އެތައް ލައްކައެއް ޚަރަދުވާނެ."

ރުޚްސާނާ އަޑު އަހާން އިނީއެވެ. މަންމަގެ ވާހަކަ ނިމުނީމާ ރުޅިވެރިކަމާއެކު ބުންޏެވެ. "މަންމާ. ޖާނީ މަންމަޔާ ހަރުކަށިކޮށް ވާހަކަ ދެއްކިޔަސް އެއްވެސް ގެއްލުމެއް ނުކުރެއެއްނު؟ މަންމަގެ ކުރިމަތީގައި އޭނާގެ އެއްވެސް އަގެއް ނެތްއިރު އޭނާގެ ކުރިމަތީގައި މަންމަގެ އޮންނާންވީ ކޮން އަގެއް؟ އަހަރެންގެ ކުރިމަތީގައި އަހަރެންގެ ފިރިމީހާއަށްވުރެ އެހެން ފިރިހެނަކު ރަނގަޅޭ ކިޔައިގެން ވާހަކަ ދައްކާއިރު މަންމަ ކުޑަކޮށްވެސް ވިސްނައެއް ނުލަންތަ؟ އަހަރެން ބުނާނީވެސް ކީކޭ؟ ބާރަށް އެއްޗެކޭ ބުނެފިއްޔާ މަންމައަށް އިހުތިރާމު ނުކުރާ މީހަކަށް ވެދާނެ."

"ވަރަށް ރަނގަޅު. ރަނަށް ރަނޭ... ލޮޔަށް ލޮޔޭ ކިއުމަކީ ނުބައި ކަމެއްތަ؟ ދަރިފުޅުގެ ހިތްހަމަ ނުޖެހެންޏާ ދެނެއް މި ވާހަކައެއް ނުދައްކާނަން. ޖާނީއަކީ ވަރަށް ރަނގަޅު މީހެއް. އޭނާ ދަރިފުޅު ލަންޑަނަށް ދާން ބޭނުންވާ ރުފިޔާ ހޯދައިދޭނެ. ލައްކައިން ޚަރަދު ކުރާނެ."

"މިހާރު މަންމަ ތިޔަ ކުރަނީ މަލާމާތެއްނު؟ އަހަރެމެން ދެމަފިރިން މަސައްކަތް ކޮށްގެން ފައިސާ ޖަމާ ކުރެވުނީމާ ލަންޑަނަށް ދާނީ އަހަރެން އެކަނި. މަންމަ އަހަރެންގެ ދަރިފުޅު ބަލާން މިގޭގައި އިންނާތި. އަހަރެން ޕްލާސްޓިކް ސާޖަރީ ހައްދައިގެން ވީހައިވެސް އަވަހަކަށް އަންނާނަން."

"ދަރިފުޅާ. ނިކަން ފުންކޮށް ވިސްނައިލަބަލަ. އެކަކު އެހެރީ ލަންޑަނުގައި. ބޭސްކޮށްދޭން ތައްޔާރަށް. ދަރިފުޅަށް އެހީތެރިވެދޭން އެދިގެން. އެހެންވީމާ ދަރިފުޅު ކުރަން ވީ ކަމަކީ އަވަހަށް ފުރަން ތައްޔާރުވުން. މޫނު ރީތި ކުރާކަށް ދަރިފުޅު ބޭނުމެއް ނުވޭތަ؟"

"ބޭނުން ނުވާންވީ ކީއްވެގެން؟ ހަމަ މި ވަގުތުވެސް ރީތިވާން އަހަރެން ބޭނުން."

"މަންމަ މީނީ ދުނިޔެ ދެކެފައި. ދަރިފުޅަކަށް އަދި ނޭނގޭނެ. މަންމަގެ ބުއްދީގެ ބޭނުން ހިފާ. އަމިއްލަ ބޭނުމެއް ފުއްދުމަށްޓަކައި... އަމިއްލަ އެދުމެއްގެ ބޭނުމުގައި... ފައިދާއެއް ވާ ކަހަލަ ކަމެއްގައި ކުޑަ ދޮގެއް ހެދުމާއި ކުޑަ މަކަރެއް ހެދުމަކީ ކުރާން ޖެހިއްޖެ ނަމަ ކުރުން އެންމެ ރަނގަޅު ކަމެއް."

ރުޚްސާނާ މަންމަޔާ ދިމާއަށް ފުން ނަޒަރަކުން ބަލައިލިއެވެ. "މަންމަ ބޭނުންވާ ގޮތަކީ ކޮބާ؟"

"މަންމަގެ ބަސް އަހާ ކަމަށް ވަންޏާ މި ވާހަކަ އިހަށް ދެމައިންގެ މެދުގައި އޮތް ސިއްރެއްގެ ގޮތުގައި ބާއްވާ. ޖާނީއަށް އެއްވެސް ކަމެއް އަންގައިގެން ނުވާނެ. ޖަމްޝީދަށް ސިޓީއެއް ލިޔޭ. އޭގައި ލިޔަން ވާނީ ބޭސް ކުރަން ދާން ތައްޔާރޭ އަދި މީހަކާ ނީންނަމޭ. ޕާސްޕޯޓު ހެއްދުނީމާ އަންގާނަމޭވެސް ލިޔާތި."

"މަންމަ ތިޔަ ދައްކަނީ ކޮން ކަހަލަ ވާހަކައެއް. ޖާނީއާއި އަހަރެމެން ދެމީހުންގެ ކާވެނީގެ ގުޅުމަށްވެސް އިންކާރު ކުރަންވީތަ؟"

"އެންމެ މަސްލަހަތު ބޮޑު ގޮތަކީ އެއީ. ލަންޑަނުގައި ހުރި މީހަކަށް ދަރިފުޅުގެ ހާލަތެއް ނޭނގޭނެ. އޭނާ އެހެރީ ދަރިފުޅު އަދިވެސް އިނީ ހުސްހަށިބަޔާ ކަމަށް ހީކޮށްގެން. ދަރިފުޅާ މެދު އޭނާ ވިސްނައިފައި އޮތް ގޮތަކީ ކޮބައިކަމެއް ނޭނގޭ. އޭނާ ދެކެނީ ކޮން ކަހަލަ ހުވަފެނެއް ކަމެއް ނޭނގޭ. ތިމަން މިހާރު މީހަކާ އިނދެފީމޭ ދަރިއަކުވެސް ލިބިއްޖެއޭ ލިޔެފިއްޔާ އޭނާގެ ހުވަފެން ވިއްސިވިހާލި ވެގެން ހިނގައިދާނެ. އޭނާ ދަރިފުޅާ އެހީވާން ކަނޑައެޅި ޖަޒުބާތު ވަޔަށް ހަވަޔަށް އަރައިގެން ހިނގައިދާނެ. އެހެން ހަދައިފިއްޔާ އޭނާ ދަރިފުޅަކާ އެހީއެއް ނުވާނެ."

"މަންމާ. ތަގުރީރު ނިމިއްޖެއްޔާ ހިމޭނުން އިނދޭ. ޖާނީއަށް މަކަރު ހަދައިގެން ކާވެނި ކުރީތީ އެކަމުގެ ހިތި ނަތީޖާ އަދިވެސް މި ދަނީ ދެކެމުން. މަންމަ މިހާރު ތިޔަ އުޅެނީ އަހަރެން ލައްވައި އަނެއް މަކަރު ހައްދަން. މަންމަގެ ވިސްނުން ތިޔަ ހުންނަ ގޮތެއް އަހަންނަކަށް ނޭނގޭ. ﷲ އަށްޓަކައި އަނގަ ހިމޭނުން ބާއްވައިގެން އިނދޭ. މާ ގިނައިން ވާހަކަ ދައްކާ ހިތް ވަންޏާ ގެއަށް ގޮސް ބައްޕަޔާާ ވާާހަކަދައްކާ. މަންމަގެ ބަސް އަހައިގެން ބުނާހައި ކަމެއް ކުރުމުގެ ހިތްވަރު ހުރި މީހަކަށް މި ދުނިޔޭގައި ހުރީ ބައްޕަ އެކަނި."

"މަންމަ މި ވާހަކަ ދައްކަނީ ދަރިފުޅުގެ ހެވަށްޓަކައި. ބަލަން ހުންނާތި. ލައްކަ ދޮޅު ލައްކައެއްހައި ރުފިޔާ ޖަމާ ކުރެވޭއިރު ދަރިފުޅު މުސްކުޅި ވެދާނެ. މޫނުގައި ރަނގަޅަށް ހުރި ފަޅީގައިވެސް ހުންނާނީ ރޫ ޖެހިފައި. ދަރިފުޅުގެ ދަރި ހުންނާނީ ބޮޑުވެފައި. އެކުވެރިންގެ ތެރޭގައި ދަރިފުޅަކީ ތިމަންގެ މަންމައޭ ބުނަން އޭނާ ލަދުގަންނާނެ. އެ ހާލަތަށް ވެއްޓުނީމާ މަންމަ މި ދައްކާ ވާހަކަ ދަރިފުޅަށް ވިސްނޭނެ."

މިހެން ބުނެފައި މަންމަ ނުކުމެގެން ހިނގައްޖެއެވެ.

ރުޚްސާނާ ކޮޓަރިއަށް ވަދެއްޖެއެވެ. އަދި އެނދާ ދިމާއަށް ބަލައިލިއެވެ. ބާދްޝާ ޖާނީ އޮތީ ދަރިފުޅު އެއް އަތްދަނޑިމަތީގައި ބާއްވައިގެން ނިދައިމަރުވެފައެވެ. ދެބަފައިން ފެނުނީމާ އޭނާއަށް އުފަލުން ހިނިތުންވެލެވުނެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް މޫނުބަލާ ލޯގަނޑުގެ ކުރިމައްޗަށް ހުއްޓިއްޖެއެވެ. ލޯގަނޑުން ފެންނާ އެހެރީ އޭނާގެ ފަޅިމޫނެވެ. އޭނާގެ މޫނުގެ ހުތުރު ފަޅި މިހާރު އެހެރީ މަލަން އަޅައި ފޮރުވައިފައެވެ. އެހެން ނުހަދައި ހުންނައިރު އެ ފަޅި ފެންނަނީ ވަރަށް ބިރުވެރި ސިފައެއްގައެވެ. އޭނާގެ ކަންފަތްދޮށުގައި ގުގުމާން ފެށްޓީ މަންމަގެ ވާހަކައެވެ. "ދަރިފުޅުގެ ދަރި ހުންނާނީ ބޮޑުވެފައި. އެކުވެރިންގެ ތެރޭގައި ދަރިފުޅަކީ ތިމަންގެ މަންމައޭ ބުނަން އޭނާ ލަދުގަންނާނެ. ލައްކަ ދޮޅު ލައްކައެއްހައި ރުފިޔާ ޖަމާ ކުރެވޭއިރު ދަރިފުޅު މުސްކުޅި ވެދާނެ. މޫނުގައި ރަނގަޅަށް ހުރި ފަޅީގައިވެސް ހުންނާނީ ރޫ ޖެހިފައި."

އޭނާ ދެ ކަންފަތުގައި އަތް އަޅައިފިއެވެ. މަންމަގެ އަޑު އަހާކަށް އޭނާ ބޭނުމެއް ނޫނެވެ. އެކަމަކު މަންމަ މިހާރަކު ވާހަކައެއް ނުދައްކައެވެ. އެހެންވީމާ ކަންފަތުގައި އަތް އެޅުމަކުން އެ އަޑެއް ނުކެނޑެއެވެ. އޭނާ ކަންފަތުން އަތް ނެގުމަށް ފަހު މޫނުގައި އަތް އަޅައިފިއެވެ. ލޯގަނޑަށް އޭނާގެ ފަޅިމޫނު ފޮރުވިއްޖެއެވެ. އެކަމަކު އެ އައިބު ފޮރުވައިގެން މުޅި އުމުރު ދުވަހު އުޅުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އޭނާގެ ފިކުރުތައް ދިޔައީ ބޮޑުވަމުންނެވެ. ޕްލާސްޓިކް ސާޖަރީއަށް ޚަރަދުވާނީ ކިހައި ވަރެއް ބާވައެވެ؟ ބޭނުންވާ ފައިސާ ޖަމާ ކުރެވޭނީ ކިހައި ދުވަހަކުން ބާވައެވެ؟

އަނެއްކާވެސް ކަންފަތްދޮށުގައި ގުގުމާން ފެށްޓީ މަންމަގެ އަޑެވެ. "ދަރިފުޅަކަށް އަދި ނޭނގޭނެ. ޖަމްޝީދު އެހެރީ ދަރިފުޅުގެ މޫނުގެ އޮޕަރޭޝަން ކޮށްދޭން ތައްޔާރަށް. ދަރިފުޅަށްޓަކައި އޭނާ އެހެރީ އެތައް ލައްކަ ރުފިޔާއެއް ޖަމާކޮށްގެން. އެކަމަކު ދަރިފުޅު ތިޔަ އުޅެނީ ފައިސާ ޖަމާކުރަން. ކުޑަކުޑަ އެންމެ ދޮގަކުން، އެންމެ މަކަރަކުން ދަރިފުޅުގެ މޫނު ރީތި ވެގެން ހިނގައިދާނެ. ރީތިކަން އެނބުރި އަތުވެދާނެ. އެޔާއެކު ބާދްޝާގެ ހިތްވެސް އަބަދަށްޓަކައި ފަތަހަ ކުރެވިދާނެ. ފަރުޒާނާ އޭނާ ޖަހައިގެންފާނެތީ ބިރު ގަންނާކަށް ނުޖެހޭނެ. ދަރިފުޅުގެ ކުރިމަތީގައި ފަރުޒާނާގެ ރީތިކަންވެސް އެއްޗަކަށް ނުވާނެ. އެކަމަށްޓަކައި ދަރިފުޅު ކުރާން ޖެހޭހައިވެސް ކަމަކީ ކުޑަކުޑަ... ކުޑަކުޑަ މަކަރެއް..."

އޭނާ ކަންބޮޑު ވެފައި ލޯގަނޑުގެ ކުރިމަތިން އެއްފަރާތް ވެލިއެވެ. ބާރަށް ހިނގާފައި ގޮސް ކޮޓަރިން ނުކުމެއްޖެއެވެ. ބޭރަށް ނުކުމެ ބޭރަށް ނުކުންނާން ހުންނަ ހަރުފަތްމަތީގައި މަންމަގެ ކައިރީގައި އިށީނދެއްޖެއެވެ. "މަންމާ. ހަދަންވީ ގޮތެއް އަހަންނަކަށް އެއްގޮތަކަށްވެސް ނޭނގޭ. އަހަރެން ބޭނުން ވަނީ ވީހައިވެސް އަވަހަކަށް ފައިސާ ޖަމާކުރަން. މަންމަ ދެއްކީ ތެދު ވާހަކަ. ފައިސާ ޖަމާކުރެވޭއިރު އަހަރެން އިންނާނީ މުސްކުޅިވެފައި. މުސްކުޅިވެ އަޖޫޒުވީމާ ޕްލާސްޓިކް ސާޖަރީ ހެއްދުމުގެ ބޭނުމަކީ ކޮބާ؟ މޫނަކު މިހާރު މިހިރަ ތާޒާކަމެއް ނުހުންނާނެ."

"ތިޔަ ދައްކަނީ ތާޒާކަމުގެ ވާހަކަ. ފިރިހެނެއްގެ ނަޒަރުން ބަލައިލަބަލަ. ދަރިފުޅަށްވުރެ ތާޒާކޮށް ފަރުޒާނާ ފެންނާނެ. އެކަމަކު އެހެރީ މީހަކާ ނީނދެ. މިހާރު މީހަކާ އިނދެގެން އިންނަމަ ދެތިން ދަރިންގެ އަމަޔަކަށް ވެއްޖައީސް. މި ހުރިހައި މައްސަލައެއް ހައްލު ވެއްޖައީސް."

"ފައިސާ ޖަމާކުރަން ތިން ހަތަރު އަހަރު ވާނެ. އެ މުއްދަތުގެ ތެރޭގައި ފަރުޒާނާ ބާދްޝާ މޮޔަކޮށްލައިގެން އޭނާ ޖަހައިގެންފިއްޔާ އަހަރެން ހަދާނީ ކިހިނެއް؟ އަހަރެން މިއީ މިހާރުވެސް ބައިމީހެއް. ފަރުޒާނާއަށް ބާދްޝާ ލިބިއްޖެއްޔާ އަހަރެން މުޅި އުމުރު ދުވަހަށް ބައިމީހަކަށް ވެދާނެ. ބާދްޝާ އަތުން ބީވެގެން ދިޔައީމާ މޫނު ރީތި ކުރަނީ ކާކަށް ދައްކަން؟"

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.