(3 ސެޕްޓެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ކޯޓުގައި ތިބި އެންމެންގެ ނަޒަރު ހުއްޓިފައި ހުރީ ޑޭވިޑަށެވެ. އޭޝްލީ ގަނޑުވެފައި ހުރީއެވެ.
ޑޭވިޑް ތަންކޮޅެއް ކައިރިއަށް ޖެހިލިއެވެ. "ޓޮނީ- ޓޮނީ- ކަލެއަށް އަހަރެންގެ އަޑުއިވޭތަ-؟ ބޭރަށް ނުކުމޭ- ހަމަ މިހާރު ނުކުމޭ-"
އޭނާ އިރުކޮޅަކު ހިމޭނުން ހުރެފައި އަނެއްކާވެސް ގޮވައިލިއެވެ. "ޓޮނީ- އެލެޓް- ބޭރަށް ނުކުމޭ- ބޭރަށް ނުކުމޭ- ކަލޭމެން އެބަތިބިކަން އަހަންނަށް އެނގޭ-"
ކޯޓުގެ ތެރެއަށް ހިމޭންކަން ވެރިވެއްޖެއެވެ.
ޑޭވިޑްގެ ރުޅިގަދަވެގެން ހިނގައްޖެއެވެ. އޭނާ މިހާރު ބާރަށް ހަޅޭއްލަވަނީއެވެ. "ނުކުމޭ- ހަމަ މިހާރު ނުކުމޭ-"
އޭޝްލީގެ ލޮލުން ހޯސްލައިފައި ކަރުނަ ފައިބަނީއެވެ.
ފަނޑިޔާރު ވިލިއަމްސް ރުޅި އައިސްފައި ބުނެލިއެވެ. "މިސްޓަރ ސިންގަރ- މި ކޮޅަށް ވަޑައިގަންނަވާ-"
ޑޭވިޑް މަޑުމަޑުން ފަނޑިޔާރުގެ މޭޒުގެ ކައިރިއަށް ހިނގައްޖެއެވެ.
"މިސްޓަރ ސިންގަރ- އޭނާއާ ދިމާއަށް ހަޅޭއްލައްވަވާ ނިމިވަޑައިގަތީތޯ-؟ މިއަދު ތިޔަ ކަންތައް ކުރެއްވި ގޮތުގެ ރިޕޯޓެއް އަޅުގަނޑު ކަމާ ބެހޭ ފަރާތަށް ހުށަހަޅާނަން- ސިންގަރ ތިޔަ ކުރެއްވި ކަމަކީ ވަޒީފާއަށް ހުތުރުއަރާ ކަހަލަ ކަމެއް- އެހެންވީމާ ޤާނޫނީ ވަކީލުކަން ނުކުރެއްވޭ ގޮތް ހަދަން އަޅުގަނޑު ހުށަހަޅާނަން-"
ޑޭވިޑަކަށް ބުނާނޭ އެއްޗެއް ނޭނގުނެވެ.
"ހެއްކެއްގެ ގޮތުގައި އެހެން މީހަކު ގެންނަވަން ބޭނުންފުޅުތޯ-؟"
ޑޭވިޑް ބޯހޫރައިލިއެވެ. "ނޫން-"
ހުރިހައި ކަމެއް ނިމުނީއެވެ. އޭނާ ބަލިވީއެވެ. އޭޝްލީ މަރައިލާނީއެވެ.
"އަޅުގަނޑު ގެންނާނޭ އެހެން މީހެއް ނެތް-"
ޖޯސެފް ކިންސެއިޑް އިނީ ކޯޓުގައި ޝަރީޢަތް އަޑުއަހަން ތިބޭ މީހުންނަށް ޚާއްޞަކޮށްފައިވާ ގޮނޑިބަރީގެ އެންމެ ފަހަތު ބަރިން ގޮނޑިއެއްގައެވެ. މައްސަލަ ހިނގާ ގޮތާ މެދު އޭނާގެ ހިތެއް ހަމައެއް ނުޖެހެއެވެ. އޭނާ ހާރވީ އުޑެލްއާ ދިމާއަށް ބަލައިލައިފައި ބުނެލިއެވެ. "އޭނާ ކަނޑައިލާ-" ކިންސެއިޑް ތެދުވެގެން ހިނގައްޖެއެވެ.
ޑޭވިޑް ކޯޓުން ނުކުންނަން ދަނިކޮށް އުޑެލް އޭނާއަށް ގޮވައިލިއެވެ. "ޑޭވިޑް..."
"ހަލޯ ހާރވީ-"
"މައްސަލަ ދާ ގޮތާ މެދު އަހަރެން ހިތާމަކުރަން-"
"އެއީ އެ ވަރުގެ..."
"މިއީ މިސްޓަރ ކިންސެއިޑް ހިތުން ރުހުމުން ކުރާ ކަމެއް ނޫން- އެކަމަކު ކުރަން ޖެހުނީމާ ނުކޮށެއް ވެސް ނުވާނެއެއްނުން-؟ ކިންސެއިޑް ވިދާޅުވީ ޑޭވިޑް ދެން އޮފީހަށް ނަޔަސް އެންމެ ރަނގަޅޭ- ވަޒީފާއިން ވަކިވީއޭ-"
ޑޭވިޑް ކޯޓުން ނުކުތުމާއެކު އޭނާ ވަށައިލީ ނޫސްވެރިންނާއި، ކެމެރާމަނުންނެވެ.
"މިސްޓަރ ސިންގަރ- ވިދާޅުވާނޭ ވާހަކައެއް އެބައޮތްތޯ...؟"
"އަޅުގަނޑުމެންނަށް އެނގިފައި އޮތް ގޮތުގައި ފަނޑިޔާރު ވިލިއަމްސް ޑޭވިޑަށް ޤާނޫނީ ދާއިރާގައި މަސައްކަތް ކުރެއްވުން މަނާކުރައްވަން ހުށަހަޅުއްވާނެ..."
"ފަނޑިޔާރު ވިލިއަމްސް ވިދާޅުވީ ޑޭވިޑް ކޯޓުގެ ޤަދަރަށް އުނިކަން އަންނަ ކަހަލަ ކަމެއް ކުރައްވައިފިއޭ- އެއީ ކޮންކަހަލަ..."
"ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މި މައްސަލައަކީ ޑޭވިޑަށް މުޅިން ގެއްލިފައި އޮތް މައްސަލައެއް- ދެން ކުރިއަތުލެއްވުމަކީ މުސްތަޙީލުކަމެއް- އެހެންވީމާ ހައްދަވަން ގަސްތުކުރައްވާ ގޮތަކީ ކޮބައިތޯ-؟"
"އަޅުގަނޑުމެންގެ އޮފީހުގެ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އޭޝްލީ މަރައިލާނެ- އެ ކަމާ ބެހޭ ގޮތުން ވިދާޅުވަނީ ކީކޭތޯ-؟"
"ކުރިމަގުގައި ކުރައްވާނޭ ކަމަކާ ބެހޭ ގޮތުން ޚިޔާލުކުރައްވައިފިންތޯ-؟"
ޑޭވިޑް އަނގައިންވެސް ނުބުނެ ގޮސް ކާރަށް އަރައި، ދުއްވައިލިއެވެ.
އެކާވީސްވަނަ ބާބު
ކުރިން ހިނގައިފައިވާ ކަންތައްތައް އޭނާގެ ސިކުނޑީގައި ފިލްމެއްހެން ނިއުޅުވެމުން، ފެންނަމުން ދިޔައެވެ.
"އަޅުގަނޑު މިއަދުގެ ޚަބަރު އަޑުއެހިން ޑޮކްޓަރ ޕެޓަރސަން- އެ ޚަބަރު އިވިފައި އަޅުގަނޑު ވަރަށް ހިތާމަކުރިން-"
"އާނ- އެއީ ވަރަށް ހިތާމަވެރި ޚަބަރެއް- ޑޭވިޑް- އަހަރެން ކަލޭގެ އެހީ ބޭނުން-"
"އަވަހަށް ވިދާޅުވޭ- އަޅުގަނޑަށް ކޮށްދެވެން އޮތް ކަމެއް ވިއްޔާ ކޮށްދޭނަން-"
"އަހަރެން ބޭނުންވަނީ ކަލޭ އޭޝްލީގެ ވަކީލަކަށް ވާން-"
"އަޅުގަނޑަކަށް ތިޔަ ކަމެއް ނުކުރެވޭނެ- އަޅުގަނޑަކީ ޖިނާޢީ ވަކީލަމީމެއް ނޫން- އެކަމަކު އަޅުގަނޑު ރަނގަޅު ވަކީލަކު ހޯދައިދީފާނަން- ޖެސީ ކިލަރ-"
"އެންމެ ރަނގަޅު- ޑޭވިޑް- ޝުކުރިއްޔާ..."
"ތިޔަ ހުންނަނީ ވަރަށް ބޮޑަށް ހާސްވެލައްވާފައި އެހެންނޫންތޯ-؟ އަޅުގަނޑުމެންގެ ބައްދަލުކުރުން އޮތީ ފަހެއް ޖަހާއިރު- އުފާވެރި ޚަބަރެއް އެބަ އޮތް- ޑޭވިޑަކީ މި ކުންފުނީގެ ޙިއްޞާދާރަކަށް ހަދަން އަޅުގަނޑުމެން ނިންމައިފިން-"
* * *
"އަޅުގަނޑާ ބައްދަލުކުރައްވަން ބޭނުންފުޅު ވާހަކަ ވިދާޅުވީމުތޯ-؟"
"އާދެ- ޢިއްޒަތްތެރި ފަނޑިޔާރު- މުޅި އިންޓަރނެޓްގައި އޮތީ މި ޝަރީޢަތުގެ ވާހަކަ- އެ މީހުން މިހާރުވެސް އެ ތިބީ އޭޝްލީ ކުށްވެރިވާ ކަމަށް ނިންމައިގެން- އެ ކަމުގެ ސަބަބުން އަޅުގަނޑުގެ މުވައްކިލަށް ވަރަށް ބޮޑަށް ގެއްލުންވާނެ- އެހެންވީމާ އަޅުގަނޑު ބޭނުންވަނީ މައްސަލަ އަނބުރާ ނަގަން-"
"ވަރަށް ރަނގަޅު- ތިޔައީ މައްސަލަ އަނބުރާ ގެންދަވަން ވަރަށް ރަނގަޅު ޢުޒުރެއް- އަޅުގަނޑު ހުއްދަ ދީފިން..."
ޑޭވިޑްގެ ހިތުގައި މި ހުރިހާ ކަމަކާ އެކު އެނބުރެމުން ދަނީ އެންމެ ޖުމްލައެކެވެ. "އެހެން ވީނަމަ..."
އަނެއް ދުވަހު ހެނދުނު ޝަރީޢަތް ފެށިއްޖެއެވެ.
"ދައުލަތުގެ ވަކީލު މައްސަލަ ނިންމުމުގެ ގޮތުން އެއްވެސް އެއްޗެކޭ ވިދާޅުވާން ބޭނުންފުޅުތޯ-؟"
މިކީ ބްރެނަން ތެދުވެއްޖެއެވެ. އޭނާ ޖޫރީ ކައިރިއަށް ގޮސް އެކި މީހުންގެ މޫނަށް ވަކިވަކިން ބަލައިލިއެވެ.
"ތިޔަ ބޭފުޅުން ތިޔަ ތިއްބެވީ ވަރަށް ތާރީޚީ ނިންމެވުމެއް ނިންމެވުމުގެ މަގުމަތީގައި- ދިފާޢީ ވަކީލުގެ ވާހަކަފުޅަށް ތާއީދުކުރައްވައި އޭޝްލީ މަރައިލި މީހުންނަކީ އޭނާ މަރައިލި މީހުން ނޫން ކަމަށާއި، އެއީ އޭނާގެ ހަށިގަނޑުގައި ފޮރުވިގެން އުޅޭ އެހެން ބައެއްގެ ޢަމަލެއް ކަމަށް ނިންމަވައިފިނަމަ... އޭޝްލީއަކީ ކުށެއް ނުކުރާ މަޢުޞޫމް ކުއްޖެއް ކަމަށާއި، މި ތާނގައި މި ވާހަކަ ދެކެވުނު ޤަތުލުތަކަށް އޭނާ ޒިންމާވާން ނުޖެހޭ ކަމަށް ނިންމަވައިފިނަމަ... ކިތަންމެ ބޮޑު ކުށެއް ކޮށްފައި ވެސް އެއީ އެހެން މީހަކު ކުރި ކަމެކޭ ކިޔައިފައި ބޯދަމައިގަތުމުގެ ފުރުޞަތު ވަރަށް ގިނަ ބަޔަކަށް ލިބިގެންދާނެ- މީހުން މެރުމާއި، އަންހެންކުދިންގެ ޢިއްފަތް ނަގައިލުމާއި، ވައްކަންކުރުން ފަދަ ބޮޑެތި ކުށްކޮށްފައި އެތައް ބަޔަކު ސަލާމަތްވެގެންދާނެ- އެއީ ތިމަންމެން ކުރި ކަމެއް ނޫނޭ ބުނުމުގެ ފުރުޞަތު އެންމެންނަށް ލިބޭނެ- އަޅުގަނޑު ދެކޭ ގޮތުގައި ތިޔަބޭފުޅުންނަކީ މި ކަހަލަ ބަލި މަޅިއެއްގައި ޖެހޭ ވަރަށްވުރެ ވިސްނުންފުޅު ރަނގަޅު ބޭފުޅުން- ތިޔަ ބޭފުޅުން ދެކެވަޑައިގެންނެވި ފޮޓޯތަކުގައި އެހެރީ ޙަޤީޤަތް- އެ މީހުން މަރައިލީއަކީ ފޮރުވިގެން އުޅޭ މީހެއް ނޫން- ހަންޑިއެއް، ފުރޭތައެއް ނޫން- އެ މީހުން މަރައިލީ އޭޝްލީ ޕެޓަރސަން- ގަސްތުގައި، ރާވައިގެން- އެއީ އަނިޔާވެރި، ވަހުޝީ ޢަމަލެއް- ދިފާޢީ ވަކީލު މި ކޯޓުގައި ކުރެއްވި ކަހަލަ ކަމެއް މީގެ އެތައް އަހަރެއް ކުރިން އެހެން ވަކީލަކު ވެސް ކުރައްވައިފައިވޭ- އެއީ ހަސްފަތާލުގައި ތުއްތު ކުއްޖަކު މަރައިލި ނަރުހެއްގެ ޝަރީޢަތް- އޭނާ ބުނި ގޮތުގައި އެ ކުއްޖާ މަރައިލީ އޭނާއެއް ނޫން- އޭނާގެ ހަށިގަނޑުގައި ފޮރުވިގެން އުޅޭ އެހެން މީހެއް- އޭނާގެ ވަކީލު ބުނަމުން ދިޔައީ އޭނާއަކީ އެމްޕީޑީ ޖެހިފައި ހުރި ކުއްޖެކޭ- އެކަމަކު ކޯޓުން ނިންމެވީ އޭނާ ކުށްވެރިވާ ކަމަށް-"
"އޭޝްލީގެ ޙާލާ މެދު އަޅުގަނޑުގެ ހިތުގައި ކޮންމެވެސް ވަރަކަށް ރަޙުމް އުފެދޭ- އޭނާގެ ހަށިގަނޑުގައި އެ އުޅޭ މީހުންނާ ހެދި އޭނާއަށް ވަރަށް ބޮޑަށް އުނދަގޫވާނެ- އަޅުގަނޑުމެންގެ ތެރެއިން އެއްވެސް މީހަކު އެ ކަހަލަ ގޮތެއް ވާކަށް ނޭދޭނެ- ހަށިގަނޑުގައި އެހެން ބަޔަކު ވަޒަންވެރިވެގެން އުޅުމަކީ ކިހައި ބޮޑު ނުފޮރުއްޕާނަކަށް ވާނެތޯ-؟ އެ މީހުން ހަމައެކަނި އުޅޭނީއެއް ނޫނޭ އިނގޭތޯ-؟ މީހުން ވެސް މަރަނީ- އެ މީސްމީހުންގެ ގުނަވަންތައް ބުރިކުރަނީ- އަޅުގަނޑު މިހާރުވެސް މި ހުންނަނީ ބިރުން-"
އޭނާ އޭޝްލީއާ ދިމާއަށް ބަލައިލިއެވެ. "އޭޝްލީ ބިރުގެންފައި ހުރި ވައްތަރެއް ނުޖަހާ- އެހެންނޫންތޯ-؟ މިހާރުވެސް އެހެރީ ނުލާހިކު ރީތި ހެދުމެއް ލައިގެން- ފެންވަރާ ނަލަވެގެން- މޭކަޕްކޮށްގެން- ބިރުގެ ކަންފުޅެއް ވެސް ނެތް- އޭނާ ހީކޮށްގެން އެހެރީ ތިޔަ ބޭފުޅުން އޭނާގެ ވާހަކަ ޤަބޫލުފުޅުކުރައްވައި، އޭނާ ކުށުން ބަރީއަކޮށްދެއްވާނޭ ކަމަށް- އެ ކިޔާ މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރއަކީ ހައްދަވައިފައިވާ ބައްޔެއް ކަމަށް ސާބިތުކޮށްދެވޭނޭ އެއްވެސް މީހަކު ނެތް- އެހެންވީމާ އަޅުގަނޑުމެންނަށް މި ޖެހެނީ އަމިއްލަ ރައުޔުގެ މައްޗަށް ގޮތެއް ނިންމަން-"
"ދިފާޢީ ވަކީލު ވިދާޅުވާ ގޮތުގައި އޭޝްލީގެ ހަށިގަނޑުގައި އުޅޭ އެހެން ދެ މީހަކު ނުވަތަ ދެ ޝަޚްޞިއްޔަތަކު އޭނާގެ މައްޗަށް ބާރު ހިންގަނީ- އެ ވާހަކަފުޅުގެ މައްޗަށް ކޮންމެވެސް ވަރަކަށް އަޅުގަނޑު ބަލައިލާނަން- އެންމެ ފުރަތަމަ ޓޮނީ ނަގަމާތޯ-؟ ޓޮނީ އުފަންވީ އިނގިރޭސިވިލާތަށް- އެލެޓް އުފަންވީ އިޓަލީވިލާތަށް- އެކަމަކު އެއީ އެކަކު- އެ ދެ މީހުން އުފަންވީ މުޅިން ދެ ތަނަކަށް- ދެ ތާރީޚެއްގައި- މިއީ ތިޔަ ބޭފުޅުންގެ ސިކުނޑިފުޅަށް ވަންނަ ކަހަލަ ވާހަކައެއްތޯ-؟ ހަމަގައިމުވެސް އަޅުގަނޑަކަށް އެއްގޮތަކަށްވެސް ނުވިސްނޭ- އެ ބުނާ ދެ މީހުން ނެރެން އަޅުގަނޑު އޭޝްލީއަށް ފުރުޞަތު ދިނިން- އެކަމަކު އޭނާއަކަށް އެ ކަމެއް ނުކުރެވުނު- އަޅުގަނޑުގެ ހިތަށްއަރާ، އެ ކަން ނުކުރެވުނީ ކީއްވެގެން ބާވައޭ-؟ އެއީ އުޅޭ ބަޔަކަށް ނުވާތީ ކަމަށް ވެދާނެ- އެމްޕީޑީއަކީ ސިކުނޑީގެ ބައްޔެއް ކަމަށް ކެލިފޯނިއާގެ ޤާނޫނު ޤަބޫލުކުރޭތޯ-؟ ނޫން- ނުކުރޭ- މިސިސިޕީގެ ޤާނޫނު ޤަބޫލުކުރޭތޯ-؟ ނޫން- ނުކުރޭ- އެމެރިކާގެ އެހެން އެއްވެސް ޤާނޫނެއް ޤަބޫލުކުރޭތޯ-؟ ނޫން- ނުކުރޭ- އެމްޕީޑީއަކީ ބައްޔެއް ކަމަށް ޤަބޫލުކުރާ އެއްވެސް ޤާނޫނެއް އެއްވެސް ސްޓޭޓަކު ނެތް- އެއީ ކީއްވެގެންތޯ-؟ އެއީ ހައްދަވައިފައިވާ އެއްޗަކަށް ނުވާތީ- އެއީ އަދަބުން ސަލާމަތްވާން ބޭނުންކުރާ ނުބައި މަޅިއެއް..."
"އޭޝްލީ އެ ބުނަނީ އޭނާގެ ހަށިގަނޑުގައި އިތުރު ދެ މީހަކު އެބައުޅެއޭ- އެހެންވީމާ އޭނާގެ ކުށަކަށް އެކަކުވެސް ޒިންމާވާކަށް ނުޖެހޭ- އެކަމަކު މި ކޯޓުގައި އަޅުގަނޑުމެންނަށް ފެންނާން ހުރީ އެންމެ މީހެއް- އޭޝްލީ ޕެޓަރސަން- އެ މީހުން މަރައިލީ އޭޝްލީ ކަމަށް އަޅުގަނޑު މި ކޯޓުގައި ސާބިތުކޮށްދީފިން- އެކަމަކު އޭޝްލީ ބުނަނީ އެ މީހުން މަރައިލީ އޭނާއެއް ނޫންކަމަށް- އެ މީހުން މަރައިލީ އެހެން ބައެއް ކަމަށް- އޭނާގެ ހަށިގަނޑު ބޭނުންކޮށްގެން އެހެން ބަޔަކު ހިންގި ކަމެކޭ- އަޅުގަނޑުމެންގެ ކޮންމެ މީހެއްގެ ހަށިގަނޑުގައި އެ ކަހަލަ އިތުރު މީހަކު އުޅޭނަމަ ކިހައި ރަނގަޅުތޯ-؟ މުޖުތަމަޢު ޤަބޫލު ނުކުރާ ސިއްރު ކަންތައްތައް އެ މީހަކު ލައްވައި ކުރުވިދާނެއެއްނޫންތޯ-؟ ވިސްނާވަޑައިގަންނަވާ- އެ ކަހަލަ ބަޔަކު އުޅޭ ދުނިޔެއެއްގައި އުޅުމަކީ ކިހައި ބޮޑު ވޭނަކަށް ވާނެތޯ-؟ މީހަކު މަރައިފައި އެމީހުން ބުނާނީ ކަލޭމެންނަކަށް އަހަރެންގެ ގަޔަކު އަތެއް ނުލެވޭނެއޭ- އަހަންނަކަށް އަދަބެއް ނުދެވޭނެއޭ- އެ މީހާ މަރައިލީ އަހަންނެއް ނޫނޭ- އަހަރެންގެ ހަށިގަނޑުގައި އުޅޭ އެހެން މީހެކޭ- ކަލޭމެންނަކަށް އަހަރެންގެ ހަށިގަނޑުގައި އުޅޭ މީހާއަކަށް ވެސް އަދަބެއް ނުދެވޭނެއޭ- އެއީ ހަމަ އަހަންނޭ-"
"އެކަމަކު ދަންނަވަންތޯ-؟ މި ޝަރީޢަތަކީ ލޮލަށް ނުފެންނަ ރޫޙާނީ ބައެއްގެ މައްޗަށް ހިންގާ ޝަރީޢަތެއް ނޫން- އޭޝްލީ ޕެޓަރސަންގެ މައްޗަށް ދައުލަތުން މި ދަޢުވާކުރަނީ ކުށެއް ނެތް ތިން މީހަކު މަރައިލިކަމުގެ ކުށަށް- ދައުލަތުން އެދެނީ އެ ކުށަށް މަރުގެ އަދަބު ދެއްވާން- ޝުކުރިއްޔާ-"
މިކީ ބްރެނަން އިށީނދެއްޖެއެވެ.
"ދިފާޢީ ވަކީލު ވިދާޅުވާނޭ އެއްޗެއް އެބައޮތްތޯ-؟"
ޑޭވިޑް ތެދުވެއްޖެއެވެ. އޭނާ ޖޫރަރއިންގެ މޫނަށް ބަލައިލިއެވެ. އެ މީހުންގެ މޫނުމަތިން ފެންނަން ހުރި ކުލަވަރަކީ އޭނާ ހިތްހަމަޖެހޭ ކަހަލަ ކުލަވަރެއް ނޫނެވެ. "މިއީ އަޅުގަނޑުމެން އެންމެންނަށް ވެސް އުނދަގޫ މައްސަލައެއް- އަޅުގަނޑަށް އެކަން ވިސްނޭ- މި ކޯޓުގައި އެމްޕީޑީއަށް ފަރުވާދިން ބައެއް ތަޖުރިބާކާރުން ވާހަކަދައްކައިފި- އަދި އެމްޕީޑީއަކީ ނުހައްދަވާ ބައްޔެކޭ ވެސް ބައެއް ތަޖުރިބާކާރުން ބުނެފި- ތިޔައިން އެއްވެސް ބޭފުޅަކީ ޑަކްޓަރެއް ނޫން- އެހެންވީމާ ޞިއްޙީ މައިދާނުގައި ލިބިވަޑައިގެންފައިވާ މަޢުލޫމާތާއި، ތަޖުރިބާގެ މައްޗަށް ތިޔައިން އެއްވެސް ބޭފުޅަކު ގޮތެއް ނިންމަވާނޭ ކަމަކަށް އެކަކުވެސް ނުބަލާނެ- އިއްޔެ އަޅުގަނޑުގެ ޢަމަލު ހުރި ގޮތުގެ މައްޗަށް އަޅުގަނޑު މަޢާފަށް އެދެން- އަޅުގަނޑު އޭޝްލީއާ ދިމާއަށް އިއްޔެ ހަޅޭއްލެވީ އޭނާގެ ހަށިގަނޑުގައި އުޅޭ އަނެއް ދެ މީހުން ލައްވާ ވާހަކަ ދައްކުވަންވެގެން- އަޅުގަނޑު އެ މީހުންނާ ވާހަކަދެއްކިން- އެހެންވީމާ އެއީ އުޅޭ ބައެއްކަން އަޅުގަނޑަށް ރަނގަޅަށް އެނގޭ- އޭޝްލީގެ މައްޗަށް ބާރުހިންގާ ދެ ޝަޚްސިއްޔަތަކު އޭނާގެ ހަށިގަނޑުގައި އުޅޭ- އެއީ ޓޮނީއާއި، އެލެޓް- މަރައިލި މީހުންގެ މަރުގެ އެއްވެސް ޚަބަރެއް އޭޝްލީއަކަށް ނުވޭ-"
"މީހަކު މަރައިލިކަން ސާބިތުކުރަން ފެންނަން ހުންނަ ހެކިތަކަކާއި، ސަބަބެއް ބޭނުންވާނެ- މި ޤަތުލުތަކުގައި އޭޝްލީ އެއިން މީހަކު މަރައިލަން ޖެހޭ އެއްވެސް ސަބަބެއް ފެންނާކަށް ނެތް- ޤާނޫނު ބުނާ ގޮތުން މުލްޒިމުގެ މައްޗަށް ކުށްސާބިތުވާނީ އެއްވެސް ޝައްކެއް ނުހިނގާ ވަރަށް ސާބިތުކޮށްދެވުނީމާ- މި މައްސަލައިގައި އެ ވަރަކަށް ސާބިތުކޮށްދެވިފައެއް ނެތް-"
"ކޯޓަށް ހުށަހެޅުނު ހެކިތަކާ މެދު އަޅުގަނޑު ދައްކާނޭ މާ ގިނަ ވާހަކައެއް ނެތް- މީހުން މަރައިފައިވާ ހުރިހައި ތަނަކުން އޭޝްލީ ޕެޓަރސަންގެ އިނގިލީގެ ނިޝާން ފެނިފައިވޭ- ޑީއެންއޭ ޓެސްޓްތަކުން ވެސް ފެންނަނީ އޭޝްލީގެ ޑީއެންއޭ- މިއީ ސުވާލު އުފެދޭ ކަމެއް- އޭޝްލީއަކީ މޮޔައެއް ނޫން- ކިޔަވައިގެން ހުރި ވިސްނުންތެރިއެއް- އެހެންވީމާ ކޮންމެ މީހަކު މަރައިލައިފައި އެ ތަނަށް އިނގިލީގެ ނިޝާނާއި، އެހެނިހެން ހެކިތައް ދޫކޮށްލައިފައި އޭނާ ހިނގައިދާނެތޯ-؟ ނޫން- ނުދާނެ-"
ޑޭވިޑް ބައިގަޑިއެއްހައި އިރު ވާންދެން ވާހަކަދެއްކިއެވެ. ވާހަކަދައްކައި ނިމިގެން އޭނާ ބަލައިލީ ޖޫރަރއިންގެ މޫނަށެވެ. އެ މީހުންގެ މޫނުމަތިން އޭނާއަށް ފެންނަން ހުރީ މާކަ ހިތްހަމަޖެހޭ ކަހަލަ ކުލަވަރެއް ނޫނެވެ.
ފަނޑިޔާރު ވިލިއަމްސް ޖޫރީއާ ދިމާއަށް ބަލައިލިއެވެ. "އަޅުގަނޑު މިހާރު މި ދަންނަވައިލަނީ މި ފަދަ މައްސަލަތަކަށް ހެދިފައިވާ ޤާނޫނުތައް- ފިސާރި ރަނގަޅަށް ކަނުލައި އައްސަވާތި-" އޭނާ ދެ މިނިޓް ވާންދެން ވާހަކަދެއްކިއެވެ.
"މި މައްސަލަޔާ ގުޅިގެން އިތުރު ސުވާލެއް ކުރައްވަން ބޭނުންފުޅިއްޔާ މިހާރު ކުރައްވާ- މައްސަލައިގައި ދެކެވުނު ވާހަކަ އަލުން އަޑުއައްސަވަން ބޭނުންފުޅު ވިޔަސް އެ ކަމުގެ އިންތިޒާމު ހަމަޖެހިފައި އެބަހުރި- އިތުރު ސުވާލެއް ނެތިއްޔާ ޖޫރީ ކޮޓަރިކޮޅަށް ވަޑައިގަތަސް އެންމެ ރަނގަޅު- މި ހިސާބުން ޝަރީޢަތް މެދުކަނޑައިލަނީ- ދެން ޝަރީޢަތް ފެށޭނީ ޖޫރީ ވަކިގޮތެއް ނިންމަވައިގެން ކޯޓަށް ވަޑައިގަތީމާ-"
ޖޫރަރއިން ތެދުވެގެން އެ މީހުންނަށް ކަނޑައަޅައިފައިވާ ކޮޓަރިއާ ދިމާއަށް ދިޔަ ތަން ޑޭވިޑް ހުރީ ބަލާށެވެ. އޭރު އޭނާގެ ހިތަށް އަރަމުން ދިޔައެވެ. އެމީހުން ނައިސް ލަސްވި ވަރެއް އަހަރެމެންނަށް ރަނގަޅެވެ.
ޖޫރީ އެނބުރި އައީ ސާޅީސް ފަސް މިނިޓް ފަހުންނެވެ.
ޖޫރަރއިން އައިސް އެ މީހަކަށް ކަނޑައެޅިފައިވާ ގޮނޑިއެއްގައި އެ މީހަކު އިށީންތަން ޑޭވިޑާއި، އޭޝްލީ ބަލަމުން ދިޔައީ ތެޅިތެޅި އޮތް ހިތަކާއިގެންނެވެ. އޭޝްލީގެ މޫނުމަތިން ފެންނަ އަސަރު ބަޔާންކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ޑޭވިޑް އިނީ ދާހިއްލާ ފޯވެފައެވެ.
ފަނޑިޔާރު އިސް ޖޫރަރއާ ދިމާއަށް ބަލައިލިއެވެ. "ޖޫރީ ވަކިގޮތެއް ނިންމަވައިފިތޯ-؟"
"އާދެ- ޢިއްޒަތްތެރި ފަނޑިޔާރު-"
"ނިންމެވި ގޮތުގެ ލިޔުން އަމީންޢާންމުގެ އަތްޕުޅަށް އަރުއްވާ-"
އަމީންޢާންމު އެ ކަރުދާސްގަނޑު ހިފައިގެން ގޮސް ފަނޑިޔާރުގެ އަތަށް ދީފިއެވެ. ފަނޑިޔާރު ވިލިއަމްސް ކަރުދާސްގަނޑު ނިއުޅުވައިލިއެވެ. ކޯޓުގެ ތެރެއަކުން އެއްވެސް އަޑެއް ނީވެއެވެ.
ފަނޑިޔާރު ބަލައި ނިމުނީމާ އަމީންޢާންމު އެ ކަރުދާސްގަނޑު ގެނެސް އިސް ޖޫރަރގެ އަތަށް ދީފިއެވެ.
"ނިންމެވި ގޮތް ވިދާޅުވެދެއްވާ-"
އޭނާ ވަރަށް ލަސްލަހުން ފަރުވާތެރި ކަމާއެކު އެ ކަރުދާސްގަނޑުގައި ހުރި އެއްޗެއް ކިޔަން ފަށައިފިއެވެ. "މިއީ އޭޝްލީ ޕެޓަރސަންގެ މައްޗަށް އެމެރިކާގެ ސަރުކާރުން އުފުލައިފައިވާ ދަޢުވާގެ ޝަރީޢަތް އަޑުއެހުމަށް ފަހު ޖޫރީ ނިންމައިފައިވާ ނިންމުމެވެ. އަޅުގަނޑުމެން ޖޫރީއަށް ފެންނަނީ ޑެނިސް ޓިބްލް މަރައިލި ކަމަށް އުފުލުނު ދަޢުވާ އޭޝްލީ ޕެޓަރސަންގެ މައްޗަށް ސާބިތުވާކަމަށް- އެއީ ޤާނޫނުލް ޢުޤޫބާތުގެ 187 ވަނަ މާއްދާއަށް ފެތޭ ކުށެއް ކަމަށް އަޅުގަނޑުމެންގެ ޖޫރީއިން ނިންމައިފިން-"
ކޯޓުގެތެރެއަށް މާނޭވާގެ އަޑު އަރައިގެން ދިޔައެވެ. އޭޝްލީ ލޯމަރައިލިއެވެ.
"މިއީ އޭޝްލީ ޕެޓަރސަންގެ މައްޗަށް އެމެރިކާގެ ސަރުކާރުން އުފުލައިފައިވާ ދަޢުވާގެ ޝަރީޢަތް އަޑުއެހުމަށް ފަހު ޖޫރީ ނިންމައިފައިވާ ނިންމުމެވެ. އަޅުގަނޑުމެން ޖޫރީއަށް ފެންނަނީ ޑެޕިއުޓީ ސެމިއުލް ބްލޭކް މަރައިލި ކަމަށް އުފުލުނު ދަޢުވާ އޭޝްލީ ޕެޓަރސަންގެ މައްޗަށް ސާބިތުވާކަމަށް- އެއީ ޤާނޫނުލް ޢުޤޫބާތުގެ 187 ވަނަ މާއްދާއަށް ފެތޭ ކުށެއް ކަމަށް އަޅުގަނޑުމެންގެ ޖޫރީއިން ނިންމައިފިން-"
"މިއީ އޭޝްލީ ޕެޓަރސަންގެ މައްޗަށް އެމެރިކާގެ ސަރުކާރުން އުފުލައިފައިވާ ދަޢުވާގެ ޝަރީޢަތް އަޑުއެހުމަށް ފަހު ޖޫރީން ނިންމައިފައިވާ ނިންމުމެވެ. އަޅުގަނޑުމެން ޖޫރީންނަށް ފެންނަނީ ރިޗަރޑް މެލްޓަން މަރައިލި ކަމަށް އުފުލުނު ދަޢުވާ އޭޝްލީ ޕެޓަރސަންގެ މައްޗަށް ސާބިތުވާކަމަށް- އެއީ ޤާނޫނުލް ޢުޤޫބާތުގެ 187 ވަނަ މާއްދާއަށް ފެތޭ ކުށެއް ކަމަށް އަޅުގަނޑުމެންގެ ޖޫރީއިން ނިންމައިފިން- މި ތިން މައްސަލައިގައި ވެސް އަޅުގަނޑުމެން ޖޫރީ އެއްބަސްވެފައިވަނީ އޭޝްލީއަށް މަރުގެ އަދަބު ދޭން-"
ޑޭވިޑަށް ނޭވާލާން އުނދަގޫވާން ފަށައިފިއެވެ. އޭނާ އޭޝްލީއާ ދިމާއަށް ބަލައިލިއެވެ. އެކަމަކު ބުނާނޭ އެއްޗެއް ނޭނގުނެވެ. އެންމެ ފަހުން އޭޝްލީގެ ކޮނޑުގައި ފިރުމައިލެވުނީއެވެ.
ފަނޑިޔާރު ވިލިއަމްސް ބުނެލިއެވެ. "ޖޫރީގެ ތެރެއިން މި ޙުކުމަށް އެއްބަސްވެވަޑައިގަންނަވާ ބޭފުޅުން ގުނައިލަން އަޅުގަނޑު ބޭނުން-"
ފަހަރަކު ޖޫރަރއަކު ތެދުވަން ފަށައިފިއެވެ.
"ދެންމެއަކު އިއްވުނު ނިންމުމަށް ތާއީދުކުރައްވަންތޯ-؟"
ހުރިހައި އެންމެން އެއްބަސްވެ ނިމުނީމާ ފަނޑިޔާރު ވިލިއަމްސް ބުންޏެވެ. "މި ނިންމުން ކޯޓުގެ ދަފްތަރުގައި ލިޔެ ރައްކާކުރެވޭނެ-" އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ. "މި މައްސަލައިގައި ހޭދަކުރެއްވި ވަގުތަށާއި، ކޮށްދެއްވި މަތިވެރި ޚިދުމަތަށް ޓަކައި އަޅުގަނޑު ޖޫރީއަށް ޝުކުރުދަންނަވަން- މިހާރު ވަޑައިގެންނެވިޔަސް އެންމެ ރަނގަޅު- މުލްޒިމްގެ ސިކުނޑީގެ ޙާލަތު ހުރި ގޮތް ބެލުން އޮންނާނީ މާދަމާ-"
ފަނޑިޔާރު ވިލިއަމްސް ތެދުވެގެން ޑޭވިޑާ ދިމާއަށް ބަލައިވެސް ނުލައި އޭނާގެ ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ. އޭނާގެ ޙަރަކާތާއި، މޫނުމަތީގެ ކުލަވަރަށް ބަލައިފައި މާދަމާ އިއްވާނޭ ޙުކުމް ޑޭވިޑަށް ރަނގަޅަށް އެނގުނެވެ. އޭޝްލީ މަރައިލަން ޙުކުމް އިއްވާނޭކަން އޭނާއަށް ހަމަކަށަވަރެވެ.
ސަންޑްރާ ސެން ފްރެންސިސްކޯއިން ގުޅައިލިއެވެ. "ޑޭވިޑް- ޙާލު ރަނގަޅުތަ-؟"
އޭނާ އަޑަށް އުފާވެރިކަން ގެނެވޭތޯ މަސައްކަތްކުރިއެވެ. "އާނ- ވަރަށް ރަނގަޅު- ސަންޑްރާ ކިހިނެއް-؟"
"ރަނގަޅު- އަހަރެން ގަވާއިދުން ޓީވީ ޚަބަރު ބަލަން- ފަނޑިޔާރު ކަންތައް ކުރިގޮތް މާކަރަނގަޅެއް ނޫން- ހުއްދަ ބާޠިލުކުރަން ހުށަހެޅުން ފަދަ ކަމެއް ކުރުމަކީ އޭނާ އެއްގޮތަކަށް ވެސް ކޮށްގެންވާނޭ ކަމެއް ނޫން- ޑޭވިޑް މަސައްކަތްކުރަމުން ދިޔައީ އޭޝްލީއަށް އެހީވާން- އެކަން ފަނޑިޔާރަށް ވިސްނެންވާނެ-"
އޭނާ ދޭނޭ ޖަވާބެއް ނެތެވެ.
"އަހަރެން ވަރަށް ބޮޑަށް ހިތާމަކުރަން- އަހަންނަށް ޑޭވިޑްގެ ގާތުގައި ހުރެވޭނެ ނަމައޭ ހިތަށްއަރާ- އޭރުން..."
"ނޫން-" ޑޭވިޑް ބުނެލިއެވެ. "އެއްވެސް ކަހަލަ ނުރައްކަލަކާ ކުރިމަތިލައިގެން ނުވާނެ- މިއަދު ޑަކްޓަރަށް ދައްކައިފިންތަ-؟"
"އާނ-"
"ކީކޭ ބުނީ-؟"
"ވަރަށް އަވަހަށް ވިހާނެއޭ-"
"ޖެފްރީ... އަހަރެންގެ ދަރިފުޅު..." ޑޭވިޑްގެ ހިތުގައި ހިނގައިލިއެވެ.
ޖެސީ ކިލަރ ގުޅައިލިއެވެ.
"އަހަރެން ބަލިވެއްޖެ-"
"އާނ- ކަލެއަށް ހޮވުނު ފަނޑިޔާރު ކަމުނުދަނީ- އޭނާ ކަލޭ ދެކެ އެހައި ބޮޑަށް ރުޅިއަންނަނީ ކީއްވެގެންތަ-؟"
(ނުނިމޭ)
VVV. REETHI UPKOH DEHEHVEETEE SHUKURiyya