ފަޅިމޫނު - 7

(6 އޮކްޓޯބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

"ކޮންމެ ސިފައެއްގައި ހުއްޓަސް އަހަރެން ރުހި ގަބޫލު ވާނަން."

"ރަނގަޅަށް ވިސްނައި ފިކުރު ހިންގުމަށް ފަހު ޖަވާބުދީ. އަހަންނާ ގަޔާވީ ކީއްވެގެން؟ ފުރަތަމަ ފެނުނީ އަހަރެންގެ މޫނު. މީހުން ފުރަތަމަ ބަލާނީ ބޭރަށް ފެންނާން ހުންނަ ރީތިކަމަށް. އެތެރޭގެ ރީތިކަން އެނގެނީ މާ ފަހުން. އެތެރެ އާދަޔާ ޚިލާފަށް ރީތި އެކަމަކު ބުރުސޫރަ ހުތުރު ކިތައް އަންހެން ކުދިން އެބައުޅޭ؟ އެކަމަކު އެއިން އެއްވެސް ކުއްޖަކު މާ ބޮޑު އުއްމީދެއް ނުކުރޭ. އެއީ ކީއްވެގެން؟ އެއީ ބަޔަކަށް އަސަރެއް ކުރާ ކަހަލަ ބޭރުފުށުގެ ސިފައެއް ލިބިފައި ނެތްކަން އެކުދިންނަށް އެނގޭތީ."

"އަހަންނަށް އެނގެނީ އެންމެ ކަމެއް. މިއީ އަންހެންކުއްޖަކާ އަހަރެން ގަޔާވީ ފުރަތަމަ ފަހަރު. ހެނދުނުއްސުރެ އަހަރެން މި އުޅެނީ އެންމެ ކަމަކާ. މީގެ ކުރިން އަހަރެން ދުވަހަކުވެސް އަންހެންކުއްޖަކާ ދިމާއަށް މި ވަރަކަށް ނުބަލަން. އަހަރެން ބޭނުންވާ ކުއްޖާ ކޮންމެ ސިފައެއްގައި ހުއްޓަސް ވާނީ ހަމަ އެ ކުއްޖާއަށް. އެހެން ކުއްޖަކަށް ނުވާނެ. އެހެންވީމާ އަހަރެން ދެކޮޅު ހަދާން ޖެހޭ އެއްވެސް ސަބަބެއް ނެތެއްނު؟"

ދެމީހުން ވާހަކަދައްކަމުން ކާރާ ހަމައަށް އަތުވެއްޖެއެވެ. ބާދްޝާ ޖާނީ ކުރިއަށް ޖެހިލައި ކާރުގެ ފަހަތު ދޮރު ހުޅުވައިލިއެވެ. އަންހެންކުއްޖާ އިރުކޮޅަކު ބަލަހައްޓައިގެން ހުރުމަށް ފަހު ދޮރު ލައްޕައިލިއެވެ. އަދި މަޑުމަޑުން ހިނގާފައި ގޮސް ކާރުގެ ކުރިއަށް، ފަސިންޖަރު ގޮނޑިއަށް އަރައިފިއެވެ. ބާދްޝާ ޖާނީގެ ހިތް އުފަލުން ފޮޅިއްޖެއެވެ. އޭނާ ކާރަށް އަރައި އިސްޓާޓު ކުރުމަށް ފަހު ދުއްވައިލިއެވެ. ކްލިފްޓްންގެ ރެސްޓޯރަންޓެއްގެ ދޮށަށް މަޑުކޮށްލުމަށް ފަހު ބުންޏެވެ. "ވަރަށް ބޮޑަށް ބަނޑުހައި ވެއްޖެ. ހިނގާ ކާން."

ދެމީހުން ކާރުން ފައިބައިގެން ގޮސް ރެސްޓޯރަންޓަށް ވަދެއްޖެއެވެ. މޭޒެއްގެ ދޮށުގައި އިށީނުމަށް ފަހު ބާދްޝާ ޖާނީ ބުންޏެވެ. "އަހަރެން ދުވަހަކުވެސް މިކަހަލަ ބޮޑު ހޮޓަލަކުން ނުކަން. ކާ އެއްޗިއްސަށް އޯޑަރު ކުރޭ."

ވޭޓަރު އައީމާ އަންހެންކުއްޖާ ކާއެއްޗެއްސަށް އޯޑަރުކޮށްފިއެވެ. ވޭޓަރު ދިޔައީމާ ބާދްޝާ އަހައިލިއެވެ. "ގެއަށް ނުގޮސް ލަސްވީމާ ގޭމީހުން ކަންބޮޑު ވެގެންނެއް ނޫޅޭނެތަ؟ މިއަދު ހަތަރުދަމު ތިޔަ އުޅެނީ އަހަންނާ އެކީގައެއްނު؟"

އެ ކުއްޖާ ފުރިހަމަ އިތުބާރާއެކު ބުންޏެވެ. "މަންމަ އަހަންނަށް ވަރަށް ބޮޑަށް އިތުބާރު ކުރާނެ. އަހަރެން ބޭރުގައި އުޅުނު ތަނަކާއި ކުރި ހުރިހައި ކަމަކާއި އުޅުނީ ކާކާއެކުގައި ކަމާ އަހަރެން ގެއަށް ގޮސް މަންމައަށް ކިޔައިދޭނަން. ކުޑައިރުއްސުރެ އަހަރެންގެ މަންމަ ދަސްކޮށްދީފައި ވަނީ ތެދު ބަހުން ވާހަކަ ދައްކަން. ތެދުވެރިކަން އޮންނަ ތަނެއްގައި ބޭއިތުބާރީއެއް ނޯންނާނެ. މަންމަ ދަރިފުޅަށް އިތުބާރު ކުރޭ. ދަރިފުޅު މަންމައަށްޓަކައި ފަޚުރުވެރިވޭ. އެ ނިމުނީނު؟"

"ތިޔައީ ވަރަށް ރަނގަޅު ކަމެއް. އެކަމަކު ވިސްނައިލަބަލަ. ލޭގެ ގުޅުމަށް މީސްމީހުން އިތުބާރުކުރާ ވަރަށްވުރެ މާ ބޮޑަށް ކުލީކާރު ދުއްވާ މީހުންނަށް އިތުބާރުކުރޭ. އެކަނިމާއެކަނި ކާރަށް އަރާ އަންހެން ކުދިން އެ އަރަނީ ފުރިހަމަ އިތުބާރާއެކު. ކާރުދުއްވާ މީހާ އެމީހުން ގޮވައިގެން ނުފިލާނެކަން ޔަގީން ކުރެވޭތީ. އެމީހަކު ބޭނުންވާ ތަނަކަށް ރައްކާތެރިކަމާއެކު ގެންގޮސްދޭނެކަން އެނގޭތީ. އެފަދަ އިތުބާރެއް އެހެން އެއްވެސް މީހަކަށް އެކަކުވެސް ނުކުރާނެ... އަދި ނަމެއް ނުބުނަމެއްނު؟"

އެކުއްޖާ ބާދްޝާ ޖާނީއާ ދިމާއަށް ބަލައިލިއެވެ. ދެތިން ސިކުންތަކަށް ފަހު ކުއްލިއަކަށް އިސް ދަށަށް ޖަހައިފިއެވެ. ގޮނޑީގައި އިން ގޮތް ނޫން ގޮތަކަށް ބަދަލުވެލިއެވެ. ނަން ބުނާން ބޭނުން ނުވަނީ ކަހަލައެވެ. ނުވަތަ ނަން ހަނދާން ނެތިގެން، ހަނދާން ކުރަން މަސައްކަތް ކުރާނީހެންވެސް ހީވިއެވެ. އެކަމަކު ކުޑައިރުކޮޅަކަށް ފަހު ބުންޏެވެ. "ރުޚްސާނާ ފަރީދު."

ކާއެއްޗެހި ގެނެސްފިއެވެ. ކެއުމުގެ ތެރޭގައި ބާދްޝާ ސުވާލުކޮށްލިއެވެ. "ރުޚްސާނާގެ ބައްޕަ ކުރަނީ ކޮން މަސައްކަތެއް؟"

"ތާސްކުޅުމާއި ޅެންކިޔުން. ބައްޕައަކީ މަސައްކަތް ކުރާހިތްވާ މީހެއް ނޫން. ވަޒީފާއެއް އަދާކުރިޔަސް ދެތިން ދުވަހުން ވަކިވާނެ. ދެން ވަންނާނީ އެހެން ތަނަކަށް. އެކަހަލަ ގޮތަކަށް ބައްޕަ އުޅެނީ. ގޭގެ ހުރިހައި ޒިންމާއެއް އުފުލަނީ މަންމަ. މަންމައަކީ އިސްކޫލެއްގެ މުދައްރިސާއެއް. އަހަރެންގެ ކިޔެވުމުގެ ޚަރަދު ހަމަޖައްސާން ޓިއުޝަންވެސް ދޭ. އަހަރެންގެ މަންމައަކީ ވަރަށް ރަނގަޅު މީހެއް."

"ރުޚްސާނާގެ މަންމަގެ ބުރަ ކުޑަކޮށް ލުއިކޮށްލައިދޭން އަހަރެން ބޭނުން. މައްސަލައެއް ނެތިއްޔާ ކާވެނީގެ ވާހަކަ ދައްކާން އިންޖިނޭރުބޭބެ ތިޔަ ގެއަށް ފޮނުވަންތަ؟"

ރުޚްސާނާ ހައިރާންވެފައި އޭނާޔާ ދިމާއަށް ބަލައިލިއެވެ. ހީވަނީ ދައްކައިގެން ނުވާނޭފަދަ ވާހަކައެއް ދެއްކީހެންނެވެ. "ތިޔަ ދައްކަނީ ކޮންކަހަލަ ވާހަކައެއް؟ ދެމީހުން ބައްދަލުވީ މިއަދު. މިހައި އަވަހަށް ތިޔަހައި ބޮޑު ނިންމުމެއް ނިންމަނީތަ؟ ދެމީހުން އެކަކު އަނެކަކަށް އެނގޭވަރު ވާންވާނެއެއްނު؟ އެކަން ވާނީ އަދި ދުވަސްކޮޅަކުން. ދެމީހުން މިކަހަލަ ތަނެއްގައި އައިސް ތިބިތިބުމަކީ އެކަކު އަނެކަކަށް އިތުބާރުކުރާކަން އެނގޭ ކަމެއް. މި އިތުބާރުގެ ސަބަބުން އެކަކު އަނެކަކަށް ފަރިތަވެ، ދެނެގަނެވޭގޮތް ވާނެ."

"ތިޔައީ މުޅިއަކުން ދޮގު ވާހަކައެއްވެސް ނޫން. އެކަމަކު ދެމީހުން އެކަކު އަނެކަކަށް ނުފެނިވެސް މި ގައުމުގައި މީހުން އެބަ އިނދޭ."

"ތިޔައީ ތެދެއް. އެކަމަކު އަހަރެމެންގެ ކަންތައް ތަފާތު. އަހަރެމެންގެ ދެމީހުންގެ ދެމެދުގައި އޮތް އިޖްތިމާއީ ތަފާތުގެ މައްސަލަ ހައްލު ކުރާނީ ކިހިނެއް؟ އެއީވެސް ވިސްނާން ޖެހޭ ކަމެއް."

"ހަމަ މިހާރު މި ވިސްނާން ފެށީ."

ދެމީހުން އަނެއްކާވެސް ކާން ފަށައިފިއެވެ. އަނގަޔަކުން ނުބުނެއެވެ. ވިސްނަނީއެވެ. އިރުކޮޅެއް ވުމަށް ފަހު ބާދްޝާ އަހައިލިއެވެ. "ރުޚްސާނާ އެބަ ވިސްނަންތަ؟"

"އެއީ އަހަރެން ވިސްނާން ޖެހޭ ކަމެއް ނޫން. ކުލީކާރު ދުއްވާ މީހެއްގެ ދަރަޖައިން މައްޗަށް ޖެހިލައި ހުދު ގަމީސްލީ މީހުންގެ ތެރެއަށް ވަންނާނޭ ގޮތެއް ހޯދުމަކީ ބާދްޝާގެ ކަމެއް. ފިރިހެނުންނަކީ ގަދައަޅައި މަސައްކަތްކުރާން ޖެހޭ ދަނޑިވަޅު ދަންނަ ބައެއް."

"ކުރެވޭނޭ އޮތީ އެންމެ ކަމެއް. ކާރު ދުއްވުން ހުއްޓަލަންވީ. އަހަރެންގެ ކަރުގައި އެލުވިފައި މި އޮންނަ ކުލީކާރު ދުއްވާ މީހާގެ ނަންބޯޑު ކަރުން ނެގޭނީ އޭރުން."

"ކާރު ދުއްވައިގެން އެކަށީގެންވާ އާމްދަނީއެއް ލިބޭ ވާހަކަ ބުނީމެއްނު؟ ގެއެއް އަޅައިފީމު. ކާންބޯން ބޭނުންވާ ވަރަށް ފައިސާ ލިބޭ. އެވަރުގެ އާމްދަނީއެއް ލިބޭ ކަމެއް ދޫކޮށް ލެވޭނެތަ؟"

"ދެން ހަދާނީ ކިހިނެއް؟"

"ޓެކްސީ ދުވެދުވެ އޮތުމާވެސް އެކު ތިޔަބުނާ ލަގަބުން ސަލާމަތް ވާނޭ ގޮތެއް ހޯދާ. އެހެން މީހަކާ ހަވާލުކޮށްގެންވެސް ތިޔަ ކާރު ދުއްވިދާނެއެއް؟ އޭރުން ވިޔަފާރިވެރިއަކަށް ވީއެއްނު؟"

ބާދްޝާ އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު ދެ ފިކުރެއްގައި ކަހަލަ ގޮތަކަށް ބުންޏެވެ. "އާނ. ތިޔައީ ކުރެވިދާނޭ ކަމެއް."

ރުޚްސާނާ އަނގަޔަށް ބަތް ސުވަލެއް ލަމުން ބުންޏެވެ. "އެއީ ދޮގަކަށްވެސް ނުވާނެއެއްނު؟ ކާރަކީ ބާދްޝާގެ މިލްކެއް. ގޭ މީހުންގާތު ބާދްޝާއަކީ ކުލީކާރު ދުއްވާ މީހެއް ނޫނޭ ބުނާކަށް އަހަރެން ޖެހިލުމެއް ނުވާނެ."

ހިމޭނުން ތިބެ ކައި ނިމިއްޖެއެވެ. ބިލަށް ފައިސާ ދައްކާފައި ދެމީހުން އެކީގައި ރެސްޓޯރަންޓުން ނުކުމެއްޖެއެވެ. ރުޚްސާނާ މިފަހަރުވެސް އެރީ ކުރީ ގޮނޑިއަށެވެ. ބާދްޝާ ކާރު ދުއްވައިލިއެވެ. އަނގައިން ނުބުނެ ތަންކޮޅެއް ގިނައިރު ވީމާ ރުޚްސާނާ އަހައިލިއެވެ. "ކިހިނެއްވީ؟ އަނގައިން ނުބުނެ ތިޔަ އިނީ... ކަމަކާ ވިސްނަނީތަ؟"

ބާދްޝާ ފުން ނޭވައެއް ލިއެވެ. "އަހަރެންގެ ނަމާ ގުޅުވައިގެން ކުލީކާރު ދުއްވާ މީހާއޭ ކިޔުން ހުއްޓުވަން ބޭނުން ވާހަކަ އަހަރެން ބުނީމެއްނު؟ ރުޚްސާނާ ބުނެދިން ގޮތަކީ ދެރަ ގޮތެއް ނޫން. އެހެން ހެދީމާ ރުޚްސާނާގެ ގޭގެ މީހުންގެ އަބުރާއި ޢިއްޒަތް ރައްކާތެރިކޮށް ދެވިދާނެ. އެކަމަކު އަހަރެންގެ ހިތް ބުނަނީ އެއީ ރަނގަޅު ގޮތެއް ނޫނޭ. އަހަންނަކީ ކުލީކާރު ދުއްވާ މީހަކީން. އެއީ ނުބައި ކަމެއް ނޫން. އަހަރެން މި ކުރަނީ އަބުރުވެރި މަސައްކަތެއް. އެކަކުވެސް އަހަންނާ ދިމާއަށް ޚިޔާނާތްތެރިއެކޭ، ވަގެކޭ، މުޖުރިމެކޭ ނުބުނޭ. މިއިން އެއްވެސް ނަމަކުން އަހަންނަށް ނުގޮވާ ކަމުގައި ވަނީނަމަ ކުލީދާރު ދުއްވާ މީހެކޭ ބުނުމުގައި އޮތީ ކޮން ގެއްލުމެއް؟"

"އާނ. ބާދްޝާއަކީ ތިޔަ ބުނާ ކަހަލަ މީހެއް ނޫން. އެކަމަކު ދެން ތިބި މީހުންގެ ތެރޭގައި ތިޔަ ކަހަލަ ލަގަބު ލިބޭ އެތައް ބަޔަކު އެބަ އުޅޭ. ކާރަށް އަރާ މީހުން ލޫޓުވާ މީހުން އެބަތިބި. މީޓަރާ ކުޅެގެން ގިނައިން ފައިސާ އަތުލާ މީހުން އެބަތިބި."

"ލޫޓުވުމުގެ ވާހަކަ ނުދައްކާ. އަހަރެމެންގެ މި ރީތި ގައުމުގައި އެކަކު އަނެކަކަށް ނުލޫޓުވަނީ ކާކު؟ ބޮޑެތި އިމާރާތްތަކުގައި ކުލިނިކު ހަދައިގެން އެތިބޭ ޑަކްޓަރުން ނަގާ ބޮޑު ފީ ނިކަން ބަލާބަލަ. އެމީހުންވެސް މީޓަރާ ކުޅެނީއެއްނު؟ އަދި އެ އުޅޭ ޚާއްސަ ޑަކްޓަރުން ފީ ނަގަނީ ހާހުންނޭ ކިޔާތީ އިވޭ. އެމީހުންގެ މީޓަރު އެ ހިނގަނީ ބުރު ނޭނގޭހައި ހަލުވި މިނުގައި. އެކަމަކު އެއީ ލޫޓުވާ ބައެކޭ އެކަކުވެސް ނުބުނޭ. ފަގީރު މީހަކަށް އެތައް ސަތޭކަ ރުފިޔާގެ ފީ ދީފައި ބޭސް ކުރުވޭނެތަ؟ ބޮޑެތި ބަލި ޖެހެނީ މުއްސަނދިންނަށް އެކަނިތަ؟ ލޫޓުވުމުގެ މަސައްކަތް އެންމެ ބާރަށް ކުރަނީ ބޮޑެތި މީހުން. ބަދުނާމުވަނީ އަހަރެމެން ކަހަލަ އާދައިގެ މަސައްކަތް ކުރާ މީހުން."

"އެހެން މީސްމީހުންގެ ނުބައި ވާހަކަ ދެއްކުމަކުން ތިމާގެ ނުބައިކަމެއް ނުފޮހެވޭނެ."

"ބޮޑެތި މީހުންނާއި، މުއްސަނދިން ކުލީކާރު ދުއްވާ މީހުންގެ ނުބައިކަމުގެ ވާހަކަ ދެއްކީމާ ނުބައިކަން އެބަ ފޮހެވޭތަ؟ ވެގެން އުޅޭ ގޮތް އަހަރެން ކިޔައި ދީފާނަން. އަހަރެމެން އެންމެން މި ތިބެނީ އަމިއްލަ ޖަމާޢަތް ޖަމާޢަތް ހަދައިގެން. އެންމެންވެސް ގަބޫލު ކުރަނީ އެންމެ ރަނގަޅީ އެމީހަކު ނިސްބަތްވާ ޖަމާޢަތް ކަމުގައި. ތިޔަބުނާ ހުދުގަމީސްލީ މީހުން ބުނަނީ ރަނގަޅު ބަޔަކީ އެމީހުން ކަމަށް. އެމީހުންގެ އަބުަުވެރިކަމުގެ ދިދަ ނަގައިގެން ދުވެނަގަނީ. ފައިސާވެރިން އަހަރެމެންނަކާ ވާހަކައެއް ނުދައްކާ. އެމީހުން ދެކޭ ގޮތުގައި އަހަރެމެންނަކީ އެމީހުންނަށް ވުރެ ދަށު ދަރަޖައިގެ ބައެއް. ހަމަ މި ގޮތަށް އަހަރެމެން ކުލީކާރު ދުއްވާ މީހުންވެސް ދެކެނީ އަހަރެމެން މިތިބީ ރަނގަޅު ގޮތުގައި ކަމަށް. އަހަރެމެން އެހެން މީހުންނަށް މި ރައްދު ކުރަނީ އެމީހުން އަހަރެމެންނަށް ދޭ އެއްޗެހި. އެއީ މަކަރާއި ހީލަތް. ފުލުހަކު އަހަރެމެންގެ ކާރަށް އަރައި ދަތުރުކޮށްފައި ފައިސާ ނުދިނީމާ އެ ފައިސާ އަހަރެމެން އަތުލަނީ އެހެން މީހަކަށް މަކަރު ހަދައިގެން. ވައިގެ ބަނދަރުންނާއި ރޭލު އިސްޓޭޝަނުން ކާރަށް އަރާ މީހުންގެ އަތުން އަހަރެމެން ފައިސާ ނަގަނީ ތިން ގުނަ ގިނައިން. އެތަންތާގައި މަޑުކޮށްގެން ތިބޭ ތިބުމަކީ ފުލުހުންނަށް ލިބޭ ނިޢުމަތެއް. އެމީހުން އަހަރެމެން ލޫޓުވަނީ. އެމީހުންނަށް ދޭ ރިޝްވަތުގެ ފައިސާ އަހަރެމެން ކޮންމެވެސް ގޮތަކުން ހޯދަން ޖެހޭނެއެއްނު؟ އަހަރެމެންނަށް ފެންނާން އޮންނަނީ އެންމެ މަގެއް. އެ މަގު ގޮސް ނިމެނީ ކާރަށް އަރާ ދަތުރުވެރިޔާގެ ޖީބަށް. ބައެއް މީހުން ކާރަށް އަރައި ހުތުރު އެއްޗެހި ގޮވައި މައިބަފައި ގޮވަން ފެށީމާ އަނގައިން ނުބުނެ ހިންދިރުވައިލަނީ. އޭގެ ބަދަލުވެސް ހިފަނީ ކާރަށް އަރާ މައުސޫމު ދަތުރުވެރިންގެ ކިބައިން. އަހަރެމެން ބަވާ ނަގާ މީހާއަކީ އަބުރުވެރިއެއްތޯ، ރަނގަޅު މީހެއްތޯ ނުވަތަ ނުބައި މީހެއްތޯ އަހަރެމެން ނުބަލަން. މީސްމީހުންގެ ހެޔޮ ނުބައި ވަކިކުރާ މީޓަރެއް އަހަރެމެންގެ އަތަކު ނޯވޭ. އެކަހަލަ މީޓަރެއް އޮތިއްޔާ އޮތް ތަނެއް ބުނެބަލަ؟"

ރުޚާސާނާއަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ. އެހެންވީމާ އަނގައިން ނުބުނެ އިނީއެވެ. ދަތުރު ކުރިއަށް ދަނީ ހިމޭންކަމާ އެކީގައެވެ. ވަކި ހިސާބަކަށް ގޮސްފައި ބާދްޝާ ލޮލުގެ ހިމަކޮޅުން ރުޚްސާނާއާ ދިމާއަށް ބަލައިލިއެވެ. "ރުޅި އައީތަ؟"

ރުޚްސާނާ ދިޔައީ ސިއްސައިގެންނެވެ. "ކީކޭ؟ ނޫނޭ... ރުޅި އަންނާންވީ ކީއްވެގެން؟"

"އެއީ އަހަރެން ރުޚްސާނާގެ ޖަމާއަތުގެ މީހުންނާ ދިމާއަށް އެއްޗެހިކީމައެއްނު؟ ނުބައި ކަމަކީ ހުރިހައި ތަނެއްގައިވެސް އޮންނަ ކަމެއް. އިންސާނުން އުޅޭ ކޮންމެ ތަނެއްގައި އެމީހުން އުޅޭހައި ހިނދަކު ނުބައިކަން އޮންނާނެ. އަހަރެމެންގެ މޫނުގެ ދެފަޅިއެއް ހުންނަ ވާހަކަ ބުނީ ރުޚްސާނާއެއްނު؟ އެންމެންވެސް މި ތިބެނީ އެއްފަޅި ފޮރުވައިގެން. އެހެންވީމާ އެކަކުވެސް ފުރިހަމައަށް ރަނގަޅު މީހަކަށް ނުވާނެއެއްނު؟ އެއްބައި ނުބައި، އަނެއްބައި ރަނގަޅެއްނު ވާނީ؟"

ރުޚްސާނާ ހިނިތުންވެލިއެވެ. "ތިޔައީ ތެދެއް. އެކަކު އަނެކަކު ނުބައި ކުރުމުގައި އަވަދިނެތި އުޅޭވަރުން ކޮންމެ މީހަކުވެސް ހުންނަނީ ޚުދު ތިމާގެ އަމިއްލަ ނުބައިކަމުގެ މަތީން ހަނދާން ނެތިފައި."

"އަހަރެމެންގެ ވާހަކަ ދިޔައީ ކިހައި ހިސާބަކަށް؟"

ރުޚްސާނާ ވިސްނައިލިއެވެ. "އަހަރެމެން ދެމީހުންނަށްވެސް ޖެހޭނީ ހިތި ހަގީގަތް ގަބޫލުކުރަން. ދެމީހުންނަށް ރުހެވިވެސް ދާނެ. އެކަމަކު ގޭމީހުން ނުއެއް ރުހޭނެ. މިއީ އެކަހަލަ ދުނިޔެއެއް. އިރުއިރުކޮޅާ ހައިސިއްޔަތު ހަނދާންކޮށް ދިނުމަކީ އޮންނަ އާދައެއް. ކޮންމެ މީހަކުވެސް ގަބޫލުކުރާ ގޮތުގައި ތިމާއަށް މޮޅު މީހަކަށް ވެވޭނީ އަނެކާގެ ދެރަކަން ފާޅުކޮށް ވާހަކަ ދެއްކި ވަރަކުން. އަހަރެމެން ގޭ މީހުން ބަލާނީ ބާދްޝާއަކީ ދެރަ މީހެއް ކަމުގައި. އެއީ ޔަގީން ކަމެއް. އެކަމަކު ކުލީކާރު ދުއްވުން ހުއްޓާލައި، ކާރުގެ ވެރިއަކަށް ވެގަތީމާ އެ މައްސަލަ ހައްލު ވެދާނެ."

"އެހެންވީމާ އަހަންނަށް ޖެހޭނީ އަހަރެންގެ ހައިސިއްޔަތު ބަދަލުކުރަން ދޯ؟ އެކަމަކު އެ ބަދަލާއެކުވެސް ވިސްނާން ޖެހޭ އެހެން ކަމެއް އެބައޮތް."

"މަސްތުވާ އެއްޗެހީގެ ބޭނުން ކުރަންތަ؟"

"ތިޔަ ސުވާލުން ވާނީ ކޮން ފައިދާއެއް؟ ކޮންމެ މީހަކުވެސް އުޅެނީ މޫނުގެ އެއްފަޅި ދައްކައިގެން، އަނެއް ފަޅި ފޮރުވައިގެން ކަމަށް ދެމީހުންވެސް މިތިބީ ގަބޫލުކޮށްގެން. ދެމީހުން ސިއްރުކުރަނީ ކޮން ކަމެއްކަން އެކަކު އަނެކަކަށް ނުވެސް އެނގޭ. ސިއްރުވެފައި އޮތް ކަމެއް ވިއްޔާ ސިއްރެއްގެ ގޮތުގައި ބާއްވަމާ ބަހީ."

(ނުނިމޭ)

1 ޚިޔާލު

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.