މިއަދުގެ މައުޟޫޢުގައި ވެސް މިއަލިއަޅުވާލަނީ އުނގެނުމާއި ގުޅޭގޮތުން މިޒަމާނުގެ ތަޢުލީމީ ދާއިރާގައި ވަރަށް ބޮޑަށް ވާހަކަ ދެކެވޭ ކަމެއް ކަމަށްވާ ދަރިވަރުން އެމީހުންގެ އުނގެނުމުގައި ޒިންމާދާރު ކުރުމާ ބެހޭގޮތުންނެވެ. އޮޓޮނޮމަސް މިބަސް ނެގިފައިވަނީ އޮޓޮނޮމީ މިލަފުޒުންނެވެ. އޮޓޮނޮމީގެ މާނައަކީ އާދައިގެ ބަހުންނަމަ ކޮންޓްރޯލް ނުވަތަ އަމިއްލައަށް ކަމެއް މެނޭޖުކުރެވުމެވެ. ނަމަވެސް މިބަސް އުނގެނުމުގައި ބޭނުންކުރާއިރު ބޮޑަށް މާނަ ކުރެވެނީ ދަރިވަރުގެ އުނގެނުމުގައި އޭނާ އަމިއްލައަށް އަދާކުރާ ޒިންމާ ނުވަތަ މަސްއޫލިއްޔަތާއެވެ. އޮޓޮނޮމީގެ މާނަ އެންމެ ތިލަކޮށް ދަންނަވާނަމަ އެއީ ކަމެއް ކުރުމުގެ މަޢުލޫމާތު އެނގި އޭގެ މައްޗަށް ބިނާކޮށްގެން ތަފާތު ޤަރާރުތައް ނިންމުމެވެ. އެހެން ގޮތަކަށް ދަންނަވާނަމަ، ކުރަންވީކަން ސާފުކޮށް އެނގުމާއެކު ކަމެއްގައި ވަކިގޮތަކަށް ޒިންމާ ނެގުމެވެ. މިގޮތުން އޮޓޮނޮމަސް ލާރނިން ގުޅެނީ ދަރިވަރުން އަމިއްލައަށް އޭނާގެ އުނގެނުމުގެ ކަންކަން މެނޭޖުކުރާގޮތާއި އަދާ ކުރާ ދައުރާއި މަސްއޫލިއްޔާތާއެވެ. ވަކިން ޚާއްޞަކޮށް މާނަކުރާއިރު އެއީ ދަރިވަރަށް އޭނާއަށް އުނގެނެވޭނެ ގޮތްތައް ރަގަޅަށް އެނގި އުނގެނުމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަމިއްލައަށް އަދާކުރުމެވެ. ރިޗާރޑްސް (2012) އޮޓޮނޮމަސް ލަރނިން މާނަކުރައްވާގޮތުގައި އެއީ އުނގެނުމުގެ ފުރިހަމަ ޒިންމާއާއެކު އުނގެނެވޭ ގޮތްތައް އެކުއްޖަކާ އެންމެ ގުޅޭގޮތަށް ކާމިޔާބާއި ހަމައަށް ދިޔުމަށް ދަރިވަރުންގެ ފުރިހަމަ ޒިންމާއާއި ކޮންޓްރޯލާއެކު އުނގެނޭ އުނގެނުމެވެ. މިކަމުގައި ޚާއްޞަކޮށް ފާހަގަކުރެވެނީ ދަރިވަރުންގެ އަމިއްލަ ފޯކަސް/އަމާޒާއި، އަމިއްލަގޮތް/ޕާރސަނަލް އަދި އަމިއްލައަށް ކަމުދާ ވަކި ގޮތަކަށް އުނގެނުމުގެ ކަންކަން ރާވާ ރޭވުމެވެ. އުނގެނޭ މާހައުލެއްގައި މުދައްރިސުން ދަރިވަރުންގެ އޮޓޮމަނަސް ލަރނިން/ޒިންމާދާރު އުނގެނުމަށް އެހީތެރިވެދޭނަމަ އެދަރިވަރުންގެ އުނގެނުން ދެގުނައަށް ކާމިޔާބުވެ އަދި ލައިފްލޯންގް ލާރނިން/ފަހަށް އުނގެނުން ފަދަ ހުނަރުތައް ވެސް އިތުރަށް ކުރިއަރައިގެން ދެއެވެ.
އޮޓޮނޮމީ އާއި ގުޅޭގޮތުން އެންމެ ފުރަތަމަ ލިޔުންތަކުގެ އިޝާރާތްކުރެވެން ފެށީ 1960ގެ އަހަރުގެ ތެރޭގައި ބަހުގެ ޢިލުމުވެރިއެއް ކަމަށްވާ ހެންރީ ހޮލިކްގެ ލިޔުންތަކުންނެވެ. މިލިޔުންތަކުގައި އެންމެ ބޮޑަށް އަލިއަޅުވާލެވިފައިވަނީ ބަސްދަސްކުރުމުގައި ދަރިވަރުންނަށް ކުރެވިދާނެ ކަންކަމާއި އުކުޅުތަކާއި އުނގެނުން ކާމިޔާބުކުރުމަށް ޓަކައި ކުރެވިދާނެ ކަންކަމާއި ދަރިވަރުގެ ދައުރާގުޅުވައިގެންނެވެ. މީގެ އިތުރުން ކުރީގެ ލިޔުންތެރިއެއް ކަމަށްވާ، އޮމާޖިއޯ (1978) ހާމަކުރައްވާގޮތުގައި އަމިއްލައަށް އުނގެނުން ކޮންޓްރޯލްކުރެވޭ އުނގެނެވީއެއްގެ (އޮޓޮނޮމަސް ލަރނަރ) ކިބައިގައި ފާހަގަ ކުރެވޭ ޚާއްޞަ ސިފަތަކެއްވެއެވެ. އެއީ: އެދަރިވަރު
* އަމިއްލައަށް އުނގެނެވޭ ގޮތްތަކާއި ވައްޓަފާޅިއާ ބޭނުންކުރެވިދާނެ އުކުޅުތަކުގެ ކަންތައްތައް އޭނާއަށް އެނގޭނެއެވެ.
* އުނގެނުމުގައި ވަރަށް ޙަރަކާތްތެރި/އެކްޓިވް ރޯލެއް އަދާކުރާނެއެވެ.
* އުނގެނުމުގައި ދިމާވެދާނެ ގޮންޖެހުމެއް/އުދަގުލެއް ތަހައްމަލުކުރުމުގައި ފަސްޖެހުމެއް ނުވާނެއެވެ
* އުނގެނެން އުޅޭ އެއްޗެއް ދެނެގަތުމާއި އެނގުނެވުނުކަން ޔަގީންކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދޭނެއެވެ.
* ޚާއްޞަކޮށް ބަހެއް އުނގެނުމުގައި ގެންގުޅޭ ގޮތްތަކުގެ ތެރޭގައި ވަކި ކަންތައްތަކެއް ނުވަތަ ބަހުގެ ގަވާޢިދުތައް ދެނެގަތުމުގައި އެކިގޮތްގޮތް ބޭނުންކޮށް އެބަހެއް ފަރިތަކޮށް ކުށް ރަގަޅުކޮށް، އަލުން އިޢާދަ ކުރުވަނިވި ގޮތަކަށް އުނގެނުން ކުރިޔަށް ގެންދާނެއެވެ.
* އުނގެނެވޭ ގޮތާއި، ދަސްކުރުމަށް ބޭނުންކުރެވޭ އުކުޅުތަކާއި، ގޮތްތަކާއި ގުޅޭގޮތުން އެދަރިވަރުން އަމިއްލައަށް ރިވެލި ކުރާނެއެވެ (އޮމާޖިއޯ، 1978؛ ރިޗާރޑްސް،2012).
އިސްވެފާހަގަ ކުރެވުނު ސިފަތަކަށް ބަލާއިރު، އުނގެނުމުގައި ދަރިވަރު އަދާ ކުރާ އަމިއްލަ ޒިންމާއާއި ދައުރު ވަރަށް ބޮޑަށް ހާމަވެއެވެ. ކުރިން އިޝާރާތް ކުރެވުނު ކަންތައްތަކުގެ ތެރެއިން ބައެއް ކަންކަމަށް ޚާއްޞަކޮށް އަލި އަޅުވާލަމުން ހޮލިކް (1982) މާނަކުރައްވާގޮތުގައި ޒިންމާދާރު އުނގެނުމަކީ އުނގެނެވީން އެކުދިންގެ އަމިއްލަ ގޯލަކާއެކު، އުނގެނުމުގެ ވަކިކަމެއް/ޓާރެގެޓެއް ހާސިލުކުރުމުގެ ގަސްދާއެކު، އަމިއްލަ ފަސޭހައިން އުނގެނެވޭ ގޮތްތައް ބޭނުންކޮށްގެން، އަމިއްލައަށް އުނގެނެވޭގޮތް ވަޒަންކޮށް ގާތުން ބަލައިގެން އުނގެނުން މެނޭޖުކުރުމެވެ. އުނގެނުމުގައި ދަރިވަރުން އަދާކުރަންޖެހޭ ޒިންމާއާ ގުޅޭ ގޮތުން ވާހަކަ ދައްކަވާ ޢިލުމުވެރިންގެ ތެރޭގައި ހިމެނޭ އެހެން ފަރާތަކީ ޒިމަރމަން އެވެ. ޒިމަރމަން (1998) ހާމަކުރައްވާގޮތުގައި ޒިންމާދުރު އުނގެނެވީންނަކީ އެމީހުންގެ އުނގެނުމުގެ ކަންކަމުގައި އަމިއްލަ ކޮންޓްރޯލް ވަރަށް ބޮޑަށް އޮންނަ ވަކި ޚާއްޞަގޮތަކަށް އުނގެނުން މެނޭޖުކޮށް ބޭނުންވާ ވަކި ގޯލްތަކަކަށް ދިއުމަށް މަސައްކަތްކުރާ ދަރިވަރުންނެވެ. މިދެންނެވި ފަދައިން ޒިމަރމަން އިތުރަށް ތަފުސީލުދެއްވަމުން ފާހަގަކުރައްވަނީ ޒިންމާދާރު އުނގެނެވީންނަކީ އެކުދިންގެ އުނގެނުމުގެ ތަޖުރިބާތެރެއިން އުނގެނުން އެންމެ ކާމިޔާބީ ކިހިނެއްތޯ، ކާމިޔާބު ނޫނީ ކޮންގޮތްތަކެއްތޯ ހޯދައިބަލައި ތަޖުރިބާތަކުގެ އަލީގައި ވީހާވެސް ރަގަޅުގޮތްތައް އެކުއްޖަކާއި އެންމެ ގުޅޭކަންކަން ހޯދައިގެން އުނގެނުމުގެ ތަފާތު ހުނަރުތައް ތަރައްގީކުރަމުން އުނގެނުން ކާމިޔާބުކުރުމުގައި ޒިންމާ އަދާ ކުރާ ކުދިންނެވެ. މިދެންނެވި ހުރިހާ ލިޔުންތަކުންވެސް ހާމަވެގެންދާ މުހިންމު ކަމަކީ ޒިންމާދާރު އުނގެނުން ގުޅެނީ ދަރިވަރުންގެ އަމިއްލަ ޒިންމާއާއެކު އުނގެނެވޭ ގޮތްތައް ބަލާ ކުރިޔަށްދިޔުމަށް ކުރެވޭ މަސައްކަތްތަކަކާކަމެވެ.
ކިޔަވައިދޭއިރު މުދައްރިސަށް ކުރެވިދާނެ ކަންކަން
ޒިންމާދާރު އުނގެނެވީންނަށް ދަރިވަރުން ހެދުމަށްޓަކައި މުދައްރިސަށް ކުރެވިދާނެ ކަންތައްތައް ވަރަށް ގިނައެވެ. ދަރިވަރުން އަމިއްލަ އުނގެނުން މެނޭޖުކުރުމަށް ދަސްކޮށްދިނުމަށްޓަކައި އެހީތެރިވެދިނުމަށް މުދައްރިސަކަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ތަންނަންންސޮލަސް (2000) ފާހަގަކުރައްވާފައިވާ 4 ކަމެއް ވަކިން ބަލާލާނަމެވެ.
* ދަރިވަރުން އަމިއްލަ އުނގެނުމުގެ ޑައިރީ ހެދުން: މިކަމަކީ ދަރިވަރުން އުނގެނުން ގާތުން ބަލާ މޮނިޓަރ ކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރެވޭ ކަމެކެވެ. މިގޮތުން ހަފުތާގެ އުނގެނުމުގެ ގޯލް ނުވަތަ ޓާރގެޓް ކަނޑައަޅާ އެކަން ކުރިޔަށް ދާގޮތް ރިކޯޑްކޮށް ބަލަހައްޓަން ދަރިވަރުންނަށް ބާރު އެޅިދާނެއެވެ.
* ޕޯރޓްފޯލިއޯ: އުނގެނުމުގެ ޕޯރޓްފޯލިއޯ ހެދުމަކީ ދަރިވަރުން ކުރާ މަސައްކަތްތައް ވަޒަންކުރުމަށް ބޭނުންކުރެވޭ ވަރަށް އެކަށޭނަ އުނގެނުމަށް ފަހި ވަޒަންކުރުން ތަންފީޒުކުރުމަށް އެހީތެރިވެދޭ އާލަތެކެވެ. މިއީ ދަރިވަރު ކުރާ މަސައްކަތްތައް ގާތުން ބަލާ، ބަދަލުގެންނަންވާ ކަންކަން ދެނެގަނެ އިތުރަށް ކުރަންޖެހޭ ކަންތައްތައް ހޯދައި، މުދައްރިސަށް ވެސް ދަރިވަރުންނަށް ފަސޭހައިން ފީޑްބެކް ދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ.
* ޓެކްނޮލޮޖީގެ އެހީތެރިކަން: މިޒަމާނުގައި ދަރިވަރުންގެ އަމިއްލަ އުނގެނުމަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އެކައްޗަކީ ޑިޖިޓަލް ޓެކްނޮލޮޖީއެވެ. ކިޔަވަމުންދާ ބައިތަކަކާ ގުޅޭ މަޢުލޫމާތު އިތުރަށް މުއްސަނދި ކުރުމަށް ނުވަތަ އިތުރަށް ކިޔާ އޮޅުންފިލުވުމަށް، މަސައްކަތްތަކާއި ޓިޔުޓޯރިއަލް ހެދުމަށް ޓެކްނޮޖޮޖީގެ ގިނަ ވަސީލަތްތައް މިހާރު ވަނީ ފަސޭހަކަމާއެކު ލިބޭގޮތް މެދުވެރިވެފައެވެ. ދަރިވަރުންނަށް އެ ވަސީލަތްތައް ބޭނުންކޮށްގެން އުނގެނުން ކުރިއެރުވުމަށާއި އިތުރަށް ކުރަން ހުރި އަދި ކުރެވިދާނެ ކަންތައް ކުރުމަށް ބާރު އެޅުމަކީ ދަރިވަރުންގެ އަމިއްލަ ޒިންމާ އުނގެނުމުގައި ބޮޑު ކުރެވޭނެ ގޮތްތަކެވެ.
* ދަރިވަރުންނާ ގާތުން ވާހަކަދައްކާ ބާރު އެޅުން: މިއީ ސީދާ އުނގެނުމުގައި ދަރިވަރުގެ އަމިއްލަ ގޮތްތަކާއި، އޭނާ އުނގެނުމާމެދު ދެކޭގޮތާއި، އުނގެނުމުގެ ކަންކަން ރާވައިގޮތާއި، ދުވަހީ ދިރިއުޅުމުގައި އުނގެނުމުގެ ކަންކަން މެނޭޖުކުރާގޮތާ ބެހޭގޮތުން މުދައްރިސު ވާހަކަ ދައްކާ ހެދުމެވެ. މިގޮތުން ދަރިވަރުންނަށް އިތުރަށް ކުރެވިދާނެ ކަންކަމާއި، ތަރައްގީކުރެވިދާނެ ހުނަރުތަކާއި، އުނގެނުމުގެ މަސައްކަތް ގެންދާނެ ގޮތް ތަރުތީބުވަނިގޮތަކަށް ރޭވުމަށް ބާރުއެޅި ހިތްވަރުދެވިދާނެއެވެ.
މިދަންނަވާލެވުނު ކަންކަމަކީ ޚާއްޞަކޮށް ވަކި ވަކި ދަރިވަރުންގެ އުނގެނުމުގެ ޒިންމާ އިތުރު ކުރުމަށް ސަމާލުކަންދީގެން މުދައްރިސަށް ކުރެވިދާނެ ކަންކަމެވެ. ހަމަ މިއާއެކު ޖުމުލަގޮތެއްގައި މުޅި ކުލާހުގެ ކަންކަން ކިޔަވައިދިނުމުގެ ތެރޭގައި ރާވައިރު ތިރީގައިވާ އިރުޝާދުތައް ނުހަނު ބޭނުންތެރިވާނެއެވެ. މިގޮތުން ކިޔަވައިދޭއިރު އަބަދުވެސް:
* އެއްކުއްޖަކު އަނެއްކުއްޖަކަށް އެހީތެރިވެދެމުން އުނގެނުމުގެ ކަންކަން ކުރުމަށް ހިތްވަރު ދިނުން
* އެކުއްޖަކަށް ފަސޭހައީ އުނގެނުމުގެ ކޮންގޮތްތަކެއްތޯ ބަލައިހޯދާ ހެދުމަށް ބާރު އަޅައި ހިތްވަރުދީ މަގުދައްކާދީ ހެދުން
* ކިޔަވައިދޭ މާހައުލުގައި ދަރިވަރުން އުނގެނުމުގެ ފުރުސަތުތަކާއި ކަންކަން ކުރުމުގައި އިޚްތިޔާރީ ގޮތްތައް ފަހިކޮށްދިނުން.
* އުނގެނޭ މާހައުލުގައި ދަރިވަރުންނަށް ވިސްނުމުގެ އުކުޅުތައް ބޭނުންކުރަން ވަގުތާއި ފުރުސަތު ދިނުން
* އުނގެނުމުގެ ކަންކަން މެނޭޖުކުރާނެގޮތާއި ތަރުތީބުވަނިވި ގޮތްތައް ބޭނުންކުރަން އެހީތެރިވެ ދިނުން
* އުނގެނުމުގެ ކަންކަން މެނޭޖުކުރުމުގައި މުދައްރިސުގެ ކޮންޓްރޯލް ކުޑަކޮށް ދަރިވަރުގެ ޒިންމާ ބޮޑުކުރުން
* ހުރިހާ އެއްޗެއް އޮޅުންފިލުވުމުގައި މުދައްރިސަށް ބަރޯސާ ނުވުމަށް ބާރު އެޅުން
* ދަރިވަރުން އަމިއްލައަށް ގިނަ ކަންކަން ހޯދައި އުނގެނުމުގެ ދައުރު ފުޅާ ކުރުމަށް ހިތްވަރުދިނުން
* އެކުއްޖަކަށް އުނގެނެން ފަސޭހަގޮތްތަކައް ބޭނުން ކުރެވިދާނެ ތަފާތު އުކުޅުތައް ދެނެގަންނަން އެހީތެރިވެދިނުން
ޢާއްމުކުލާހެއްގައި އޮޓޮނޮމަސް ލަރނިން ތަންފީޒުކުރާނެގޮތް
މިސާލަކަށް ދިވެހިރާއްޖެ ފަދަ ގައުމެއްގައި ދަރިވަރުންނަށް އިގިރޭސި ބަސް ކިޔަވައިދޭއިރު ކުދިންގެ އަމިއްލަ ބަހުގެ ޕޯރޓްފޯލިއޯ ހަދަން ދެވިދާނެއެވެ. ރިޗާރޑްސް (2012) ހާމަކުރައްވާގޮތުގައި މިފަދަ ޕޯރޓްފޯލިއޯގައި މައިގަނޑު 3 ބައެއް ހިމަނާލެވިދާނެއެވެ.
(1) ބަހުގެ ޕާސްޕޯރޓް: މިބައިގައި ލިޔާނީ އެކުއްޖެއްގެ އަމިއްލަ ބަހުގެ ވަންތަވެނިވި (އައިޑެންޓިޓީ) ކަންކަމާ ބެހޭގޮތުންނެވެ.
(2) ބަހުގެ ބައޮގްރަފީ: މިބައިގައި ލިޔާނީ ބަސްދަސްކުރުމާ ގުޅޭގޮތުން ދަސްވަމުންދާ ބައިތަކާ، އިތުރަށް އުނގެނެވެމުންދާ ބަހުގެ ތަފާތު ހުނަރުތަކާއި އެކަންކަން ކުރިއަރަމުންދާ ގޮތާއި އަމިއްލަ އުނގެނުން ކުރިއަށް ގެންދެވޭ ގޮތާ މެދު ކުރެވޭ ރިވެލި ކުރުންތަކެވެ.
(3) ޑޮސިއަރ/ފަތްފުއްތައް: މިއީ ދަރިވަރުންގެ ބަސްދަސްކުރުމުގައި ބޭނުންކުރެވޭ ތަފާތު މެޓީރިއަލްތަކާއި އެއްކުރެވޭ އެއްކުރުންތަކާއި، ކުރެވިފައިވާ މަސައްކަތް އެކައްޗެއްގައި އެއްކޮށް ދައްކާލެވޭގޮތަށް އެއްކުރާ އެއްކުރުމެވެ.
މިގޮތަށް ހެދޭ ޕޯރޓްފޯލިއޯގެ އެންމެ މުހިންމު ސިފައަކީ ދަރިވަރުގެ އަމިއްލަ އުނގެނުން ވަޒަންކުރެވި، އުނގެނުން ކުރިއަށް ގެންދެވޭ ގޮތާއި، ކުރެވޭ ކަންކަން ގާތުން ބަލާ ވަޒަންކޮށް، އިތުރަށް ހަރުދާނާ ކުރުމަށްވެސް ކުރެވިދާނެ ކަންކަން އަންދާޒާކޮށް ވިސްނުމަށް ފުރުސަތު ލިބުމެވެ. މިފަދަ ޕޯރޓްފޯލިއޯ ބޭނުންކުރުމުން ދަރިވަރުންގެ އަމިއްލަ އުނގެނުމާ ގުޅޭގޮތުން ފެންނަހުންނަ ހެކި ތަކުގެ އަލީގައި ބަދަލު ގެނެވި އިތުރަށް އުނގެނުން ތަރައްގީކޮށް ކުރިއެރުވުމަށް ވެސް ނުހަނު ބޮޑު ފުރުސަތަކަށް ވެއެވެ.
މިޒަމާނުގެ ވަރަށް ގިނަ ކުލާސްތަކުގައި އުނގެނެވީގެ ޒިންމާ (ލަރނަރ އޮޓޮނޮމީ) އަކީ މުދައްރިސުން ވަރަށް ސަމާލުކަންދޭ އެއްކަމެވެ. މިގޮތުން މުދައްރިސުން އެކަން ތަންފީޒުކުރުމުގައި ޖުމުލަގޮތެއް ކުރާ ޚާއްޞަކަންތައްތަކެއް ވެއެވެ. އޭގެ ތެރޭގައި ކުލާހުގެ ތެރޭގައި ތިބޭ ހުރިހާ ދަރިވަރުންގެ ނީޑް ޕްރޮފައިލް/ ބޭނުންތަކުގެ ޕްރޮފައިލް ހެދުމަކީ ވަރަށް ބޮޑަށް ބެލޭ ކަމެކެވެ. މީގެ އިތުރުން، އަމިއްލަ ޒިންމާ އާއެކު ކިޔެވުމުގެ ނަމޫނާ ދެއްކުމާއި، އެގޮތަށް ކިޔެވުމަށް ބޭނުންކުރެވިދާނެ ތަފާތު ހުނަރުތަކާއި، އުކުޅުތައް ދަރިވަރުންނާއެކު މަޝްވަރާ ކުރުމާއި، ދަރިވަރުން އަމިއްލައަށް އުނގެނުންތައް ވަޒަންކުރެވޭނެ ގޮތްތައް ކިޔައިދިނުމާއި، ދަރިވަރުންގެ ކިޔެވުމުގެ ޕްލޭންތަކާއި ގޯލްތައް ހެދުމަށް އެހީތެރިވެދިނުން ފަދަ ކަންކަން ހިމެނެއެވެ.
ބައެއް ޢިލުމުވެރިން ފާހަގަކުރައްވާގޮތުގައި ލަރނަރ އޮޓޮނޮމީ/އުނގެނެވީގެ ޒިންމާ ކުލާހުގައި ތަންފީޒު ކުރުމުގައި މުދައްރިސުގެ ރޯލުތެރޭގައި ހިމެނޭ އެންމެ މުހިންމު އެއްކަމަކީ ސީދާ މުދައްރިސުގެ ޒިންމާވެސް ދާދި އެއްގޮތަކަށް ޕްރޮމޯޓް/ބާރުއަޅައި ނަމޫނާ ދެއްކުމެވެ. މާނައަކީ މުދައްރިސަކީވެސް އަމިއްލައަށް އުނގެނޭ ގޮތްތައް ތަރުތީބުވަނިވި، ގޮތަކަށް ރާވައި، ފެންނަ ހެކީގެ އަލީގައި ކިޔައިވައިދޭ ގޮތްތަކަށް ބަދަލުގެނެސް ދަރިވަރުންގެ ދައުރު ބޮޑުކޮށް އުނގަންނައިދިނުމުގެ ކަންކަން ރާވާ ހަދާ މީހަކަށް ވުމެވެ (ލިޓްލް، 1999). މިގޮތަށް ކިޔަވައިދޭ މާހައުލުތަކުގައި މުދައްރިސުނަންކީ މަޢުލޫމާތު ކިޔަވައިދޭ (ނޮލެޖް ޑެލިވަރީ) ފަރާތަކަށްވުރެ ބޮޑަށް ދަރިވަރުން ބައިވެރިކޮށްގެން މަޢުލޫމާތު އުފައްދާ ވާހަކަދެއްކުމުގެ ތެރެއިންނާއި މަޝްވަރާގެ ތެރެއިން ދަރިވަރުންގެ ހިތުގައި އާޚިޔާލުތައް ނިއުޅެމުން އިތުރުވަމުންދާނެ ފަދައިން ކުލާހުގެ ކިޔައިވައިދިނުން ފަރުމާ ކުރާ ބައެކެވެ. ކުލާހުގެ ހުރިހާ ކަމެއްވެސް ރޭވިގެންދާނީ ޑިމޮކްރަސީގެ އުސޫލުން އެންމެން ބައިވެރިވެގެން ރޭވޭ ކަންތައްތަކެއް ގޮތަށެވެ. ޒިންމާދާރު އުނގެނުމަށް ފަހި ކުރެވޭގޮތްތަކުގެ ތެރޭގައި ސަމާލުވާންޖެހޭ އެހެންކަމަކީ ދަރިވަރުންގެ ތަފާތުތަކަށް ރިޢާޔަތްކޮށް، އެކި ކުދިންގެ ހުންނަ އުނގެނުމުގެ ތަފާތު ގޮތްތަކަށް، ބޭނުންތަކަށް، ގަޔާވުންތަކަށް، ކުޅެދުންތަކަށް ސަމާލުވެގެން ކިޔަވައިދިނުން ރޭވުމެވެ. ކޮންމެ ދަރިވަރަކުވެސް އުނގެނުމުގެ ޒިންމާ އަދާކުރާގޮތް ތަފާތުވުމަކީ ވަރަށް ގާތްކަމެކެވެ. އެއްކުއްޖަކުގެ އުނގެނުން އަމިއްލައަށް ރާވާގޮތް އަނެއްކުއްޖާއާ އެއްގޮތްވުމަކީ ކޮންމެހެން ވާންޖެހޭނެ ކަމެއް ނޫނެވެ. މިސާލަކަށް އެއްކުއްޖަކީ އެއްޗެހި ދަސްކުރާއިރު އެހެން މީހަކަށް އެއާބެހޭގޮތުން ކިޔައިދެމުން ވާހަކަ ދައްކަމުން ދަސްކުރަން ފަސޭހަވެދާނެއެވެ. ނަމަވެސް އެހެން ކުއްޖަކަށް ދަސްކުރާ ބަޔަކާ ބެހޭގޮތުން ލިޔެ ކުރަހާ ހެދުމުން މާބޮޑަށް ވެސް ފިލާވަޅުގެ ބައިތައް ނަގައިގަނެވޭގޮތް ވެދާނެއެވެ. މިތާނގައި ފާހަގަކޮށްލަން ބޭނުންވާ ނުކުތާއަކީ ދަރިވަރުންނަށް އޮޓޮނޮމަސް ލަރނިންއަށް އެހީތެރިވެދޭއިރު މިފަދަ ކަންކަމަށް މުދައްރިސު ސިކުނޑި ހުޅުވިފައިވުމާއެކު، އެކަންކަން ގާތުންބަލާ ރިޢާޔަތް ކުރުމަށެވެ.
މިއަދު މި ލިޔެލެވުނު މަޢުލޫމާތު ކޮޅުވެސް ގުޅިގެންދަނީ ދަރިވަރުންގެ އުނގެނުން ހަރުދަނާ ކުރުމަށް މުދައްރިސުންނަށް ކުރެވިދާނެ ބޭނުންތެރި ކަންތައްތަކަކާއެވެ. އަޅުގަނޑުގެ އުއްމީދަކީ މިސިލްސިލާގައި މިލިޔެލެވޭ ކޮންމެ ލިޔުމަކީވެސް ކޮންމެސް ގޮތަކަށް މުދައްރިސުންގެ ކިޔަވައިދިނުމުގައި ބޭނުންކުރެވޭނެ އެއިން އާކަންތައްތަކެއް ތަޖުރިބާކޮށްލަން ފުރުސަތު ލިބިދޭނެ އެއްޗަކަށް ވުމެވެ. ކޮންމެ ދުވަހަކު ހުށަހަޅައި ލެވޭ ލިޔުމަކީ މުޅިން އާކަންތައްތަކެއް ނޫންނަމަވެސް މިލިޔުމުން ކޮންމެސް މިންވަރެއްގެ ޚިޔާލެއް ބޭނުންކޮށްލުމުގެ ރޫހު ތިޔަ މުދައްރިސުންގެ ހިތުގައި އުފެދުމަށް އުއްމީދުކުރެވެއެވެ.