ހުޅުމާލޭގައި ޖަލު ކޮމްޕްލެކްސް އެޅުމުގެ މަސައްކަތް އަންނަ އަހަރު ފަށްޓަވާނެކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެއެވެ.
ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވީ މިޖަލު ކޮމްޕްލެކްސްއަކީ މާލޭ ޖަލުގެ ޙާލަތު ގޯސް ވެފައިވައި ވުމުން އެކަމަށް ޙައްލެއް ހޯއްދެވުމުގެ އިތުރުން ގައިދީން ގެންގުޅުމުގެ ނިޒާމް ހަރުދަނާ ކުރުމަށް ޤާއިމްކުރެވޭ ތަނެއްކަމަށެވެ. މި ޖަލު ކޮމްޕެލެކްސް ޤާއިމްކުރުމުން ޤައިދީން ގެގުޅުމުގެ ނިޒާމަށް ބޮޑު ބަދަލުތަކެއް ގެނެވޭނެކަމަށް ހޯމްމިނިސްޓަރ ފާހަގަކުރެއްވިއެވެ. އެތަން ޤާއިމްކުރުމުން ކުޑަކުދިން ބަންދުކޮށްގެން ގެންގުޅޭ ގޮތަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެކަމަށް ވެސް ހޯމް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
އަންހެން ގައިދީންނަށް ފޯރުކޮށް ދޭންޖެހޭ ޚިދުމަތްތަކަށްވެސް ވަރަށްބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށާއި ނަމަވެސް ހުޅުމާލޭގައި އަޅާ ޖަލު ކޮމްޕްލެކްސް އިން މިކަމަށްވެސް ޙައްލެއް ލިބިގެންދާނެކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން ރިމާނަޑްގައި ބަންދުކުރެވޭވެ ފަރާތްތައްވެސް ވަކި ގޮތަކަށް ބަންދުކޮށްގެން ގެންގުޅެންޖެހޭއިރު، ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރެވިފައި ނެތުމުން އެކަމަށްވެސް މިހާތަނަށް ހައްލެއް ލިބިފައިނުވާކަމަށް ވިދާޅުވިއެވެ. ނަމަވެސް ޖަލު ކޮމްޕްލެކްސް އިން މިކަމަށްވެސް ޙައްލު ލިބިގެންދާނެކަމަށް ވިދާޅުވިއެވެ.
"މިދިޔަ ދެއަހަރު ދުވަހު ކުރެވުނު މަސައްކަތުން މިހިސާބަށް އާދެވިފައިމިވަނީ. އިރާދަކުރެއްވިއްޔާ އަންނަ އަހަރު މިޕްރޮޖެކްޓް އަޅުގަނޑުމެން އިމްޕްލިމެންޓްކުރާނަން" ހޯމް މިނިސްޓަރ ޢިމްރާން ވިދާޅުވިއެވެ.
ހޯމް މިނިސްޓަރ ވިދާޅުވީ ޖަލުތަކުގެ މައްސަލަތައް ޙައްލު ކުރުމަކީ މިސަރުކާރުގެ ވަރަށް މުހިންމު ވަޢުދެއްކަމަށެވެ. އެކަމަށް ޓަކައި މިސަރުކާރުގެ ފުރަތަމަ 100 ދުވަސްތެރޭގައި ޖަލުތަކުގެ އޮޑިޓެއްހަދައި ޖަލުތަކުގެ ޙާލަތާއި އިޞްލާހު ކުރަންވީ ކަންތައްތައް ދެނެގަނެވިފައިވާ ކަމަށެވެ.
އެކަމުގެ ނަތީޖާއެއްގެ ގޮތުން އިންސާނުން ބަންދުކޮށްގެން ގެންގުޅެން އެކަށީގެންނުވާ ހުރިހާ ތަނަތަން ބަންދުކޮށްފައިވާކަމަށް ވެސް ވިދާޅުވިއެވެ. އޭގެ އެސްވެސް ތަނެއް ހާލަތު ރަނގަޅުކޮށް ގެން ނޫނީ ބޭނުން ނުކުރާނެކަމަށް ވެސް ވިދާޅުވިއެވެ.
މާލޭގެ ޖަލުގެ ޙާލަތު ވެސް މިހާރު ހުރީ ބައިނަލް އަޤްވާމީ ހަމަތަކާއި ދިވެހިން މިހާރު ޤަބޫލުކުރާ ހަމަތަކަށްވުރެ ހާލަތު ގޯސްކޮށްކަމަށް ހޯމް މީނިސްޓަރ ފާހަގަ ކުރެއްވިއެވެ.