(27 ޑިސެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެ ވަގުތު ކޮޓަރީގެ ދޮރު ހުޅުވިއްޖެއެވެ. ދޮރުމަތީގައި ހުރީ ރުޚްސާނާޔާ އެއް ކުލާހެއްގައި ކިޔަވާ ކުއްޖެއް ކަމުގައިވާ ޖަމްޝީދް ޢަލީއެވެ. އޭނާގެ ބޯ ހުރީ ހޭވިފައެވެ. ލޮލަށް ބަލައިލީމާ ރޭ ހަތަރު ދަމު ހުރީ ހޭލައިކަން އެނގޭހައި ވެއެވެ. ގަމީހުގައި ހުރީ ރޫ ޖެހިފައެވެ. ތަނެއްގައި އޮށޯވެގެން އޮވެ އެތައް އިރަކު ފުރޮޅިފައި ހުރީ ކަހަލައެވެ. އޭނާ ފެނުމާއެކު ރުޚްސާނާ މޫނު އަނބުރައިލިއެވެ. "މިތަނަށް އައީ ކީއްކުރަން؟ ދޭ. ނުކުމެފައި ދޮރު ލައްޕައިލާތި. މި ކޮޓަރިއަށް ވަންނާކަށް އަހަރެން އެއްވެސް މީހަކަށް ހުއްދައެއް ނުދެން."
ޖަމްޝީދް މަޑުމަޑުން ހިނގާފައި އައިސް އެނދު ކައިރިއަށް ހުއްޓިއްޖެއެވެ. "ރުޚްސާނާގެ މޫނަށާއި ސިކުނޑިއަށް މެދުވެރިވީ ގޮތަކާހެދި އަހަރެން ރޭ ހަތަރުދަމު އޮތީ ނުނިދައި. ނުއެއް ކަން. އަހަރެން އޮތީ އަމިއްލަ ނަފުސަށް އެއްޗެހި ގޮވަގޮވައި. ކީއްވެގެންކަން އެނގޭތަ؟ ރުޚްސާނާއާއި ފަރްޒާނާއަށް ސިޓީ ލިޔާ މީހަކީ އަހަރެން. އަންހެން ކުދިންނާ މައްލަވަ ކުރުމަކީ އަހަރެން ކުރާ ހިތްވާ ކަމެއް. އެކަހަލަ ސިޓީ ލިޔުނީމާ އަހަރެންގެ ހިތަށް ބާވަތެއްގެ ތަސައްލީއެއް ލިބޭ. އަހަރެން ފަހުން ވިސްނައި، ހޯދައި ބެލީމާ އެނގުނު ގޮތުގައި ކުޑައިރު އަހަންނަކަށް މަންމަގެ ލޯތްބެއް ނުލިބޭ. އަހަރެންގެ ދައްތައެއް ނުހުރޭ. އަންހެން ކޮއްކޮއެއް ނުހުރޭ. ޒުވާން އުމުރަށް އަޅައިގަތީމާވެސް ލޯބިވެރިޔަކު ނުލިބޭ. އަހަރެން މައްލަވަ ކުރާ ކޮންމެ ކުއްޖަކީ ލޯބިވެރިޔާ ކަމުގައި ތަސައްވަރު ކުރެވޭ. ރުޚްސާނާއާއި ފަރްޒާނާއާ ދެމީހުންނާ މެދުވެސް އަހަރެންގެ ޚިޔާލު ހުރީ މި ބުނި ގޮތަށް."
ރުޚްސާނާ އިނީ އެނދުގައި އިށީނދެގެންނެވެ. ޖަމްޝީދާ ދިމާއަކަށް ނުބަލައެވެ. "ޖަމްޝީދު ކުރިން ކުރި ކަންތައް ދެނެއް ނުކުރާނެ. އަހަރެން މިހާރު މިހިރީއަކީ އެފަދަ ސިފައެއްގައެއް ނޫން. މިހާރު މިތަނަށް ތިޔަ އައީ ކީއްކުރަން؟ މިތަނުން ނުކުމެގެން ދޭ."
"ހިނގައިދާނަން. އަހަރެން މި އައީ އަހަރެންގެ ކުށަށް އިއުތިރާފުވާން."
"ކޮން ކުށެއް؟"
"އިއްޔެ ޑިސްސެކްޝަން ނިމިގެން ފަރްޒާނާ ފުޅިއަކަށް އަލިފާންއާވި އަޅަން ހުއްޓާ އޭނާ ބިރުގަންނަވަން ވެގެން ގަބުރުގެ އަތް ހަލުވައިލީ އަހަރެން. ރުޚްސާނާގެ މޫނަށް އަލިފާން އާވި ބުރީ އޭނާ ބިރުން ތެޅިގެންފައި ދުއްވައިގަތް ވަގުތު. އަހަރެން އެ ސަކަރާތް ނުޖެހިނަމަ އެހެންނެއް ނުވީސް. ރުޚްސާނާއަށް ލިބުނު ގެއްލުމުގެ ޒިންމާ އުފުލަން ޖެހޭ މީހަކީ އަހަރެން. ކުށްވެރިއަކީ އަހަރެން. އަހަރެން ކޮލެޖުގައި ހަރުއަޑުން މި ވާހަކަ ދައްކާނަން. އަންހެންކުދިންނާ ބެހި، މައްލަވަކޮށް އުޅުމަކީ ކިހައި ވަރެއްގެ ކަމެއްކަން އެހެން ކުދިންނަށް ކިޔައިދޭނަން. އަންހެންކުދިން ގަންނަ ލަދާއި އުފުލާ ތުރާތައް ފެނުނީމާ އަހަރެމެން ފިރިހެން ކުދިން ހީނ އުފާކޮށް ހަދަމު. އެކުދިންގެ ހިތަށް ކުރާ އަސަރަކާ މެދު ވިސްނައެއް ނުލަމު. އަހަރެމެން ކޮލެޖަށް ދަނީ ކިޔަވަން. އެ ނޫން ކަމެއްގައި އުޅުމަކީ މުޅި އާއިލާއަށް ލިބޭ ހުތުރެއް. އާއިލާގެ އަންހެންކުދިން ބަދުނާމުވާ ކަމެއް. މިވާހަކަތައް އަހަރެން ކޮލެޖުގައި ދައްކާނަން."
"ޖަމްޝީދު ހަޅޭއް ލަވާ. ފަހަރަކު މީހަކަށް ނަސޭހަތް ދެމުން ދުވޭ. އެއިން އެއްވެސް ކަމަކުން އަހަރެން ކުރީގެ މޫނު އެނބުރި އަންނާނެ ގޮތެއް ނުވާނެ."
ޖަމްޝީދް މޭގައި އަތުން ޖަހައިލިއެވެ. "އަންނާނެ. އެ މޫނު ލިބޭނެ. އެ މޫނު އަނބުރައި ގެންނާނީ އަހަރެން. އަހަރެން ރޭ ހަތަރުދަމު ހޭލައި އޮވެގެން ވިސްނީ ތިޔަކަމާ. އަހަރެން ކިޔަވަން ދާނީ ލަންޑަނަށް. ކިޔަވާނީ ޕްލާސްޓިކް ސާޖަރީ. މޮޅު ޕްލާސްޓިކް ސަރުޖަނަކަށް ވެގެން އެނބުރި އައިސް ކުރާ އެންމެ ފުރަތަމަ މަސައްކަތެއްގެ ގޮތުގައި ރުޚްސާނާގެ ރީތިކަން އަނބުރައި އިއާދަކޮށް ދޭނަން. މިއީ އަހަރެންގެ ވައުދެއް. ރުޚްސާނާގެ ސާޖަރީ ހަދައިނުދެނީހެއް އަހަންނަކަށް ހަމަޖެހިގެންނެއް ނުހުރެވޭނެ. އަހަރެންގެ ޒަމީރު އަހަންނަށް މަލާމާތް ކުރާނެ."
"އަހަންނަށް ފޮނި ހުވަފެން ނުދައްކާ. ޖަމްޝީދު ސަރުޖަނަކަށް ވެގެން އަންނައިރު އަހަރެން ހުންނާނީ މުސްކުޅި ވެފައި. ދެން އޮތީ ޒަމީރުގެ ވާހަކަ. ތިޔަ ވާހަކަ ދައްކަނީ ހިތުގެ އަޑިން ކަމުގައި ވަންޏާ ޖަމްޝީދު ދެރަވާ ކަމަށް ގަބޫލު ކުރެވޭ. ﷲ ޖަމްޝީދަށް ޢަފޫ ކުރައްވާތޯ އަހަރެން ދުޢާ ކުރާނަން. އޭގެ ކުރިން އަހަރެން ޖަމްޝީދަށް މާފު ކޮށްފިން. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް. އުޅޭ ތަނެއްގައި އުފަލުގައި ލަހައްޓަވާށި."
"ރުޚްސާނާއަކީ ވަރަށް ރީތި ކުއްޖެއް. ވިސްނުން އެޔަށްވުރެވެސް ރީތި. ރީތިކަން ނެތިގެން ހިނގައިދާނެ. އެކަމަކު ރީތި ޚިޔާލެއް ނެތިގެންނެއް ނުދާނެ. އަހަރެން އަބަދުވެސް ރުޚްސާނާ ދެކެ ލޯބިވޭ. މިހާރުވެސް އެ ލޯބި ހަމަ އެގޮތަށް އެބައޮތް. އަހަރެން ދުވަހަކުވެސް މީހަކާ ނީންނާނަން. ރުޚްސާނާގެ ސާޖަރީ ހަދައި ނިންމާފައި އިންނާން އަހާނަން. އިންކާރު ކުރަން ބޭނުމިއްޔާ އެ ދުވަހަކު އިންކާރު ކުރޭ. އަހަރެން މުޅި އުމުރު ދުވަސް ހޭދަކުރާނީ ރުޚްސާނާގެ އިންތިޒާރުގައި. އަހަރެން ދަނީ... އަހަރެންގެ މަސައްކަތުގައި ކާމިޔާބީ ދެއްވާތޯ ދުޢާކޮށްދޭތި."
އޭނާ ކުރިންވެސް އިން ގޮތަށް އިނީއެވެ. އިރުކޮޅަކު އެހެން އިނދެފައި މޫނު އަނބުރައިލިއެވެ. ކޮޓަރި މިހާރު އޮތީ ހުހަށެވެ. ޖަމްޝީދު ހިނގައްޖެއެވެ.
އޭގެ ކުޑަ އިރުކޮޅެއް ފަހުން އޭނާގެ މަންމައާއި ބައްޕައާ ދެމީހުން އަތުވެއްޖެއެވެ. އެ ދެމީހުންނާއެކު ގާތްތިމާގެ ދެތިން އަންހެނުންވެސް އޭނާއަށް ގޮވައިލާން އައެވެ. ރުޚްސާނާ އިރުއިރުކޮޅާ އޭނާގެ ފަޅި މޫނު ފޮރުވައެވެ. އޭނާގެ މަންމަ ގެންދިޔައީ ފަރްޒާނާއާ ދިމާއަށް އެއްޗެހި ގޮވަމުންނެވެ. ފުލުހުންނަށް ރިޕޯޓު ކުރަން އުޅުނީމާ އެއްވެސް މީހަކު އެހީތެރި ނުވީ ވާހަކަވެސް އޭނާ ގާތު ބުންޏެވެ. އޭނާގެ ބައްޕަ ބުންޏެވެ. "މީހަކު އެހީތެރި ނުވިޔަސް ހެޔޮ. އެ ދެމައިންނަށް ހަމަޖެހިލައިގެން އުޅުނަކަ ނުދޭނަން. ބަދަލު ހިފާނަން. ދެމައިން މީހުންގެ ތެރެއަށް ނުކުމެ އުޅެން ޖެހިލުންވާވަރު ކޮށްލާނަން."
ޖަވާބުގައި ކޮންމެވެސް އެއްޗެކޭ ބުނާން ރުޚްސާނާ ބޭނުންވިއެވެ. އެކަމަކު ބުނެވޭ ގޮތެއް ނުވިއެވެ. ދޮރާ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ކުއްލިއަކަށް އެންމެންގެ ނަޒަރު އެ ދިމާއަށް ހުއްޓިއްޖެއެވެ. ދޮރުމަތީގައި ހުރީ ފަރްޒާނާއެވެ. އޭނާ ހުރީ ރުޚްސާނާއާ ދިމާއަށް އާދޭހުގެ ނަޒަރަކުން ބަލަހައްޓައިގެންނެވެ. އޭނާ ފެނުމާއެކު ރުޚްސާނާގެ މަންމަ އަމުނައިގެންފިއެވެ. "މިތަނަށް ތިޔަ އައީ ކީއްކުރަން؟ ރައްކާވޭ. އެހެންނޫނީ ކަލޭގެ މޫނު ނޮޅައިލަފާނަން. ކަލޭ ތިޔަ އައީ ކީއްކުރަންކަން އަހަންނަށް އެނގޭ. ތިޔަ އައީ ރުޚްސާނާ ހައްލާލައިގެން އަނެއްކާވެސް އޭނާގެ ގޮހޮރަށް އެރެން ވެގެންކަން އެނގޭ."
އޭނާ ކޮޓަރިއަށް ވަދެއްޖެއެވެ. "އަހަރެން އަންނާނަން. ގެއަށްވެސް ދާނަން. ރުޚްސާނާގެ މައްޗަށް އަހަރެންގެ ހައްގު އޮންނާނެ. އޭނާއަކީ އަހަރެންގެ ކޮއްކޮ. އޭނާގެ މޫނު ހުތުރުވީ އަހަރެންގެ ސަބަބުން ކަމަށް ވަންޏާ އެކަން ރަނގަޅު ކުރެވޭތޯ އަހަންނަށް ކުރެވޭން އޮތް ކޮންމެ ކަމެއް ކުރާނަން. ފުރަތަމަ އަހަރެން ބޭނުންވަނީ ރުޚްސާނާ ކުރެން މާފަށް އެދެން. އަހަންނަށް މާފުކޮށްފިއްޔާ އަހަރެންގެ މުޅި ދިރިއުޅުން ވަގުފުކުރާނީ ރުޚްސާނާއަށް. ހެސްކިޔާފައި މަސައްކަތް ކުރާނަން. ވަރަށް ގިނަ ފައިސާ ޖަމާ ކުރާނަން. އެޔަށް ފަހު ރުޚްސާނާގެ މޫނުގެ ޕްލާސްޓިކް ސާޖަރީއެއް ހައްދާނަން."
ރުޚްސާނާ މަޑުމަޑުން އެނދުން ފައިބާން ދެފައި ބާލައިފިއެވެ. ފަރްޒާނާގެ ވާހަކަ މުޅީން ނުނިމެނީސް އެނދުން ފައިބައިގެން އޭނާޔާ ދިމާއަށް މަޑުމަޑުން ހިނގައިގެންފިއެވެ.
ފަރްޒާނާ ބުންޏެވެ. "އަހަރެން މިއީ ކުށްވެރިއެއް. ބޭނުމިއްޔާ ހަމަ މިހާރު އަހަރެންގެ މޫނު ނޮޅައިލާ."
ރުޚްސާނާގެ ލޮލުން ކަރުނަ ފައިބާން ފަށައިފިއެވެ. އޭނާއަށް ހިތުގެ އަޑިން ބުނެވުނެވެ. "ފަރީ... ފަރީ. އަހަރެންގެ ދުވަސް ހިނގައްޖެ."
މިހެން ބުނެފައި ފަރްޒާނާގެ ގައިގައި ބައްދައިގެންފައި އަޑުންއަޑު ނަގައި ރޮއިގެންފިއެވެ. ފަރްޒާނާގެ ހާލަކީވެސް އެއީއެވެ. ދެމީހުން އޮޅުލައޮޅުލާފައި ރޮނީއެވެ. އެކަކު އަނެކެއްގެ ހަށިގަނޑުގެ ތެރެއަށް ވަދެގެން ދާން އުޅޭ ކަހަލައެވެ.
"ރުޚްސާނާ... އަހަރެންގެ ފުރާނަޔާ... ގަބޫލުކުރޭ. އަހަރެން މިއީ ދުވަހަކުވެސް ރުޚްސާނާއާ ދެކޮޅުވެރި، ހަތުރުވެރި ޚިޔާލެއްވެސް ކުރި މީހަކީމެއް ނޫން. ނޭނގިނަމަވެސް އަހަރެންގެ އަތުން މިކަހަލަ ކަމެއް ވެގެން ދިޔައީމާ އަހަރެން އެދެނީ އަހަރެންގެ އަތް ވާވާން. އަހަރެންގެ އަމިއްލަ ނަފުސަށް ދުވަހަކުވެސް މާފެއް ނުކުރެވޭނެ."
"ފަރީ. އަހަންނަށް ހުރިހައި ކަމެއް އެނގިއްޖެ. އިއްޔެ ކަންތައް ވީގޮތް ސާފުވެއްޖެ. އެއީ ގަސްތުގައި ކުރި ކަމެއް ނޫންނެއްނު؟ އެއީ އިޚްތިޔާރަކާ ނުލައި ވީ ކަމެއް. އަހަންނަށްވީ ކިހިނެއް ކަމެއް ފަރީއަކަށް ނުވެސް އެނގޭ. ފަރީ ބިރުން ދުވެފައި ނުކުތީ. ފަރީގެ މިޒާޖު އަހަރެން ވަރަށް ރަނގަޅަށް ދަންނަން. އަހަރެން މާފު ކޮށްފިން. ފަރީގެ އެއްވެސް ކުށެއް ނެތް. އަމިއްލަ ނަފުސަށް އެއްޗެހި ނުގޮވާ. އެއީ އަހަރެން ދެކެން ބޭނުންވާ ކަމެއް ނޫން."
"ރުޚްސާނާ. ހާދަހާ ރަނގަޅޭ. އަހަރެން ބުނާނީވެސް ކީކޭ؟ ރުޚްސާނާގެ މޫނު އަލުން ރީތި ނުވަނީސް އަހަރެން ރީއްޗެއް ނުވާނަން. ރުޚްސާނާ މީހަކާ ނީންނަނީސް މީހަކާ ނީންނާނަން. ރުޚްސާނާގެ ހިތާމައަކީ އަހަރެންގެ ހިތާމަ. ރުޚްސާނާ ދެކެ ރުޅި އަންނަ މީހަކާ އަހަރެން ދުވަހަކުވެސް އަނގަޔަކުން ނުބުނާނަން."
ދެ އެކުވެރިން ހިތުގެ އުދާހާއި ލޯބި ބޭރު ކުރަމުން ގެންދިޔައެވެ. އެކަކު އަނެކެއްގެ ހިތުގެ ހިނގުން ދެނެގަންނާން މަސައްކަތް ކުރަމުން ދިޔައެވެ. އެކަކު އަނެކަކާ މެދު ދެކޭ ގޮތާއި ހިތުގައި އޮތް ލޯބީގެ ތެދުވެރިކަން ދެމީހުންވެސް ވަރަށް ރަނގަޅަށް ދަނެއެވެ. ދެމީހުން އެކަކު އަނެކަކު ދެކެ ވަނީ ތެދުވެރި ކުލުނުވެރި ލޯތްބެކެވެ. އެފަދަ ދެމީހަކު އެކަކު އަނެކެއްގެ މޫނަކަށް އަލިފާންއާތްވެއް ނުޖަހާނެއެވެ.
އޭގެ އެއް ހަފުތާ ފަހުން ރުޚްސާނާ ހަސްފަތާލުން ގެއަށް ފޮނުވާލައިފިއެވެ. ދިރިއުޅުން މަޑުމަޑުން ކުރިއަށް ދިޔައެވެ. ދެ އެކުވެރިންގެ ގާތްކަން އިހަށްވުރެ ބޮޑު ވެއްޖެއެވެ. ދުވަސްކޮޅެއް ކޮށްފައި ރުޚްސާނާ ބުރުގާ އަޅާން ފަށައިފިއެވެ. ކޮލެޖަށް ދަނީ މޫނުވެސް ނިވައިކޮށްގެންނެވެ. އޭނާ ގެންދިޔައީ އޭނާއަށް މެދުވެރިވީ ހާލަތަށް ކެތް ކުރަމުންނެވެ. އެހެންނަމަވެސް މަޑުމަޑުން ނަފްސާނީ ބަލީގެ ޝިކާރައަކަށްވެސް ވަމުންނެވެ. އޭނާޔާ ދިމާއަށް އެއްވެސް މީހަކު ނުބަލައޭ އޭނާގެ ހިތަށް އަރައެވެ. އެއްވެސް މީހަކު އޭނާޔާ ނީންނާނެއޭ، އޭނާގެ ގެއަށް ދުވަހަކުވެސް މީހަކު ނާންނާނެއޭ އޭނާގެ ހިތަށް އަރައެވެ. އޭނާއަށް ޖެހޭނީ ތާއުމުރު މީހެއްގެ އިންތިޒާރުގައި ގޭގައި އިންނާށެވެ.
ފަރްޒާނާ އޭނާއަށް ހިތްވަރު ދެއެވެ. "އަހަރެމެން ދެމީހުން ޑަކްޓަރުންނަށް ވެގެން ބުރަކޮށް މަސައްކަތް ކުރާނީ. ރަނގަޅު ސަރަހައްދަކަށް ގޮސް ބޭސްކުރަން ފަށްޓާނީ. ފައިސާ ޖަމާ ކުރާނީ. އެޔަށް ފަހު ރުޚްސާނާ އިނގިރޭސިވިލާތަށް ނުވަތަ އެމެރިކާއަށް ގޮސް މޫނުގެ ޕްލާސްޓިކް ސާޖަރީ ހައްދާނީ."
ފަރްޒާނާ ހިތްވަރު ދިނީމާ އޭނާގެ ހިތްވަރު ޖެހޭވެސްމެއެވެ. އެކަމަކުވެސް ހިތުގެ އުދާސްތައް ބޭރު ނުކޮށެއް ނުހުރެވެއެވެ. "އާނ ފަރީ. އަހަރެމެން ދެމީހުން އެކުވެގެން ވަރަށް ގިނަ ކަންތައްތައް ކުރާނަން. އެކަމަކު ހަޔާތުގެ ބައިވެރިޔަކު ލިބިއްޖެއްޔާ ކަންތައް އަދި މާ ރަނގަޅު ވާނެ. ރަނގަޅު ފިރިއަކާ އެކީގައި އަހަރެން ކިތަންމެ ދަތި އުނދަގޫ ދަތުރެއްވެސް ރައްކާތެރިކަމާއެކު ކޮށްފާނަން. ކޮންމެވެސް މީހަކު އަހަންނާ އިންނާނޭ ނަމަ ކިހައި ރަނގަޅު. މީހަކު އަހަރެން ބަލައިގަނެ، އަހަންނަށް ހިތްވަރު ދޭނޭ ނަމަ ކިހައި ރަނގަޅު."
ފަރްޒާނާ މި ވާހަކަ އޭނާގެ މަންމަ ގާތުވެސް އަދި ރުޚްސާނާގެ މަންމަ ގާތުވެސް ދައްކައިފިއެވެ. އެމީހުން މިކަމާ ވިސްނައި ފިކުރު ކުރާން ފަށައިފިއެވެ. ރުޚްސާނާގެ ކާވެނި ވީހައިވެސް އަވަހަށް ކުރުވުމުގެ މުހިއްމުކަން އެމީހުންނަށް ވިސްނިއްޖެއެވެ. ރުޚްސާނާ މިހާރު އޭނާގެ ރީތި ކަމަކަށް އިއުތިރާފެއް ނުވެއެވެ. މީގެ ކުރީން އޭނާޔާ އިންނާން މީހުން އަހައެވެ. އެކަމަކު މިހާރު އިންނާން އަހައިފާނޭ ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ.
މީގެ ކުރިއަށް ބަލާނަމަ ރުޚްސާނާގެ ކާވެނީގެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ބެލެނީ ގަދަރުވެރި، މުއްސަނދި، ބޮޑެތި އާއިލާތަކާ ދިމާއަށެވެ. އެފަދަ އާއިލާތަކުން އޭނާގެ ކާވެންޏަށް އެދުނުވެސް މެއެވެ. އެހެންނަމަވެސް ޑަކްޓަރަކަށް ވެފައި ނޫނީ މީހަކާ ނިންނާނަމޭ ކިޔާފައި ވާހަކަ ހުއްޓައިލަނީއެވެ. މިހާރު އޭނާގެ މައިންބަފައިންނަށް ޖެހިފައި ވަނީ އާދޭސް ކުރަމުން ގޭގެއަށް ދުވާށެވެ.
(ނުނިމޭ)
V reethi... Aneh Bai avahah up kohdheyne kamah unmeedhu kurann
Aneh bai than kolheh avahah kiyaalan libeyne gotheh nuvaane tho.