މިހާރު ޓިއުނިސް (ތޫނިސް) ގައި ކުރިޔަށްދާ ލީބިޔާގެ ސުލްހައިގެ ވާހަކަތަކުގައި އެގައުމުގައި ހަނގުރާމަކުރަމުންދާ ވާދަވެރި ފަރާތްތަކުން ސުލްހައިގެ މަގުޗާޓަކަށް އެއްބަސްވެއްޖެ ކަމުގައި އދ.ން ބުނެފިއެވެ.
އދ.ން ލީބިޔާއަށް ކަނޑައަޅާފައި ހުންނަވާ ވަގުތީ މަންދޫބު ސްޓެފަނީ ވިލިއަމްސް ވިދާޅުވި ގޮތުގައި މި މަގުޗާޓުގައި ވާގޮތުން 18 މަސްދުވަހުގެ ތެރޭގައި މިނިވަން އިންތިޚާބެއް ބާއްވާނެއެވެ. އަދި އިސްތިރާޖީ ގޮތުން މުހިއްމު ރަށެއްކަމުގައިވާ ސިރްތުން ހަނގުރާމަވެރިން ބާލަންވެސް ދެފަރާތުން ވަނީ އެއްބަސްވެފައެވެ.
އިއްޔެ ޓިއުނިސްގައި ނޫސްވެރިންނާ ބައްދަލުކުރައްވަމުން އޭނާ ވިދާޅުވި ގޮތުގައި ވާދަވެރި ފަރާތްތަކުން މަގުޗާޓެއްގެ މައްޗަށް އުސޫލެއްގެ ގޮތުން އެއްބަސްވެފައެވެ. އަދި މިހާރު އެއްބަސްވެފައިވާ ގޮތުން ވަގުތީ ސަރުކާރު އުވާލައި ގިނަވެގެން 18 މަސްދުވަހު ތެރޭގައި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބު ބާއްވާނެއެވެ. ސްޓްފަނީ ވިލިއަމްސް ވިދާޅުވި ގޮތުގައި ދައުލަތުގެ މުއައްސަސާތުގެ ބައިބައިވުން ނިމުކަމަށް ގެންނަ "މިނިވަން، އިންސާފުވެރި، ހުރިހާ ފަރާތްތަކެއް ބައިވެރިވާ، އިތުބާރުކުރެވޭ" އާއްމު އަދި ރިޔާސީ އިންތިޚާބަކަށް އެއިންތިޚާބުތައް ވާނެއެވެ.
"ހަގީގީ ކުރިއެރުން އެބަލިބޭ. އަހަރުމެން އެކަމަށް ހިތްވަރުދީ އެކަމަށް ވިސްނައިގެން ކުރިއަށް ދާނީ." ވިލިއަމްސް ވިދާޅުވިއެވެ.
ލީބިޔާގެ ވާދަވެރި ފަރާތްތަކުގެ ތެރެއިން އދ.ން ހޮވާފައިވާ 75 މަންދޫބަކީ ފާއިތުވި ހޯމަ ދުވަހުއްސުރެ ޓިއުނީޝިޔާ (ތޫނިސް) ގެ ވެރިރަށް ޓިއުނިސްގައި ބައްދަލުކުރަމުންނެވެ.
އދ.ގެ މަންދޫބު ހާމަކުރެއްވި ގޮތުގައި މިއަދު ކުރިއަށްދާ ވާހަކަތަކުގައި އިންތިޚާބުގެ ކުރިން އޮތް މަރުހަލާގެ ކަންކަން އިންތިޒާމުކުރުމަށް ހުރިހާ ފަރާތެއްގެ ބައިވެރިވުން ހިމެނޭ އާ ވަގުތީ ސަރުކާރެއް އެކުލަވާލުމާ އެސަރުކާރުގެ ބާރުތަކާއި އިޚްތިސާސުތައް ކަނޑައެޅުމާމެދު މަޝްވަރާ ކުރާނެވެ.
ލީބިޔާއަކީ ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ އެއް ގައުމެވެ. އެހެންނަމަވެސް، 2011 ވަނަ އަހަރު ކާނަލް މުޢައްމަރުލް ޤައްޒާފީގެ ވެރިކަން ވައްޓާލިފަހުން ގައުމު ދާޚިލީ ހަނގުރާމައެއްގެ ތެރެއަށް ވެއްޓިފައި ވާތީ، ތެލުގެ ސިނާއަތުވެސް ގާތްގަނޑަކަށް ވަނީ ހުއްޓިފައެވެ.
އދ.ން ލީބިޔާގެ ގާނޫނީ ސަރުކާރު ކަމުގައި ޓްރިޕޮލީގައި ގާއިމުވެފައި އޮތް ގަވަރމެންޓް އޮފް ނޭޝަނަލް އެކޯޑް (ޖީއެންއޭ) ބަލައިގެންފައި ވާއިރު އެ ސަރުކާރުގެ ބާރުގެ ދަށުގައި އޮތީ ލީބިޔާގެ ހުޅަނގުގެ ސަރަހައްދުތަކެވެ. ޠުބްރުޤްގައި ގާއިމުވެފައި އޮތް ސަރުކާރުން ދަނީ ގައުމުގެ އިރުމައްޗާއި ދެކުނުގެ ސަރަހައްދުތައް ކޮންޓުރޯލު ކުރަމުންނެވެ.