ރޭގަނޑު ކުނިނެގުމުގެ މަޤްޞަދު ޙާޞިލްވާނީ ރައްޔިތުންގެ އެއްބާރުލުން ލިބިގެން: ވެމްކޯގެ އެމްޑީ

ހޭލައިތިބެ ރޭގަނޑު ކުނިނެގުމުގެ މަޤްޞަދު ޙާޞިލްވާނީ ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ލިބިގެން ކަމަށް  ވެމްކޯ އިން ވިދާޅުވެއްޖެއެވެ.  މާދަމާރެއިން ފެށިގެން މާލޭގެ ގޭބިސީތަކުގެ ކުނިނެރެންޖެހޭ ގަޑިއަކީ ރޭގަނޑު 10 ން 12 އަށެވެ. 12 ޖެހުމުން މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ވެމްކޯ އިންފަށްޓަވާނެއެވެ. 

އާފަތިހަށް މަޢުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރ އާދަމް މުޙައްމަދު ވިދާޅުވީ މާދަމާ ދުވާލު ގަޑީީ މާލޭ ގެ އެއްވެސް ގޭބިސީއަކުން މަގުމަށްޗަށް ކުނިނުނެރުމަށް އިލްތިމާސް ކުރައްވާކަމަށެވެ.  އެމްޑީ އާދަމް ވިދާޅުވީ ވެމްކޯގެ މުވައްޒަފުން ހޭލައި ތިބެގެން ރޭގަނޑު ކުނި ނެގުމަށް މާދަމާރެއިން މިފަށާ މަސައްކަތުގެ މަޤްޞަދު ޙާޞިލް ކުރެވެނީ އާއްމު ރައްޔިތުންގެ ވަރަށް ބޮޑު އެއްބާރު ލުމެއް ލިބިގެން ކަމަށެވެ. އެހެން ކަމުން ކުނި ނެރުމަށް ކަނޑައެޅިފައިވާ ގަޑީގެ ކުރިން ކުނި ނުނެރުމަށާއި ކުނި ނެރޭއިރު ރަނގަޅަށް ބަންދުކޮށްގެން ކުނިނެރުމަށް ރައްޔިތުން ސަމާލުކަން ދިނުމަށް އެދި ވަޑައިގެންނެވިއެވެ. 

މާދަމައިން ފެށިގެން ކުނި ނެގުމަށް ބަދަލު ގެނެސް ރޭގަނޑު އާއްމު ގޭބިސީތަކުގެ ކުނި ނަގަން ފެށުމާއެކު  ފަތިސް ނަމާދަށް މީހުން ހޭލާ ވަގުތަށް މާލޭގެ މަގުތަކުން ކުނިތައް ނަގައި ހުސްކޮށް މާލެ މަގުތައް ކުނިކަހައި ސާފުކުރުމަށް ވެމްކޯއިން ވަނީ އަމާޒު ހިފައިފައެވެ. 

ވެމްކޯއިން ކުނިނަގާ ގަޑިއަށް ބަދަލު ގެނެސްފައި ވަނީ މާލެސިޓީ ކައުންސިލާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުންނެވެ. މާދަމައިން ފެށިގެން އެބަދަލު ގެނައުމަށް ނިންމަވައިފައި ވަނީ މާދަމާ ސްކްލޫތަކުގެ ކިޔެވުން ފެށުމާ ގުޅިގެން މާލޭގެ މަގުތައް ތޮއްޖެހުން ވީހާވެސް ކުޑަކުރުމަށްޓަކައި ކަމަށް އެމްޑީ ފާހަގަ ކުރެއްވިއެވެ.

ކުނި ނެގުމަށް ގެންނަ ބަދަލާ ގުޅިގެން ދަތި ނުވާވަރަށް ތަކެއްޗާއި އިންސާނީ ވަސީލަތްވެސް ވެމްކޯގައި ހުރިކަން އެމްޑީ ފާހަގަ ކުރެއްވިއެވެ. އަދި ގެނެވޭ ބަދަލާ ގުޅިގެން މޮނިޓަރިންގެ ބައި ވެމްކޯގެ ސުޕައިވަޒަރުންނާއި މެނޭޖަރުން ހޭލައި ތިއްބަވައިގެން ވަރަށް ރަނގަޅަށް ކުރިއަށް ގެންދަވާނެކަމަށް ވެސް  އެމްޑީ އާދަމް ފާހަގަ ކުރެއްވިއެވެ. 

މޭލޭގެ ގޭބިސީތަކުގެ ކުނި ނެގުން ރޭގަނޑަށް ބަދަލު ކުރުމުން ދުވާލު ގަޑީގައި ކުނި ނެގުމުގެ މަސައްކަތް ކުރާނީ ވިޔަފާރިތަކުންނާއި އިމަޖެންސީކޮށް ނަގަން ޖެހޭ ކުނީގެ މަސަައްކަތް ކަމަށް އެމްޑީ ފާހަގަ ކުރެއްވިއެވެ. އެހެން ކަމުން ދުވާލު ގަޑީގައި މާލޭގެ މަގުތަކުގައި ހަރަކާތްތެރިވާ ވެމްކޯގެ ވެކިކަލްތަކުގެ އަދަދު ވަރަށް ބޮޑުތަނުން މަދުވާނެކަން ފާހަގަ ކުރެއްވިއެވެ.  

ދުވާލު ގަޑީގައި ގޭބިސީތަކުން ކުނި ނަގާއިރު ވެމްކޯގެ 640 ޑަސްބިނާއި ބަރު ވެހިކަލްތައް މަސައްކަތުގައި ހަރާކާތްތެރިވުމުން އިތުރަށް މަގުތައް ތޮއްޖެހޭކަން ވެމްކޯއިން ކުރިން ވަނީ ފާހަގަ ކުރައްވައިފައެވެ. އެހެންކަމުން  ރޭގަނޑަށް ކުނި ނެގުމުގެ މަސައްކަތްތައް ބަދަލު ކުރުމުން މަގުތަކަށް ވަރަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ވެމްކޯއިން ފާހަގަ ކުރައްވައެވެ.

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.