ފަގީރު ގައުމުތަކުގެ %90 މީހުންނަށް އަންނަ އަހަރު ކޮވިޑް-19 ވެކްސިން ނުލިބިދާނެ

ދުނިޔޭގެ އެންމެ ފަގީރު ގައުމުތަކުގެ މީހުންގެ ކޮންމެ 10 މީހެއްގެ ތެރެއިން 9 މީހަކަށް އަންނަ އަހަރު ކޮވިޑް-19 ވެކްސިން ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ވެކްސިން ދިނުމުގައި ހަމަހަމަކަމަށް މަސައްކަތްކުރާ ޖަމާއަތަކުން ބުނެފިއެވެ. އެއީ މުއްސަނދި ގައުމުތަކުން ބޭނުންވާ ވަރަށްވުރެ ގިނައިން ވެކްސިން ގަންނަން ތައްޔާރުވެފައި ވާތީއެވެ.

ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވާ ދަރުމަވެރި ޖަމާއަތް އޮކްސްފާމް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތް އެމްނެސްޓީ އިންޓަނޭޝަނަލް އަދި އަނިޔާލިބޭ ފަރާތްތަކަށް އިންސާފު ހޯދައިދިނުމަށް މަސައްކަތްކުރާ ޖަމާއަތް ގްލޯބަލް ޖަސްޓިސް ނައު ގުޅިގެން އުފައްދާފައިވާ ޕީޕަލްސް ވެކްސިން އެލާޔަންސުން ބުނި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ލިބެންހުރި އެންމެ އުއްމީދީ ވެކްސިންގެ %53 ދުނިޔޭގެ އާބާދީގެ %14 މީހުން ދިރިއުޅޭ މުއްސަނދި ގައުމުތަކުން ވަނީ ގަނެފައެވެ.

އެ އިއްތިހާދުން ބުނި ގޮތުގައި ކޮވިޑް-19 ވެކްސިން އުފެއްދުމުގައި ހަރަކާތްތެރިވާ ބޭސްއުފައްދާ ކުންފުނިތަކުން އެކުންފުނިތަކުގެ ޓެކްނޮލޮޖީއާއި، ފިކުރީ މުދަލުގެ ހައްގު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިޔުއެއްޗްއޯ) އާ ހިއްސާކުރަން ޖެހެއެވެ. އެއީ ގިނަ އަދަދަކަށް ވެކްސިން އުފައްދައި ގިނަ ބަޔަކަށް ލިބޭނެ ގޮތް ހެދުމަށެވެ.

"މިއީ ބޭނުންވާ ވަރަށް ޑޯޒް ހޯދުމަށް ގައުމުތަކުގެ މެދުގައި ކުރެވޭ ހަނގުރާމައަކަށް ވެގެން ނުވާނެ. ދުނިޔޭގައި ބޮޑު އާލަމީ ވަބާއެއް ފެތުރިފައިވާ މި ނާޒުކު ދަނޑިވަޅުގައި ބޭސް އުފައްދާ ކުންފުނިތަކަށް ލިބޭ ފައިދާއަށް ވުރެ އިސްކުރަން ޖެހެނީ މީސްތަކުންގެ ފުރާނަ." ޕީޕަލްސް ވެކްސިން އެލާޔަންސްގެ އެޑްވައިޒަރު މޮހްގާ ކަމާލް ޔަނީ ވިދާޅުވިއެވެ.

ފައިޒާއާއި ބަޔޯންޓެކް ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިން އިނގިރޭސިވިލާތުގައި އަންގާރަދުވަހު ޖަހަން ފަށާފައި ވާއިރު ދުނިޔޭގެ އާމްދަނީ ދަށް އަދި މެދު ފަންތީގެ 67 ގައުމެއްގެ މީހުންނަށް ވެކްސިން ނުލިބުމުގެ ފުރުސަތު ބޮޑުކަމަށް އެ އިއްތިހާދުން ދެކެއެވެ.

އާސްޓްރާ ޒެނެކާއާއި އޮކްފޯޑް ޔުނިވަސިޓީ ގުޅިގެން އުފައްދާ ވެކްސިންގެ %64 ޑޯޒް ތަރައްގީވަމުން އަންނަ ގައުމުތަކުގެ މީހުންނަށް ދޭނެ ކަމަށް ބުނެފައި ވީނަމަވެސް އެވެކްސިން އެންމެ އަވަސްވެގެންވެސް އަންނަ އަހަރު ނިމެންވާއިރަށް ލިބޭނީ ދުނިޔޭގެ އާބާދީގެ %18 އަށެވެ.

އެ ޖަމާއަތުން ހާމަކުރި އަދަދުތައް ބިނާކޮށްފައިވަނީ ވެކްސިން އުފައްދަން ތައްޔާރުވަމުން އަންނަ އަށް ކުންފުންޏަކާއި ދުނިޔޭގެ ގައުމުގެތަކުގެ މެދުގައި ކުރެވިފައިވާ މުއާމަލާތްތައް ކަމާބެހޭ ކުންފުންޏެއް މެދުވެރިކޮށް ދިރާސާކުރުމަށް ފަހުގައެވެ.

މި ހޯދުންތަކުން ހާމަވި ގޮތުގައި އެމެރިކާ، އިނގިރޭސިވިލާތް، ކެނެޑާ، ޖަޕާން، ސުވިޒަލޭންޑް، އޮސްޓްރޭލިޔާ، ހޮންކޮންގް، މަކާއު. ނިއުޒީލޭންޑް، އިސްރާއީލު، ކުވޭތު އަދި ޔޫރަޕިއަން ޔުނިއަން (އީޔޫ) ގެ ގައުމުތަކުން ވަނީ މިހާރު ލިބެން ހުރި ވެކްސިން ޑޯޒްތަކުގެ %53 ގަނެފައެވެ. ޚާއްސަކޮށް ކެނެޑާއިން ވަނީ އެގައުމުގެ އާބާދީއަށް ފަސް ބުރަށް ވެކްސިން ދެވޭވަރަށް ޑޯޒް ގަނެފައެވެ.

"ލިބެންހުރި ވެކްސިންގެ ބޮޑު އަދަދެއް ގަނެ ރައްކާކޮށްގެން، މުއްސަނދި ގައުމުތަކުން އެވަނީ އެންމެ އަސާސީ އިންސާނީ ހައްގުތަކުގެ ވާޖިބާއި ޚިލާފުވެފައި." އެމްނެސްޓީ އިންޓަނޭޝަނަލްގެ ހެޑް އޮފް އިކޮނޮމިކް އެންޑް ސޯޝަލް ޖަސްޓިސް ސްޓީވް ކޮކްބާން ވިދާޅުވިއެވެ.

މުޙައްމަދު ޢަބްދުﷲ
މުޙައްމަދު ޢަބްދުﷲ އަކީ އާފަތިހަށް ލިޔުއްވާތާ އެތައް އަހަރެއް ވެފައިވާ ޢިލްމުވެރި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. ދީނީ ލިޔުމާއި ދުނިޔޭގެ ޚަބަރުތަކަށް އަރައިހުންނެވި ކުޅަދާނަ ލިޔުންތެރިއެކެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.