ފަޅިމޫނު - 61

(29 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"އަހަރެން މި އަންނަނީ."

މިހެން ބުނެފައި ރުޚްސާނާ ބަލައިލީ މަންމަޔާ ދިމާއަށެވެ. "އަވަހަށް ކިޔައިދީ. ދެނޯ؟"

"އަވަހަށް ކިޔައި ދެނީ ކިހިނެއް؟ ދަރިފުޅު މަންމައަށް ނޭވައެއްވެސް ލިޔަ ނުދެމެއްނު. އޭނާ ބުނި ގޮތުގަައި ޢަމަލަކީ އިސްލާމްދީނުގައި ވަރަށް މުހިއްމު އެއްޗެއް. އެކަމަކު ޢަމަލާ އެކީގައި ﷲ ތަޢާލާ ބައްލަވައިވޮޑިގެންވަނީ ނިޔަތުގެ މައްޗަށް. ޝަރުޢީ ހަމަތަކުން ބަލާއިރު ކާވެނީގެ ޢަމަލު ހިނގައިފިނަމަ އެ ކާވެނި ސައްހަ ވާނެ. އެކަމަކު އަހަރެމެންގެ ނިޔަތާއި ތެދުދޮގު ބައްލަވައިވޮޑިގެންވާ ފަރާތަކީ ﷲ. ﷲ ގެ ހަޟުރަތުގައި ކާވެނި ސައްހައެއް ނުވާނެ."

ގެނބެމުންދާ ކަމުގައި ރުޚްސާނާއަށް އިހުސާސް ކުރެވުނެވެ. އެ ވަގުތު ދަރިފުޅު ރޮއިގަތް އަޑު އިވިއްޖެއެވެ. އޭނާ ދެ އަތުން ބޮލުގައި ހިފަހައްޓައިލިއެވެ. "މަންމާ. މި ވަގުތު އަހަރެންގެ ހާލު ރަނގަޅެއް ނޫން. މަންމަ ގޮސް ދަރިފުޅު ރަމަތަ ކުރެވޭތޯ ބަލައިދީ. ޖާނީ ގާތު ބުނޭ އަހަރެން އެބަ އާދެއޭ. މި ވަގުތު އޭނާޔާ ކުރިމަތިލާކަށް ނުކެރޭނެ."

މަންމަ ދާން ހިނގައިގެންފައި އެނބުރި އޭނާޔާ ދިމާއަށް ބަލައިލިއެވެ. "ދަރިފުޅާ. ކަންބޮޑު ނުވޭ. އޭނާ އެހެން ވާހަކައެއްވެސް ބުނި. ބުނީ ކާވެނި ކުރެވޭ މީހަކު ގަބޫލު ކުރުމަކީ ބާދްޝާގެ ނިޔަތް ކަމުގައި ވަނީ ވިއްޔާ ކާވެނި ސައްހަ ވާނެއޭ. މާނައަކީ އަހަރެމެން ހެދި މަކަރު އޭނާއަށް އެނގުނު ފަހުންވެސް އޭނާގެ ނިޔަތް އޮތީ ކާވެނި ގަބޫލު ކުރުމުގެ މައްޗަށް ކަމުގައި ވަނީ ވިއްޔާ ކާވެނި ސައްހަ ވާނެއޭ."

މިހެން ބުނެފައި މަންމަ ހިނގައްޖެއެވެ. ރުޚްސާނާއަށް ނުވެއްޓި ކޮޅަށް ހުރެވުނީ ފާރުގައި ހިފަހައްޓައިގެން ހުރީމައެވެ. އޭނާގެ ވަރު ދެރަވާން ފަށައިފިއެވެ. ބޮލަށް ބަރުވެއްޖެއެވެ. ބާދްޝާއަށް އެއްވެސް ކަމެއް އެނގޭކަށް އޭނާ ބޭނުމެއް ނުވެއެވެ. ކޮންމެވެސް ދަންނަބޭކަލަކު ބާދްޝާއާ ސުވާލު ކުރާނެއެވެ. އަނތްބެއްގެ ގޮތުގައި ރުޚްސާނާ ގަބޫލު ކުރަން ހެއްޔެވެ؟ ގަބޫލު ނުކުރާނަމަ ރުޚްސާނާޔާއެކު މިހައި ދުވަސް ހޭދަކުރީ ކީއްވެގެން ހެއްޔެވެ؟ މިކަހަލަ އެތައް ސުވާލެއް ކުރާނެއެވެ. މައްސަލަ ބޮޑު ވެގެން ގޮސް މިހާރު މިއޮތީ ދަންނަބޭކަލުންނާ ހަމައަށް އައިސްފައެވެ. މިއީ ޖާނީއަށް އަންގައިގެން ވާނޭ ކަމެއް ނޫނެވެ. އޭނާ މިހާރުވެސް އެހެރީ ފަސް އަހަރު ދުވަސް ވާންދެން ރުޚްސާނާގެ އިންތިޒާރުގައި، މީހަކާ ނީނދެ ހުންނާނޭ ކަމަށް ވައުދު ވެފައެވެ. އެކަމަކުވެސް އޭނާއަށް ހުރިހައި ކަމެއް އެނގިއްޖެ ނަމަ އޭނާ މަގުން އެކަހެރި ކޮށްލާން ފަރުޒާނާ އުޅުމަކީ ނުވާނޭ ކަމެއް ނޫނެވެ.

ރުޚްސާނާ ހުރިހައި ކަމެއް ސިއްރު ކުރާ ސަބަބަކީ އެއީއެވެ.

މަންމަ ދަރިފުޅު ގޮވައިގެން ބަދިގެއަށް އަތުވެއްޖެއެވެ. "ދަރިފުޅާ. ވަރަށް މުހިއްމު ވާހަކައެއް މަންމައަށް އަދި ނުބުނެވި އެބައޮތް. މަންމަޔާ ވާހަކަދެއްކި އިލްމުވެރިޔާ ބުނީ އެހެން ދަންނަބޭކަލުންނާ މަޝްވަރާކޮށް ވަކި ގޮތެއް ކަނޑައަޅާންދެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ދަރިފުޅާއި ބާދްޝާއާ ދެކުދިން ތިބެން ވާނީ އެކަކު އަނެކަކާ ދުރުގައޭ. ދެމަފިރިންގެ ގޮތުގައި ދިރިއުޅުން ވޭތުކޮށްގެން ނުވާނެއޭ."

ރުޚްސާނާގެ ހިތް ހުއްޓުނު ކަހަލައެވެ. ގުޅުން ކަނޑައިލުމާއި ވަކިވުމުގެ ވާހަކަ ފެށުނީއެވެ. ޖާނީއާއި އޭނާޔާ ދެމެދު އޮތީ އާދައިގެ ގުޅުމެއް ނަމަ މީހަކު ބުނެލީމާ ނުވަތަ މަޖުބޫރު ކުރީމާ ކަނޑައިލެވިދާނެއެވެ. ލޭގެ ގުޅުންވެސް ކެނޑެނީތާއެވެ. އެކަމަކު ޖާނީއަކީ އޭނާގެ ބުރުގާއެވެ. އެއީ މަރުވާންދެންވެސް ބޯމަތީން ސޮއްސައިލެވޭނޭ އެއްޗެއް ނޫނެވެ. އެއީ އޭނާގެ ލަދުވެތިކަމެވެ. އެ ލަދުވެތިކަން ވަނީ ޖާނީގެ މުށުތެރޭގައި ބަންދުވެފައެވެ. ޖާނީގެ މުށުން ދޫވެގެން ގޮސް އެހެން މީހެއްގެ މުށުތެރެއަށް ވަދެއްޖެ ނަމަ އެ ލަދުވެތިކަމުގެ އަހުމިއްޔަތުކަމާއި ބާރާއި ގަދަރު ނެތިގެން ހިނގައިދާނެއެވެ. އޭނާއަކީ އަބުރުވެރި އަންހެނަކަށް ވިޔަސް ބާދްޝާ ދޫކޮށްލާފައި އެހެން މީހެއްގެ ގާތަށް ހިނގައްޖެނަމަ ބެލެވޭނީ ބައު މީހެއްގެ ގޮތުގައެވެ. އެފަދަ ހާލަތެއްގައި އޭނާގެ ދަރިފުޅަށް ވާނީ ކިހިނެއް ހެއްޔެވެ؟ އެއީ ޖާއިޒު ދަރިއަކަށް ނުވާނަމަ ޖާނީ އެ ދަރިފުޅުގެ ބައްޕައަކަށްވެސް ނުވާނެއެވެ. ރުޚްސާނާ ހަލާލު މަޔަކަށްވެސް ނުވާނެއެވެ. އެ ދަރިއަކީ ދެމީހުންކުރެ މީހެއްގެ ދަރިއަކަށް ނުވާނަމަ ވާނީ ކާކުގެ ދަރިއަކަށް ހެއްޔެވެ؟ ދަރިފުޅުގެ މައިންބަފައިންގެ ގޮތުގައި ބާދްޝާއާއި ރުޚްސާނާ މުޖުތަމަޢަށް ދެއްކިދާނެއެވެ. އެކަމަކު އެއީ ހުތުރު ލައްގަނޑަކަށް ނުވާނެ ގޮތެއް ހެދޭނޭ ހެއްޔެވެ؟

ރުޚްސާނާއަށް ރޮވިއްޖެއެވެ. "ނޫން... މަންމާ. ޖާނީއާ އަހަންނާ ދެމެދު އޮންނަ ގުޅުމާއި ދަރިފުޅާ އޮންނަ ގުޅުން ހުތުރު ލައްގަނޑަކަށް ވުމުގެ ކުރިން އަހަރެން މަރުވެގަންނާނަން. އަހަރެން ދުވަހަކުވެސް ޖާނީއަކާ ވަތްކެއް ނުވާނަން."

ދަރިފުޅު ރޮނީއެވެ. މަންމަ ރޮނީއެވެ. ދަރިފުޅު އެއްވެސް ބިރެއް ނުގަނެއެވެ. މުޅި ދުނިޔެއަށް ކަރުނަ ދައްކާކަށްވެސް ޖެހިލުމެއް ނުވެއެވެ. އެކަމަކު މަންމަ ޖާނީ ދެކެ ބިރުގަނެއެވެ. ދަރިފުޅު އަޑުންއަޑުނަގައި ރޮނީއެވެ. މަންމަ ރޮނީ ސިއްރުސިއްރުންނެވެ.

ދެވަނައަށްވީ ދުވަހު ބާދްޝާގެ ހުން ލުހެލައިފިއެވެ. ހެނދުނު ނާސްތާއިން އަވަދިވެގެން އޭނާ ތައްޔާރުވާން ފެށީ ބޭރަށް ދާށެވެ. "މި ދަނީ މަސައްކަތު."

ރުޚްސާނާ ބުންޏެވެ. "ދާނެ ކަމެއް ނެތް. މިއަދު އަރާމުކޮށްލާ. މާދަމާ ކާރު ދުއްވާނީ."

"މިއަދު އަރާމު ކުރީމާ އެއް ދުވަހުގެ އާމްދަނީ ގެއްލޭނެ. ހަނދާން ނެތުނީތަ؟ އަހަރެމެން ވަރަށް ގިނަ ފައިސާ ޖަމާކުރަން އެބަ ޖެހެއެއްނު؟ މި ގޭގައި ކުލިނިކެއް ހުޅުވަން އެބަޖެހޭ. ރުޚްސާނާގެ މޫނުގައި އެބުނާ ކަހަލަ ޕުލާސްޓިކެއް އަޅުވަން އެބަޖެހޭ. އެކަން ކުރެވޭނީ ވިލާތަށް ގޮސްގެން. މިހާރު އަހަރެންގެ ކުރިމަތީގައި އޮތް އެންމެ މުހިއްމު ދެ ކަމަކީ މިއީ."

ރުޚްސާނާ އުފާވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. އަދި އޭނާގެ ގަމީހުގެ ގިރުވާނު ރަނގަޅު ކޮށްދެމުން ބުންޏެވެ. "ޖާނީ އަހަންނާމެދު ހާދަހައި ވަރަކަށް އެބަ ވިސްނައޭ. އަހަރެންވެސް ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރާނޭ ކަމަށް ވައުދުވަން. ވީހައިވެސް އަވަހަކަށް ފައިސާ ޖަމާކޮށްގެން ޖާނީގެ ކުރިމަތީގައި ރީތި މީހަކަށް ވާނަން."

ބާދްޝާގެ އޭނާގެ ކޮނޑުގައި އަތް އަޅުވައިލިއެވެ. "ރުޚްސާނާގެ ފަޅިމޫނު ދެކެ އަހަރެން ބިރުގަނެއޭ ހީކުރަނީތަ؟"

"ނޫނޭ. އެހެންނެއް ހިއެއް ނުކުރަން. އަހަރެން މިއީ އެވަރުގެ މޮޔައަކީމެއް ނޫން. އެކަމަކު ﷲ ތަޢާލާ އަހަންނަށް ރީތި ބުރުސޫރައެއް ދެއްވިކަން އެނގޭ. އެ ބުރުސޫރަ ފުރިހަމައަށް ޖާނީއާ ހަމައަށް ގެނައުމަކީ އަހަރެންގެ މަސްއޫލިއްޔަތެއްކަންވެސް އެނގޭ. އަހަރެންގެ ފުށުން ހެވާއި ރީތިކަމަށް އެދުމަކީ ޖާނީގެއަށް ލިބިފައިވާ ހައްގެއް. އަހަރެން އެކަން ފުރިހަމަ ކުރާނަން."

ބާދްޝާ ގޮނޑިއެއްގައި އށީނދެ ބޫޓަށް އަރާން ފެށްޓީމާ ރުޚްސާނާ އޭނާގެ ފައިބުޑުގައި އިށީނދެ ބޫޓުގެ ނާޑުވާ އައްސައިދޭން ފަށައިފިއެވެ. "އަހަރެންގެ ހިތަށް އަރާ މި ނާޑުވާހެން ތާއަބަދަށް ބާދްޝާގެ ފައިގައި އަހަރެން ބަނދެވިފައި ހުންނާނެ ނަމައޭ. އޭރުން އެއްވެސް މީހަކަށް ބާދްޝާ ނުއެއް ގެންދެވޭނެ. ބާދްޝާއަކަށް އަމިއްލައަކަށް ނުވެސް ދެވޭނެ."

ބާދްޝާ ކުޑައިރުކޮޅަކު އޭނާގެ މޫނަށް ބަލަހައްޓައިގެން އިނުމަށް ފަހު ބުންޏެވެ. "މި ދުނިޔޭގައި ބައެއް މީހުންނާއި ބައެއް އެއްޗެހި ބަނދެގެން ގޮށް ޖަހައިގެން ގެންގުޅެނީ ކީއްވެގެން ބާވައޭ އަހަރެންގެ ހިތަށް އަރާ. މޮހައިލެވޭނޭ ގޮތްވެސް ހުންނަނީ ބަންނާން ވެގެން އެ ޖަހާ ގޮށުގައި. އެހެންވީމާ ބަނުމުގެ ބޭނުމެއް ނެތެއްނު؟"

ނާޑުވާ އައްސައި ނިމިގެން ރުޚްސާނާ އޭނާގެ އުނގުގައި އަތް އަޅައިލިއެވެ. "ތިޔައީ ވަރަށް ރަނގަޅު ވާހަކައެއް. ބަނދެގެން ކުރެވޭނޭ އެއްވެސް ކަމެއް ނޯންނާނެ. ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ ފައިސަލާއެއް ކުރުމުގެ ހައްގާއި ބާރު އޮންނާނެ. އެ ގޮތަށް ދޫކޮށްލުމަށްވުރެ މޮޅު ގޮތެއް ނޯންނާނެ. އެކަމަކު އަންހެނުންގެ ހިތް ވަރަށް ބަލިކަށިވާނެ. ހުރިހައި ކަމެއް އެނގިތިބެމެ އަންހެނުން މަސައްކަތް ކުރާނީ އެމީހުންގެ ފިރިން ފަސްބައިގައި ބަނދެގެން ގެންގުޅެން."

ބާދްޝާ އޭނާޔާ ދިމާއަށް ކުޑަކޮށް ގުދުވެލިއެވެ. "އަހަރެން ދޮރު ލައްޕައިލާނަން. އަހަރެން ބަނުމުގެ މަސައްކަތް ފަށްޓާ."

ރުޚްސާނާ ހީނގެންފައި ކޮޅަށް ތެދުވެއްޖެއެވެ. "ނޫނޭ. ބަދިގޭގައި މަންމަ އެބައުޅޭ. ސަކަރާތް ޖަހަން ނޫޅޭ."

އޭނާ ކޮޅަށް ތެދުވެ ރުޚްސާނާގެ ގައިގައި ބައްދައިލިއެވެ. "އަހަރެމެން ދެމީހުންގެ މެދުގައި މިހައިވަރަށް ލޯބި އޮންނައިރުވެސް ކޮންމެވެސް ކަމެއް މަދު އެބަވެއޭ އަހަރެންގެ ހިތަށް އަރާ. ރުޚްސާނާގެ ހިތަކަށް މިހެންނެއް ނާރާތަ؟"

"އާނ ޖާނީ. އަހަރެންގެ ހިތަށްވެސް ތިޔަހެން އަރާ. ނިކަން ވިސްނައިލަބަލަ. ކާވެނި ކުރެވުނު ދުވަހުން ފެށިގެން އަހަރެމެން ދެމީހުން މި އުޅެނީ ވަރަށް އުފަލުގައި. ބާދްޝާ އަހަރެންގެ އުފަލަށްޓަކައި ކުރާ ކަންތައްތަކަކީ އަހަރެން ކުރިން ހީވެސް ނުކުރާ ކަހަލަ ކަންތައްތަކެއް. ބާދްޝާ ދުވަހަކުވެސް އަހަރެން ރުޅިއެއް ނާރުވާ. އަހަރެމެން ދެމީހުން ދުވަހަކުވެސް އަރައިރުމެއް ނުވަން. ހިތްހަމަ ނުޖެހޭ ކަމެއް ދިމާވިޔަސް ބައެއް ފަހަރު ބާދްޝާ ހިމޭނުން ހުރެދާނެ. އަނެއްބައި ފަހަރު އަހަރެން ހިމޭންވަނީ. މައްސަލަ އިސާހިތަކު ހިނދިގެން ހިނގައިދޭ."

"އަހަރެން މި ކުރީ އެހެން ސުވާލެއް. ރުޚްސާނާ ތިޔަ ދައްކަނީ މުޅިން އެހެން ވާހަކައެއް."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.