ހޮޓާ ރެސްޓޯރަންޓު ހިންގާ ފަރާތްތަކަށް ދިމާވާ ދަތިތަކަށް ހައްލު ކުރުމަށް ސަރުކާރަށް ގޮވައިލާ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ހުށަހަޅުއްވައިފިއެވެ.
މައްސަލަ ހުށަހަޅުއްވަމުން ސަލީމް ވިދާޅުވި ގޮތުގައި މި މައްސަލައަކީ ކޯވިޑް-19 ގެ ސަބަބުން ހޮޓާ ރެސްޓޯރަންޓުތައް ބަންދު ކުރުމުގެ ސަބަބުން ބައެއް ތަންތަން ބަންދުކޮށް ބަނގުރޫޓުވާ ހިސާބަށް ގޮސްފައި ވާތީ ހުށަހެޅުއްވި މައްސަލައެކެވެ. ކޯވިޑް-19 އަކީ ނުރައްކާތެރި ބައްޔަކަށް ވުމާއެކު އަޅަމުން ގެންދާ ފިޔަވަޅުތަކާ ދެކޮޅު ނުހައްދަވާ ކަމަށާއި އެހެންނަމަވެސް އެ ނުރައްކަލުގެ ސަބަބުން ބަޔަކު ބަނގުރޫޓު ވާން ދޫކޮށްލައިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ސަލީމް ފާހަގަ ކުރެއްވި ގޮތުގައި ކުއްލި ނުރައްކަލަކީ ކުއްލިއަކަށް ދިމާވާ ނުރައްކަލެކެވެ. އެހެންވީމާ މިހާރު އޮތީ ކުއްލި ނުރައްކަލުގެ ހާލަތެއް ކަމަށް ބެލުމުގެ ބަދަލުގައި މިހާރު ވަނީ ހާލަތާ އެކު ދިރިއުޅެން ދަސްކޮށް ކުރިއަށް ދާން ޖެހިފައި ކަމަށް ދެކެވަޑައިގަންނަވާ ކަމަށް އޭނޭ ވިދާޅުވިއެވެ.
ސަލީމް އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި ފިހާރަތަކަށް ދީފައިވާ ވަގުތު އިތުރުވެފައި ވިޔަފާރި ކުރަންދާ މީހުން ތޮއްޖެހިގެން ތިބޭތަން ފެނިވަޑައިގަންނަވާ ކަމަށާއި ވުމާއެކު ހޮޓާ ރެސްޓޯރަންޓުތަކަށް މާ ކުޑަ ވަގުތުކޮޅެއް ދޭ ގޮތް ގަބޫލު ކުރައްވަން ދަތި ކަމަށާއި ހޮޓާ ރެސްޓޯރަންޓު ތަކުން އެޗްޕީއޭގެ މިންގަނޑުތަކާ އެއްގޮތަށް ހިންގަން ލުއިތަކެއް ދޭން ސަރުކާރަށް ގޮވައިލެއްވީއެވެ.