ރޭގަނޑު މާލޭގެ މަގުތަކުން، ވެމްކޯއިން ކުނި ނަގަން ފާށާނި އަންނަ މަހު 15 އިން ފެށިގެން ކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ވެމްކޯއިން މިހާރު ކަނޑައަޅައިފައިވާ ގޮތުން ގޭގެއިން ކުނި ނެރެންޖެހޭނީ ރޭގަނޑު 10 ން 12 އަށެވެ. 12 ޖެހުމުން މަގުތަކުން ކުނި ނެގުމުގެ މަސައްކަތް ވެމްކޯ އިންފަށްޓަވާނެކަމަށް އެކުންފުނިން ވިދާޅުވިއެވެ. މިބަދަލާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އާދަމް މުހައްމަދު ވިދާޅުވީ އަމާޒުކޮށްފައި ވަނީ ފަތިސްނަމާދަށް މީހުން ހޭލާ ވަގުތަށް މާލޭގެ މަގުތަކުން ކުނިތައް ނަގައި ހުސްކޮށް މާލެ މަގުތައް ކުނިކަހައި ސާފުކުރުން ކަމަށެވެ. މިބަދަލާ ގުޅިގެން ވެމްކޯގެ މުވައްޒަފުންނަށް ވަރަށް ބުރަވާނެކަން ފާހަގަ ކުރައްވާ ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށްވެސް ވެމްކޯގެ އެމްޑީ އެދިވަޑައި ގެންނެވިއެވެ. ރޭގަނޑު ގަޑީގައި ކުނި ނެގުމުގެ މަސައްކަތް ފެށުމުން އެކަމަށް ހޭދަވާ ވަގުތު ކުޑަވާނެކަންވެސް އެމްޑީ ފާހަގަ ކުރެއްވިއެވެ.
ވެމްކޯއިން ކުނިނަގާ ގަޑިއަށް ބަދަލު ގެނެސްފައި ވަނީ މާލެސިޓީ ކައުންސިލާއި އެނޫންވެސް ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކޮށް މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމުގެ ގޮތުން ކަމަށް ވެމްކޯއިން ވިދާޅިވިއެވެ. ކޮވިޑްގެ ލުޔާއެކު މާލޭގެ މަގުތައް ހަލަބޮލި ވެފައިވާ އިރު ވެމްކޯގެ 640 ޑަސްބިނާއި ބަރު ވެހިކަލްތައް ދުވާލު ގަޑީގައި ކުނި ނެގުމުގެ މަސައްކަތުގައި ހަރާކާތްތެރިވުމުން އިތުރަށް މަގުތައް ތޮއްޖެހިފައިވާ ކަން ވެމްކޯއިން ފާހަގަ ކުރެއްވިއެވެ. ރޭގަނޑަށް ކުނި ނެގުމުގެ މަސައްކަތްތައް ބަދަލު ކުރުމުން މަގުތަކަށް ވަރަށް ބޮޑު ލުޔެއެް ލިބިގެންދާނެކަމަށް ވެމްކޯއިން ފާހަގަ ކުރެއްވިއެވެ.
ގޭގެއިން ކުނި ނެރުމަށް ވެމްކޯއިން މިހާރު ކަނޑައަޅައިފައިވަނީ މެންދުރު 12 އިނ 2 އަކަަށެވެ. ގޭގެއިން ކުނި ނެރުމަށް މިވަގުތު ކަނޑައެޅީީ ކޮވިޑާ ގުޅިގެންނެވެ. އޭގެކުރިން ވެމްކޯއިން ކުނި ނަގަމުން ދިޔައީ ގޭގެ އަށް ގޮސްގެނެވެ.
ވެމްކޯއިން މިގެންނަ ބަދަލާއެކު އަންނަ އަހަރު ސްކޫލުތައް ހުޅުވިގެން ދާއިރު މާލޭގެ މަގުތަކުގެ ތޮއްޖެހުމުގެ މައްސަލައަށް ވަރަށް ބޮޑު ލުޔެއް އަންނާނެކަމަށް އެކުންފުނިން ފާހަގަ ކުރައްވައެވެ.
ކުނިނެގުމަށް ގެންނަ ބަދަލާ ގުޅިގެން ބޭައްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެމްކޯއިން ވަނީ ކުނިނެގުމުގެ ޚިދުމަތަށް ފައިސާ ނުދައްކާ ފަރާތްތަކުން އެފައިސާ ދައްކާ ޚަލާސްކުރުމަށް ވެސް އިލްތިމާސް ކޮށްފައެވެ. ކުނި އުކާލުމުގެ ޚިދުމަތުގެ ބިލު ނުދެއްކުމުގެ މައްސަލަ ވަރަށް ބޮޑުކަމަށް އެކުންފުނިން ފާހަގަކުރެއްވިއެވެ.