(7 ސެޕްޓެމްބަރ 2020 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
މި މީހުން އަހަންނަށް މިހެން ހަދަނީ ކީއްވެގެން ހެއްޔެވެ؟ އަހަންނަކީ ނުރައްކާތެރި ކުށްވެރިއަކީމެއް ނޫނީމެވެ. އަހަންނަކީ ހަމަ އާދައިގެ އަންހެނަކީމެވެ. ކުއްލިއަކަށް އޭނާގެ ސިކުނޑީގެ އެއް ކަނަކުން ބުނެލި އަޑުއިވުނު ކަހަލައެވެ. ކުށެއް ނެތް ފަސް މީހުން މަރައިލީ ކާކުހެއްޔެވެ؟
ބޯޓުގައި ތިބީ ހުސް ބޮޑެތި ކުށްވެރިންނެވެ. މީހުން މެރުމާއި، އަންހެންކުދިންގެ ޢިއްފަތްތެރިކަން ފޭރިގަތުމާއި، ހަތިޔާރު ހިފައިގެން ތިބެ ތަންތަން ލޫޓުވުމާއި، މި ނޫންވެސް މި ފަދަ ބޮޑެތި ކުށްކުށުގައި ބެދިފައި ތިބި މީހުންނެވެ. އެ މީހުން އެ ގެންދަނީ ޤައުމުގެ އެކި ރަށްރަށުގައި ހަދައިފައިވާ ބޮޑެތި ޖަލުޖަލަށެވެ. ބޯޓުގައި އަންހެނަކަށް އިނީ އޭޝްލީ އެކަންޏެވެ.
އެ ތަނުން ކުށްވެރިއަކު އޭނާއާ ދިމާއަށް ބަލައިލައިފައި ހީނގަތެވެ. "ލޯބިގަނޑާ- މި ތަނަށް އަހަރެންގެ އުނގުގައި އިށީނދެލަން އަންނަންވީނުން-؟"
"އޭތް- އަނގަނުތަޅާ-" ގާޑަކަށް އެ އަޑު އިވިގެން ވަރަށް ބާރަށް ބުނެލިއެވެ.
އެކަމަކު ފޮށުމަކަށް ހުއްޓުމެއް ނައެވެ. އެކި މީހުން އެކި ގޮތްގޮތަށް އޭޝްލީއާ ފޮށެމުން ދިޔައެވެ.
އެ ތަނުން އެކަކު ބުނެލިއެވެ. "އޭތް- ބަލަ ކަލޭމެންނަކަށް ނޭނގޭތަ-؟ މިއީ އެއްކަލަ ފަސް މީހުން މަރައިލި ކުއްޖާއެއްނުން-؟"
މިހާރު ބޯޓުގައި ތިބި އެންމެން ބަލަން ތިބީ އޭނާއާ ދިމާއަށެވެ.
ނިވް ޔޯކަށް ދިޔަ މަގުމަތީގައި މަތިންދާ ބޯޓު ދެ ތަނަކަށް މަޑުކުރިއެވެ. އެއީ މީހުން ބާލާށާއި، މީހުން އަރުވާށެވެ. އެއީ ވަރަށް ދިގު ދަތުރެކެވެ. ލަ ގާރޑިއާ އެއަރޕޯޓަށް ބޯޓު ތިރިކޮށްލި އިރު ވަރަށް ވައިގަދައެވެ. އޭޝްލީ އޭރު ހުރީ އަނބުރައިގެންފައެވެ.
ބޯޓުން އޭނާ ބޭލި އިރު އޭނާ ބަލައި އައިސް ޔުނިފޯމް އެޅި ދެ ސިފައިން ތިއްބެވެ. އޭނާ ބޯޓުގެ އަނދަގޮނޑިން ނައްޓައިލައިގެން ގޮސް ޖެހީ ފުލުހުންގެ ވޭނުގެ އަނދަގޮޑީގައެވެ. މިހައި ބޮޑު ލަދެއް އޭނާ ދުވަހަކުވެސް ނުގަނެއެވެ. އެ މީހުން އެހެން އެ ހަދަނީ ކީއްވެގެން ބާވައެވެ؟ އަހަރެން އަނެއްކާވެސް މީހަކު މަރައިފާނެއޭ ހީވަނީ ބާވައެވެ؟ އެ ހުރިހައި ކަމެއް ނިމި ހިނގައްޖެ ކަމެއް މި މީހުންނަކަށް ނޭނގޭ ހެއްޔެވެ؟ އެއީ މީގެ ފަހުން ވާނޭ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. އެއިން ކަމެއް ތަކުރާރުވުމަކީ އޭނާ އެއްގޮތަކަށް ވެސް އެދޭ ކަމެއް ނޫނެވެ.
ވޭނުގައި ކުރި ދިގު ދަތުރުގައި އޭނާ އޮތީ ނިދައިފައެވެ. ވެފައި ހުރި ވަރުބައްޔާއި، ދެރައިގެ ސަބަބުން ނިދިއައީއެވެ. އޭނާއަށް ހޭލެވުނީ ގާޑަކު ގޮވީމައެވެ.
"އާދެވިއްޖެ-"
އޭރު ވޭން އޮތީ ކަނެކްޓިކަޓް ސައިކިއޭޓްރިކް ހޮސްޕިޓަލްގެ މައި ދޮރުމަތީގައެވެ.
ޑޮކްޓަރ ލުވިސަންގެ ކޮޓަރިއަށް އޭޝްލީ ވެއްދުމާއެކު އޭނާ ބުނެލިއެވެ. "މިސް ޕެޓަރސަން- ކަނެކްޓިކަޓް ސައިކިއޭޓްރިކް ހޮސްޕިޓަލަށް މަރުޙަބާ-"
އޭޝްލީ އެއްވެސް އެއްޗެކޭ ނުބުނެ ހުރީއެވެ. މޫނުމައްޗަކުން އެއްވެސް ކަހަލަ ތާޒާކަމެއް ނުފެނެއެވެ.
ޑޮކްޓަރ ލުވިސަން އެކަކު އަނެކަކަށް ތަޢާރަފްކޮށްދިނެވެ. އެއަށް ފަހު ބުނެލިއެވެ. "އިށީނދޭ-" ދެން އޭނާ ބަލައިލީ ގާޑާ ދިމާއަށެވެ. "ބިޑި ނައްޓައިލާ-"
އަތާއި، ފައިގައި އަޅުވައިފައި ހުރި ބިޑި ނައްޓައިލައިފިއެވެ. އޭޝްލީ ގޮނޑިއެއްގައި އިށީނދެއްޖެއެވެ.
ޑޮކްޓަރ ފޮސްޓަރ ބުނެލިއެވެ. "މިއީ ވަރަށް އުނދަގޫ ކަމަކަށް ވާނެކަން އަހަންނަށް އެނގޭ- ފަސޭހަވާނޭހެން ހިވާ ކޮންމެ ކަމެއް އަހަރެމެން ކޮށްދޭނަން- އަހަރެމެން ބޭނުންވަނީ މި ތަނަށް އަންނަ މީހުންނަށް ފަރުވާދީ ރަނގަޅުކުރަން- އުންމީދަކީ އޭޝްލީ ވެސް މި ތަނުން ދާނީ މުޅިން ފަސޭހަވެގެން ކަމަށް-"
އޭޝްލީ ވަރަށް އުނދަގުލުން އަހައިލިއެވެ. "ކިހައި... ކިހައި ދުވަހެއް ވާނެތޯ-؟"
އޮޓޯ ލުވިސަން ބުންޏެވެ. "ތިޔަ ސުވާލަށް ޖަވާބެއް ދޭން އަދި ތަންކޮޅެއް އަވަސް- ރަނގަޅުވާނެ ނަމަ ފަސް އަހަރު ނުވަތަ ހަ އަހަރު ދުވަހުގެ ތެރޭގައި ރަނގަޅުވާނެ-"
އެއިން ކޮންމެ ލަފުޒެއް އޭޝްލީގެ ސިކުނޑިއަށް ވަދެގެން ދިޔައީ ދޮންކުރި ދަނގަޑެއް ފަދައިންނެވެ. "ރަނގަޅުވާނެ ނަމަ ފަސް އަހަރު ނުވަތަ ހަ އަހަރު ދުވަހުގެ ތެރޭގައި ރަނގަޅުވާނެ-"
"ފަރުވާއަކީ އެއްވެސް ކަހަލަ ނުރައްކަލެއް އޮތް ފަރުވާއެއް ނޫން- މި ފަރުވާގައި ޑޮކްޓަރ ކެލަރއާ އެކީ ވަރަށް ގިނަ ވަގުތު ހޭދަކުރަންޖެހޭނެ- އޭގެ ތެރޭގައި ހިޕްނޮޓައިޒްކުރުމާއި، ގްރޫޕް ތެރަޕީއާއި، އާރޓް ތެރަޕީ ހިމެނޭ- އެންމެ މުހިންމު ކަމަކީ އަހަރެމެންނަކީ އޭޝްލީގެ ދުޝްމަނުން ނޫންކަން ހަނދާންކުރުން-"
ގިލްބަރޓް ކެލަރ އިނީ އޭނާގެ މޫނަށް ވަރަށް ފުންކޮށް ބަލާށެވެ. "އަހަރެމެން މި ތާނގައި މި ތިބީ އޭޝްލީއަށް އެހީވާން- އޭޝްލީ ވެސް އަހަރެމެންނަށް އެހީވާންވާނެ-"
އޭނާ ދައްކާނޭ އެއްވެސް ވާހަކައެއް ނެތެވެ. އޮޓޯ ލުވިސަން އެޓެންޑެންޓާ ދިމާއަށް ބަލައިލިއެވެ. އެ މީހާ އޭޝްލީގެ ކައިރިއަށް އައިސް އޭނާގެ އަތުގައި ހިފައިލިއެވެ.
ކްރެއިގް ފޮސްޓަރ ބުންޏެވެ. "އޭނާ އޭޝްލީ ނިދާތަނަށް ގެންގޮސްދޭނެ- އަހަރެމެން ފަހުން އަދި ބައްދަލުކުރާނަން-"
އޭޝްލީ ނުކުމެގެން ދިޔައީމާ އޮޓޯ ލުވިސަން ގިލްބަރޓް ކެލަރއާ ދިމާއަށް ބަލައިލިއެވެ. "ކިހިނެއް ފެންނަނީ-؟"
"މި ފަހަރު ފަސޭހަ އެއްކަމެއް އެބައޮތް- އަހަރެމެން އުޅެންޖެހޭނީ އެ ބުނާ އިތުރު ދެ ޝަޚްސިއްޔަތާ އެކީ އެކަނި-"
ކެލަރ ހަނދާންކުރަން މަސައްކަތްކުރިއެވެ. "އެންމެ ގިނައިން އެކެއްގެ ހަށިގަނޑުގައި އުޅޭތީ އަހަރެމެންނަށް ފެނިފައި ވަނީ ކިތައް މީހުން-؟"
"ނުވަދިހަ-"
ކަންތައްތައް ހުންނާނޭ ގޮތް ކުރިއަށް މުޅިން ކަށަވަރުކޮށްގަންނާކަށް އޭޝްލީއަކަށް ނޭނގުނެވެ. އެހެން ނަމަވެސް އޭނާއަށް ޚިޔާލުކުރެވިފައި އޮތީ އުޅެންޖެހޭ ތަނަކީ އަނދިރި، ބިރުވެރި ތަނަކަށްވާނޭ ކަމަށެވެ. ކަނެކްޓިކަޓް ސައިކިއޭޓްރިކް ހޮސްޕިޓަލަކީ ވަރަށް ރީތި ހިތްގައިމު ކްލަބެއް ކަހަލަ ތަނެކެވެ. ތަފާތަކީ ހަމައެކަނި ދޮރުދޮރުގައި ހުރި ދަގަނޑު ތޭރިތަކެވެ.
އެޓެންޑެންޓް އޭނާ ގޮވައިގެން ގޮޅިއަށް ނުވަތަ ކޮޓަރިއަށް ދިޔައިރު މިނިވަންކަމާއެކު ގޯތިތެރޭގައި ޙަރަކާތްތެރިވަމުން ދިޔަ މީހުން ފެނުނެވެ. އެއީ ހައްތާވެސް މި ތާނގައި ފަރުވާދޭ ބަލިމީހުންނެވެ. އޭގެތެރޭގައި ހުރިހައި އުމުރެއްގެ މީހުން ހިމެނެއެވެ. އެންމެންވެސް ފެންނަނީ އާދައިގެ މީހުންގެ ގޮތުގައެވެ. އެއްވެސް ކަހަލަ އުނިކަމެއް ނުވަތަ ބައްޔެއް ހުރި ވައްތަރެއް ނުޖަހައެވެ. އެ މީހުން މި ތާނގައި ބައިތިއްބައިގެން އެ އުޅެނީ ކީއްވެގެން ބާވައެވެ؟ ބައެއް މީހުން އޭޝްލީ ފެނުނީމާ ހިނިތުންވެލައެވެ. އަދި ބައެއް މީހުން ކިހިނެއްހޭ އަހައިލައެވެ. އެކަމަކު އޭޝްލީއަކަށް ޖަވާބެއް ނުދެވެއެވެ. އޭނާ ހުރީ އެއަށްވުރެ މާ ބޮޑަށް ބިރުގެންފައެވެ. ހުރިހައި ކަމެއް ވެސް އޭނާއަށް ފެންނަނީ ހުވަފެނެއްގެ ގޮތުގައެވެ. އޭނާ މިހާރު އެ އެހެރީ މޮޔައިން ތިބޭ ތަނެއްގައެވެ. އޭނާއަކީ ހަމަ ޙަޤީޤަތުގައި ވެސް މޮޔައެއް ހެއްޔެވެ؟
ހިނގަމުން ގޮސް ވަރުގަދަ ދަގަނޑު ދޮރަކާ ހަމައަށް ދެވިއްޖެއެވެ. އެއީ އެ ޢިމާރާތުގެ އެއްބަޔަށް ވަންނަން ހުރި ބޮޑުދޮރެކެވެ. އެ ދޮރުގެ އަނެއް ފަރާތުގައި އެހެން އެޓެންޑެންޓަކު ހުއްޓެވެ. އޭނާ ގޮބަކަށް ފިތައިލުމާއެކު ދޮރުހުޅުވިއްޖެއެވެ.
"މިއީ އޭޝްލީ ޕެޓަރސަން-"
އެތެރޭގައި ހުރި އެޓެންޑެންޓް ބުނެލިއެވެ. "މަރުޙަބާ- މިސް ޕެޓަރސަން-" އެ މީހުން ކަންތައްތައްކުރާ ގޮތުން ހީވަނީ ވަރަށް އާދައިގެ ކަމެއް ކުރަނީހެންނެވެ. އޭޝްލީގެ ހިތަށްއެރިއެވެ. އެކަމަކު އެއްވެސް ކަމެއް މިހާރަކު އާދައިގެ ކަމަކަށް ނުވާނެއެވެ. ދުނިޔެ މިހާރު މި އޮތީ އެކޮޅުކޮޅުން ޖެހިފައެވެ.
"މިސް ޕެޓަރސަން- މިހެން ދުރުވޭ-" އޭނާ އޭޝްލީ ގޮވައިގެން ގޮސް ހުއްޓުނީ އެހެން ދޮރެއްގެ ކައިރިއަށެވެ. އެ ދޮރު ހުޅުވައިލީމާ އޭޝްލީ އެތެރެއަށް ވަދެއްޖެއެވެ. އެއީ ގޮޅިއެއް ނޫނެވެ. ވަރަށް އަރާމު، ރީތި ކޮޓަރިއެކެވެ. ގޮނޑިސެޓަކާއި، އެނދެއް އެ ތާނގައި ހުއްޓެވެ.
"ހުންނަވަންޖެހޭ ތަނަކީ މިއީ- އެ މީހުން އެއްޗެތިކޮޅު ވަރަށް އަވަހަށް ގެނެސްދޭނެ-"
އެޓެންޑެންޓް ނުކުމެ ދޮރު ބޭރުން ތަޅުލީތަން އޭޝްލީ ބަލަން ހުއްޓެވެ. މިއީ އަހަރެން ހުންނަންވީ ތަނެވެ.
އޭނާ ހާސްވާން ފަށައިފިއެވެ. އަހަރެން މި ތާނގައި ހުންނަން ބޭނުން ނޫނިއްޔާ ވާނީ ކިހިނެއް ބާވައެވެ؟ މި ތަނުން ނުކުމެގެން ދާން ވެއްޖެއްޔާ ހަދާނީ ކިހިނެއް ހެއްޔެވެ؟
އޭނާ މަޑުމަޑުން ހިނގައިފައި ދޮރުބުޑަށް ހިނގައްޖެއެވެ. ދޮރު ހުރީ ތަޅުލައިފައެވެ. އޭޝްލީ އައިސް ގޮނޑީގައި އިށީނދެއްޖެއެވެ. އަދި ވިސްނަން ފަށައިފިއެވެ. އޭނާ މަސައްކަތްކުރަމުން ދިޔައީ ހެޔޮ ވިސްނުމެއް ގެންގުޅެވޭތޯއެވެ. "އަހަރެމެން އޭޝްލީއަށް ފަރުވާދޭނަން..."
"އަހަރެމެން އޭޝްލީއަށް ފަރުވާދޭނަން..."
"އަހަރެމެން އޭޝްލީއަށް ފަރުވާދޭނަން..."
ތޭވީސްވަނަ ބާބު
އޭޝްލީއަށް ފަރުވާކުރުމުގެ ހުރިހައި ކަމަކާ ޙަވާލުވީ ޑޮކްޓަރ ގިލްބަރޓް ކެލަރއެވެ. އޭނާއަކީ މަލްޓިޕްލް ޕަރސަނަލިޓީ ޑިސްއޯޑަރގެ ޚާއްޞަ ޑަކްޓަރެކެވެ. ތަޖުރިބާކާރު މާހިރެކެވެ. އޭނާ ފަރުވާދިން މަދުމީހަކު ރަނގަޅުނުވެ ގޮސްފައި ވީނަމަވެސް ގިނައީ ރަނގަޅުވީ މީހުންނެވެ. މި ބާވަތުގެ ބަލިބައްޔަކީ މުޅިން ރަނގަޅުވާނޭ ކަމުގެ ޔަގީންކަން ކުރިން ދެވޭ ކަހަލަ ބަލިބައްޔެއް ނޫނެވެ. އޭނާ ފުރަތަމަ ކުރަންޖެހޭ ކަމަކީ ބަލިމީހާގެ އިތުބާރު ހޯދުމެވެ. އޭނާއާ އެކީ މަސައްކަތް ކުރަން ޖެހިލުންވާ ގޮތް ކަނޑުވައިލުމެވެ. އޭގެ ފަހުން ބަލިމީހާގެ ހަށިގަނޑުގައި ފިލައި ތިބޭ އެހެން މީހުން ނެރުމެވެ. ފަހަރަކު މީހަކު ނެރެގެން ވާހަކަދެއްކުމެވެ. މިހެން ހަދަން ފެށީމާ ފަހުން އެ މީހުން އެކަކު އަނެކަކާ ވާހަކަދައްކާނެއެވެ. އަދި އެ މީހުން އެ ބަލިމީހާގެ ހަށިގަނޑުގައި އުޅެނީ ކީއްވެގެންކަން އޮޅުންފިލާނެއެވެ. އެ ހިސާބުން ދެން ކުރަންޖެހޭ ކަމަކީ އެ މީހުންގެ ބޭނުމެއް ނެތްކަން އެންގުމެވެ. މި ކަން ރަނގަޅަށް އަންގައި ދެވިއްޖެނަމަ އެ ހުރިހައި އެންމެން އެކުވެގެން އަނެއްކާ ވެސް އެކަކަށް ވެގެންފާނެއެވެ. މާނައަކީ ހަށިގަނޑުގައި އުޅޭ އިތުރު މީހުން ނެތިގެން ހިނގައިދާނެއެވެ.
ޑޮކްޓަރ ކެލަރގެ ހިތަށްއެރިއެވެ. އެ ކަމަށް އަދި ލައްކަ ދުވަސް ނަގާނެއެވެ.
އޭގެ އަނެއް ދުވަހު ހެނދުނު ޑޮކްޓަރ ކެލަރ އޭނާގެ އޮފީހުގައި އޭޝްލީއާ ބައްދަލުކުރިއެވެ. "ކިހިނެއް-؟"
އޭޝްލީ އޭނާއާ ދިމާއަށް ބަލައިލިއެވެ. "އެ މީހުން ބުނާ ގޮތުގައި އަޅުގަނޑު މިހިރީ ފަސް މީހުން މަރައިލައިފައި- އެ ކަހަލަ މީހެއްގެ ޙާލު ހުންނާނީ ކިހިނެއްތޯ-؟
"އެއިން އެކަކުވެސް މަރައިލެވުނު ހަނދާން އެބަހުރިތަ-؟"
"ނެތް-"
"އޭޝްލީ- ޝަރީޢަތުގެ ރިޕޯޓު އަހަރެން ކިޔައިފިން- އެ މީހުން މަރައިލީ އޭޝްލީއެއް ނޫން- އެ ކަމެއް ކޮށްގެން އުޅެނީ އޭޝްލީގެ ހަށިގަނޑުގައި ފޮރުވިގެން އުޅޭ އަނެއް ދެ މީހން ކުރެ މީހެއް- އަހަރެމެން މި އުޅެނީ އެ ދެ މީހުންނާ ވާހަކަދައްކައިގެން ގާތް ގުޅުމެއް އުފެއްދޭތޯ ބަލަން- އޭގެ ފަހުން އެ ދެ މީހުންވެސް ފަހައިލާނީ- ދުވަހަކުވެސް ނާދެވޭ ގޮތަށް ފޮނުވައިލާނީ- އެކަމަކު އެކަން ކުރެވޭނީ އޭޝްލީގެ އެހީތެރިކަން ލިބިގެން-"
"ތިޔަ ކަންތައް ކުރެ... ކުރެވިއްޖެއްޔާ ކިތަންމެހައިވެސް ރަނގަޅު-"
"މި ކަންތައް ކުރެވޭނެ- އަހަރެމެން މި ތާނގައި މި ތިބެނީ ހަމައެކަނި އެކަމަށްޓަކައި- ހަށިގަނޑުގައި އިތުރު ޝަޚްޞިއްޔަތެއް އުފެދެނީ އެ ހަށިގަނޑުގެ ވެރިޔާ ކޮންމެވެސް ކަހަލަ ހިތާމައެއްގައި ނޫނީ ވޭނެއްގައި އުޅޭތީ އެ ހިތާމައަކުން ނޫނީ އެ ވޭނަކުން ހަށިގަނޑުގެ ވެރިޔާ ސަލާމަތްކޮށްދޭން ވެގެން- އެހެންވީމާ އަހަރެމެން ފުރަތަމަ ހޯދަންޖެހޭ ކަމަކީ އެއީ- އޭޝްލީ ކުރިމަތިލާންޖެހުނު ހިތާމައަކީ ނޫނީ އުފުލާން ޖެހުނު ވޭނަކީ ކޮބައިތޯ ބެލުން- އޭގެ ފަހުން ބަލަންޖެހޭ ކަމަކީ ހަށިގަނޑުގައި ތިޔަ އުޅޭ ދެ މީހުން އުފަންވީ ކޮން ދުވަސްވަރަކު ކީއްވެގެންތޯ-"
"އެ ކަން... ހޯއްދަވާނީ ކިހިނެއްތޯ-؟"
"ވާހަކަދައްކައިގެން- އޭޝްލީގެ ހަނދާނަށް އެ ކަންތައްތައް އަންނާނެ- ބައެއް ފަހަރަށް ހިޕްނޮޓައިޒް ކުރަންޖެހޭނެ- އަދި ފަހަރެއްގައި ސޯޑިއަމް އެމީތަލް ބޭނުންކުރަންވެސް ޖެހިދާނެ- މީގެ ކުރިންވެސް އޭޝްލީ ވަނީ ހިޕްނޮޓައިޒްކޮށްފައެއްނުންދޯ-؟"
"އާދެ-"
"އެއްވެސް މީހަކު އޭޝްލީއަކަށް އެއްވެސް ކަމަކަށް މަޖުބޫރެއް ނުކުރާނެ- ބުރަވާ ގޮތެއް ވެސް ނަހަދާނެ- އަހަރެމެން ކުރިއަށްދާނީ ލަސްލަހުން- މަޑުމަޑުން-" އޭނާ ޔަގީންކޮށްދޭ ކަހަލަ ރާގެއްގައި ބުނެލިއެވެ. "ހުރިހައި ކަމެއް ނިމޭއިރު ހުންނާނީ މުޅިން ފަސޭހަވެފައި-"
އެ ދެ މީހުން ގަޑިއެއްހައި އިރު ވާންދެން ވާހަކަދެއްކިއެވެ. ގަޑިއެއްހައި އިރު ވީއިރު އޭޝްލީ ހުރީ ހިތްހަމަޖެހިފައެވެ. ކޮޓަރިއަށް އައިސް ވަން ވަގުތު އޭނާގެ ހިތަށްއަރައެވެ. އޭނާ އަހަރެންގެ ބަލި ފަސޭހަކުރާނެއެވެ. މިއީ ހިތުގެ އަޑިން ނުކުތް ދުޢާއެއް ވެސް މެއެވެ.
ޑޮކްޓަރ ކެލަރ ދެން ބައްދަލު ކުރީ އޮޓޯ ލުވިސަންއާއެވެ. "މިއަދު އަހަރެން އޭނާއާ ވާހަކަދައްކައިފިން-" ޑޮކްޓަރ ކެލަރ ބުންޏެވެ. "އޭޝްލީ އަމިއްލައަށް މައްސަލައެއް އެބަ އޮތް ކަމަށް ޤަބޫލުކުރޭ- އެއީ ހެޔޮ ފާލެއް- ރަނގަޅުވާން އޭނާ ބޭނުންވޭ-"
"ތިޔައީ ރަނގަޅު ފެށުމެއް- ވާނުވާ އަހަންނަށް އަންގަމުން ދާތި-"
"އަންގާނަން-"
ޑޮކްޓަރ ކެލަރ ހުރީ ކުރިއަށް އޮތް ބުރަ މަސައްކަތާ ކުރިމަތިލާން ތައްޔާރަށެވެ. އޭޝްލީ ޕެޓަރސަންއަކީ އާދައިގެ ކުއްޖެއް ނޫނެވެ. އޭނާ ރަނގަޅުކުރެވޭތޯ ކުރެވެން އޮތް ހުރިހައި ކަމެއް ކުރަން ޑޮކްޓަރ ކެލަރ ހުރީ ތައްޔާރަށެވެ.
އެ ދެ މީހުން ކޮންމެ ދުވަހަކު ވާހަކަދައްކައެވެ. ވާހަކައިގެ ސިލްސިލާ ކުރިއަށް ދާތާ ހަފްތާއެއް ވީފަހުން އެއް ދުވަހަކު ޑޮކްޓަރ ކެލަރ ބުންޏެވެ. "ރަނގަޅަށް ހަމަޖެހިލާ- އެއްވެސް ފިކުރެއް ނުކުރާތި- އަހަރެން މިއުޅެނީ އޭޝްލީ ހިޕްނޮޓައިޒްކުރަން-" އޭނާ އޭޝްލީއާ ކައިރިއަށް ޖެހިލިއެވެ.
"މަޑުކުރޭ-"
އޭނާ ޙައިރާންވެފައި އޭޝްލީއާ ދިމާއަށް ބަލައިލިއެވެ. "ކިހިނެއްވީ-؟"
އޭޝްލީގެ ޚިޔާލީ ލޮލަށް ބިރުވެރި އެތައް މަންޒަރެއް ސިފަވެގެން ހިނގައްޖެއެވެ. އޭނާ އެ އުޅެނީ އެ ދެ މީހުން ގެންނާށެވެ. މިހެން ހިތަށް އެރުމާއެކު އޭނާ ބިރުން ތުރުތުރު އަޅަން ފަށައިފިއެވެ. "އެ... އެ މީހުންނާ ބައްދަލުކުރާކަށް އަޅުގަނޑު ބޭނުމެއް ނޫން-"
"ހާސްނުވޭ- މި އުޅެނީ އެ މީހުންނާ ބައްދަލުކުރުވާކަށް ނޫން-" ޑޮކްޓަރ ކެލަރ ޔަގީންކަން ދިނެވެ.
އޭޝްލީ ހިންދިރުވައިލިއެވެ. "އެންމެ ރަނގަޅު-"
"ތައްޔާރުތަ-؟"
އޭނާ ބޯޖަހައިލިއެވެ. "އާދެ-"
"ވަރަށް ރަނގަޅު- އަވަހަށް ފަށަމާ ހިނގާ-"
އޭޝްލީ ހިޕްނޮޓައިޒް ކުރެވުނީ ފަނަރަ ވަރަކަށް މިނިޓުންނެވެ. އޭނާ މުޅިން ބާރުގެ ދަށަށް ގެނެވުނީމާ މޭޒުމަތީގައި އޮތް ކަރުދާސްކޮޅަކާ ދިމާއަށް ޑޮކްޓަރ ކެލަރ ބަލައިލިއެވެ. އެ ކަރުދާސްކޮޅުގައި ލިޔެފައި އޮތެވެ. "ޓޮނީ ޕްރެސްކޮޓް-" އެލެޓް ޕީޓަރސް މިއީ ބަދަލުކުރަންވީ ދަނޑިވަޅެވެ. އެއް ޝަޚްސިއްޔަތަކުން އަނެއް ޝަޚްޞިއްޔަތަކަށް ބަދަލުވާންވީ ވަގުތެވެ.
އޭނާ އޭޝްލީއާ ދިމާއަށް ބަލައިލިއެވެ. އޭޝްލީއަށް އިނީ ނިދިފައެވެ. އޭނާ އަދިވެސް ބޮޑަށް ކައިރިއަށް ޖެހިލިއެވެ. "ޓޮނީ- ކަލެއަށް އަހަރެންގެ އަޑުއިވޭތަ-؟"
އޭޝްލީގެ މޫނުމަތީގެ ކުލަވަރު ބަދަލުވަމުންދާ ތަން އޭނާ ހުރީ ބަލާށެވެ. މިހާރު މޫނުމަތިން ފެންނަނީ މުޅިން އެހެން މީހެއްގެ ކުލަވަރެވެ. މޫނުމައްޗަށް ހަރުކަށިކަން އަތުވެއްޖެއެވެ. ދެން ފެށީ ލަވައެއް ކިޔާށެވެ. އެއީ ޓޮނީ ޢާންމުކޮށް ކިޔާ ލަވައެވެ.
"ޓޮނީ- ތިޔައީ ވަރަށް ރީތި ލަވައެއް- އަހަރެންގެ ނަމަކީ ގިލްބަރޓް ކެލަރ-"
"އަހަންނަށް އެނގޭ-" ޓޮނީ ބުންޏެވެ.
"ކަލެއާ ބައްދަލުވެވުނީތީ ވަރަށް ބޮޑަށް އުފާކޮށްފިން- ކަލޭގެ އަޑު ރީއްޗޭ އެއްވެސް މީހަކު ދުވަހަކުވެސް ބުނިތަ-؟"
"ރައްކާވޭ-"
"މިއީ ދޮގެއް ނޫން- ކަލޭގެ އަޑު ވަރަށް ރީތި- ދުވަހަކުވެސް ލަވަކިޔަން ދަސްކޮށްދޭ ކުލާހަކަށް ދިޔައިންތަ-؟"
"ނުދަން- ދާން އަހަރެން ބޭނުންވި- އެކަމަކު އަހަރެންގެ..." ޓޮނީއަށް މިހާރު އިވެނީ އެހެން އަޑެކެވެ. "ތިޔަ ހާސަރު ހުއްޓައިލާށެވެ. ކަލެއަށް ލަވަކިޔޭނެއޭ ބުނީ ކާކުހެއްޔެވެ؟"
"އަޅާނުލާ- އެ ވާހަކަ ހުއްޓާލާ-"
"ޓޮނީ- ކަލެއާ އެހީވާން އަހަރެން ބޭނުން-"
"ނޫން- ކަލޭ ބޭނުންވަނީ އަހަންނާ އެހީވާކަށް ނޫން- ކަލޭ ބޭނުންވެގެން ތިޔަ އުޅެނީ އަހަރެންގެ ގަޔަށްއަރަން-"
"ތިޔައީ ކިހިނެއްވެގެން ހީކުރެވުނު ކަމެއް-؟"
"ކަލޭމެން ފިރިހެނުން ބޭނުންވާހައި ވެސް ކަމަކީ އެއީ- ޓާ-"
"ޓޮނީ...؟ ޓޮނީ...؟"
އެއްވެސް އަޑެއް ނީވެއެވެ. މުޅިން ހިމޭންވެއްޖެއެވެ.
ގިލްބަރޓް ކެލއަރ އޭޝްލީގެ މޫނަށް އަނެއްކާ ވެސް ބަލައިލިއެވެ. މިހާރު ހުރީ އެހެން ގޮތަކަށް ބަދަލުވެފައެވެ. މިހާރަކު އެއްކަލަ ހަރުކަށިކަމެއް ނެތެވެ. ޑޮކްޓަރ ކެލަރ ކުރިއަށް ގުދުވެލިއެވެ. "އެލެޓް-؟"
އޭޝްލީގެ މޫނުމައްޗަކަށް ބަދަލެއް ނައެވެ.
"އެލެޓް-؟"
މި ފަހަރަކުވެސް އެއްވެސް ބަދަލެއް ނައެވެ.
"އެލެޓް- އަހަރެން ކަލެއާ ވާހަކަ ދައްކާލަން ބޭނުން-"
އޭޝްލީ ގޮނޑީގައި އިންނަން އުނދަގޫވެގެން އުޅޭ ކަހަލަ ގޮތަކަށް ތެޅެން ފަށައިފިއެވެ.
"އެލެޓް- ބޭރަށް ނުކުމޭ-"
އޭޝްލީ ފުންނޭވާއެއްލިއެވެ. ދެން ވަރަށް އަވަސްއަވަހަށް އިޓަލީބަހުން ވާހަކަދައްކަން ފަށައިފިއެވެ.
"އެލެޓް-"
މި ފަހަރުވެސް އޭނާ ވާހަކަދެއްކީ އިޓަލީބަހުންނެވެ.
"އެލެޓް- އަޑުއަހާބަލަ- ކަލެއަކަށް މި ތާނކު އެއްވެސް ނުރައްކަލެއް ނެތް- ހަމަޖެހިލާ-"
"އަހަރެން ވަރުބަލިވެއްޖެ..."
"އަހަންނަށް އެނގޭ- ބިރުވެރި ކަންތައްތަކެއް ވެނިމިގެން ހިނގައްޖެ- އެ ކަންތައްތަކަކީ މާޒީ- ކަލޭގެ މުސްތަގުބަލް އޮތީ އުޖާލާކޮށް- އަމާންކޮށް- މިހާރު ތިޔަ ހުރެވެނީ ކޮންތަނެއްގައިކަން ކަލެއަށް އެނގޭތަ-؟"
އޭނާގެ އަޑު ހުރީ ހުދުކުލައިގައެވެ.
"އާނ- މިއީ ބޯގޮވައިފައި ތިބޭ މީހުން ބައިތިއްބާ ތަނެއް-" ކަލޭގެ ބޯވެސް ތިޔަހަރީ ގޮވައިފައެވެ.
"އެލެޓް- މިއީ ކަލެއަށް ފަރުވާދޭން ހަދާފައި ހުރި ތަނެއް- މި ތަނުން ކަލެއަށް މުޅިން ފަސޭހަވާނެ- ލޯމަރައިލައިފައި މި ތަނުގެ ޚިޔާލު ހިތަށް ގެނެސްގަތީމާ ފެންނަނީ ކޮން އެއްޗެއް-؟"
"ހޮގާރތް- އޭނާއަކީ މޮޔައިން ތިބޭ ތަންތަން ކުރެހި މީހެއް- އެއީ ބިރުވެރި ކުރެހުންތަކެއް-" އޭނާގެ ނަން ކަލޭ އަޑެއްވެސް ނާހާނެއެވެ. ކަލެއަކީ އެއަށްވުރެ ބޮޑު ޖާހިލެކެވެ.
"މި ތަނަކީ ބިރުވެރި ތަނެކޭ އެއްގޮތަކަށްވެސް ހީނުކުރޭ- އެލެޓް- ކަލޭގެ ޒާތީ ދިރިއުޅުމާ ބެހޭ ވާހަކަތައް ނިކަން ކިޔައިދީބަލަ- ކަލޭ އެންމެ ކުރާހިތްވާ ކަމަކީ ކޮބާ-؟ މި ތާނގައި އުޅޭއިރު ކުރަން ބޭނުންވާ ކަމަކީ ކޮބާ-؟"
"އަހަރެން ބޭނުންވަނީ ކުލަޖައްސަން- ކުރަހަން-"
"އަހަރެން ކަލެއަށް ކުލަ ގެނެސްދޭނަން-"
"ނޫން-"
"ކިހިނެއްވީ-؟"
"އަހަރެން ބޭނުމެއް ނޫން-"
އެލެޓަށް އެހެން އަޑެއް އިވެން ފަށައިފިއެވެ. "މިއީ ކޮން އެއްޗެއް ހެއްޔެވެ؟ މިއީ ހާދަހާ ހުތުރު ކުރެހުމެކެވެ."
އަހަރެން އެކަނި ބަހައްޓަފައި ދާށެވެ.
"އެލެޓް-؟" ގިލްބަރޓް ކެލަރ ބަލަން ހުއްޓާ އޭޝްލީގެ މޫނު އަނެއްކާވެސް ބަދަލުވެގެން ހިނގައްޖެއެވެ.
އެލެޓް ދިޔައީއެވެ. ޑޮކްޓަރ ކެލަރ އޭޝްލީ ހޭއަރުވައިފިއެވެ.
އޭނާ ލޯ ހުޅުވައިލައިފައި އެސްފިޔަ ތަޅުވައިލިއެވެ. "ފެށްޓެވީތޯ-؟"
"ފަށައިގެން ގޮސް ނިމިއްޖެ-"
"ކިހިނެއްތޯވީ-؟"
"ޓޮނީއާއި، އެލެޓާ ދެ މީހުން އަހަންނާ ވާހަކަދެއްކި- މިއީ ރަނގަޅު ފެށުމެއް- އޭޝްލީ-"
ޑޭވިޑް ސިންގަރގެ ސިޓީގައި ލިޔެފައި ވެއެވެ.
(ނުނިމޭ)
V.v.v.reethi
vvv.reethi aabyakah inthizaarukuran