އަހަރެއް ފާއިތުވެ ގޮސް އާ އަހަރަކަށް އަޅުގަނޑުމެން ކުރިމަތިލީއެވެ. ނިމިދިޔަ 2020 ވަނަ އަހަރަކީ އަދި މިހާތަނަށް ދުނިޔެ ތަޖުރިބާ ކުރި އެންމެ ތަފާތު އަހަރެވެ. ކުޑަކުޑަ ވައިރަހެއްގެ އަޅުވެތިކަމުގައި އިންސާނިއްޔަތު މިހާތަނަށް ތަޖުރިބާ ކުރަން ނުޖެހޭފަދަ އާ ތަޖުރިބާތަކެއް ކުރުވި އަހަރެކެވެ. އިންސާނުންގެ އާއްމު ދިރިއުޅުމަށް ބަދަލުތައް ގެނައި އަހަރެކެވެ. ގައުމުތަކުގެ ބޯޑަރުތައް ބަންދުކޮށް ދަތުރު ފަތުރު ހުއްޓުނެވެ. ގައުމުތަކުގެ އިގުތިސާދަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވިއެވެ. 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި ޗައިނާގެ ވޫހާން ސިޓީގައި ފެތުރެން ފެށި މި ވައިރަސް މުޅި ދުނިޔެއަށް ފެތުރިގެން ދިޔައީ ހީވެސް ނުކުރާހާ ހަލުއި މިނުގައެވެ.
ރާއްޖެ އިން ކޯވިޑް- 19 ފެނުން
ދުނިޔޭގެ ގައުމުތަކަށް ކޯވިޑް ފެތުރިފައި ވަނީ އެއް ގައުމުން އަނެއް ގައުމަށް އިމްޕޯޓު ވެގެންނެވެ.
ރާއްޖެ އިންފެނުނުނު ފުރަތަ ކޯވިޑް ކޭހަކީ އިޓަލީގެ ފަތުރުވެރިއެކެވެ. ނަމަވެސް އޭނާއަށް ކޯވިޑް ޖެހިފައިވާކަން އެނގުނީ އޭނާ އެނބުރި ގައުމަށް ގޮސް އެކަން ރާއްޖެއަށް އެންގުމުންނެވެ. މި ކޯވިޑް ކޭހާ ގުޅިގެން އޭނާ ޗުއްޓީ ހޭދަކުރި ޅ. ކުރެއްދޫ އައިލެންޑް ރިސޯޓަށް އަރައި ފޭބުން މަނާ ކުރިއެވެ. އެ ރިސޯޓުގައި ހުރި ޑޮކްޓަރު އެކަހެރިކޮށް ޓެސްޓު ކުރިއިރު އޭނާވެސް ޕޮޒިޓިވް ވިއެވެ. އެއީ އިޓަލީ މީހާއަށް ފަރުވާދިން ޑޮކްޓަރެވެ. އެ ޑޮކްޓަރުގެ އިތުރުންވެސް އިތުރު ބިދޭސީ މުވައްޒަފަކުވެސް އެރިސޯޓުން ޕޮޒިޓިވްވިއެވެ. ފަރުކޮޅުފުށީ ކަރަންޓީނު ފެސިލިޓީއެއްގެ ގޮތުގައި ބޭނުންކޮށް އެ ދެމީހުން އެތަނަށް ގެންދެވުނެވެ.
ބައްްޔަށް ޝައްކު ކުރެވުނު ފަތުރުވެރިންތަކެއް ފެނި ވ. ތިނަދުއާއި ސަމާ އައިލެންޑުވެސް މޮނިޓަރިންނަށް ލިއެވެ. ހަމަ އެދުވަހު ވަނީ އިޓަލީން ރާއްޖެއަށް މީހުން އައުން މަނާކޮށްފައެވެ. އޭރު އިތުރު ތިން ގައުމަކުން ރާއްޖެއަށް މީހުން އައުން ވަނީ މަނާ ކުރައްވައިފައެވެ. އެއީ ޗައިނާއާއި އީރާން އަދި ސައުތު ކޮރެއާއިންނެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުނު އިރު ދުނިޔޭގައި ކޯވިޑް ޖެހުނު މީހުންގެ އަދަދު ވަނީ އެއް ލައްކައަށް ވުރެ އިތުރު ވެފައެވެ. ދުނިޔޭގެ 92 ގައުމަކަށް މިބަލި ވަނީ ފެތުރިފައެވެ. ހަތަރު ހާހާ ގާތް ކުރާ އަދަކަށް މީހުން ވަނި މިބަލީގައި މަރުވެގެން ގޮސްފައެވެ.
ރާއްޖޭގައި ސިއްހީ ކުއްލި ނުަރައްކާ އިއުލާނު ކުރުން
ރާއްޖޭގައި އާއްމު ސިއްހަތުގެ ކުއްލި ނުރައްކާ އޮތް ކަމަށް ކަނޑައަޅައި އެކަން އިއުލާނު ކޮށްފައި ވަނީ މާޗް 12 ގައެވެ. ކުއްލި ނުރައްކާ އިއުލާނުކޮށް ކޯވިޑުން ރައްކާތެރިވުމަށް 24 ގަޑިއިރުގެ މަސައްކަތް ފެށިއެވެ. އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ މަސް ދުވަހަށެވެ. ނަމަވެސް މަހުން މަހަށް އިތުރުކޮށް އަދިވެސް އޮތީ އެ ހާލަތުގައެވެ. ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރާއްޖޭގައި އިއުލާނު ކޮށްފައި ވަނީ ކޯވިޑް 19 އަކީ ދުނިޔެއަށް ފެތުރެމުންދާ ވަބާއެއް ކަމަށް ޑަބްލިޔުއެޗުއޯއިން ކަނޑައެޅުމުންނެވެ. ކޯވިޑަކީ ކޮންޓުރޯލުނުވެ މުޅި ދުނިޔެއަށް ފެތުރެމުންދާ އާލަމީ ވަބާ (ޕޭންޑެމިކް) އެއް ކަމަށް ޑަބްލިޔުއެޗްއޯ އިން ކަނޑައެޅީ މާޗް މަހުގެ 11 ގައެވެ.
ޑަބްލިޔޫ އެޗްއޯ އިން ކޮވިޑް- 19 އާލަމީ ވަބާއެއްގެ ގޮތުގައި ކަނޑައަޅައި އެކަން އިއުލާނު ކުރިއިރު 114 ގައުމެއްގެ އެއް ލައްކަ 18 ހާސް މީހަކަށް ވަނީ ކޯވިޑް ޖެހިފައެވެ. އަދި 4200 އަށްވުރެ ގިނަ މީހުން ވަނީ އެ ބަލީގައި މަރުވެފައެވެ.
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރި އިރުވެސް ރާއްޖޭގެ ސްކޫލުތަކާއި ބައެއް އެހެން ހަރަކާތްތައްވެސް އޮތީ ހުއްޓުމަކަށް ގެނެސް ފައެވެ.
ކޮވިޑް -19 ގެ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން 212 މިލިއަން ރުފިޔާގެ ބަޖެޓެއްވެސް ކަނޑައެޅިގެން ދިޔައެވެ. މިބަޖެޓަކީ ދައުލަތުގެ ބަޖެޓްގެ ކޮންޓިންޖެންސީ ކޯޑުން ކަނޑައެޅި ބަޖެޓެކެވެ. ނަމަވެސް ފަހުން ވަނީ ކޯވިޑާ ގުޅިގެން ރާއްޖެއަށް ތަކެތީގެ ގޮތުންވެސް ގިނަ އެހީތައް ލިބިފައެވެ. އޭގެ ތެރޭގައި ރައްކާތެރިކަމުގެ ސާމާނާއި ޓެސްޓް ކިޓްފަދަ ތަކެތި ވެސް ހިމެނެއެވެ.
ބޯޑަރު ބަންދު ކުރުން
ކޯވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމުގެ ކުރިން ރާއްޖޭގެ ހުރިހާ ގެސްޓު ހައުސްތަކާއި، ސިޓީ ހޮޓާތަކަށް ބޭރުގެ ފަތުރުވެރިން އައުން ވަނީ މަނާ ކޮށްފައެވެ. މިކަން މަނާކުރެވުނީ މާރޗް މަހު17 ގައެވެ. ފުރަތަމަ މިކަން މަނާ ކުރެވުނީ ސާކިއުލާއަކުން ކަމުގައިވިއަސް މާޗު މަހު 31 ގައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އެންގެވުމަށް އިތުރު ދެ ހަފުތާއަށް ރާއްޖޭގައި ހިންގާ ސިޓީހޮޓާތަކާއި ގެސްޓުހައުސްތަކަށް ބިދޭސީ ފަތުރުވެރިން ގެނައުން މަނާކުރިއެވެ. އަދި ރާއްޖެ ފުރަބަންދުކޮށް ދާދި ފަހަކާ ޖެހެންދެންވެސް އެ ތަންތަން ހުރީ ބަންދުކޮށްފައެވެ.
ރާއްޖޭގެ ބޯޑަރު ބަންދުކުރީ މާޗް މަހުގެ 27 ގައެވެ. ބޯޑަރު ބަންދު ކުރިއިރު ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށް ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑު ތަނުން ވަނީ މަދު ވެފައެވެ. ބޯޑަރު ބަންދުކޮށް ރާއްޖޭގެ މައިދޯރާށި ބަންދުވުމާ ގުޅިގެން ރިސޯޓުތަައް ބަންދުކޮށް ގިނަ ބައެއްގެ ވަޒީފާ ގެއްލި މަގުމަތިވިއެވެ. ރާއްޖެއަށް ޑޮލަރު ވަންނަން އޮތް މަގު ބަންދުވެ ގިނަ ދަތިތަކެއް ކުރިމަތި ވިއެވެ.
ބޯޑަރު އަލުން ހުޅުވާލީ ޖުލައި 15 ގައެެވެ. މިހާރު ވަނީ ބޯޑަރު ހުޅުވާލި ފަހުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ކޯވިޑްގެ ކުރީގެ ހާލަތާ އެއް ވަރަށް ނުވަތަ އެއަށް ވުރެވެސް ރަނގަޅުވެފައެވެ.
އޮފީސް ތަކާއި ސްކޫލުތައް ބަންދުކުރުން
ރާއްޖެއިން ފުރަތަމަ ކޯވިޑް ކޭސް ފެނުނީ ސްކޫލުތަކުގެ މިޑްޓާމް ބްރޭކްގައެވެ. ވުމާއެކު ކޯވިޑް ފެތުރުން ކޮންޓްރޯލުކުރުމަށް ސްކޫލުތައް ހުޅުވުން ފަސް ކުރިއެވެ. ނަމަވެސް ފަހުން ވަނީ ވަކި މުއްދަތެއް ނެތި ސްކޫލުތައް ބަންދުކޮށްފައެވެ.
ސަރުކާރު އޮފީސްތައް ފުރަތަމަ ބަންދު ކުރީ މާރޗް 19 އިން 26 އަށެވެ. ނަމަވެސް ފަހުން ވަނީ އޮފީސްތައްްވެސް ވަކިި މުއްދަތެއް ނެތި ފަސް ކޮށްފައެވެ.
އޮފީސްތަކާއި ސްކޫލުތައް ބަންދުވުމުން ކިޔަވައި ދިނުމާއި އޮފީސްތަކުގެ މަސައްކަތްތައްވެސް އޮންލައިން ޕްލެޓްފޯމަށް ބަދަލުކުވެގެން ދިޔައެވެ. މަޖިލީހުގެ ޖަލްސާތަކާއި ކޯޓުތަކުގެ ޝަރީއަތްތައް ވެސް ކުރިއަށް ދިޔައީ އޮންލައިން ކޮށެވެ. ޑޮކްޓަރަށް ދެއްކުން ފަދަ ޚިދުމަތްވެސް ދޭންފެށީ އޮންލައިންކޮށެވެ. ވިޔަފާރި ކުރުމާއި އެނޫންވެސް ތަފާތު ހިދުމަތްތައް ވެސް ބަދަލުވީ އޮންލައިން ޕްލެޓްފޯމަށެވެ.
މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުން
މާލެ ސަރަހައްދާއި ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ޖަމާއާތުގައި ފަރުޟު ފަސް ނަމާދު ނުކުރުމަށާއި ހުކުރު ނަމާދު މެދުކަނޑާލަން އިސްލާމިކް މިނިސްޓްރީން އެންގީ މާޗްމަހުގެ 18 ގައެވެ. މިގޮތަށް ނިންމެވީ ޢިލްމުވެރިންނާ މަޝްވަރާ ކުރެއްވުމަށް ފަހުއެވެ. މިއީ ކޮވިޑް-19 ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ސަރުކާރުން އެޅުއްވި ފިޔަވަޅުތަކުގެ ތެރެއިން ފިޔަވަޅެކެވެ. ފުރަތަމަ ކުރު މުއްދަތަކަށް މިސްކިތްތައް ބަންދުކުރި ނަމަވެސް ފުރަބަންދު ކުރުމުން އެތައް ދުވަހަކަށް މިސްކިތްތައް ވަނީ ބަންދުކޮށްފައެވެ. ރާއްޖޭން މި ފިޔަވަޅު އެޅި އިރު ސަޢޫދީގެ ދެ ޙަރަމްފުޅު ފިޔައި ހުރިހާ މިސްކިތެއްގައިވެސް ވަނީ ޖަމާޢަތުގައި ނަމާދުކުރުން ހުއްޓާލައިފައެވެ.
ދިވެއްސަކަށް ފުރަތަމަ ކޯވިޑް ޖެހުން
ފުރަތަމަފަހަމަ ފަހަރަށް ދިވެއްސަކު ކޯވިޑް-19 އަށް ޕޮޒިޓިވި ކަން ހާމަކުރެއްވީ މާޗް މަހުގެ 27 ގައެވެ. މިކަން އިއުލާން ކުރެއްވީ އޭރުގެ ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީނެވެ. ކޯވިޑް-19 އަށް ފުރަތަމަ ޕޮޒިޓިވް ވެފައިވަނީ އިނގިރޭސިވިލާތުން ރާއްޖެއަށް އައި ދިވެއްސެކެވެ. އޭނާ ރާއްޖެއަށް އައުމާއެކު ވަނީ ކަރަންޓީނު ކޮށްފައެވެ. އޭނާގެ ކިބައިން އަލާމާތްތައް ފެނިގެން ސާމްޕަލްތައް ނަގައި ޓެސްޓު ކުރުމަށް ފޮނުވީ މާޗް 25 ވަނަ ދުވަހުއެވެ. ނަތީޖާ ލިބުނީ މާޗް 27 ގައެވެ. އޭރު ޓެސްޓުކުރަމުން ދަނީ ސާމްޕަލް ރާއްޖެއިން ބޭރަށް ފޮނުވައިގެންވެ. އޭރު ސަރުކާރުން ދިޔައީ ރާއްޖެއިން ބޭރުން އަންނަ މީހުން ކަރަންޓީނު ކުރަމުންނެވެ. ކަރަންޓީނު ފެސިލިޓީގެ ގޮތުގައި ބޭނުން ކުރަމުން ދިޔައީ ރިސޯޓުތަކެވެ.
މާލޭގައި ކޯވިޑް ފެތުރެން ފެށުން
ކޯވިޑްގެ ބަލި މީހަކު ފުރަތަމަ ފަހަރަށް މާލެއިން ފެނިފައިވަނީ އޭޕްރީލް 15 ގައެވެ. ހަމަ އެދުވަހު ވަނީ މާލެ ސަރަހައްދު ފުރަބަންދު ކޮށްފައެވެ. މާލެއިން ކޯވިޑް ޖެހުނު މީހަކު ފެނުނު ދުވަހު އެމީހާއާ ގުޅުން ހުރި މީހުންގެ ތެރެއިން އިތުރު ބަޔަކުވެސް ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. މާލެއިން ފެނުނު ބަލިމީހާގެ ފަރާތުން އެންމެ ފުރަތަމަ ބަލި ޖެހުނުކަން ކަށަވަރު ކުރެވިފައި ވަނީ އޭނާގެ އުމުރުން 2 އަހަރުގެ ދަރިފުޅާއި އޭނާއާ ސީދާ ގުޅުން ހުރި އިތުރު މީހަކަށެވެ. މާލޭގެ ފުރަތަމަ ކޭސް އާ ގުޅުން ހުރި 50 އަށް ވުރެ ގިނަ މީހުން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފުރަތަމަ ދުވަހުވެސް ވަނީ ދެނެގަނެވިފައެވެ. ދެވަނަ ދުވަހު ވަނީ އެ ޢަދަދު 80 އަށް ވުރެ މައްޗަށް ގޮސްފައެވެ. މިކަން ވެގެން ދިޔައީ މުޅި މާލޭގެ އިތުރުން ރާއްޖެއަށް ބިރުވެރިކަމާއީ ހާސްކަން ގެނުވި ކަމަކަށެވެ.
މާލެއިން ކޯވިޑަށް ފުރަތަމަ ޕޮޒިޓިވްވި މީހާއަށް ބަލިޖެހިފައިވާކަން ދެނެގަނެވިފައި ވަނީ ރޯގާ ޖެހިފައި ހުރުމުން، ފަރުވާ ހޯދުމަށް ފްލޫ ކްލިނިކަކަށް، ދިޔުމުން އޭނާގެ ކިބައިން ކޯވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރުމުން ކުރި ޓެސްޓުގެ ނަތީޖާއިންނެވެ.
މާލެއިން ކޯވިޑް ބަލީގެ މީހަކު ފެނުމުން ސަރުކާރުން ވަނީ ކޯވިޑާ ގުޅިގެން ކުރިން ހިފަހައްޓަމުން ދިޔަ ބައެއް މައުލޫމާތުތައްވެސް ހާމަކުރައްވަން ފަށްޓަވައިފައެވެ. އެގޮތުން ފުރަތަމަ މާލެއިން ފެނުނު ބަލިމީހަކީ މ. ޖަރީމާ ގޭގައި ދިރިއުޅޭ މީހެއްކަމަށް ވަނީ ހާމަކޮށްފައެވެ. މީގެ އިތުރުން ގުޅުން ހުރި ހ. ރަތްކުރެދި އިމާރާތުގެ ހަތަރުވަނަ ފްލޯ އާއި ހިތަދޫ ނޫމަސްވާދީ މޮނިޓަރިންއަށް ގެނެވުނުކަންވެސް ހާމަކުރިއެވެ.
މާލެއަށް ކޯވިޑް ފެތުރުމާއެކު ފުރަތަ މާލެ ސަރަހައްދު ފުރަބަންދު ކުރީ 24 ގަޑިއިރަށެވެ. ނަމަވެސް ނުރައްކާ ބޮޑުވުމުން ޖެހިގެން އައި ދުވަހު ވަނީ ފުރަބަންދު މުއްދަތު އިތުރުކޮށްފައެވެ.
ތިން ދުވަހުގެ ތެރޭގައި މާލެއިން ކޯވިޑް ޖެހުނު މީހުންގެ އަދަދު ނުވަޔަކަށް އިތުރުވިއެވެ. މާލޭގައި ކޯވިޑް ފެތުރެން ފެށުމާ ހަމައަށް ކޯވިޑް ޖެހިފައި ތިބި މީހުން ތިބީ ރިސޯޓުގައެވެ. މާލެއިން ފުރަތަމަ ކޯވިޑް ޖެހުނު މީހަކީ ކޯވިޑް ޖެހުނު ހަވަނަ ދިވެއްސެކެވެ. އޭގެ ކުރިން ތިބީ ރާއްޖެއަށް އެތެރެވި ބަލި މީހުންނެވެ.
ކޯވިޑްގައި ފުރަތަމަ ފަހަރަށް ރާއްޖެއިން މީހަކު މަރުވުމުން
ރާއްޖެއިން ކޯވިޑް ގައި މަރުވި ފުރަތަމަ މިހަކީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ. އޭނާ މަރުވެފައި ވަނީ ކޮންޓެކްޓް ޓްރޭސިންގައި ފާހަގަކުރެވި ސާމްޕަލް ނަގައިފައި ވަނިކޮށެވެ. އެ މީހާ މަރުވުމުގެ މައްސަލައިގައި އެއްވެސް އިހުމާލެއް އޮތްތޯ ބެލި ބެލުމުން ފާހަގަ ވެފައި ވަނީ ބައެއް ކަންކަމުގައި އިހުމާލުވުން އޮތް ކަމެވެ. އަންހެން މީހާ މަރުވީރު އޭނާގެ ފިރިމީހާ ދިޔައީ ކޯވިޑް ޖެހި އައިސީޔޫގައި ފަރުވާ ހޯދަމުންނެވެ. ފަހުން އެމީހާ ވެސް ވަނީ ކޯވިޑްގައި މަރުވެފައެވެ. އެއީ ރާއްޖޭގެ މަޝްހޫރު ވިޔަފާރި ވެރިއެއް ކަމަށްވާ އެމްއެޗްއޭގެ ވެރިޔާ ޙުސައިން ޢަބްދުﷲއެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑްގައި މަރުވެފައި ވަނީ 48 މީހުންނެވެ. އޭގެތެރޭގައި ދިވެހިންނާއި ބިދޭސީން ވެސް ހިމެނެއެވެ.
ކޯވިޑްގެ އަންދާޒާތަކުން ބިރުވެރި އަދަދުތަކެއް!
މާލެއިން ކޯވިޑްގެ ބަލި މީހަކު ފެނުނީ އެބަލީގެ އަންދާޒާތަކެއް ހެލްތް ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައި ވަނިކޮށެވެ. މިއަންދާޒާތަކުގައި ވަނީ ބިރުވެރި އަދި ކަންބޮޑުވާން ޖެހޭ ފަދަ އަދަދުތަކެކެވެ.
އެ އަންދާޒާތަކުން ދެއްކި ގޮތުން ކޯވިޑުން ރައްކާތެރިވާން އެއްވެސް ފިޔަވަޅެއް ނާޅައި ތިބިނަމަ ގާތްގަނޑަކަށް އެއްލައްކައެއްހާ މީހުން މިބަލީގެ ޝިކާރައަކަށް ވާނެއެވެ. އެއީ ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް ހަތަރު ބައިބުޅަ އެއްބައެވެ. އެއަންދާޒާތަކުން އެއްވެސް ފިޔަވަޅެއް ނާޅާތިއްބާ ވައިރަސް މުޖުތަމައުގެ ތެރެއަށް ފެތުރިގެންފިނަމަ 10،891 މީހުން ރާއްޖެއިން މަރުވާނެއެވެ. ހަމައެކަނި މާލެ ސަރަހައްދުން ވެސް 46،000 އަށް ވުރެ ގިނަ މީހުންނަށް ބަލިޖެހޭނެއެވެ. ރާއްޖޭގެ އެހެން ސަރަހައްދުތަކުން 51،000 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހޭނެއެވެ.
ރައްކާތެރިކަމުގެ އެއްވެސް ފިޔަވަޅެއް ނާޅާ އޮތް ހާލަތުގައި މުޖުތަމައުގެ ތެރޭން މީހަކަށް ބަލިޖެހޭ ދުވަހުން ފެށިގެން 35 ވަނަ ދުވަހު އެކަނިވެސް އަލަށް 2،500 މީހުންނަށް ބަލި ޖެހޭނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. 40 ވަނަ ދުވަހު 5000 އަށް ވުރެ ގިނަ މީހުންނަށް އެއްދުވަސް ތެރޭގައި ބަލި ޖެހޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ. އަދި 47 ދުވަހުގެ ތެރޭގައި ޕީކަށް ނުވަތަ އެންމެ ނުރައްކާ ހާލަތަށް ދާނެކަމަށް ވަނީ އަންދާޒާ ކޮށްފައެވެ. ނަމަވެސް ފަހުން އަންދާޒާތައް ވަނީ ދެ ފަހަރަށް ބަދަލުކޮށް ފައެވެ. އަހަރު ނިމިގެން ދިޔައިރު ވެސް އެއިން އަންދާޒާ އަކާ ހަމައަށް ކޯވިޑް ގެ ޢަދަދުތަކެއް ނާދެއެވެ.
އަހަރު ނިމިގެން ދިޔަ އިރު ރާއްޖޭގައި ކޯވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދަކީ 13757 އެވެ. 13141 މީހުން ވަނީ ބަލިން ރަނގަޅު ވެފައެވެ. މަރުވެފައި 48 މީހުންނެވެ.
ވެކްސިންގެ ޔަގީންކަން ދިވެހިންނަށްވެސް
ކޯވިޑް- 19 އިން އަރައިގަތުމަށް އަލި މަގެއް ފެނިގެން ދިޔައީ ކޯވިޑް ވެކްސިނުންނެވެ. މިހާރު ބައެއް ގައުމުތަކުގައި ވަނީ ކޯވިޑްގެ ވެކްސިން ޖަހަން ފަށާފައެވެ. އަންނަ އަހަރު ފުރަތަމަ ކުއާޓަރުގައި ރާއްޖޭގައިވެސް ކޯވިޑް- 19 ގެ ވެކްސިން ދޭން ފެށޭނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ. އެންމެ ރައްކާތެރި، އެންމެ ކާމިޔާބު ވެކްސިން ލިބެން އޮތީ "ކޯވެކްސް" ފެސިލިޓީ މެދުވެރިކޮށް ކަމަށް ހެލްތް އިމަޖެންސޯ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ވަނީީ ވިދާޅުވެފައެވެ. އެ ވެކްސިން ރާއްޖެއަށް ވީ އެންމެ އަވަހަށް ލިބޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭގައި ބޭނުން ކުރާނީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން ކަނޑައަޅާ ރައްކާތެރި އަދި ބަލިޖެހުމުގެ ފުރުސަތު ކުޑަކޮށްދޭ ވެކްސިނެއްކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ކޯވެކްސް ފެސިލިޓީން ރާއްޖޭގެ އާބާދީގެ 20 އިންސައްތަ އަށް ބޭނުންވާ ވެކްސިން ހިލޭ ލިބޭނެކަމަށް ވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ.
2020 ނިމިގެން ދިޔައީ ކޯވިޑް ވެކްސިން ހޯދުމަށް ސަރުކާރުން ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއިކުރަން ނިންމައިފައިވާ ކަން ހާމަކޮށްފައި ވަނިކޮށެވެ. އެކަން ފިނޭންސް މިނިސްޓްރީން ހާމަކުރީ އިއްޔެއެވެ. އެހެންކަމުން 2021 ގައި ކޯވިޑް ވެކްސިނާއެކު އާއްމު ހާލަތަށް ދެވޭނެ ކަމުގެ ޔަޤގީންކަން ދިވެހިންނަށްވެސް މިވަނީ ލިބިފައެވެ.