ރިޟްވާންގެ މައްސަލައިގެ ތަހުގީގަށް ބިނާކޮށް އަޅުއްވަންޖެހޭ ފިޔަވަޅު ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙް އަޅުއްވާނެކަން ޔަގީން ކުރައްވާ ކަމަށް ހޯމް މިނިސްޓަރު ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ރިޟްވާންގެ މައްސަލައިގައި ފުލުހުންގެ މުއައްސަސާގެ އިހުމާލު އޮތްކަމަށް ބުނެ ގިނަބަޔަކު ދަނީ ރައީސް އާއި ހޯމް މިނިސްޓަރު އަދި ފުލުހުންނަށް ފާޑުކިޔަމުންނެވެ. ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރިޟްވާންގެ މައްސަލަ ތަހުގީގުކުރަނީ ރައީސް އިބްރާހީމް މުޙައްމަދް ޞާލިޙްގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުފެއްދެވި ކޮމިޝަނަކުން ކަމުގައެވެ. އަދި ކޮމިޝަންގެ "ތަހުގީގަށް ބިނާކޮށް، ދައުލަތުގެ މުއައްސަސާތައް މެދުވެރިކުރައްވައި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފިޔަވަޅު އަޅުއްވާނެކަން ޔަގީން" ކަމަށެވެ. އަދި އެކަމާ ގުޅިގެން ފުލުހުންގެ މުއައްސަސާއިން އަޅަންޖެހޭ ފިޔަވަޅު އަޅާކަން" ކަށަވަރު ކުރައްވާނެ ކަމަށްވެސް ޢިމްރާން ވިދާޅުވިއެވެ.
Rilwan ge massala thahgeeg kurani HEP @ibusolih ge verikamuge furathamadhuvahu ufehdhevi @DdcomMdv. Ethahugeegah binaakoh dhaulathuge muassasaathah medhuverikurvvaa, RI fiyavalhu alhuvaanekan yageen. Ekamaa gulhigen @PoliceMv inalhanjehey fiyavalhu alhaakan kashavarukuraanan iA.
— Imran Abdulla (@ShimranAb) September 7, 2019
ރިޟްވާންގެ މައްސަލައާއި ގުޅިގެން ބުރާސްފަތި ދުވަހު ބަންޑާރަނައިބުގެ އޮފީހުން ފުލުހުންނަށް ފޮނުއްވި ސިޓީއެއްގައި އެ މައްސަލައިގައި ޙަރަކާތްތެރިވި ކަމަށް ތުހުމަތުކުރެވޭ ދެ ފުލުހަކު ހައްޔަރުކުރުމަށް ވަނީ އަންގަވާފައެވެ. ހުކުރު ދުވަހު ފުލުހުންގެ މުއައްސަސާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، އެ މައްސަލައާއި ގުޅިގެން ޖިނާޢީ އިޖުރާއަތުތަކެއް އަލުން ހިންގުމުގެ ކުރިން މަރު ކޮމިޝަނާއި މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މީގެ ކުރީގެ ބައްދަލުވުންތަކުގައިވެސް ފާހަގަކުރައްވާފައިވާ ފަދައިން، ދައުވާ ކުރެވޭފަދަ ހެކިތަކެއް ލިބިފައި ނުވާތީ ދެ ފުލުހުން ހައްޔަރުކުރަންޖެހޭ ފަދަ ޤާނޫނީ ސަބަބެއް ނެތް ކަމަށް ކޮމިޝަނުން ލަފާ ދެއްވިކަމަށެވެ. ނަމަވެސް އެ ފުލުހުންނާ މެދު އިދާރީގޮތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށްޓަކައި އެ ފުލުހުންހެ މައްސަލަ އަލުން ތަހުގީގު ކުރުމަށް ފެންނަކަމަށް ވެސް ކޮމިޝަނުން މަޝްވަރާ ދެއްވި ކަމަށެވެ.
މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދް ކުރެއްވި ޓުވީޓެއްގައި ރިޟްވާންގެ ފޯނު އަޑު އަހާށާއި ފާރަލުމަށް ކޯޓު އަމުރު ހޯދުން އެއީ ކުށަކަށް ނުވޭތޯ ސުވާލުކުރައްވާފައެވެ. ހޮނިހިރު ދުވަހު ކުރެއްވި ޓުވީޓެއްގައި އެ މަނިކުފާނު ވިދާޅުވީ "ރިޟްވާން ގެ ފޯނު އަޑު އަހާށާއި ރިޟްވާން އަށް ފާރަލުމަށް އޮޅުވާލައިގެން ކޯޓު އަމުރު ހޯދުން އެއީ ކުށެއް ނޫންތޯ" އެވެ. އަދި "ފުލުހުންގެ މައްޗަށް އޮންނަ އިތުބާރު ގެއްލޭ ބާވަތުގެ ވާހަކަތަކެއް އެ އިދާރާގެ މަދު ބަޔަކު ދައްކާ ކަމީ ހިތާމައެއް" ކަމަށް ވެސް ރައީސް ނަޝީދް ވިދާޅުވިއެވެ.
Rilwan ge phone aduahaashai Rilwan ah faaralumah olhuvaalaigen court amuru hoadhun e ee kusheh noonbaa? MPS ge mahchah onna ithubaaru gelley baavathuge vaahakathah e idhaaraage madhu bayaku dhakkaa kamee hithaamaeh
— Mohamed Nasheed (@MohamedNasheed) September 7, 2019