ފަޅިމޫނު - 47

(9 މާރިޗު 2021 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ބާދްޝާ ޖާނީ ބޭރަށް ނުކުމެއްޖެއެވެ. ބޭރުގައި އޭނާގެ ކާރު އޮތެވެ. ހަސްފަތާލުގައި މީހުން ތަޅައިގަތީމާ އޭނާ ހޭނެތުނީއެވެ. ފުލުހުން އޭނާ ފުލުސްއޮފީހަށް ގެނައީ އޭނާގެ ކާރުގައިކަން ފަހުން އެނގުނެވެ. އޭނާ ކާރަށް އަރައި ފަހަތް ބަލާން ހުންނަ ލޯގަނޑުން އަމިއްލަ މޫނަށް ބަލައިލިއެވެ. އޭނާ ހައިރާންވިއެވެ. މޫނު ދުޅަ ވެފައިވާ ވަރުން މީހާ ވަކިކުރަންވެސް ނޭނގެއެވެ. މޫނުމަތީން ޒަޚަމްގެ ނިޝާން ފެންނާން ހުއްޓެވެ. ލޭއައިސް ހިކިފައި ހުއްޓެވެ. އޭނާ ކާރުގައި ގޮސް މަޑުކޮށްލީ ރާޚާނާއެއްގެ ދޮށަށެވެ. އިރުކޮޅެއް ވާންދެން ހިމޭނުން ކާރުގައި އިނެވެ.

މީހަކު އައިސް އޭނާޔާ ސުވާލުކޮށްލިއެވެ. "ބޭނުމީ ކޯނޗެއް؟"

އޭނާ ބޫޓުކިބަ ބޭލުމަށް ފަހު ބޫޓު ކިބައިގެ ތެރޭގައި އޮތް ސަތޭކަ ރުފިޔާގެ ދެ ނޫޓުގެ ތެރެއިން އެއް ނޫޓު ނަގައި އެމީހާގެ އަތަށް ދީފިއެވެ. "ރާއާއި ބައިފުޅި ސޮޑާއާއި ފެންފުޅިއަކާ ގެނެސްދީ."

އެމީހާ ހިނގައްޖެއެވެ. ބާދްޝާ އަނދިރީގެ ތެރޭގައި އިނދެގެން ކުރިއަށް ބަލަނީއެވެ. މުޅި ތަނަށް އޮތީ އަނދިރިކަން ވެރިވެފައެވެ. އެއްވެސް އެއްޗެއް ސާފެއްކޮށެއް ނުފެނެއެވެ. އޭނާގެ ހިތަށް އެރިއެވެ. ބަދަލު އައިސްފައި މިވަނީ އަހަރެންގެ މޫނަށް އެކަންޏެއް ނޫނެވެ. މުޅި ދުނިޔެ މިއޮތީ ބަދަލުވެފައެވެ. ކަޅުވެފައެވެ.

އޭނާ މޫނުގައި އަތް ޖައްސައިލިއެވެ. އަދި ހިތާހިތާ ވާހަކަދައްކަމުން ދިޔައެވެ. މޮޔައިންގެ ގައިގައި މީހުން ތަޅަނީ ކީއްވެގެން ހެއްޔެވެ؟ މޮޔައިންނަކީ ތަހުޒީބުގެ ދާއިރާއިން ބޭރުގައި އުޅޭ ބައެކެވެ. އެމީހުން ދައްކާނީ ޣައިރުތަހުޒީބީ ވާހަކައެވެ. ހަރަކާތްތައް ހުންނާނީ ތަހުޒީބުން ބޭރުގައެވެ. އެކަމަކު ބުއްދި ހަމަޖެހޭ މީހުންގެ ކަންތައްތައް މި ހުންނަނީ ހައިރާންވާފަދަ ގޮތަކަށެވެ. އެމީހުން ތަހުޒީބުގެ ދާއިރާާއިން ބޭރުވެ ހުތުރު އެއްޗެހި ގޮވަނީ ކީއްވެގެން ހެއްޔެވެ؟ ގަަޔަށް ބޮލަށް އަރައިގަންނަނީ ކީއްވެގެން ހެއްޔެވެ؟ މޮޔައެއްގެ ގައިގައި ތަޅައިގަންނަ މީހާ ޚުދު ތިމާއަކީވެސް މޮޔައެއް ކަމަށް ސާބިތުކޮށް ދެނީއެއް ނޫން ބާވައެވެ؟ އޭނާ ފަރުޒާނާ ހޯދާން އެވަރަކުން އުޅެނީ ކީއްވެގެންހެއްޔޭ އެކަކުވެސް ނާހައެވެ. ފަރުޒާނާއަކީ ކާކު ހެއްޔޭވެސް ނާހައެވެ. އެމީހުން އެ ނަރުސްކުއްޖާޔާއި ފަލަ ފަރުޒާނާގެ ބަހަށް ހެއްލިގެން އޭނާގެ ގައިގައި ތަޅައިގަތީއެވެ. އަޖައިބެއް ކަހަލަ ކަމެކެވެ. ޒުވާން އަންހެން ކުދިންނާ ނުފޮށެނީ ކާކު ހެއްޔެވެ؟ ބައެއް މީހުން ފޮށެނީ ހިތް އަތްމަތީގައި ބާއްވައިގެން ފާޅުގައެވެ. ބައެއް މީހުން އަބުރުވެރިކަމުގެ ސަބަބުން ފިނޑި ބަޔަކަށް ވެދެއެވެ. އެފަދަ މީސްމީހުން ފޮށެނީ ވަގަށެވެ. އެކަމަކު އެހެން މީހަކު އަންހެން ކުއްޖަކާ ފޮށޭތަން އެއިން މީހަކަށް ފެނިއްޖެއްޔާ އެމީހުންގެ ހިތުގައި ޖެހެނީ މާވަރަކަށެވެ. އެޔާއެކު އެ ފޮށުނު ފިރިހެނެއްގެ ގައިގައި ތަޅައިގަނެ، އަންހެނުންގެ ހަމްދަރުދުންނަށް ވެގަނެއެވެ. ތަޅައިމަރައިގަތުމުގެ އުސޫލުގެ ބަދަލުގައި ސުވާލުކުރުމުގެ އުސޫލު އޮންނަ ނަމަ ބާދްޝާ ޖާނީގެ ނިޔަތް ނުބައި ނޫންކަން އެމީހުންނަށް އެނގުނީހެވެ. އޭނާގެ ބޭނުމަކީ މީހަކާ ފޮށުން ނޫންކަން އެނގުނީހެވެ. އޭނާާ ކުރިހައިވެސް ކަމަކީ އޭނާގެ ލޯބީގެ އެޑްރެސް ހޯދަން މަސައްކަތް ކުރުމެވެ. އެޑްރެސް އޮޅުންފިލުވުމުގައި މޮޔަވާާ ދަރަޖައަށް ޝައުގުވެރިކަން ހުރުމަކީ މުޅީން އެހެން ކަމެކެވެ. އެއީ އޭނާގެ ކުށެއް ނޫނެވެ. މީގެ ކުރީން ލޯބީގެ ސިފަ އެކި ގޮތްގޮތަށް ބަދަލުވެގެން ދިޔަތަން އޭނާ ވަނީ ދެކެފައެވެ. އޭނާ މަސައްކަތް ކުރަމުން އެ ގެންދަނީ ލޯބީގެ ފުރިހަމަ ސޫރަ ދެކޭހިތުންނެވެ. އެކަމަކު ކޮންމެ ފަހަރަކު މި ފެންނަނީ ފަޅިމޫނެކެވެ.

ރާޚާނާގެ މީހާ ރާއާއި ސޮޑާއާއި ފެނާއި ތަށްޓަކާ ހިފައިގެން އަތުވެއްޖެއެވެ. ބާދްޝާ ޖާނީ ބޯން ފަށައިފިއެވެ. މިނިޓެއްހައި އިރުވެސް ނުވަނީސް އޭނާ ރާތަށި ހުސްކޮށްލައިފިއެވެ. ހީވަނީ އެއްޗެއް ނުބޯތާ އެތައް އަހަރެއް ވެފައިވާ މީހަކު ހެންނެވެ. އެއް ތަށި ބޮއި ނިމުނުިއރު ކުޑަކޮށް އަނބުރައިގަންނަ ގޮތް ވާން ފަށައިފިއެވެ. މިހާރު ހަށިގަނޑުގައި ވޭނެއް ނާޅައެވެ. ތަދު ކެނޑިއްޖެއެވެ. ދެވަނަ ތަށި ފުރައިލުމަށް ފަހު އޭނާ ކާރުގެ ދޮރު ހުޅުވައިލިއެވެ. އަދި ރާއިން އަނގަ ދޮންނާން ފަށައިފިއެވެ. އަދި ހަމަ އެއިން މޫނުވެސް ދޮވެލިއެވެ. އާއްމު ރާޚާނާތަކުން ވިއްކާ ރާގައި އިސްޕިރިޓު ވަރަށް ގިނައިން ހުރެއެވެ. މޫނުގައި ހުރި ޒަޚަމްގައި ރާ ޖެހުނީމާ ވަރަށް ބޮޑަށް ދިލަ ނަގާން ފަށައިފިއެވެ. ހީވަނީ މޫނު އަނދަމުންދަނީ ހެންނެވެ. އެޅި ވޭނާއެކުވެސް އޭނާއަށް ގޮވައިލެވުނީ ފަރުޒާނާއަށެވެ. "ފަރު... ފަރުޒާ... ފަރުޒާނާ..."

* * *

ފަރުޒާނާ ހިނިތުންވަނީއެވެ. މުސްކުޅި އަންހެނެއްގެ ވިންދު ބަލަމުން ބުންޏެވެ. "ދައްތާ. ނިކަން ބަލައިލަބަލަ. އަހަރެން މި ހިނިތުންވަނީ. ހަމަ މި ގޮތަށް ދައްތަވެސް ހިނިތުންވާންވާނެ. އުފާވެރިކަމަށްވުރެ މޮޅު ބޭހެއް ނުހުންނާނެ. އިންސާނާގެ ބަލީގެ ދެބައިކުޅަ އެއްބައި އެ ބޭހުން ރަނގަޅު ވެދާނެ. އަހަރެން ބޭސްވެސް ލިޔެދޭނަން. އެކަމަކު އަހަރެންގެ ބޭހުގައި ހިނިތުންވުންވެސް ހިމެނޭ."

މުސްކުޅި އަންހެންމީހާ އޭނާގެ މޫނަށް ފަރުވާތެރިކަމާއެކު ބަލައިލާފައި ބުންޏެވެ. "މާފުކުރޭ ކޮއިފުޅާ. ކިތަންމެ ވަރަކަށް ހިނިތުންވިޔަސް ކަނބުލޮގެ ލޮލުން ފެންނަނީ އެހެން ކުލަވަރެއް. ބޮޑެތި މައްސަލަތަކެއްގެ ކުލަވަރު. ކަންބޮޑުވުމުގެ އަލާމާތް."

"ނޫނޭ." އޭނާއަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އެމީހާގެ އަތުން ދޫކޮށްލުމަށް ފަހު ގޮނޑީގައި ހަމަޖެހިލިއެވެ. "ދައްތަ ތިޔަހެން ބުނީ ކީއްވެގެން؟ އަހަރެންގެ އޮންނާނީ ކޮން ކަންބޮޑުވުމެއް؟ އަހަރެން ކަންބޮޑުވާ އެއްވެސް ކަމެއް ނެތް."

މުސްކުޅި އަންހެންމީހާ ބުންޏެވެ. "މައްސަލައަކީ ތިޔައީ. އަހަރެމެން އެންމެންވެސް މި ތިބެނީ ހިތާމަތައް ހިތުގައި ފޮރުވައިގެން. އެހެން މީހުން ގާތު ބުނަނީ މިހިރީ ވަރަށް އުފަލުގައޭ. އަހަންނަކަށް އެއްވެސް މައްސަލައަކާ ނުވަތަ މުސީބާތަކާ ކުރިމަތި ވެގެންނެއް ނޫޅެމޭ. ގޭގައި ހުންނަ ކުލަ ޓީވީއާއި ބޮޑު ސޯފާއާއި ފާރުގައި އެލުވާފައި ހުންނަ ފޮޓޯއާއި މާވަށިތަކުގައި ހުންނަ މަލުގެ ފުރަގަހުގައި ހިތާމަ ފޮރުވޭތަ؟ ކޮއިފުޅާ. އެއީ ވާނޭ ކަމެއް ނޫން. ކިތަންމެ ވަރަކަށް ފޮރުވަން އުޅުނަސް ހަގީގަތް އޮންނާނީ ހަގީގަތުގެ ގޮތުގައި. ކޮންމެ އިންސާނަކީވެސް މި ދުނިޔޭގެ ދިރިއުޅުމުގައި މުސީބާތާ ކުރިމަތިލާ މީހެއް."

ފަރުޒާނާ އިސްދަށަށް ޖަހައިލިއެވެ. ބޭސް ސިޓީ ލިޔަމުން ބުންޏެވެ. "ދައްތައަށް ހުންނާނީ ދުނިޔެ ފެނިފައި. ދައްތަގެ ތަޖުރިބާއަކާ އަހަންނަކަށް ދެކޮޅެއް ނުހެދޭނެ. މި ބޭސް ނަގައިގެން ކައި. އިރާދަކުރެއްވިއްޔާ ފަސޭހަ ވެދާނެ."

މުސްކުޅި އަންހެންމީހާ ބޭސް ސިޓީ އަތުލަމުން ބުނެލިއެވެ. "ފުރަގަހުގައި ހިތާމައާއި ފިކުރުބޮޑުވުމުގެ އަސަރެއް ނެތް ހިނިތުންވުމެއް އެއްވެސް ފިހާރައަކުން ގަންނަން ލިބޭނެތަ؟ އެއީ ވަރަށް އަގުބޮޑު ބޭހެއް. ބާޒާރުން ގަންނާން ލިބޭ ބޭހެއް ނޫން. ކިތަންމެ ބޮޑު ޚަރަދެއް ކުރިޔަސް އެބޭހެއް ގަންނާކަށް ނުލިބޭނެ."

ފަރުޒާނާ އަމިއްލަ ބޮލުގައި ދެއަތުން ހިފަހައްޓައިލިއެވެ. އެޔަށް ފަހު އިސްތަށިގަނޑުގައި ދެއަތުން އަތްފުނާ އަޅައިލިއެވެ. "ކީކޭ ބުނާނީ؟ އާނ... މަންމަ ބުނާ ގޮތުގައި މުޅި މި ދުނިޔެއަކީ ﷲ ހިންގަވާ ބޮޑު ރަށެއް. މި ރަށުން ހުރިހައި އެއްޗެއް ލިބެން ހުންނާނެ. އެއްވެސް އެއްޗެއް މަދެއް ނުވާނެ. އެކަމަކު އެހެންމީހުންގެ ހަމަޖެހުން ނަގައިލާ މީހުންނަށް މާތް ﷲ މި ދުނިޔޭގައި ހަމަޖެހުމެއް މިންވަރެއް ނުކުރައްވާނެ."

މިހެން ބުނެފައި އޭނާ ލޯމަރައިލިއެވެ. މަރައިލެވިފައިވާ ލޮލުން ފެންނަނީ ބާދްޝާ ޖާނީއެވެ. "ޖާނީއެވެ. އަހަރެން މިހިރީ އަހަރެންގެ ހަމަޖެހުން އަމިއްލަ އަތުން ނަގާލައިގެންނެވެ. ޅަ އުމުރުގައި އަންހެން ކުދިން ހޭނުޖެހޭ ކަންތައް ކުރާނެއެވެ. ވާ ލޯތްބެއްގެ ބޮޑުކަމުން އަމިއްލަ ކުޅޭ އެއްޗެހި އެކުވެރިންނަށް ދޭނެއެވެ. އެކަމަކު މޭގައި ޖައްސައި ބާރުކޮށްގެން ގެންގުޅޭ ބުދު އެހެން މީހަކަށް ނުދޭނެއެވެ. އަހަންނަކީ ޅަ ކުއްޖަކީމެއް ނޫނެވެ. ހޭނުޖެހޭ މީހަކީމެއްވެސް ނޫނެވެ. އެކަމަކުވެސް އަހަރެން ބާދްޝާ އެހެން މީހަކަށް ދިނީމެވެ. މިހާރު މި ކުރަނީ އެ ހިތާމައެވެ. މިހާރު ހިތަށް އަރަނީ ރުޚްސާނާއަށް އަހަރެންގެ ފަރާތުން ލިބުނު ގެއްލުމުގެ ބަދަލު އެހެން ގޮތަކަށް ދެވުނީހޭއެވެ. ފައިސާ ހޯދައިގެން އޭނާގެ މޫނުގެ ޕްލާސްޓިކް ސާޖަރީއެއް ހެއްދުނީހޭއެވެ. އެކަމަކު އަހަރެން މިހިރީ އަހަރެންގެ އަމިއްލަ ދިރިއުޅުން ހަލާކު ކޮށްލައިގެންނެވެ. އަހަރެން ފުރާނައިގެ މައިނާރު ބުރިކޮށްލައިގެންނެވެ."

އޭނާ ލޯ ހުޅުވައިލިއިރު މުސްކުޅި އަންހެންމީހާ ހިނގައްޖެއެވެ. ކުލިނިކު ހުސްވެއްޖެއެވެ. ބަލިމީހުންގެ ގޮތުގައި އައި އަންހެނުންނާއި ކުޑަކުދިން ގޮސް ނިމިއްޖެއެވެ. މިހާރު އޭނާ ބޭނުން ވަނީ ކުލިނިކު ބަންދުކޮށްފައި ކޮޓަރިއަށް ގޮސް އަރާމު ކޮށްލާށެވެ. އެކަމަކު އޭނާއަށް އެންމެ ބޮޑު އަރާމެއް ލިބެނީ ބާދްޝާ ޖާނީ ހަނދާން ކުރީމައެވެ. މޭޒުގައި އުޅަނބޮށި ވިއްދައިގެން ދެ އަތްތިލައިގެ ތެރެއަށް މޫނު ލައިގެން އިސްދަށަށް ޖަހައިލައިގެން އިނދެ ބާދްޝާގެ ހުވަފެން ދުށުމަކީ ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބޭ ކަމެކެވެ. ފިކުރުބޮޑުވެއެވެ. އެކަމަކު ބާވަތެއްގެ އަރާމެއް ލިބެއެވެ. ލޯތްބަކީވެސް އަޖައިބެއް ކަހަލަ އެއްޗެކެވެ. އެވަރަށް ތަޅުވާނެއެވެ. އެކަމަކު ގަރާރުކަންވެސް ގެނެސްދޭނެއެވެ. އޭނާ އަނެއްކާވެސް އިސް ދަށަށް ޖަހައިލިއެވެ. މޭޒުމަތީގައި މިއަދުގެ ނޫސް އޮތެވެ. ފެންނާން އޮތީ ނޫހުގެ ފަހަތު ސަފުހާއެވެ. ބޮޑު ދެތިން ޚަބަރެއް އޮތެވެ. އަދި ތަންކޮޅެއް ކުޑަ ޚަބަރެއްވެސް ޖަހާފައި އޮތެވެ. އެ ޚަބަރުގައި ކުލީކާރު ދުއްވާ މީހެކޭ ކިޔައިގެން އޮތް ވާހަކައެއް އޭނާގެ ލޮލުގައި އަޅައިގެންފިއެވެ. އެއީ ސުރުޚީއެވެ. ލިޔެފައި އޮތެވެ. "ކުލީކާރު ދުއްވާ މީހަކު ހަސްފަތާލަކަށް ވަދެ ހަމަނުޖެހުން ހިންގައިފި."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.